ޚަބަރު / ޑޮކްޓަރުން

އެޖެންސީތަކާއެކު ސިއްހީ ދާއިރާ އަށް މީހުން ގެނައުމާ ގުޅޭ އުސޫލެއް ހަދަނީ

މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި، ހެލްތު މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: މަޖިލިސް

ސިއްހީ ދާއިރާއަށް ރާއްޖެއިން ބޭރުން މީހުން ގެނައުމަށް އެޖެންސީތަކާ ގުޅިގެން މަސައްކަތްކުރާނެ އުސޫލެއް ހަދަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އަނީޣާ އިބްރާހިމް ވިދާޅުވީ، އެޖެންސީތަކާ ގުޅިގެން މީހުން ގެނައުމާ ގުޅޭ އުސޫލެއް ނެތުމުން ގިނަ މައްސަލަތައް ދިމާވާ ކަމަށެވެ. އޭގެ ތެރޭގައި ވަޒީފާތަކަށް މީހުން ހޯދާނެ ގޮތާއި އެޖެންސީތަކުން ވަކި މުއްދަތެއް ވަންދެން މަސައްކަތްނުކޮށް ހުރެއްޖެ ނަމަ އެ އެޖެންސީތަކާ ދޭތެރޭ ކަންތައްތައް ކުރާނެ ގޮތް ހިމެނޭ ކަމަށް ވިދާޅުވި އެވެ. އެހެންވެ އެ މައްސަލަތައް ހައްލުކުރުމަށް އުސޫލުގައި ގޮތްތަކެއް ހަމަޖައްސާނެ ކަމަށް ވިދާޅުވި އެވެ.

އުސޫލެއް ހެދުމަށް ކިހާ މުއްދަތެއް ނަގާނެތޯ މެމްބަރަކު ސުވާލުކުރެއްވުމުން، އެ މިނިސްޓްރީން ބުނީ އުސޫލު ހަދަމުން އަންނަނީ އެޖެންސީތަކާ ވެސް މަޝްވަރާކޮށްގެން ކަމަށެވެ. ލަސްތަކެއް އުޅެނީ އެ ސަބަބާ ހުރެ ކަމަށާއި ނަމަވެސް ކުރިއަށް އޮތް މަހެއް ތެރޭގައި އުސޫލު ހަދައި މަޖިލީހުގެ ކޮމެޓީ އަށް ފޮނުވާނެ ކަމަށް ބުންޏެވެ.

އަނީޣާ ވިދާޅުވި ގޮތުގައި، އެޖެންސީތަކާ އެކު މަސައްކަތްކުރުމުގައި އެންމެ އުނދަގޫވި ކަންތައްތަކުގެ ތެރޭގައި، އެއްވެސް އެޖެންސީއަކީ ހުރިހާ ޕްރޮފެޝަންގެ މީހުން ރެކްރޫޓުކުރާ ބަޔަކަށް ނުވުން ހިމެނެ އެވެ. އެއް ބަޔަކު ހުސް ނަރުހުން ގެންނައިރު އަނެއް އެޖެންސީ ހާއްސަވެފައިވާނީ ލެބް ޓެކްނީޝަނުން ގެނައުމަށް ކަމަށް ވިދާޅުވި އެވެ.

މިނިސްޓްރީގެ ދަފްތަރުގައި މިހާރު ވެސް 50 އެޖެންސީއެއް ރަޖިސްޓްރީކޮށްފައިވާއިރު ގިނަ އެޖެންސީތައް ތިބެނީ "ސްލީޕިން އެޖެންސީ"ތަކުގެ ތެރޭގައި ކަމަށް ވިދާޅުވި އެވެ. ކޮންމެ އަހަރަކު ނަރުހުންނަށް ހުޅުވާލުމުން އެ އެޖެންސީތައް ހަރަކާތްތެރިވާއިރު މެޑިކަލް އޮފިސަރުުންނާއި ސްޕެޝަލިސްޓުން އަދި ނަރުހުން ނޫން އެހެން ޕްރޮފެޝަންގެ މީހުން ގެނައުމަށް ހަރަކާތްތެރިވަނީ އޭގެ ތެރެއިން 10 ވަރަކަށް އެޖެންސީކަން ފާހަގަކުރެއްވި އެވެ.

ހެލްތުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ހުސެއިން މާނިއު ވިދާޅުވީ މީގެ ކުރިން ބޭރު މުވައްޒަފުން ހޯދީ، އެކަމަށް އާއްމު އިއުލާނުކޮށް އެކަމަށް ކުރިމަތިލާ އެޖެންސީތަކަށް ފުރުސަތު ދީގެން ކަމަށެވެ. ނަމަވެސް 2014 ވަނަ އަހަރު ލިބުނު ޝަކުވާތަކާ ގުޅިގެން، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެޖެންސީތައް ވެސް މިނިސްޓްރީގައި އަލުން ރަޖިސްޓްރީވާން ހުޅުވާލި ކަމަށް ވިދާޅުވި އެވެ.

އެ ރަޖިސްޓްރީކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ޑޮކްޓަރުން، މެޑިކަލް ކައުންސިލްތަކުގެ ހުއްދަނެތި މަސައްކަތްކުރުމާއި ކޮންޓްރެކްޓާ ހިލާފުވެގެން ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފުން ގިނަކަން ފާހަގަވިކަމަށް ވިދާޅުވި އެވެ. އެހެންވެ އެ ހިދުމަތް މެދުކެނޑުމެެއްނެތި ފޯރުކޮށްދިނުމަށް ގޮތްތަކެއް ރާވަން ޖެހުނު ކަމަށާއި އެޖެންސީތައް ރަޖިސްޓްރީކޮށްގެން ކުރިއަށްގެންދާ ގޮތަށް ނިންމީ އޭގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.

މާނިއު ވިދާޅުވީ ހެލްތު މިނިސްޓަރަކަށް އަބްދުﷲ އަމީން އައްޔަންކުރެއްވުމާއެކު އެ މިނިސްޓްރީ އަށް އެންމެ ފުރަތަމަ ލިބުނީ، އިންޑިއާއިން ރެކްރޫޓުކުރާ މީހުންނާ ގުޅޭގޮތުން އެ ގައުމުގެ އެމްބަސީން ފޮނުވި ޝަކުވާއެއް ކަމަށެވެ. އެ ޝަކުވާއަކީ، އިންޑިއާގެ ބައެއް މީހުންނަށް ރާއްޖޭގައި އޮންނަ ޕްރޮސީޖާތައް ރަނގަޅަށް ނޭނގުން ފަދަ ކަންކަމެވެ. އެކަމާ ގުޅިގެން އިންޑިއާ އެމްބަސީއާއެކު ކުރެވުނު މަޝްވަރާތަކުން ފާހަގަވީ، މާނިއު ވިދާޅުވިގޮތުގައި، ބޭރުން މީހުން ގެނައުމުގައި އުސޫލީ މައްސަލަތަކެއް ހުރި ކަމަށެވެ. އެއާއެކު ރެކްރޫޓްމަންޓަށް ހާއްސަ އުސޫލުތަކެއް ހަދަން މިނިސްޓަރު ނިންމެވި ކަމަށް ވިދާޅުވި އެވެ.

ރެކްރޫޓްކުރުން ހުއްޓާލުމާ ގުޅިގެން ރަށްރަށުން ޑޮކްޓަރުން މަދުވުމާއި ޑޮކްޓަރުންގެ ހިދުމަތް މަޑުޖެހިގެން ދިއުމާއި ދަތިކަން ހުރުމުން ކޮންމެހެން ބޭނުންވާ ދާއިރާތަކަށް، ހިދުމަތަށް ދަތިނުވާގޮތަށް ރެކްރޫޓުކުރުމުގެ މަސައްކަތްތައް ގެންދަން މިނިސްޓަރު ފަހުން ނިންމެވި ކަމަށް ވެސް ވިދާޅުވި އެވެ.

އަނީޣާ ވިދާޅުވީ ރެކްރޫޓުކުރުމަށް މިނިސްޓްރީން އެއްވެސް ފައިސާއެއް ނުނަގާނެ ކަމަށެވެ. ނަމަވެސް އެޖެންސީތަކުން ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައި އެބަހުރި ކަމަށާއި ފޮރިން މިނިސްޓްރީއާއެކު ބޭއްވި ކޮންސިއުލާ ޓޯކެއްގައި އެކަމާ ގުޅޭ ކަންބޮޑުވުންތަކުގެ ވާހަކަދެއްކި ކަމަށް ވިދާޅުވި އެވެ. އެކަހަލަ މައްސަލަތަކެއްގައި އެމްބަސީތަކަކަށް ލިޔެކިޔުމުން ވެސް ދެތިން ފަހަރު ޖަވާބުދާރީވާން ޖެހުނުކަމަށް ވިދާޅުވި އެވެ.

މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން - ފޮޓޯ: މަޖިލިސް

އިންޑިއާ މީހުން އަތުން ބައެއް އެޖެންސީތަކުން 3.5 ލައްކަ ރުޕީޒަށްވުރެ ގިނައިން (76،542ރ.) ނަގާފައިވާ ކަމަށް ވިދާޅުވި އެވެ. އެގޮތަށް އާއްމުކޮށް ނަގަނީ ޑޮކްޓަރުންގެ އަތުންކަން ފާހަގަކުރެއްވި އެވެ.

މިނިސްޓްރީން ދީފައި ހުންނަ މައުލޫމާތުތައް ބައެއް ފަހަރު ބަދަލުކޮށް، އެކި ގައުމުތަކުގެ މީހުންނަށް ދީފައި ހުންނަކަމުގެ މައްސަލަ ދިމާވާ ކަމަށް ވެސް އަނީޣާ ވިދާޅުވި އެވެ. މިސާލަކަށް ހަ މަހުގެ ތެރޭގައި ނާސިން ކައުންސިލްގެ އިމްތިހާނެއް ހަދަންޖެހޭއިރު އެއިން ފާސްނުވެއްޖެނަމަ އަނބުރާ ގައުމަށް ދާންޖެހޭކަމަށް އޮންނައިރު، އެ ގައުމުގެ މުވައްޒަފުންނަށް ލިޔުންދޭއިރު އެ މައުލޫމާތުތައް ނުހުންނަކަމަށް ވިދާޅުވި އެވެ.

މުވައްޒަފުން ހޯދަން އެޖެންސީތަކާއި މިނިސްޓްރީއާ ދެމެދު ޑައިރެކްޓް މެއިލެއް ހަދާފައި އިނދެ އެވެ. މިސާލަކަށް، ހޮސްޕިޓަލަކަށް ތިން ސްޕެޝަލިސްޓް ޑޮކްޓަރުން ބޭނުންވާނަމަ ވަކި މުއްދަތެއްގެ ތެރޭގައި ސީވީ ފޮނުވުމަށް އެދި މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ އެޖެންސީއަކަށް ފޮނުވަ އެވެ.

އެގޮތަށް ފޮނުވާ ސީވީތައް ބަލައި މުވައްޒަފުން ނެގުމުން އެޖެންސީތަކުގެ ޝަކުވާ ވަރަށް ބޮޑަށް ލިބޭ ކަމަށާއި އޭގެ ސަބަބުން މީހުން ނެގުމުގެ މަސައްކަތްތައް ލަސްވާކަމަށް ވިދާޅުވި އެވެ.

ބިދޭސީ މުވައްޒަފުން ނެގުމުގައި ބަލަނީ އެފަދަ މުވައްޒަފުން ނެގުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހަދާފައިވާ ގަވާއިދަށެވެ.

"އަޅުގަނޑުމެންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ މިނިސްޓްރީ އޮފް ހެލްތުގައި މިހާތަނަށް އެޖެންސީތަކާ އެކީގައި މަސައްކަތްކުރާނެ އުސޫލެއް ކަނޑައެޅިފައެއް ނޯވޭ. ހަމައެކަނި ދަފްތަރެއްގައި ރަޖިސްޓްރީކުރުން މި އޮންނަނީ. މުވައްޒަފުން އައްޔަންކުރުމުގައި މި ބަލަނީ ސިވިލް ސާވިސްގެ މިންގަނޑަށް ކަމަށް ވިއަސް އޭގެ ކުރިއަށް މި ދާ މުވައްޒަފުން ހޯދުމަށް އެޖެންސީތަކާ ގުޅިގެން މަސައްކަތްކުރާނެ އެއްވެސް ގާއިމްކުރެވިފައެއް ނެތް. ލިޔެކިޔުމަކުން ވެސް ފެންނާކަށް ނެތް. ދެން އެ އިރެއްގައި ހުންނަވާ ބޭފުޅަކު ކުރިއަށްގެންދާ ގޮތަކަށް އެކަން ދަނީ،" އަނީޣާ ވިދާޅުވި އެވެ.

