ރިޕޯޓް / ހިއުމަން ރައިޓްސް

އިންތިގާލީ އިންސާފު: އެންމެ ފަހުން ދައުލަތް ވެސް ޒިންމާކުރުވަނީ

ރައްޔިތުންގެ މަޖިލިސް: ދައުލަތުން ހިންގާފައިވާ އިންސާނީ ހައްގުތައް ނިގުޅައިގަތުމުގެ އަމަލުތައް ބެލޭނެ ބިލެއް ވަނީ ހުށައަޅާފައި -- ފޮޓޯ/މަޖިލިސް

ސޯޝަލް މީޑިއާގައި ސަރުކާރާ ދެކޮޅަަށް ފާޅުކުރާ އާދައިގެ ޚިޔާލެއްގެ ސަބަބުން ވެސް ތުހުމަތުތަކެއްކޮށް، ހައްޔަރުކުރަނީ އެވެ. ބަންދުގައި ބަހައްޓައިގެން ތަހުގީގު ހިންގަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތަސް، ކޮންމެވެސް ސަބަބެއް "ދެއްކުމަށް ފަހު" އެތައް ދުވަހެއް ވަންދެން ބަންދުގައި ބަހައްޓައި، ދައުވާ ކުރެވޭނެ ތަނެއް ނެތް ކަމަށް ބުނެ ބަންދުން ދޫކޮށްލަނީ އެވެ. ކުރެވުނު ކުށެއް ނެތި ވަޒީފާއިން ވަކިކުރަނީ ހަމައެކަނި ސަރުކާރާ ދެކޮޅު ފިކުރު މީހަކަށް ވީތީ އެވެ. އެވަރު ނުކުރެވޭ ނަމަ، މަގާމު ދަށްކޮށް ނުވަތަ އާއިލާއާ ދުރު ހިސާބަކަށް ވަޒީފާ އަދާކުރަން ފޮނުވާލަނީ އެވެ.

ސުލްހަވެރި އެއްވުންތަކުގައި ސަލާމަތީ ބާރުތަކުން އެކަށީގެންނުވާ ބާރު ބޭނުން ކުރުމުން ވަގުތީ ނުވަތަ ދާއިމީ ގޮތުން ތަހައްމަލު ކުރަން ޖެހޭ އަނިޔާ ލިބުނު މީހުން ވެސް އެބަ ތިއްބެވެ. ދައުލަތުގެ މުއައްސަސާތަކުން ވަކިވަކި ރައްޔިތުންނާ ދެކޮޅަށް ހިންގާފައި ހުރި ކަންކަމުގެ މިއީ ކުޑަ މިންވަރެކެވެ. އެކަމަކު މިހާތަނަށް ވެސް ނުކުރެވި އޮތް ކަމަކީ މިފަދަ ކަންކަމުގެ ސަބަބުން ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ކުރިމަތިވި ގެއްލުންތަކަށް އިންސާފު ހޯދޭނެ ނިޒާމުތަކެއް ގެނައުމެވެ. ސަރުކާރު ބަދަލުވުމާ އެކު، މަޝްހޫރު ބޭފުޅުންނަށް "އިންސާފު" ލިބުނަސް، އާދައިގެ އާންމު ރައްޔިތުންނަށް އަދިވެސް އޮތީ އެ ހަނދާންތައް ނައްތާލުމެވެ.

މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިންތިގާލީ އަދާލަތުގެ ބިލަކީ އެކަންކަމަށް ފުރުސަތުތަކެއް ހުޅުވައިދޭނެ މަގެކެވެ. ނިޒާމީ ސިފައެއްގައި ރޭވިގެން ދައުލަތުގެ މުއައްސަސާތަކުން ނުވަތަ އެތަންތަނުގައި ބާރު ހިނގާ އިސް ބޭފުޅުން އިންސާނީ ހައްގުތަކާ ޚިލާފަށް ހިންގާފައި ހުރި ބޮޑެތި އަމަލުތައް ބެލުމާއި އޭގެ ހަގީގަތާ ހަމައަށް ވާސިލްވެ، އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދައި ދިނުމަކީ އެ ބިލުގެ ބޭނުމެވެ.

މީގެ ކުރިން ދައުލަތުގެ ވަޒީފާތަކުގައި ތިބެގެން ވަކިވަކިން ހިންގި އަމަލުތަކުގެ މައްސަލަތައް ނުވަތަ ވަކި ޚާއްސަ ކަމަކާ ގުޅިގެން ކޮމިޝަންތައް އުފައްދައިގެން ތަހުގީގުތައް ހިންގާފައި އެބަ ހުއްޓެވެ. އެކަމަކު މިއީ ސީދާ ވަކި ހާދިސާއަކަށް ނުވަތަ ކަމަކަށް ނިސްބަތް ކުރުމެއް ނެތި، ދައުލަތުގެ މުއައްސަސާތަކުން ނުވަތަ އެފަދަ މުއައްސަސާތަކުގެ ވެރިން ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ އިންސާނީ ހައްގުތަކާ ޚިލާފް އަމަލުތައް ބެލުމަށް ރާއްޖޭގައި ނިޒާމެއް އެކުލަވާލާ ފުރަތަމަ ފަހަރެވެ. އިންތިގާލީ އިންސާފު (ޓްރާންސިޝަނަލް ޖަސްޓިސް) އަކީ ރާއްޖެއަށް އާ ނިޒާމެއް ކަމަށް ވިޔަސް، ބައިނަލްއަގްވާމީ ފެންވަރުގައި މިހާރު ވެސް މި ނިޒާމު ބޭނުން ކުރެ އެވެ.

އިންތިގާލީ އަދާލަތުގެ ބިލް އޮތް ގޮތުން އިންސާނީ ހައްގުތައް ނިގުޅައިގަތުމުގެ މައްސަލަތައް ބަލައި، އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދައި ދިނުމުގައި އެންމެ އިސް ދައުރު އަދާކުރާނީ ބިލުގެ ދަށުން އެކުލަވާލާ އިންތިގާލީ އިންސާފުގެ އޮމްބަޑްސްމަންގެ އޮފީހުންނެވެ. ރައީސް އައްޔަން ކުރައްވާ ތިން މެމްބަރުން ހިމެނޭ އޮމްބަޑްސްމަންގެ އޮފީހަކީ ރައީސް އެހެން ގޮތަކަށް ކަނޑަނާޅުއްވާހާ ހިނދަކު، ދެ އަހަރުގެ ތެރޭގައި މަސައްކަތްތައް ނިިންމުމަށް ފަހު އުވިގެންދާ ގޮތަށް އެކުލަވާލާ އޮފީހެކެވެ.

އެ ބިލް އޮތް ގޮތުން އޮމްބަޑްސްމަންގެ އޮފީހުގެ ބާރު ހިނގާނީ ޖެނުއަރީ، 2012 އިން ފެށިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތް ދުވަހާ ހަމައަށެވެ. މިއީ މި ބިލުގައި މައްސަލަ ބޮޑުވެގެންދާނެ ހިސާބެއް ކަމަށް ބެލެވޭ ކަމެކެވެ. ސަބަބަކީ އެމްޑީޕީގެ ކުރީގެ ވެރިކަން ނިމުނު ދުވަސްވަރުން ފެށިގެން ހިނގާފައި ހުރި ކަންކަމަށް އެ ބިލް އަމާޒުކޮށްފައި އޮތުމުން ސިޔާސީ ގޮތުން ވަކި ބަޔަކަށް އެ ބިލް އަމާޒުކުރާ ކަމުގެ ތުހުމަތު ކުރެވުމެވެ.

އިންސާނީ ހައްގުތައް ނިގުޅައިގަތުން އެ ބިލްގައި އޮތީ ވަރަށް ފުޅާ ދާއިރާއެއްގައި މާނަކޮށްފަ އެވެ. ގާނޫނު އަސާސީން ލިބިދޭ ކޮންމެ އަސާސީ ހައްގެއް ވެސް ނިގުޅައިގެންފައިވާ ނަމަ، އެއީ އެ ބިލްގެ ބޭނުމަށްޓަކައި އިންސާނީ ހައްގެއް ނިގުޅައިގަތުން ކަމަށް ބެލެވޭނެ އެވެ. މާނައަކީ ގާނޫނާ ޚިލާފަށް ހައްޔަރު ކުރުން ނުވަތަ ބަންދު ކުރުން އެކަންޏެއް ނޫނެވެ. ނުހައްގުން ވަޒީފާއިން ވަކިކުރުމާއި ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމާއި ވަޒީފާ އަދާކުރުން ހަނިކުރުން ފަދަ ކަންކަމަށް ވެސް އެ ބިލް އޮތް ގޮތުން ފަރުވާ ލިބިގެންދާނެ އެވެ. ނަމަވެސް އެއީ ދައުލަތުގެ މުއައްސަސާއެއްގެ ވެރިންތަކެއް ނުވަތަ މުއައްސަސާއަކުން ރާވައިގެން ނިޒާމީ ގޮތެއްގައި ހިންގި އަމަލަކަށް ވާން ޖެހެ އެވެ.

