22 އޮކްޓޯބަރ 2019 - 06:09
ބޭބޭފުޅު ޕްރިންސް ވިލިއަމާ އޮންނަ ގުޅުން މިހާރު އެހާ ރަނގަޅު ނޫންކަމުގެ އިޝާރާތެއް ޕްރިންސް ހެރީ ދެއްވައިފި އެވެ.
ދާދި ފަހުން އަނބިކަނބަލުން މޭގަން މާކަލްއާ އެކު ދެކުނު އެފްރިކާ އަށް ކުރެއްވި 10 ދުވަހުގެ ދަތުރާ ގުޅޭ ގޮތުން އައިޓީވީން ތައްޔާރުކޮށްފައިވާ ޑޮކިއުމަންޓަރީ "ހެރީ އެންޑް މޭގަން: އޭން އެފްރިކަން ޖާނީ" ގައި ހެރީ ވިދާޅުވީ އާއިލާ ތެރޭގައި ހިޔާލު ތަފާތުވުންތައް ހުރުމާއި ދެބެއިންގެ މެދުގައި ވެސް ކުނި ޖެހުމަކީ މާ ބޮޑު މައްސަލައެއްގެ ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ.
އަދި އެ ބޭފުޅުން ނިސްބަތްވާ އާއިލާ އަކީ ވެސް އެތައް ބަޔަކު އެ އާއިލާއެއްގެ ވާހަކަ އަބަދު ދައްކާ އެކި ދިމަދިމާލުން އަންނަ ޕްރެޝަރުތަކާ ވެސް ކުރިމަތިލާން ޖެހިފައިވާ އާއިލާއެއް ކަމަށް ވިދާޅުވި އެވެ.
ހެރީ އާއި ވިިލިއަމްގެ މެދުގައި ކުރިން އޮތް ވަރުގެ ބަދަހި ގުޅުމެއް ނެތް ކަމަށާއި ދެބެއިންގެ މެދުގައި ގިނަ މައްސަލަތަކެއް ހުރި ކަމަށް ވަރަށް ގިނައިން ވާހަކަ ދެކެވޭތީ އެއީ ތެދެއްތޯ އައިޓީވީގެ ޕްރެޒެންޓަރު ޓޮމް ބްރޭޑްބާއި ސުވާލުކުރުމުން ހެރީ ވިދާޅުވީ ބޭބޭފުޅު ދެކެ ވަރަށް ލޯބިވާ ކަމަށެވެ.
Follow the Duke and Duchess of Sussex on their African tour as they speak exclusively with @TomBradby #HarryAndMeghan: An African Journey. Starting now on @ITV pic.twitter.com/Y0IMmJzGvY
— ITV (@ITV) October 20, 2019
"މި ދަނޑިވަޅުގައި އަހަރެމެންގެ އަމާޒާއި މިސްރާބު ވަރަށް ތަފާތު. އަދި ދެ މީހުން ވެސް އުޅެނީ އަމިއްލަ އެކިއެކި ކަންކަމުގައި ވަރަށް ބުރަކޮށް. އެހެންވީމާ ކުރިން އެކީގައި ވަގުތު ހޭދަކޮށްލަން ލިބޭ ވަރަކަށް މިހާރު އެކީގައި ވަގުތު ހޭދަކޮށްލާކަށް ނުލިބޭ،" ހެރީ ވިދާޅުވި އެވެ. "އެކަމަކު އަބަދު ވެސް އަހަންނަކީ ބޭބެ އަށް ދިމާވާ ކަންކަމުގައި އެކީގައި ހުންނާނެ. އަދި ބޭބެ ވެސް އެގޮތުގައި ދެމިހުންނާނެ."
ހެރީ ވިދާޅުވި ގޮތުގައި ދެބެއިންގެ ދޭތެރޭގައި ކުނި ޖެހުމަކީ މާ ބޮޑު މައްސަލައެއް ނޫނެވެ. އަދި ދިރިއުޅުމުގައި އަބަދު ވެސް ހިޔާލު ތަފާތުވާ ކަންކަން ހުންނާނެ ކަމަށާއި އެއްގަލަކަށް ނޭރޭ ދަނޑިވަޅުތައް އައުމަކީ ދުނިޔޭގެ އާދަކަމަށް ވިދާޅުވި އެވެ.
