ޝާހްރުކް.
03 ނޮވެމްބަރ 2019 - 10:19
އަންނަ އަހަރު ރިލީޒްކުރާ، ރަންބީރް ކަޕޫރާއި އާލިއާ ބަޓް ފެންޓަސީ/އެޑްވެންޗަ ފިލްމު "ބުރައްމަސްތުރާ" ގެ ހާއްސަ ފެނިލުމަކުން ޝާހްރުކް ޚާން ފެންނާނެ ކަމަށް މީޑިއާތަކުން ބުނެފި އެވެ.
މި ފިލްމަކީ ޝާހްރުކްގެ ގާތް އެކުވެރިޔާ ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނަށް އަޔާން މުކަރްޖީ ޑައިރެކްޓްކުރާ ފިލްމެކެވެ. ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި "ބުރައްމަސްތުރާ" ގައި ރަންބީރު ކުޅޭ ކެރެކްޓާ އާއި ޝާހްރުކާ ވަރަށް ބޮޑަށް ގުޅިފައިވާނެ އެވެ.
ފިލްމުގެ ޓީމްގެ ހަވާލާދީ ބައެއް މީޑިއާތަކުން ބުނިގޮތުގައި ޝާހްރުކްގެ ފެލުމަކީ ކުޑަ ވަތުގުކޮޅެއްގެ ހާއްސަ ފެނިލުމަކަށް ވިޔަސް، އެއީ ފިލްމުގެ ވާހަކައިގެ މުހިއްމު ކެރެކްޓާއެކެވެ. އަދި އެ ރޯލް ޝޫޓްކުރަން އޭނާ މިހާރު ތާރީހު ވެސް ހަމަޖައްސާފައިވާ ކަމަށް ބުންޏެވެ.
ޝާހްރުކް މީގެ ކުރިން ވެސް ވަނީ ރަންބީރުގެ ފިލްމެއްގެ ހާއްސަ ފެނިލުމެއް ކުޅެފަ އެވެ. އެއީ ކަރަން 2016 ގައި ޑައިރެކްޓްކުރި "އޭ ދިލް ހެ މުޝްކިލް" ގަ އެވެ.
"ބުރައްމަސްތުރާ" އަކީ ދަރުމާ އިން ގެނެސްދޭން ނިންމާފައިވާ ޓްރިލޮޖީއެކެވެ. މި ފިލްމު ކުރިން މި އަހަރު ގެނެސްދޭން ނިންމުމަށް ފަހު، ފިލްމު ނިންމަން އިތުރު ވަގުތު ނަގާތީ އަންނަ އަހަރަށް ފަސްކުރީ އެވެ. އެކަމަކު އަދިވެސް ރިލީޒްކުރާނެ ތާރީހެއް އިއުލާނެއް ނުކުރެ އެވެ.
"ބުރައްމަސްތުރާ" އަކީ ކަރަން މިހާތަނަށް ޕްރޮޑިއުސްކުރާ އެންމެ އަގު ބޮޑު އެއް ފިލްމެވެ. ބަލްގޭރިއާގައި ވަރަށް ބޮޑު ބައި ޝޫޓްކޮށްފައިވާ މި ފިލްމުގެ ބަޖެޓަކީ 150 ކްރޯޑް ރުޕީސް (21 މިލިއަން ޑޮލަރު) އެވެ.
މީގެ މައިގަނޑު ކާސްޓުން އާލިއާ އާއި ރަންބީރާ އެކު، އަމީތާބް ބައްޗަން، ޑިމްޕަލް ކަޕާޑިއާ، އަކިނޭނީ ނާގުރްޖުނާ އަދި މޯނީ ރޯއި ފެންނާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy