ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޓިމް ސޯޔާ އެ ބޭންކުގެ އާ ހިދުމަތްތައް ތައާރަފްކުރައްވާ ވާހަކަދައްކަވަނީ-- ފޮޓޯ: ބީއެމްއެލް
17 އޮކްޓޯބަރ 2019 - 14:16
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޭންކިންގެ އާ ހިދުމަތްތަކެއް ރާއްޖެ އަށް މިއަދު ތައާރަފުކޮށްފި އެވެ.
މިއަދު ކްރޮސްރޯޑްސްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ބޭންކުން ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބިޒްނަސް ޑެބިޓް ކާޑާއި މާސްޓަ ކާޑުގެ އިތުރުން ފަސޭހައިން ފައިސޭ ދެއްކޭ ދެ ޕޯޓަލެއް ތައާރަފްކޮށްފަ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ސޯޔާ (ވ) ގަވަރުނަރު އަލީ ހާޝިމް (މ) މާސްޓަ ކާޑުގެ ކަންޓްރީ މެނޭޖަރު ސަންތޯސް ކުމާރު (ކ)، މާސްޓަ ކާޑު ރާއްޖެއަށް ތައާރަފްކޮށްދެއްވަނީ. -- ފޮޓޯ: ބީއެމްއެލް
މިއީ ރާއްޖެ އަށް މާސްޓާ ކާޑު ތައާރަފްކުރި ފުރަތަމަ ފަހަރެވެ. މި ކާޑު ތައާރަފުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމާއި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޓިމް ސޯޔާ އާއި މާސްޓަ ކާޑުން ރާއްޖެ އަށް ކަނޑައަޅާފައިވާ ކަންޓްރީ މެނޭޖަރު ސަންތޯސް ކުމާރު އެވެ.
ބީއެމްއެލް އިން ބުނީ ރާއްޖެ އަަށް މާސްޓަ ކާޑު ތައާރަފްކުރީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ވިޔަފާރީގެ މުއާމަލާތްކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށެވެ. މާސްޓަ ކާޑު ބޭނުންކޮށްގެން އެ ކުންފުނީގެ ހިދުމަތް ލިބޭ ހުރިހާ ގައުމަކުން ވެސް ވިޔަފާރިކުރެވޭނެ އެވެ.
އަލަށް ތައާރަފް ކުރި މި މާސްޓަ ކާޑާއި މިހާރު ބޭނުންކުރާ ހުރިހާ މާސްޓަ ކާޑް ޕްރޮޑަކްޓްތަކަކީ ފަސޭހަކަމާއި، ރައްކާތެރިކަމާއެކު ޕޭމަންޓް ހެދުމަށް ކޮންޓެކްޓްލެސް ޕޭމަންޓް ހެދޭގޮތަށް ފަރުމާކޮށްފައިވާ ކާޑު ތަކެކެވެ. އޭރުން ޕީއޯއެސް އަށް ކާޑު ނުލައްވައި އެ މެޝިނާ ކާޑު ކައިރިކޮށްލުމުން ފައިސާގެ މުއާމަލާތް ކުރެވޭނެ އެވެ.
މިއަދު ތައާރަފު ކުރި ބީއެމްއެލް ބިޒްނަސް ޑެބިޓް ކާޑު-- ފޮޓޯ: ބީއެމްއެލް
މިއަދު ތައާރަފްކުރި މި ކާޑަކީ ވިޔަފާރިތަކަށް ފަސޭހަކަމާއެކު އެކައުންޓް މެދުވެރިކޮށް ވިޔަފާރި މުއާމަލާތްކުރެވޭނެގޮތް ހަމަޖައްސައިދިނުމުގެ ގޮތުން ބީއެމްއެލުން ތައާރަފް ކުރި ކާޑެކެވެ. މި ކާޑުން ރާއްޖެ އާއި ރާއްޖޭން ބޭރުގެ މާސްޓަ ކާޑުގެ ނެޓްވޯކް މެދުވެރިކޮށް މުޢާމަލާތްތައް ހިންގޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ބިޒްނަސް ޑެބިޓް ކާޑު ތައާރަފްކޮށްދެއްވައި ޓިމް ސޯޔާ ވިދާޅުވީ މި ކާޑަކީ އެ ކުންފުނިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ތައާރަފްކުރި ކާޑެއް ކަމަށެވެ. މީގެ ސަބަބުން އެފަދަ ވިޔަފާރިތަކުގެ ކޭޝްފްލޯ ބެލެހެއްޓުމަށް ފަސޭހަ ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިކާޑު ލިންކް ކުރެވިގެންދާނީ ވިޔަފާރި އެކައުންޓަށްވުމުން ފަސޭހަކަމާއެކު ކޮންމެ ތަނަކުން ވެސް ކަސްޓަމަރުންނަށް ފައިސާގެ މުއާމަލާތްތައް ކޮށްލެވޭނެ. މީގެ ސަބަބުން ވިޔަފާރީގެ ކޭޝްފްލޯ ވަކިން ބެލެހެއްޓުމާއި ރެކޯޑް ބެލެހެއްޓުން ފަސޭހަ ވެގެންދާނެ. އަޅުގަނޑުމެން ދޫކުރާ އެހެން ކާޑުތަކެކޭ އެއްގޮތަށް މި ތައާރަފް ކުރެވުނު ބިޒްނަސް ޑެބިޓް ކާޑަކީވެސް އެންމެ ޒަމާނީ ސެކިއުރިޓީ ފީޗާތައް އެކުލެވޭ ކާޑެއް،" ޓިމް ސޯޔާ ވިދާޅުވި އެވެ.