ބަންޑާރަ ނައިބު ރިފްއަތު: އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ލިބޭނެ ބިލެއް ވަނީ ތައްޔާރުކުރަައްވާފައި -- މިހާރު ފޮޓޯ/ހުސައިން ވަހީދު

އޮމްބަޑްސްމަންގެ އޮފީހަށް ބޮޑެތި ބާރުތަކެއް ލިބިގެންދެ އެވެ. އެ އޮފީހުން ހިންގާ ތަހުގީގުތަކުގައި މީހުން ހާޒިރުކުރުމާއި ހެކިބަސް ނެގުމާއި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ ތަހުގީގީ އިދާރާތަކުގެ އެހީތެރިކަން ހޯދުން ފަދަ ބާރުތައް އެ އޮފީހަށް ލިބިގެންދާނެ އެވެ. އަދި މިހާރު ހުރި ރިޔާސީ ކޮމިޝަންތަކެކޭ އެއްގޮތަށް ކޯޓު އަމުރު ހޯދުން ފަދަ ބާރުތައް ވެސް އެ ބިލް އޮތް ގޮތުން އެ އޮފީހަށް ލިބެ އެވެ.

އެ ބިލުގައި އެންމެ ޚާއްސަ ކަމެއްގެ ގޮތުގައި އޮތް އެއް ކަމަކީ އެ އޮފީހުގެ ބާރު ހިނގާ މައްސަލަތަކުގެ ތެރެއިން އެހެން މުއައްސަސާތަކުން ގޮތް ނިންމާފައި ހުރި މައްސަލަތައް ވެސް ވަކި ހާލަތްތަކެއްގައި އަލުން ބެލުމުގެ ބާރު އޮތުމެވެ. އެކަމަކު ރިޔާސީ ކޮމިޝަންތަކުން މިހާރު ބަލާ އެއްވެސް މައްސަލައެއް އޮމްބަޑްސްމަންގެ އޮފީހަކަށް ނުބެލޭނެ އެވެ.

އޮމްބަޑްސްމަންގެ އޮފީހުން ބަލާ މައްސަލަތަކުގައި އެހެން އިދާރާތަކުން ހިންގާފައިވާ ތަހުގީގުތަކުގެ މައުލޫމާތު ހޯދުމުގެ ބާރު ލިބޭއިރު، އެ އޮފީހުގެ ތަހުގީގަކަށް ނުވަތަ މަސައްކަތަކަށް ހުރަސް އަޅާ ކޮންމެ މީހެއްގެ މައްސަލަ ބަލަން ފުލުހުންނަށް އެންގުމުގެ ބާރުގެ އިތުރުން އެ އޮފީހުގެ އެންގުމަކަށް އިންކާރުކުރާ ދައުލަތުގެ މުއައްސަސާތަކާ މެދު ވެސް ފިޔަވަޅު އެޅުމުގެ ބާރު ލިބިދެ އެވެ. އަދި ތަހުގީގަށް ފަހު ޖިނާއީ ދައުވާއެއް ކުރަން ޖެހޭ މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމާއި މަދަނީ ދައުވާ ކުރަން ޖެހޭ މައްސަލަތަކުގައި ދައުވާ ކުރަން ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވަން ޖެހޭނެ އެވެ.

ތަހުގީގު ނިމޭއިރު، ނިޒާމީ ސިފައެއްގައި އިންސާނީ ހައްގެއް ގެއްލުވާލާފައިވާ ކަމަށް އޮމްބަޑްސްމަންގެ އޮފީހަށް ފެނިއްޖެ ނަމަ ހައްގު ގެއްލުނު މީހާއަށް ބަދަލު ދިނުމަށް ނިންމުމުގެ އިހްތިޔާރު އޮމްބަޑްސްމަންގެ އޮފީހަށް އެ ބިލުގެ ދަށުން ލިބިގެންވެ އެވެ. އެ ބިލް އޮތް ގޮތުން ދެ ބާވަތެއްގެ ބަދަލެއް އަނިޔާ ލިބުނު ފަރާތަށް ނަގައި ދެވިދާނެ އެވެ. އެއީ މާލީ ބަދަލާއި މާލީ ނޫން ބަދަލެވެ.