"އެކަމަކު މިހާތަނަކަށް އަހަރެމެން ދެ މީހުންގެ ތެރޭގައި ހައްލުނުކުރެވޭ ކަހަލަ ބޮޑު މައްސަލައެއް ޖެހިފައެއް ނެތް. ކޮންމެ މީހެއްގެ ހަޔާތުގައި ވެސް ރަނގަޅު ދުވަސްތަކާއި ރަނގަޅު ނޫން ދުވަސްތައް އަންނާނެ،" ޕްރިންސް ޗާލްސް އާއި އަވަހާރަވެފައިވާ ޕްރިންސެސް ޑަޔާނާގެ ހަގު ދަރިކަލުން ވިދާޅުވި އެވެ. "އެގޮތަށް ބޭބެ އާއި އަހަންނާ ދެމެދު ވެސް އެއްގަލަކަށް ނޭރޭ ކަހަލަ ކަންކަން ދިމާވޭ."
ބައެއް ރިޕޯޓްތައް ބުނާގޮތުގައި ހެރީ އާއި ވިލިއަމާ ދެމެދު އޮތް ގާތްކަން ދުރުވާން ފެށީ ހެރީ ކައިވެނިކުރި ހިސާބުންނެވެ. އަދި އެ ކައިވެންޏަށް ފަހު ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑްލްޓަން އާއި ހެރީގެ އަނބިކަނބަލުން މޭގަން މާކަލްއާ ދެމެދު ވެސް މާ ގާތް ގުޅުމެއް ނޯންނަކަމުގެ ވާހަކަތައް ދެކެވެ އެވެ.
މިކަމަށް އެންމެ ބޮޑަށް ބާރު ލިއްބައިދިން އެއް ކަމަކީ ދެބޭން ކުރިން އެކީގައި އުޅުއްވި ލަންޑަނުގެ ކެންސިންޓަން ޕެލެސް މިދިޔަ އަހަރުގެ ފަހުކޮޅު ދޫކުރައްވައި ހެރީ އާއި މޭގަން ވިންޑްސާގެ ފްރޮގްމޯ ކޮޓެޖަށް ބަދަލުވެވަޑައިގަތުމެވެ.
ހެރީ އާއި މޭގަންގެ ދެކުނު އެފްރިކާ ދަތުރު ނިންމައިލިތަނާ ވިލިއަމާއި ކޭޓް މިދިޔަ ހަފުތާގައި ވަނީ ޕާކިސްތާނަށް ފަސް ދުވަހުގެ ދަތުރެއް ވެސް ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައީ
22 October 2019
އަޅެ މީގަ އެއްވެސް ކުނެޏެއް ޖެހުނު ވާހަކައެއް ޑައިރެކްޓް ކޯޓްގަ އެބައިންތަ؟؟
ފުންއަސަރު
22 October 2019
ކިތަންމެ ކުންޏެއް ޖެހިފާވެސް އެކަންތައް ހައްލުކުރެވެންޏާ، އެއީކީ މާބޮޑު މައްސަލައެއްނޫން. ދިރިއުޅުމުގާ ކޮންމެމީހަކާވެސް ހިތްހަމަނުޖެހޭ ކަންކަމާ ކުރިމަތިވާނެ. ހަމަ އެގޮތަށް އުވާވެރި ވަގުތުތަކާ މޫޑުއޮފް ދުވަސްތައްވެސް ބައްދަލުކުރާނެ. ބުނަން ބޭނުން ނުވިޔަސް ހަގީގީ މައްސަލައަކީ މީހަކާއިނދެ ވަރިވެފާވާ އަންހެނަކު ޝާހީ އާއިލާތެރެއަށް ގެނައުން.