ބީއެމްއެލް އެމްޕޮސް އަދި މާޗަންޓް ޕޯޓަލް ހުޅުވައިދެއްވަނީ-- ފޮޓޯ: ބީއެމްއެލް
މޯބައިލް ޕޮއިންޓް އޮފް ސޭލް (އެމްޕޮސް) ގެ ނަމުގައި ބީއެމްއެލުން ތައާރަފުކުރި މި ހިދުމަތަކީ ކާޑާއި އޮންލައިންކޮށް ކަސްޓަމަރުންކުރާ މުއާމަލާތްތައް، ސްމާޓްފޯން ބޭނުންކޮށްގެން ފަސޭހަކަމާއެކު ފައިސާ ބަލައިގަނެވޭނެހެން ތައްޔާރުކޮށްފައިވާ ޕޯޓަލްއެކެވެ.
މި ޕޯޓަލް މެދުވެރިކޮށް ކްރެޑިޓާއި ޑެބިޓް އަދި ޕްރީޕެއިޑް ކާޑުގެ އިތުރުން ތަފާތު ޑިޖިޓަލް ވޮލެޓް މެދުވެރިކޮށް ކުރާ މުޢާމަލާތްތަކަށް ކޮންމެވަގުތަކުވެސް ފައިސާ ބަލައިގަނެވޭނެ އެވެ. މިއީ ވިޔަފާރިތަކަށް ލުއި ފަސޭހަކަމާއި، ރައްކާތެރިކަމާއެކު ފައިސާ ބަލައިގަނެވޭ އެންމެ ޒަމާނީ އެއް ވަސީލަތް ކަމަށް ބީއެމްއެލުން ބުންޏެވެ.
އެމްޕޮސް އާއެކު ބީއެމްއެލުން ތައާރަފްކުރި މާޗަންޓް ޕޯޓަލްގެ ހިދުމަތަކީ ވިޔަފާރިތަކުން ފައިސާ ބަލައިގަތުމަށްޓަކައި އޮންލައިން ނުވަތަ އީމެއިލް މެސެޖަކުން ޕޭމަންޓް ލިންކް ފޮނުވުމާއި، ޓްރާންސެކްޝަންތަކުގެ ތަފްސީލް ބަލައިލުމާއި ވިޔަފާރީގެ ރިޕޯޓްތައް ތައްޔާރުކޮށްލެވޭނެ ހެން ތައްޔާރުކޯށްފަިއވާ ޕޯޓަލް އެކެވެ. މި ހިދުމަތްތަކާއެކު ފިހާރަތަކުގައި ހުންނަ ކިޔުއާރު ކޯޑް ސްކޭންކޮށްގެން ވެސް މުދަލާއި ޚިދުމަތްތަކަށް ފައިސާ ދެއްކޭނެ ކަމަށް ބީއެމްލުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަކީމް
17 October 2019
ބ.މ.ލ އަކީ ވަރަށް ފިނޑި އަމިއްލަ އެދުން ބޮޑު ބަޔެއް. "ޕްލާޓިކް" ކާޑަކީ މިހާރު އުވެމުން އަންނަ އެއްޗެއް.
މާންބެ
17 October 2019
ޕްލާސްޓިކް ކިޔަން ނޭނގެންޏާ ކޮމެންޓު ނުކޮއްބަލަ
މުލަކި
17 October 2019
މުލަކިއަހައްމަދު ... ސުވާލަކީ ޕޭޕަލް މެދުވެރި ކޮށް ރާއްޖެއިން ވިއްކޭނެތޯ؟
އަހުމަދުު
17 October 2019
އެޕަލްސްޓޯރުގަ ތިތަޢާރަފްކުރި މާސްޓަރ ކާޑު ބޭނުންކުރެވޭނެތޯ؟
ރައްޔިތުމީހާ
17 October 2019
އަދިވެސް ޕޭޕަލް ރާއްޖެ ގެނެވޭކަށް ނުވޭތަ؟
މުލަކިއަހައްމަދު
17 October 2019
ޕޭޕަލް އޭ؟ ކޮން ޒަމާނެއްގަ ތިއުޅެނީ؟
މާންބެ
17 October 2019
ޕޭޕެލް ކޮންމެހެން ބޭނުން ކުރުން އެއީ ފަރުލެއްނޫން.
ޓޫރިޒަމް
17 October 2019
ވިޔަފާރި އޭ މިވެރިން މިޔަނީ ކޮންކަހަލަ މަސައްކަތަކަށް ތީއެވެ؟