މާލީ ބަދަލެއް ނަގައި ދެވޭނީ އަނިޔާ ލިބުނު މީހާއަށް ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން އެކަމުގެ ސަބަބުން މާލީ ގެއްލުމެއް ލިބި ނުވަތަ މާލީ ޚަރަދެއް ކުރަން ޖެހިފައިވާ ނަމަ އެވެ. މިސާލަށް ވަޒީފާ އަދާކުރަމުން ދަނިކޮށް އޭނާގެ އިންސާނީ ހައްގެއް ހިފެހެއްޓުމުގެ ނަތީޖާއެއްގެ ގޮތުން ވަޒީފާ އަދާނުކުރެވި ދިޔަ މުއްދަތަށް ވާ މުސާރައާ އެއްވަރުގެ ބަދަލެއް ދިނުމެވެ.

ހައްގެއް ހިފެހެއްޓުމުން ނުވަތަ ނިގުޅައިގަތުމުން ލިބުނު އަނިޔާއެއްގެ ސަބަބުން ލިބޭ ސިއްހީ ގެއްލުންތަކަށް ވެސް އެ ބިލް އޮތް ގޮތުން ބަދަލު ނަގައި ދެވިދާނެ އެވެ. އެފަދަ އަމަލެއްގެ ސަބަބުން މާއްދީ ގޮތުން ނުވަތަ ނަފްސާނީ ގޮތުން ހަށިގަނޑަށް ލިބިފައިވާ ގެއްލުމެއް އޮތް ނަމަ ނުވަތަ އެފަދަ ކަމެއްގެ ސަބަބުން އާންމު ދިރިއުޅުމެއް އުޅުމަށް ކުރިމަތިވެފައިވާ ހުރަސްތަކަށް ބަލައި ވެސް އެ ބިލް އޮތް ގޮތުން ބަދަލު ނަގައި ދެވިދާނެ އެވެ. ނަމަވެސް ހުށަހެޅޭ ހެކިތަކަށް ބަލައި، ބަދަލު ނަގައިދެވޭނީ ކިހާ މިންވަރަކަށް ކަން ނުވަތަ ނަގައި ދެވޭނެ ބަދަލުގެ ބާވަތް ކަނޑައަޅާނީ އޮމްބަޑްސްމަންގެ އޮފީހުންނެވެ.

މިހާ ހިސާބުން މި އަންނަނީ ވިސްނާލަން ޖެހޭ މައްސަލައެކެވެ. އެއްވެސް ފަރާތަކަށް ނުހައްގުން ދޭ ކޮންމެ ގެއްލުމެއްގެ ބަދަލު އެއީ އަނިޔާ ލިބޭ ފަރާތަށް ލިބެން ޖެހޭ އެއްޗެކެވެ. ދައުލަތް ވިޔަސް، މި އުސޫލުން އިސްތިސްނާއެއް ނުކުރެވޭނެ އެވެ. އެކަމަކު ބަދަލު ދޭއިރު އެއީ ހަމައެކަނި ދައުލަތުން ޒިންމާވާން ޖެހޭ އެއްޗަކަށް ހަދަންވީތޯ މިއީ ވިސްނާލަން ޖެހޭ މައްސަލައެކެވެ.

އެކި ފަރާތްތަކާ ހަވާލުކުރި މަޝްރޫއުތަކުގެ އެއްބަސްވުން ގާނޫނާ ޚިލާފަށް ބާތިލްކުރުމުން އޭގެ ބުރައިން ދައުލަތް އަދިވެސް މި އޮތީ ސަލާމަތް ނުވެވިފަ އެވެ. އެކަމަކު ބާރުވެރި މަގާމުތަކުގައި ތިބެގެން ދައުލަތް ނިވައިފަތްގަނޑަކަށް ހަދައި ގާނޫނާ ޚިލާފަށް އަމަލުކުރި ފަރާތްތައް އަދިވެސް ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ނެތެވެ.

ނަތީޖާއަކަށް ވެފައި މިއޮތީ އަލަށް އަންނަ ކޮންމެ ސަރުކާރެއް ވެސް އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ކުރީގެ ސަރުކާރުން ގޯސްކޮށް ކޮށްފައިވާ ކަންކަމަށް ބިލިއަން ރުފިޔާގެ އަދަދުތަކުން ބަދަލު ދޭން ޖެހުމެވެ. އެހެންވެ، އިންތިގާލީ އިންސާފުގެ ނިޒާމާ އެކު އަނެއްކާވެސް ބޮޑު ބުރަތަކެއް އުފުލޭނެ ފެންވަރު ދައުލަތުގައި އެބަހުރިތޯ ވިސްނާލަން ޖެހެ އެވެ.

އެ ބިލް އޮތް ގޮތުން އޮމްބަޑްސްމަންގެ އޮފީހުން ތަހުގީގު ނިންމުމަށް ފަހު ޝަރުއީ މަރުހަލާއަށް ދާން ޖެހޭ މައްސަލަތައް ކުރު މުއްދަތެއްގެ ތެރޭގައި ނިންމަން ލާޒިމްކުރެ އެވެ. އޮމްބަޑްސްމަންގެ އޮފީހުން ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ނުވަތަ ބަންޑާރަ ނައިބުގެ އޮފީހަށް މައްސަލަ ފޮނުވާތާ 15 ދުވަހުގެ ތެރޭގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމަން ލާޒިމްވާއިރު، ދައުވާކުރާ މައްސަލަތައް ކޯޓަށް ހުށަހެޅޭތާ 45 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ. އެކަމަކު ކޯޓުގެ ބާރު ނުފޯރާ ހާލަތެއް މެދުވެރިވުމުން މައްސަލަ ލަސްވާ މުއްދަތަށް އިސްތިސްނާ ލިބެ އެވެ.

މީގެ އިތުރުން އެފަދަ މައްސަލަތަކުގެ އިސްތިއުނާފް މަރުހަލާ ވެސް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ލާޒިމްކޮށް ހައި ކޯޓާއި ސުޕްރީމް ކޯޓަށް އެފަދަ މައްސަލަތައް ނިންމަން ލިބެނީ ކޮންމެ މަރުހަލާއަކަށް ވެސް 30 ދުވަހުގެ މުއްދަތެކެވެ.

އިންތިގާލީ އިންސާފުގެ ނިޒާމެއް އޭގެ ޒާތުގައި މުހިންމުވާ ސަބަބުތަކެއް އެބަ ހުއްޓެވެ. ރައްޔިތުންނާ ދެކޮޅަށް ދައުލަތުން ހިންގާފައި ހުރި ކަންކަން ބެލުމުގައި ވަކި ބަޔަކު އިސްތިސްނާ ކުރުމެއް ނެތި އެންމެންނަށް ވެސް ފަސޭހައިން އިންސާފު ލިބޭނެ މަގެއް އޮންނަން ޖެހެ އެވެ. އެކަމަކު އެއީ އަނެއްކާވެސް ދައުލަތަށް ކުރިމަތިވާ ނުއުފުލޭ ވަރުގެ ބޮޑު މާލީ ބުރައަކަށް ވެސް ވެ އެވެ.

14 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 62%
icon sad icon sad 4%
icon angry icon angry 35%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިންސާފީ

06 November 2019

ހުރިހާ ކަމެއްގައިވެސް ދައުލަތް ޒިންމާވާގޮތަށް މިއޮންނަނީ ޤާނޫނާއި ޚިލާފަށް ކަންކުރި މީހުން ތިބެންވާ ހެވިފަ، އަނެއްކާ ބާރު ލިބުމުން ހަމަ އެގޮތަށް ކަންތައްކުރީމަ ގެއްލުންވާ މީހުންނަށް ބަދަލު ދިނުމުގެ ޒިންމާ ދައުލަތުގެ ބޮލުގަ ސަޅި!

The name is already taken The name is available. Register?

އެންދެރި

06 November 2019

ގާނޫނައް އަމަލު ކުރަން ވާނީ ގާނޫނު ގެޒެޓް ކުރާ ދުވަހުން ފެށިގެންނެވެ. ކުރީގެ މައްސަލަ ތައް ގާނޫނަކުން ބަލާނަމަ ވަކި މުއްދަތެއް އޮވެގެން ނުވާނެއެވެ.

The name is already taken The name is available. Register?

އުމަރުބެ

06 November 2019

އަޅުގަނޑަކީ މާލޭގައި ޕިކަޕް ދުއްވައިގެން ލާރި ހޯދާ މީހެއް ދުވާލުގަޑީގައި ބޮޑެތި ޕިކަޕްގައި މުދާ އުފުލުން މަނާކުރުމުން އަޅުގަނޑުގެ މަސައްކަތް ގެއްލުނު ރޭގަނޑު ހައެއްގެ ފަހުން އަޅުގަނޑުމެންނަށް ދަތުރު ކުރަން ހުއްދަ ދީފައި އޮތީ އެއްވެސް ބަޔަކު ރޭގަނޑު އިރު އޮއްސެންދެން ދަތުރުތައް ނުކޮށެއް ނުބަހައްޓާ ފެރީތަކާ ދޯނިތައް ފުރާގަޑި ޖެހުމުގެ ކުރިން މުދާގެންދަންޖެހޭތީ ކުދި ޕިކަޕްގައި އުފުލާ ހުސްކުރޭ މަނާ އެއްޗެހި ވަގަށް ނަމަވެސް.. ގަވައިހިފައިގެން މަގޭގައި

The name is already taken The name is available. Register?

އިބިރިހިންބެއްޔާ

06 November 2019

ތިޔަ އިންތިޤާލީ އިންސާފު ވަރަށް ސާފު. ހުރިހާ ކަމިޝަނެއް ނުވަތަ ޤާނޫނެއްވިޔަސް، އެމްޑީޕީގެ ފުރަތަމަ ރައީސްއަށް އިސްތިއުފާ ދެއްވުނު ދުވަހުން ނޫނީ ފެށޭކަށްނެތް. ހަގީގީ އިންސާފަށް ލޯބިކުރާނަމަ މިފަދަ ހުރިހާ ކަމިޝަނެއް ނޫނީ ޤާނޫނެއްވިޔަސް ޤާނޫނު ފާސްވާ ދުވަހުގެ 10 އަހަރު ނުވަތަ 15 އަހަރުކުރިން ފެށިގެން މައްސަލަތައް ބަލާ ކަމިޝަން އުވާލާ ދުވަހާއި ހަމަޔަށް ދަމާލަން "ގަޓްސް" އެބަ ހުރިބާ؟ އަދުލު އިންސާފަކަށް ވާނެ އޭރުން.

The name is already taken The name is available. Register?

ނައުމަރާސިހުރީ

06 November 2019

މިހާރު ވެސް ކަސްޓަމު މުވައްޒަފެއް އައްޑުގައި ހުއްޓާ ވަނީ ހއ. ޢުލިގަމަށް ބަދަލު ކުރެވިފައި. ޔާމީން އަށް ވުރެ ވެސް ނުބައި ބައެއް. ވޯޓް ދެވުނު މޮޔަހީވޭ

The name is already taken The name is available. Register?

އަލިބެއްޔާ!

06 November 2019

ތިހެން ދެތިން ހާދިސާއަކުން ޔާމީނު ސަރުކާރާއި މިސަރުކާރު އަޅާނުކިޔޭނެ. ޔާމީނު ސަރުކާރުގަ ކަންކަންއޮތީ ހައްދުން ނެއްޓިފައި.

The name is already taken The name is available. Register?

ކޮރަލް

06 November 2019

މި ސަރުކާރުގަ އޮތީ ހައްދު ފަހަނަ އަޅާ ފައެވެ. އިސްލާމް ދީނައް ފުރައްސާރަކޮށް އެވާހަކަ ތައް ދިފާއުކޮށް ވާހަކަ ދައްކާ އިރުވެސް އެންޑީއެން ގެ ބޮޑުންގެ ބަޔަކު ސަރުކާރުގެ މަތީ މަގާމް ތަކުގަ އެވެ. ދީނައް ފުރައްސާރަ ކުރުމަކީ ވައްކަމާ ރަލާ އަދި ޒިނޭ އަށް ވުރެ މާ ބޮޑު ކަމެކެވެ.

The name is already taken The name is available. Register?

ނޫސް ބަލާމީހާ

06 November 2019

ކިތަންމެ ރަގަޅު ޤާނޫނެއްއޮތަކަަސް މަޖިލިސްއަކީ ވެރިކަންލިބޭ ޕާޓީއަކުން ބޭނުންވީމާ ޤާނޫނަކީ ދެފަހަރު ދެފުށުންޖަހާ ފިހާ ރޮށްޓަކަށްވާތީ ވާނެމަންފާއެއްނެތް. ޤާނޫނު ހަދާން އެއްވެސްޕާޓީއަކަށް ނިސްބަތްނުވާ "މަތިގެ" ޤާއިމްކުރެވެން ވެއްޖެ.