ބައެއް އެޖެންސީތަކުން މީހުން ގެންނަނީ ހަމައެކަނި އެއް ގައުމަކުން ކަމަށް ވުމުން، އެ ގައުމުން މީހުން ގެނައުން މަޑުޖައްސާލާ ކަމަށް މިނިސްޓްރީން ބުންޏެވެ. މިހާރަކަށް އައިސް ސިއްހީ ދާއިރާގައި ބަންގްލަދޭޝް މަސައްކަތްތެރިން ގިނަވުމުން އެ ގައުމުން މީހުން ގެނައުން ދޭތެރެއަކުން މަޑުޖައްސާލާފައި ހުންނަކަން ފާހަގަކުރެއްވި އެވެ.

މިހާރު ބޭރު މީހުން ގިނައިން އަންނަނީ މިސްރުން ކަމަށް ވިިދާޅުވި އެވެ.

5 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 0%
icon angry icon angry 78%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ާއުނިމާ

22 October 2019

ތިޔަހެން ތަޢުލީމީ ދާއިރާއށްވެސް ހަދަން ސަރުކާރަށް ގޮވާލަން! ބާރު ސްޕީޑުގަ ތަޢުލީމީ ދާއިރާ ދޫކޮށް އެހެން ދާއިރާތަކަށް ޓިޗަރުންތައްވެސް ދަނީ!

The name is already taken The name is available. Register?

އެކަލޭގެ

22 October 2019

ތިވެސް ބޮޑު ކޮރަޕްޝަން އޮންނަ ކަމެއް. މިނިސްޓްރީގެ މީހަކަށް ފައިސާ ދޭ ފަރާތަކަށް ތިކަން ހަމެޖެހެނީ. ދެން ޑައިރެކްޓްކޮށް ގެންނަ މީހުންގެ ކަންތައްވެސް އޮންނަނީ އެބީދައިން. ދެން މިގެންނަނީ އެއްކޮލެޖެއްގައި އުޅުނު މީހުން. ފެންވަރު ދަށްވިޔަސް.

The name is already taken The name is available. Register?

ބޭބެ

21 October 2019

އެޖެންސީތަކަށް ނަރުހުން ގެންނަން ނުލިބޭ މިހާރު، އެހެނަސް ނަރުހުން ފިޔަވާ އެހެން މަޤާމުތަކުގެ މީހުން ހޯދަންޖެހެނީ އެޖެންސީތަކަށް... ލާރި ނުލިބޭ މީހުން ގެންނަންވީ އެޖެންސީތަކުން... ސިއްހީ ދާއިރާގެ އަގު ވެއްޓެނީ ޑޮކުޓަރުން ގޯސްވުމުން ދެންކިއްވެތޯ އޭޖެންސީތަކުން ޑޮކުޓަރުން ހޯދަންޖެހެނީ؟ އެޖެންސީތަކުން ވެންވަރު ދައް މީހުން ހޯދާކަމަށް ހެލުތުން އެބަބުނޭ އެކަމަކު މިމީހުން ނޫޅެ ޑޮކުޓަރުން ގެންނާކަށް ގެންނަންވަނީ ނަރުހުން.. ކޮރަޕްޝަން ހުއްޓުވައި ދެއްވާ

The name is already taken The name is available. Register?

ހަމައަހާލީ

21 October 2019

މިކަން މިހިނގަނީ ރަނގަޅަކަށް ނޫން. މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގެ މުގައްރަރަކީ ކާކުތޯ އާއި އޭނާގެ ހިއްސާ އޮންނަ އެޖެންސީއެއް އޮވޭތޯ ބަލައިދީބަލަ. އެކަހަލަ ވާހަކައެއް އަޑުއިވިފަ އޮތީމާ.

The name is already taken The name is available. Register?

ރައްޔިތުމީހާ2020

21 October 2019

ސިއްޙީ ޚިދުމަތަށް މީހުން ގެނައުން ބާއްވަންވީ ސީދާ މިނިސްޓްރީގެ ދަށުގައި ނުވަތަ ސަރުކާރުން ކުރާ ކަމެއްގެ ގޮތުގައި. އެޖެންސީތަކުން ގެންނަ މީހުންގެ ފެންވަރެއް ނުހުރޭ. އެންމެފަހުން ޒިންމާ އުފުލާނެ މީހަކު ނުހުރޭ. ހުރިހާ އުނދަގުލެއް ޖެހެނީ ރައްޔިތުމީހާ އަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454