30 އޮކްޓޯބަރ 2019 - 07:49
މިހާތަނަށް ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނު ފިލްމަކީ މީގެ ތިން އަހަރު ކުރުން ރިލީޒްކުރި "އޭ ދިލް ހޭ މުޝްކިލް" ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު ކަރަން ޖޯހަރު ބުނެފި އެވެ.
ރަންބީރު ކަޕޫރާއި އަނުޝްކާ ޝަރުމާ އާއި ފަވާދު ޚާންގެ އިތުރުން އައިޝްވާރިޔާ ރާއީ މުހިއްމު ރޯލްތައް ކުޅުނު ފިލްމު ރިލިޒްކުރިތާ ހޯމަ ދުވަހަށް ތިން އަހަރު ފުރުމާ ގުޅިގެން ކަރަން އިންސްޓަގްރާމްގައި އާންމުކުރި ޕޯސްޓެއްގައި ބުނީ މިއީ އޭނާގެ ހިތާ އެންމެ ގާތް ފިލްމު ކަމަށެވެެ.
"އަދި މިއީ އެންމެ ހިތްހަމަޖެހޭ ގޮތަށް މަސައްކަތް ކުރެވުނު ފިލްމު. ވަރަށް ފޮނި ހަނދާންތަކެއް މި ފިލްމާ ގުޅިފައިވޭ،" ކަރަން ބުންޏެވެ. "މީގައި މަސައްކަތްކުރި ހުރިހާ ކާސްޓުންނާއި ކްރޫންނަށް ޝުކުރު އަދާކުރަން."
އަސަރުގަދަ ލޯބީގެ ވާހަކައެއް ކިޔައިދިން "އޭ ދިލް ހޭ މުޝްކިލް" ރިލީޒްކުރީ އޮކްޓޯބަރު 28، 2016 ގަ އެވެ. މި ފިލްމު ކަރަން ކުރިން ސިފަކޮށްފައި ވަނީ އޭނާގެ ސެމީ-ބައޮގްރަފިކަލް ޑްރާމާއެއްގެ ގޮތުގަ އެވެ. އެގޮތުން އޭނާގެ ހަޔާތުގެ އެކި ދުވަސްވަރުގެ ހާދިސާތައް ފިލްމުގައި ކިޔައި ދީފައި ހުންނާނެ ކަމަށް ބުނެފައިވެ އެވެ. "އޭ ދިލް ހޭ" ގެ މައިގަނޑު ޕްލޮޓަކީ ލޯތްބަށްޓަކައިވާ ގުރުބާނީ އެވެ.
ކަރަން ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރެއިން 100 ކްރޯޑް ކުލަބަށް މިހާތަނަށް ވަން ހަމައެކަނި ފިލްމަކީ ވެސް މިއީ އެވެ. "އޭ ދިލް ހޭ މުޝްކިލް" ބޮކްސް އޮފީހުގައި 237.56 ކްރޯޑް ރުޕީސް (39 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި އިރު، ފިލްމު ހަދާފައި ވަނީ 68 ކްރޯޑް ރުޕީސް (10 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.
"އޭ ދިލް ހޭ މުޝްކިލް" ރިލީޒްކުރިތާ ތިން އަހަރުވި ދިޔަ އިރު، މި ފިލްމުގެ ލަވަތައް އަދިވެސް ވަރަށް މަގުބޫލެވެ. އޭގެ ތެރޭގައި ފިލްމުގެ ޓައިޓްލް ލަވައިގެ އިތުރުން "ބުލެޔާ" އަދި "ޗަންނާ މެރޭޔާ" ފާހަގަކޮށްލެވެ އެވެ.
ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ކަރަން ޑައިރެކްޝަނަށް ނުކުތީ މީގެ 21 އަހަރު ކުރިން ރިލީޒްކުރި 1998 ގެ "ކުޗް ކުޗްް ހޯތާ ހޭ" އިންނެވެ. އޭގެ ފަހުން ރީތި އެތައް ފިލްމެއް ގެނެސްދިން ޑައިރެކްޓަރު މިހާރު އަންނަނީ އޭނާގެ 7 ވަނަ ޑައިރެކްޝަނަށް ތައްޔާރުވަމުންނެވެ. އެއީ ތާރީހީ ލޯބީގެ ހާދިސާއަކަށް ހަދާ "ތަޚުތު" އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިބޫ
30 October 2019
ކަލޭހެދި އެއްމެ ރީތި ފިލްމަކީ ކުޗްކުޗް ހޯތާހޭ.. އޭގެ ފަހުން ނެތް ރަނގަޅު އެއްޗެއް..
ނެކްސްޓް
30 October 2019
ވަރަށް ހަޑި ފިލްމެއް