ޕީޕީއެމް/ޕީއެންސީން މިއަދު ބޭއްވި ނިއުސް ބްރީފިންގައި މެމްބަރު ޝިޔާމް ވާހަކަ ދައްކަވާއިރު، އެ ދެ ޕާޓީގެ އިސް ބައެއް ބޭފުޅުން އަރިހުގައި.---ފޮޓޯ: ޕީޕީއެމް
23 އޮކްޓޯބަރ 2019 - 21:08
އިސްލާމްދީނަށާއި ރަސޫލާ އަށް ފުރަައްސާރަކޮށް، ރިޕޯޓު ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ތެރެއަށް މޫލާފައި ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބުނެފި އެވެ.
ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި، ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، އެމްޑީއެން މިހާރު ފެންނަނީ ޖަމިއްޔާއަކަށް ވުރެ ބޮޑު "އެއްޗެއް" ގެ ގޮތުގައި ކަމަށެވެ. އަދި އެއީ ރާއްޖެ އިން އިސްލާމްދީން ފޮހެލަން ވަރަށް ރޭވުންތެރިކަމާ އެކު މަސައްކަތް ކުރަމުންދާ ނުރައްކާތެރި ޖަމިއްޔާއެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި، އެމްޑީއެން އުވައިނުލާތީ އެކަމުގެ ކަންބޮޑުވުން ޕީޕީއެމް/ޕީއެންސީގެ އިތުރުން ރައްޔިތުންގެ މެދުގައި ވެސް އެބައޮތެވެ.
"އަޅުގަނޑުމެން މި ސަރުކާރުން ސާފުކުރަން ބޭނުން ކޮން ޕްރެޝަރެއްތޯ އޮތީ ސަރުކާރަށް. ކޮބައިތޯ އެމްޑީއެން އުވައިނުލެވިގެން އުޅޭ ސަަބަބަކީ މި ސަރުކަރަށް؟ މިއީ ދިވެހި ރައްޔިތުން މިއަދު ކުރާ ސުވާލު،" ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެމްޑީއެންއާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ސަރުކާރުގެ ފަރާތުން ފެންނަނީ އެ ޖަމިއްޔާއާ ދެކޮޅަށް ވާހަކަ ދައްކާ މީހުން ގޯސްވާތަން ކަމަށެވެ. އަދި ފިޔަވަޅު އަޅާ ތަން ވެސް ފެންނަނީ އެމްޑީއެންއާ ދެކޮޅަށް މަސައްކަތް ކުރާ މީހުންނަށް ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި، އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކުރި އެމްޑީއެންގެ ރިޕޯޓުގެ ސީރިއަސްކަން ސަރުކާރަށް އަންގަން އިދިކޮޅުން ބޭނުންވެ އެވެ. ކޮންމެ ދުވަހަކު އެ ވާހަކަ ދައްކައި ސަރުކާރުގެ ސަމާލުކަމަށް އެކަން ގެންނަނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިޔާމް ދެކެވަޑައިގަންނަވާ ގޮތުގައި، އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ފައިސާ ލިބުނު މީހުންގެ މައުލޫމާތު ސާފުކުރަން، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ވެސް އެމްޑީއެންގެ ވާހަކަ އޮއްބާލުމަށެވެ.
"ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި އެމްޑީއެން އިން އާއްމުކުރި ރިޕޯޓުގައި ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައި ވެ އެވެ. އޭގައި ކީރިތި ގުރުއާނުގެ ނައްސުން އައިސްފައިވާ ބައެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަމަށް ފުރައްސާރަ ވާ ގޮތަށް ވެސް ލިޔެފައިވެ އެވެ.
މި ރިޕޯޓު ނެރުމާ ގުޅިގެން، ސަރުކާރުން އެމްޑީއެން ސަސްޕެންޑް ކޮށްފައިވީ ނަމަވެސް އެ ޖަމިއްޔާ އުވައިނުލާތީ އެތައް ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހައި ލިޔުނު މީހުން ވެސް އުޅެނީ ރާއްޖެ އިން ބޭރުގަ އެވެ. އެ މީހުން ހާޒިރު ކުރުމަށް ޗިޓު ފޮނުވި ކަމަށް ފުލުހުން ބުނެފައިވީ ނަަމަވެސް އެ އަށް އަމަލީ ސިފައެއް އަންނަ ތަނެއް ނުފެންނަ ކަމަށް އެތައް ބަޔަކު ބުނެ އެވެ.
އެމްޑީއެންގެ ތަހުގީގު ލަސްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ހޯމް މިނިސްޓަރު އަދި ދީނީ އިލްމުވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވި ނަމަވެސް، މި މައްސަލާގައި ފާޅުގައި ވާހަކަ ދައްކާ އެހެން ބައެއް އިލްމުވެރިންނާއި އެހެން މީހުން އެކަން ގަބޫލެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
26 October 2019
މަ ތިބުނާ އެމްޑީއެން އެއް އެއްމެ ހަރުކަށި އަދި ހުތުރު އިބާރާތުން ކުއްވެރިކުރަން. އަކަމަކު މިފޮޓޯގައި މިތިބަ މީހުން ފެނުނީމަ އަންނަނީ އަމަށަކު ހިންޏެއް.
ނުވިސްނޭ
24 October 2019
ވަަައްކަމާ އޮޅުވާލުމާ ހިޔާނާތާ ޕީޕީއެމް ސަރުކާރުން ކޮއްފަ ދީނޭ ކިޔައިގެން އޮޅުވާލަން ތިޔަ އުޅުއްވަނީ. ކީއްވެބާ ޕީޕީއެމް އުވާނުލަންވީ ތިޔަގޮތައް.
