މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު މިއަދު ކޯޓަށް ހާޒިރުވެވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ
11 ނޮވެމްބަރ 2019 - 10:59
ކުއާލަ ލަމްޕޫރު (ނޮވެމްބަރު 11) - މެލޭޝިއާގެ އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ކޮރަޕްޝަނާ ގުޅިގެން ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް ކުރާ ފުރަތަމަ ޝަރީއަތް ކުރިއަށް ގެންދެވޭ ވަރަށް ހެކި އެބަހުރި ކަމަށް ކުއާލަ ލަމްޕޫރުގެ ހައި ކޯޓުން މިއަދު ނިންމައިފި އެވެ.
އުމުރުން 66 އަހަރުގެ ނަޖީބުގެ މައްޗަށް ކުރާ ފުރަތަމަ ދައުވާއަކީ 1މެލޭޝިއަން ޑިވެލޮޕްމަންޓް ބަރުހާދު (1އެމްޑީބީ)ގެ ޔުނިޓެއް ކަމަށްވާ އެސްއާރްސީ އިންޓަނޭޝަނަލް އިން ނަޖީބުގެ އަމިއްލަ އެކައުންޓަށް 42 މިލިއަން ރިންގިޓް (10.1 މިލިއަން ޑޮލަރު) ޖަމާކުރި މައްސަލަ އެވެ. އެޕްރީލް މަހު ފެށި އެ ޝަރީއަތުގައި ނަޖީބުގެ މައްޗަށް ޕްރޮސެކިއުޓަރުން ވަނީ އޮގަސްޓް މަހު ހެކި ހުށަހަޅައި ނިންމައިފަ އެވެ. ޕްރޮސެކިއުޓަރުން އޭރު ބުނެފައި ވަނީ 1އެމްޑީބީގެ ކޮރަޕްޝަނުގެ މައްޗަށް ނަޖީބު ވެރިވެގެންފައި ވަނީ "އެމްޕެރާ"އެއްގެ ގޮތަށް ކަމަށެވެ.
ޝަރީއަތް ކުރިއަށް ގެންދެވޭނެތޯ މިއަދު ބޭއްވި އަޑުއެހުމަށް ނަޖީބު ވެސް ވަޑައިގެންނެވި އެވެ. ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ފަނޑިޔާރު ނިންމެވުމާ އެކު ނަޖީބު އިސްދަށަށް ޖެއްސެވި އެވެ.
މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު މިއަދު ކޯޓަށް ހާޒިރުވެވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ
އެސްއާރްސީ އިންޓަނޭޝަނަލްގެ މައްސަލައިގައި ނަޖީބުގެ މައްޗަށް ކުރާ ހަތް ދައުވާގެ ތެރޭގައި ހިމެނެނީ ކޮރަޕްޝަނުގެ ހަތަރު މައްސަލަ އާއި މަނީ ލޯންޑަރިންގެ ތިން މައްސަލަ އެވެ. ކޮރަޕްޝަނުގެ ކޮންމެ މައްސަލައެއް ސާބިތުވެއްޖެ ނަމަ 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. މަނީ ލޯންޑަރިންގެ ކޮންމެ މައްސަލެއް ސާބިތުވެއްޖެ ނަމަ 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
1އެމްޑީބީއާ ގުޅޭ އެހެން ދައުވާތަކެއް ވެސް ނަޖީބުގެ މައްޗަށް ކުރެ އެވެ. އޭގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު މައްސަލަ ކަމަށްވާ އެ ބޭންކުން ނަޖީބުގެ އެކައުންޓަށް 550 މިލިއަަން ޑޮލަރު ޖަމާކުރި މައްސަލައިގެ ޝަރީއަތް އޮގަސްޓް މަހު ވަނީ ފަށައިފަ އެވެ.
1އެމްޑީބީން ނަޖީބުގެ އަމިއްލަ އެކައުންޓަށް އެތައް މިލިއަން ޑޮލަރެއް ޖަމާކުރިކަން އޭނާގެ ވެރިކަމުގައި ފަޅާއެރުމުން އޭރުގެ އެޓާނީ ޖެނެރަލް ވަނީ އެއީ ސައުދީ ޝާހީ އާއިލާ އިން ދިން ހަދިޔާއެއް ކަމަށް ބުނެ ނަޖީބު ސަލާމަތްކޮށްދީފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މެއި މަހު ބޭއްވި އިންތިޚާބުން ނަޖީބަށް ނާކާމިޔާބުވުމާ ގުޅިގެން އާ ސަރުކާރުން ވަނީ 1އެމްޑީބީގެ ބޮޑު ޚިޔާނާތުގެ މައްސަލަތައް ބަލަން ފަށައިފަ އެވެ. އިންތިޚާބުން ނަޖީބަށް ނާކާމިޔާބުވި މައިގަނޑު ސަބަބަކީ ވެސް އޭނާގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ލަފާކުރަނީ 1އެމްޑީބީގެ ޚިޔާނާތް 4.5 ބިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy