ވިޔަފާރި

ޓޫރިޒަމްގެ އެންމެ ބޮޑު ފެއާ ލަންޑަންގައި ފަށައިފި

ޑަބްލިއުޓީއެމްގައި ވިޔަފާރި ކުންފުނިތަކުން ބައްދަލުވުންތައް ކުރިއަށްގެންދަނީ-- ފޮޓޯ: މިހާރު

ލަންޑަނުން ފާތިމަތު ޝަނާ މުހަންމަދު

04 ނޮވެމްބަރ 2019 - 22:40

1 comments

ޓޫރިޒަމް ދާއިރާގެ އެންމެ ބޮޑު ފެއާ، ވޯލްޑް ޓްރެވެލް މާކެޓް (ޑަބްލިއުޓީއެމް) އިނގިރޭސި ވިލާތުގެ ލަންޑަނު ގައި މިއަދު ފަށައިފި އެވެ.

މި ފެއާގައި، ރާއްޖޭގެ 63 ކުންފުންޏަކުން 161 މީހަކު ބައިވެރިވެ އެވެ.

ޓޫރިޒަމް ދާއިރާގެ ދިވެހި ވިޔަފާރިވެރިން އަންނަނީ މިއަދު ހެނދުނު 10:00 ން ފެށިގެން އެކި ފަރާތްތަކާ އެކު ބައްދަލުވުންތައް ބާއްވަމުންނެވެ. ފެއާ ކުރިއަށް ގެންދާއިރު، އެކި ސަރަހައްދުގައި ހުރި ބޮޑެތި ސްކީނުތަކުން ވެސް ރާއްޖޭގެ ހުދު ގޮނޑުދޮށްތަކާއި ސާފު މޫދުގެ މަންޒަރުތައް ދައްކަމުން ގެންދެ އެވެ. ދެ ބުރިއަށް ހަދާފައިވާ ރާއްޖޭގެ ސްޓޭންޑްގެ މަތީ ބުރީގެ ވަށައިގެން ކަނޑުގެ ރާޅުތައް ދައްކުވައިދޭ ކުރެހުންތައް ފެންނަން ހުރި އިރު މަތީގައި ވެސް ކުރިއަށް ގެންދަނީ "ބީޓުބީ" ބައްދަލުވުންތަކެވެ.

ޑަބްލިއުޓީއެމްގެ ދިވެހި ސްޓޭންޑަށް ވަންނަ މަގު.--- ފޮޓޯ:މިހާރު

ގާތްގަނޑަކަށް 345 ސްކެއާ ފޫޓުގެ ސަރަހައްދެއް އެކްސެލް ލަންޑަން އެގްޒިބިޝަން ހޯލުން، އެމްއެމްޕީއާރުސީން ނަގާފައިވާ އިރު މުޅި ފެއާ އިން ވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ އެ ތަނެވެ.

އެ ސަރަހައްދުން ހިނގާފައިދާ މީހުން ވެސް ރާއްޖޭގެ ސްޓޭންޑު ކުރިމަތިންދާ އިރު، މަޑުކޮށްލަނީ ދިވެހި ރީތި ރާގުތަކުން ޑިޓިއުން ބޭންޑުން ކުޅޭ ލަވަތަކުގެ ސަބަބުންނެވެ.

ޑަބްލިއުޓީއެމްގައި ބައްދަލުވުމެއް ކުރިއަށްގެންދަނީ-- ފޮޓޯ: މިހާރު

ލަންޑަންގެ އެކްސެލް އެގްޒިބިޝަންގައި ފެށި މި ފެއާ މި މަހުގެ ހަ ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ އެވެ.

މި ފެއާގައި ހުންނަވައި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ، ފެއާގައި މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުމުގެ މަސައްކަތް ވަރަށް ފުރިހަމައަށް ގެންދެވޭނެ ކަމުގެ އުންމީދު ކުރައްވާ ކަމަށެވެ. އެގޮތުން، ފެއާ ކުރިއަށް ދާ ކޮންމެ ދުވަހަކު ވިއްސަކަށް ބައްދަލުވުން އެމްއެމްޕީއާރްސީން އެކި ފަރާތްތަކާ އެކު ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތޮއްޔިބު ވިދާޅުވި ގޮތުގައި، އިނގިރޭސި ވިލާތުގެ ތޯމަސް ކުކް ބަނގުރޫޓުވި ފަހުން، މިއީ އާ އެޖެންޓުންނާ ބައްދަލު ކުރުމަށް ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ކުންފުނިތަކަށް ލިބޭ ވަރަށް މުހިއްމު ފުރުސަތަކެވެ.

"[ތޯމަސް ކުކް ބަނގުރޫޓު ވުން] ގެއްލުންތަކެއް ވި. އެކަމަކު އެ ވާހަކަ ދައްކައިގެން ތިބެވޭކަށް ނެތޭ. އެހެންވީމާ ކުރިއަށް ދިއުމަށް މަސައްކަތް ކުރަނީ. މި ދުވަސްވަރު ބަސް ސްޓޭންޑާއި ބަހުގައި ވެސް ލަންޑަންގައި އިސްތިހާރު ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ގިނަ މަސައްކަތްތަކެއް މި ފެއާގެ ތެރެއިން ކުރަމުންދާ އިރު ކުރިއަށް އޮތް އަހަރުތަކުގައި ވެސް ރާއްޖެ އިސްތިހާރު ކުރުމަށް އިތުރު ކަންކަން ރާވާނެ ކަމަށް ތޮއްޔިބު ވިދާޅުވި އެވެ.

މިއީ މި ފެއާގައި ރާއްޖެއިން ބައިވެރިވާ 35 ވަނަ ފަހަރެވެ. މި އަހަރުގެ މި ފެއާގައި އެކި ގައުމުތަކުން 5،000 މީހުން ބައިވެރިވެ އެވެ. އަދި، ޓޫރިޒަމާ ބެހޭ މާހިރުންނާއި ކުންފުނިތަކާއި ނޫސްވެރިންނާއި އައިޓީ ދާއިރާގެ ނުފޫޒު ގަދަ މީހުން ބައްދަލުވެ މުއާމަލާތް ކުރާނެ އެވެ.

ތިން ދުވަހަށް ކުރިއަށް ގެންދާ މި ފެއާގައި ޓޫރިޒަމް ދާއިރާގައި ރާއްޖޭގެ އެންމެ މަޝްހޫރު ކުންފުނިތަކުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި ވިލާ އާއި ޔުނިވާސަލް އާއި ޝެރެޓަން އާއި ބަޑޮސް އާއި ކްރައުން އެންޑް ޗަމްޕާ އާއި ކްރޮސްރޯޑްސް އާއި ރީތި ފަރު ރިސޯޓާއި އަދާރަން އާއި ޓްރިޕަލް އޭ ހޮޓެލްސްގެ އިތުރުން ކެޕިޓަލް ޓްރެވެލް އެންޑް ޓުއާޒް ފަދަ ކުންފުނިތައް ހިމެނެ އެވެ.

1 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 17%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސުނީ

05 November 2019

ޓޫރިޒަމްގެ އެންމެ ބޮޑު ފެއާއަކީ އައި ޓީ ބީ ފެޔާ.. ތިފެޔާ ތިބާވަނީވެސް އެންމެ ތިންދުވަހައް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454