ހުސޭނީ
24 October 2019
މިއީ މާސް ޗޮކްލެޓް އަކަށް ދިވެހިން ގަނެވޭނެ ކަމަށް އުޅުނު ގުރޫޕް! މިމީހުން އުޅުނީ ދައުލަތުގެ ހުރި ހުރިހާ ފައިސާ ޖީބައް އަޅައިގެން! ލަދުވެސް ނެތީމަ މިހާރުވެސް ގްރޫޕް ފޮޓޯ އެއް ނަގާލަން ލަތުވެތި ނުވަނީ...
ނެގުނުކަތީބު
24 October 2019
ދައުލަތުގެ މުދާ ރޯމާ ދުވާލު ޖެހުނުތަނަކުން ކައިގެންވެސް ދިވެހިންގެ ދީނާ ދިވެހިންގެ ޤައުމިއްޔަތާނުކުޅެ މަޑުން ތިބެވޭތޯ ބަލާބަލަ! ކާކުހޭ ވެރިކަން އަތުޖެހުނީމާ ބޮޑުތަނުން ނުކަނީ؟ ހުރިހާ ގޮތަކުން ރައްޔިތުންގެ އަތުން ހެސްކިޔާފަ ޓެކުސް ނަގައިގެން ބައިކުދިންނަށް ގެއްލުމުގެ ބަދަލަށް ބެހުމާއި އަނެއްބަޔަކު ދަޢުލަތުގެ ފަޅުތަކާއި ފަރުތަކަށް ނުއަތުން ވިއްކާ ލާރި ނެގުމާއި ބިޑަކާއި ނުލާއި މަޝްރޫޢުތަށް ހަވާލުކުރަނީ ހެއުނިޔަތުގަހޭ؟
ރަބަރު
24 October 2019
ތިބުނާމީހުންގެ މޫލާފައޮތީ މުޅިގައުމަށް. ސަރުކާރުގައިވެސް އަދި އިދިކޮޅުގައިވެސް އަދި ސިޔާސީ ކަންކަމާ ދުރުގައިއުޅޭ މީހުންނާއި އާންމުންގެ ތެރޭ ވެސް އެފިކުރު އޮތީ ފެތުރިފަ. މިހެން މިކަން އޮތްއިރު ސަރުކާރު ނުވަތަ ވަކި ޖަމާއަތަކަށް އިނގިލި ދިއްކޮށްގެން އުޅެނީ ސިޔާސީބޭނުމުގަ. ދީނީ އިލްމުވެރިންނޭ މިކިޔާ މީހުންވެސް ތިބީ ސިޔާސީވެފަކަން ވަރަށް ރަނގަޅަށް އެބަފެނޭ.
ހަސަނު
24 October 2019
މިހާރު އެމްޑީއެން "އެއްޗެއް" ގެ ގޮތުގައި ފެންނަ ނަމަހަމަ ޔަގީނުންވެސް އެއީ ނަސްފާނީ މައްސަލައެއް.. ބައެއް ލެކްޝަރާއިންނަށްވެސް އެހެން ވެގެން އެބަ އުޅޭ..
ފަނި އަޅުވާ މީހާ
24 October 2019
ދީނަށް ފުރައްސާރަ ކުރު މާ ގައު މިއްޔަތާ ދެކޮޅު ވާހަކަ ދެއްކު މުގެ ދިގު ތާރީހެއް އޮތް ބަޔަކާ ވެރިކަން ހަވާލު ކުރީ އޭރުގެ ވެރި މީހަ ވައްކަން ކުރެޔޭ ކިޔާފައި ، ދިވެހިންނަށް ދީނަށް ވުރެ މުހިން މީ ރުފިޔާ ، އެކަ މަކު ބަޖެޓް އެ ހުސްވަނީ ތަރައްގީ ނުކުރެވި ރީތި ވެއްޖޭނުން.
މަރީނާދު
24 October 2019
ޢަސްލުވެސް ދިވެހިންނަކީ ގަމާރުބައެއް
އަލީރާޖާ
24 October 2019
ބަޢާވާތެއް ނުކުރެވިގެން ތެޅިފޮޅެނީ! ފުރަމަތަ ދައުލަތުން ވަގަށް ނެގި ފައިސާ ދައްކަންވީނު؟ އެއީވެސް ލާދީނީ ކަމެއް!
ދޮގެއްތަ؟
24 October 2019
އެއީ ލާދީނީ ކަމެއް ނޫން. އެއީ ދީނީ ކުށެއް. ބަޖެޓުން ކުރަމުންދާ ވައްކަން ހުއްޓާލާ! ރައްޔިތުންގެ ކަންކަމުގަ އެ ފައިސާ ޚަރަދުކުރޭ!
ރުޝްދީ
24 October 2019
ޗެކޮއި މާދީންވެރިއަކަށް ހެދިގެން ދީން ސިޔާސީ ހަތިޔާރެއްގެގޮތުގައި ބޭނުންކުރަނީ .
ރަނީމާ
24 October 2019
ފަސްމާވެލި ފަސް ވަގުން އެބަފެނޭ..
ހަހަހަ
24 October 2019
އެހެންތަ!؟ އެއްކަލަ ސައިންސްވެރިންގެ ކޮމިޝަނުގެ ފަސްމާމުލުންތަ މިއުޅެނީ.