އާސަންދަ މެދުވެރިކޮށް ކަކުލު ހުޅު ބަދަލުކުރުމުގެ ޕްރޮގްރާމުގެ ތެރެއިން އޮޕަރޭޝަންކުރި 100 ވަނަ މީހާގެ ކައިރީގައި ޑޮކްޓަރުން މަޑުކޮށްލައިގެން.- ފޮޓޯ: އައިޖީއެމްއެޗް
03 ނޮވެމްބަރ 2019 - 19:46
އާސަންދަ މެދުވެރިކޮށް ކަކުލު ހުޅު ބަދަލުކުރުމުގެ 100 ވަނަ އޮޕަރޭޝަން އައިޖީއެމްއެޗުގައި މިއަދު ކޮށްފި އެވެ.
އެ ހޮސްޕިޓަލުން ބުނިގޮތުގައި 66 އަހަރުގެ ފިރިހެނެއްގެ ކަކުލު ހުޅު ކާމިޔާބުކަމާއެކު އޮޕަރޭޝަން ކުރީ ތަޖުރިބާކާރު ދެ ޑޮކްޓަރުން ކަމަށްވާ ޑރ. ހުސެއިން ފައިސަލާއި ޑރ. އިސްމާއިލް ޒާހިރު ކަމަށެވެ.
އެ އޮޕަރޭޝަނަށްފަހު ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އެކަމުގައި ބައިވެރިވެ ވަޑައިގެންނެވި ޑޮކްޓަރުންނާ ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވެފަ އެވެ. އަދި ކަކުލު ހުޅު ބަދަލުކުރި މީހާއާ ބައްދަލުކުރައްވައި އޭނާގެ ހާލު ބައްލަވާލެއްވި އެވެ.
ސިއްހީ ހިދުމަތްތައް އަވަސްކުރުމުގެ ގޮތުން ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ކަކުލު ހުޅު ބަދަލުކުރުމުގެ ސާޖަރީ، އައިޖީއެމްއެޗާ ގުޅިގެން ޓްރީޓޮޕް އަދި މެޑިކާ ހޮސްޕިޓަލުގައި ވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން 100 ވަނަ މީހާ ބަލާފައިވަނީ، އެ ދެ ހޮސްޕިޓަލުގައި ވެސް ކުރި އޮޕަރޭޝަންތައް ހިމަނައިގެންނެވެ.
ޓްރީޓޮޕާއި މެޑިކާ އަށް ބަލި މީހުން ރެފާ ކުރާނީ އައިޖީއެމްއެޗުންނެވެ. އެއީ ކަކުލު ހުޅު ބަދަލުކުރުމަށް އެ ހޮސްޕިޓަލްގެ ކިއު ކުޑަކުރުމަށެވެ.
އާސަންދަ މެދުވެރިކޮށް ކަކުލު ހުޅު ބަދަލުކުރުމުގެ ޕްރޮގްރާމުގެ ތެރެއިން އޮޕަރޭޝަންކުރި 100 ވަނަ މީހާގެ ހާލު، ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވާލައްވަނީ.- ފޮޓޯ: އައިޖީއެމްއެޗް
އާސަންދައިގެ ތެރެއިން އޭޑީކޭ ހޮސްޕިޓަލުގައި ވެސް ކަކުލު ހުޅު ބަދަލުކުރުމަށް މިިދިޔަ އޮގަސްޓް މަހު ސޮއިކޮށްފައި ވެ އެވެ. އެހެން ތަންތަނާ ހިލާފަށް ސީދާ އޭޑީކޭ އަށް ދައްކައިގެން އެ ޕެކޭޖުގެ ތެރެއިން އޮޕަރޭޝަން ކުރެވެ އެވެ. އެ އޮޕަރޭޝަނަށް ކަނޑައަޅާފައިވާ ޕެކޭޖުގެ އަގަކީ 63،500ރ. އެވެ. އާސަންދައިން ދޭނީ 60،000ރ. އެވެ. އެހެންވެ ބަލި މީހާގެ އަތުން ދައްކަން ޖެހޭނީ 3500ރ. އެކަންޏެވެ.
އައިޖީއެމްއެޗުގައި އެ އޮޕަރޭޝަންގައި ހަރަކާތްތެރިވެވަޑައިގެންނެވި ޑރ. ފައިސަލް "މިހާރު" އަށް ވިދާޅުވީ މިދިޔަ ހަފުތާއާ ހަމައަށް ކަކުލު ހުޅު ބަދަލުކުރުމުގެ ވެއިޓިން ލިސްޓުގައި 215 މީހުން އެބަތިބި ކަމަށެވެ. އެ ހުރިހާ އެންމެންނާ ވެސް ގުޅާފައިވާ ކަމަށް ވިދާޅުވި އެވެ.
އެ ޕްރޮގްރާމުގެ ތެރެއިން އައިޖީއެމްއެޗުގައި އެންމެ ފުރަތަމަ އޮޕަރޭޝަން ކުރި ޑޮކްޓަރުންގެ ތެރޭގައި ވެސް ފައިސަލް ހިމެނިވަޑައިގަންނަވަ އެވެ. މިދިޔަ ޖުލައި މަހު އެ އޮޕަރޭޝަންކުރީ، ވެއިޓިން ލިސްޓުގައި ދެ އަހަރު މަޑުކޮށްގެން އިން މީހެއްގެ ފައިގެ ހުޅު ކަމަށް ވިދާޅުވި އެވެ. އެއާ ހިލާފަށް މިއަދު ކުރީ، އޮޕަރޭޝަން ކުުރުމަށް މިދިޔަ ހަފުތާގައި ނިންމި މީހެއްގެ އެވެ.
