މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ކޭޓީ އަދި ކަރަން.

13 ނޮވެމްބަރ 2019 - 07:06

އަންނަ މަހުގެ 6 ގައި ރިލީޒްކުރާ، ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ" ގެ ލަވަ "ދީމީ ދީމީ" ދައްކާލައިފި އެވެ.

މި ލަވަ އަކީ ޒުވާން ދެބެއިން ކަމަށްވާ ޓޯނީ ކައްކަރާއި އޭނާގެ ކޮއްކޮ ނޭހާ ކައްކަރު ކިޔައި މީގެ ކުރިން ވީޑިއޯ ލަވައެއްގެ ގޮތުގައި ގެނެސްދިން ވަރަށް މަގުބޫލްވެފައިވާ ލަވައެކެވެ. ވީޑިއޯ ލަވަ ކުޅުނީ ޓޯނީ އާއި ބަތަލާ ނޭޝާ ޝަރުމާ އެވެ.

"ޕަތީ ޕަތުނީ އޯރް ވޯ" ގައި މި ލަވަ ހިމަނައި، ވީޑިއޯ ލަވަ ދައްކައިލި އިރު މިއީ ވަރަށް ވެސް ކުލަ ގަދަ އަދި ޕާޓީ ސްޓައިލްގެ ފޯރިގަދަ ލަވައެކެވެ. ލަވައިން ފެނިގެން ދަނީ ފިލްމުގެ ތިން ތަރިން ކަމަށްވާ އަނަންޔާ ޕާންޑޭ އާއި ކާތިކް އާރިޔަންގެ އިތުރުން ބޫމީ ޕެޑްނޭކަރެވެ.

"ދީމީ ދީމީ" ލަވަ "ޕަތީ ޕަތުނީ އޯރް ވޯ" ގައި ހިމެނުމާ ބެހޭ ގޮތުން ފިލްމުގެ އެއް ޕްރޮޑިއުސަރު ޖޫނޯ ޗޯޕްޅާ ބުނީ އެ ލަވައަކީ ފިލްމާ ވަރަށް ގުޅޭ ކަހަލަ ލަވައަކަށްވުމުގެ އިތުރަށް އެއީ އޭނާގެ ފެވަރިޓެއް ކަމަށެވެ. އަދި ލަވައިގެ ރާގާއި ކިޔާފައި އިން ގޮތް ވެސް ވަރަށް ތަފާތު ކަމަށް ބުންޏެވެ.

"ޕަތީ ޕަތުނީ އޯރް ވޯ" އަކީ މުދައްސަރު އަޒީޒް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މިއީ ހަމަ މި ނަމުގައި 1978 ގައި ގެނެސްދިން ފިލްމުގެ ރިމެކެކެވެ.

"ދީމީ ދީމީ" ގެ އިތުރުން "ޕަތީ ޕަތުނީ އޯރް ވޯ" ގައި ވަނީ ގޯވިންދާގެ ވަރަށް ހިޓް ލަވައެއްގެ އާ ވާޝަނެއް ވެސް ހިމަނައިފަ އެވެ. އެއީ "އަކިންޔޯ ސޭ ގޯލޭ މާރޭ" އެވެ.

ކޭޓީ އަށް ކަރަންގެ ޕާޓީއެއް

އަންނަ ހޮނިހިރު ދުވަހު މުމްބާއީގައި ބާއްވާ މިއުޒިކް ފެސްޓިވަލެއްގައި ބައިވެރިވާ އެމެރިކާގެ ލަވަކިޔުންތެރިޔާ ކޭޓީ ޕެރީގެ ޝަރަފުގައި، ބޮލީވުޑްގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރު ހާއްސަ ޕާޓީއެއް ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ޕާޓީގެ ބޮލީވުޑްގެ އޭ-ލިސްޓް ފަންނާނުން ބައިވެރިވާނެ އެވެ. ކޭޓީ އިންޑިއާ އަށް ކޮންސަޓަކަށްދާކަން އިއުލާންކުރީ މިދިޔަ މަހުގެ އޮގަސްޓް މަހުގެ ފަހުކޮޅު އެވެ.