The name is already taken The name is available. Register?

ސިމްޕަލް

06 November 2019

ބަދަލު ހިފުމުގެ ރޫހް ދޫކޮށް ޓްރުތް އެންޑް ރެކޮންސިލިއޭޝަން އަމާޒަކަށް ވާންވީ. އެހެން ނޫންނަމަ މުސްތަގްބަލްގައި އަންނަ ސަރުކާރަކުން ތިޔަ އޮމްބަޑްސްމަންގެ އޮފީހުގެ މަސައްކަތް ބަލަން ދެވަނަ އޮމްބަޑްސްމަންގެ އޮފީހެއް ހުޅުވާ ތިކުރާ ކަންތައް އެފުށް މިފުށައް ޖަހާފާނެ. ހުޅުވާފައި ލެވިފައިވާ ތަނެއްގައި ތަހުގީގުކޮށް ކުރިކުށަށް އަނިޔާ ލިބުނު ފަރާތުން މައާފަށް އެދެން ފުރަތަމަ ފުރުސަތު ދޭންވީ. އެކަން ނުކޮށް ކޮއްފިނަމަ ޝަރީއަތަށް.

The name is already taken The name is available. Register?

އިބިރިހިންބެއްޔާ

06 November 2019

ބަރާބަރު. އެކަމަކު ތިފަދަ ކަމެއް ކުރެވޭނީ އަދުލުވެރިންނަށް.

The name is already taken The name is available. Register?

ޒުވާނާ.

06 November 2019

ސަރުކާރު ވަޒީފާ އަދާކުރާކައް ވަކިރަށެއް އޮވެގެންނުވާނެ ހުޅުލެ އެއާޕޯޓުގަ ހުންނަ މީހާ ފުވައްމުލަކައްވެސް ފޮނުވާލަންވީ އަހަރެ މެން ރިސޯޓު މުވައްޒަފުން މިއުޅޭ ހާލު އެނގޭބާ އާއިލާޔޭ ބުނާއިރު

The name is already taken The name is available. Register?

ހުއްބުލް ވަތަން

06 November 2019

ހުރިހާވެސް މައްސަލައަކީ މުއައްސަސާތަކުގެ ވެރިންގެ ކިބައިގާ އިޚްލާސްތެރި ކަމެއްނެތުން. އިއްޔެވެސް ފެނުނީ އެކަން މިއަދުވެސް ފެންނަނީ އެކަން. މަސައްކަތްކުރެވެނީ ބާރުހޯދަން، އަދި އެބާރު ބޭނުންކުރަނީ ވާދަވެރިން ދުއްވާލަން. ކިތަންމެ ފުރިހަމަ ޤާނޫނެއް ހެދިޔަސް، މުއައްސަސާތަކުގެ ވެރިންގެ ކިބައިގަ އިޚްލާސްތެރިކަމެއް ނެތިއްޖެނަމަ ރައްޔިތުންނަކަށް އޭގެ މަންފާއެއް ނުކުރާނެ. މީ ހިތާމަ ހުރިކަމެއް!

The name is already taken The name is available. Register?

މާދުރު ތަރި

06 November 2019

އިންސާފަކީ ރައީސް ނަޝީދު ނޫނީ އެނޫންވެސް އުޅުމެއް އަދި އަދަބެއް ނެތް ސިޔާސީ ލީޑަރުން ދޭ އެއްޗެއް ނޫނެވެ. އެއީކީ މަސައްކަތް ނުކޮށް ހޯދޭނެ އެއްޗެއްވެސް ނޫނެވެ. ހޯދުމަށް ޓަކައި ސިޔާސީ ލީޑަރުންނަށް ކިތަންމެ ތައުލީމީ ބޭފުޅަކަސް ސިޔާސީ ލީޑަރުނާއި އެކު ސެލްފީ ނަގާ ސިޔާސީ ލާޑަރުން ދައްކާ ވިޔާނުދާވާހަކަ ސޯސަލް މީޑިޔާގަ ރިޕީޓް ކުރިޔަސް އަދި އިދިކޮޅު ހިޔާލުގެ މީހުންނަށް ފުރައްސާރަކުރިޔަސް ތިޔަ ކިޔާ އިންސާފެއް ނުލިބޭނެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454