"މިއަދު އޮޕަރޭޝަން ކުރި މީހާ ވެސް ތިން އަހަރެއް ވެއްޖެ އެކަމެއްގައި އުޅޭތާ. ކުރިން ވެސް ލަފާދިނިން ހުޅު ބަދަލުކުރަން. އެކަމަކު މިިދިޔަ ހަފުތާގައި އޭނާ ނިންމީ އޮޕަރޭޝަން ކުރަން. އެެހެންވީމަ ހަފުތާއެއްގެ ތެރޭގައި އޮޕަރޭޝަން ކަންތައް ހަމަޖެހިގެން މި ދިޔައީ. މިއީ ވަރަށް ބޮޑު ކުރިއެރުމެއް،" ފައިސަލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީ ހަޤީޤަތަކީ..
04 November 2019
ތެދެއް އޮޕަރޭޝަން ކާމިޔާބު އުމުރުގެ ބާކީ އޮތްބައި އެހެންމީހެއްގެ އެހީގަ އުޅެންޖެހޭނީ... މީ މިރާއްޖޭގެ ތިކަހަލަ އޮޕަރޭޝަން ކުރި މީހުންގެ ހާލަކީ......
ހމ
04 November 2019
ތިކަހަލަ ސުރުޚީ އެޅިދާނެ. އަހަރެމެން ރަށްރަށުގަ އުޅޭނިކަމެތިންނަށް ހާދަބުރަކަމެކޭ މާލެގޮސް ޑޮކްޓަރަކަށް ދެއްކުމަކީ...މާލަނޫންތަނަކު ތިކަހަލަ ކަމެއްވެސް ނުކުރެވޭ...ކުޅުދުއްފުށީ ހޮސްޕިޓަލްގައި ހިތުގެބަލީގެ ޑިޕާޓްމަންޓެއް ހުޅުވިވާހަކަ ވެސް ނޫސްތަކުން ފެނުނު...އެއީވެސް ބޮޑު އޮޅުވާލުމެއް...އެތަނުގެ ތެރޭ ނަންބޯޑެއް އެޅުވި...ކުރިން ވީވަރުވެސް މިހާރު ނުވޭ...ހިތުގެ ޚާއްސަ ޑޮކްޓަރު ވިސާހަމަވިއްޔޭ ކިޔާފަ މިނިސްޓްރީން އޭނަ ފޮނުވާލީ...ރައްޔިތުންނަށް މަލާމާތްކޮށް ހާރުވަނީ...މިހާރުނޫހުން މިކަންވީގޮތް ނިކަންބލައިދީބަލަ
ރުފުގާން
03 November 2019
އެކަމަކު 2އަހަރު ކިޔޫގައި.ގިނަ ފަހަރަށް އުމުރުން މަތީމީހުން ހުޅުބަދަލުކުރަނީ.އެ އުމުރުގެ މީހުން އެތައް ވޭނެއް އުފުލާއިރު 2އަހަރު ކިޔޫގައި...ތިކަމުގައިވެސް އޮތީ ކޮރަޕްޝަން..މެންބަރުންނާއި ބޮޑުންނަށް ބާރުއަޅައިގެން އަވަސް ކުރާމީހުން އުޅޭ..
ކަރީމުއްދީން ބާޝާ
03 November 2019
އެހާފަސޭހައިން ހުޅުގޮވަނީ ކީއްވެބާ؟
ސިއްދީގުބޭބެ
03 November 2019
ބަލަ ނޭނގޭތަ މިރާއްޖޭގެ ހާލަތު.....މަތި މަށްޗަށް ގެހަދާފަ..ދުވާލަކު ހަފަސް ދޮޅަސް ފަހަރު ސިޑިން މައްޗށް .......
އހ ސޯދުބެ
04 November 2019
އެއީ އެއްވެސް ހާލެއްގަ ސިޑިން މައްޗައް އަރައިގެން ދިމާވާ ކަމެއްނޫން..ހަށިގަޑު މާބޮޑަށް ބުރަ ބޮޑު ވެގެން ދިމާވާ މައްސަލައެއް..ވީމާ ގިނައިން ކަސްރަތުކޮށް ލުއިކޮށް ހުންނަން އެބަޖެހޭ މަސެއްކަތްކުރަން ހުރިހާ އުމުރެއްގެ މީހުންވެސް..
އައްޔުބެ
03 November 2019
100 ވަނައާއި 500 ވަނަ ހޮވާކަށް ނުޖެހޭ. ކޮންމެ ސަރުކާރެއްވިޔަސް ތިޔަހުރިހާ ޚަރަދަކީ ހަމަ ރައްޔިތުންގެ ފައިސާއިންކުރާ ޚަރަދު. އަދި އެކިއެކި މަޝްރޫއުތައް ފެށުމާއި ނިންމުމަށް ހިންގާ އެކިއެކި އިވެންޓްތަކަށް ކުރާ ބޭކާރު ފައިސާ ހުއްޓާލަންޖެހޭ. ސަބަބަކީ މިހާރުވެސް ބަޖެޓް ފޫބައްދާށާއި ސިޔާސީ މަޤާމުތަކުގައިތިބޭ މީހުންގެ މުސާރަދިނުމަށް ބިލިޔަނުން ނަގަމުންދާ ދަރަނިތައް މަދުކުރަންޖެތީ.