އޭނާ ޕަފޯމްކުރަން ހަމަޖެހިފައި ވަނީ ޗައިނާގެ ޓެކް ކުންފުނި ވަންޕްލަސް އިން އެ ކުންފުނީގެ އެންމެ ފަހުގެ ފޯނު ވަންޕްލަސް 6ޓީ ލޯންޗްކުރުމާ އެކު ފަށާ "ވަންޕްލަސް މިއުޒިކް ފެސްޓިވަލް" ގެ އޯޕަނިންގަ އެވެ. މި ފެސްޓިވަލް ވާނީ ކޭޓީ މުމްބާއީގައި ޕަފޯމްކުރާ ފުރަތަމަ ފަހަރަށެވެ.

ދެހާސް ސަތާރަ ވަނަ އަހަރު އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝީރަން އިންޑިއާގައި ބޭއްވި ޝޯއާ ދިމާކޮށް، ޑައިރެކްޓަރު ފަރާ ޚާން ވެސް ވަރުގަދަ ޕާޓީއެއް ބޭއްވި އެވެ.

މި ފަހަރު "މުއްނާ ބަދުނާމް ހުއާ"

ދެެހާސް ދިހަ ވަނަ އަހަރު ރިލީޒްކުރި ސަލްމާން ޚާންގެ "ދަބަންގް" ގެ އައިޓަމް ވަލަ "މުންނީ ބަދުނާމް ހުއީ" އަކީ ވަރަށް ބޮޑަށް މަޝްހޫރުވި ލަވައެކެވެ. އެ ލަވައިން ފެނިގެން ދިޔައީ ސަލްމާނާއި އޭރު އޭނާގެ ފަހަރު މަލައިކާ އަރޯރާ އެވެ.

"ދަބަންގް" ސީރީޒްގެ ތިން ވަނަ ފިލްމު އަންނަ މަހުގެ 20 ގައި ރިލީޒްކުރާ މި ފަހަރު ވެސް ފިލްމުގައި ވަނީ ފޯރިގަދަ އައިޓަމް ލަވައެއް ހިމަނައިފަ އެވެ. މި ފަހަރު "މުންނާ ބަދުނާމް ހުއާ" އެވެ. ލަވައިގެ އޯޑިއޯ ވެސް މިހާރު އެހުންތެރިންނަށް ދޫކޮށްލާފައިވާ އިރު، މި ލަވަ ކިޔާފައި ވަނީ ބާދްޝާ އާއި ކަމަލް ޚާނާއި ކުރީގެ ލަވައިގެ އަޑުގެ ވެރިޔާ މަމްތާ ޝަރުމާ އެވެ.

މި ފަހަރު ލަވައިން ސަލްމާނާ އެކު ފެންނާނެ ކަމަށް ބެލެވެނީ އޭނާ މިދިޔަ އަހަރު ޕްރޮޑިއުސްކުރި ފިލްމު "ލަވްޔާތުރީ" އިން ތައާރަފުކުރި ބަތަލާ ވަރީނާ ހުސައިނެވެ.

ދެ ސަސްޕެންސް ތުރިލާ ހަދަން މަނީޝް އަށް

"ރަހަސިއާ" އާއި "ހޮސްޓެކް" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު މަނީޝް ގުޕްތާ ދެ ސަސްޕެންސް ތުރިލާ ހަދަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އޭނާ ލައްވައި ދެ ފިލްމު ޑައިރެކްޓްކުރުވަނީ "އާރް...ރާޖްކުމާރް" އާއި "ޓޭބަލް ނަމްބާ 21" ގެ އިތުރުން "ފޯބިއާ" ފަދަ ފިލްމުތައް ގެނެސްދިން ޕްރޮޑިއުސަރު ވިކީ ރަޖާނީ އެވެ. އޭނާގެ އާ ފިލްމުތައް ގެނެސްދޭން ނިންމާފައި ވަނީ އަލަށް އުފެއްދި އަމިއްލަ ފިލްމު ކުންފުނި ފެއިތު ފިލްމްސްގެ ދަށުންނެވެ.

ނަމަވެސް މަނީޝް ޑައިރެކްޓްކުރާ ފިލްމުތަކާ ބެހޭ ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454