12 ނޮވެމްބަރ 2019 - 10:49
ދުންފަތުން ސިއްހަތައް ލިބޭ ގެއްލުމާއި އޭގެ ސަބަބުން ޖެހޭ ނުރައްކާތެރި ބަލިތަކުން ހަށިގަނޑަށް ކުރާ އަސަރުތައް ދައްކައިދޭ އަސްލު ފޮޓޯ ޖެހި ސިނގިރޭޓް ފޮށިތައް ރާއްޖޭގައި ވިއްކަން ފަށައިފި އެވެ.
ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވާއިދުގައިވާ ގޮތުން އަންނަ މަހުން ފެށިގެން ރާއްޖޭގައި ސިނގިރޭޓް ވިއްކޭނީ އިންޒާރުގެ މަންޒަރުތައް ޖަހައިގެންނެވެ. އަދި މިދިޔަ އޮގަސްޓުން ފެށިގެން ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖެ އަށް އެތެރެކުރެވޭނީ އިންޒާރުގެ މަންޒަރުތައް ޖަހައިގެންނެވެ. އޭގެ ފަހުން އެތެރެކޮށްފައިވާ ސިނގިރޭޓްތައް މިހާރު ވިއްކަމުން ދަނީ އިންޒާރުގެ ފޮޓޯއާއެކު އެވެ.
އެ ގަވައިދު ތަންފީޒު ކުރުމުގެ ކުރިން ވަކި ސިނގިރޭޓް ވިއްކުން ވަނީ ރާއްޖޭގައި މަނާކޮށްފަ އެވެ. އެހެންވެ އެންމެ މަދުން ވެސް ސިނގިރޭޓް ގަނެވޭނީ ފޮއްޓެއް ގަނެގެންނެވެ.
Inzaaru ge manzaru nujahai dhunfathuge baavaiythah ethere kurun manaa koffi
The most trusted news source in the Maldives
Mihaaru
އިންޒާރުގެ މަންޒަރު ނުޖަހާ ދުންފަތް އެތެރެކުރުން މަނާކުރުން--
އެހެން ބައެއް ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ވިއްކާ ސިނގިރޭޓް ފޮށިތަކުގެ ބޭރުގައި ބޮޑުކޮށް އިންޒާރުގެ ފޮޓޯ ޖަހާފައި ހުރެ އެވެ. ކުރިން ހުންނަނީ އިންޒާރުގެ ލިޔުން އެކަންޏެވެ. އެގޮތުން ސިނގިރޭޓް ބުއިމުގެ ސަބަބުން މަރުވެފައިވާ މީހެއްގެ ފުއްޕާމޭގެ ފޮޓޯތަކެއް ބައެއް ފޮށިތަކުން ފެންނައިރު އަނެއް ބައި ފޮށިތަކުން ފެންނަނީ އަނގައިގެ ކެންސަރު ޖެހިފައިވާ މީހެއްގެ ފޮޓޯ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޑެޕިއުޓީ ޑިރެކްޓަރު އަދި ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ ތަރުޖަމާނު ހަސަން މުހައްމަދު މިއަދު ވިދާޅުވީ އެފަދަ ފޮށިތައް ވިއްކަން ފެށުމާއެކު ސިނގިރޭޓް ގަންނަ މީހުން ކުރިއާބަލާއިރު މަދުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ނަމަވެސް އެކަމުގެ ތަފްސީލީ ޖަވާބެއް ލިބޭނީ އެކަމާ ގުޅޭގޮތުން އަންނަ އަހަރު ހަދާ ދިރާސާއަކަށް ފަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންޒާރު ފޮޓޯ އިންނާތީ ގިނަ މީހުން އެ ހިފައިގެން އުޅެން ބޭނުމެއް ނުވޭ. ކޮފީ މޭޒުތައް މަތީ ބާއްވައިގެން ދައްކަން ބޭނުމެއް ނުވޭ. އެކަހަލަ އަސަރުތަކެއް އެބަ ކުރޭ މިހާރު ވެސް،" ހަސަން ވިދާޅުވި އެވެ.
"ފިހާރަ، ކެފޭތަކުގައި ވެސް ޑިސްޕްލޭ ކުރަން މިހާރު ވަރަށް ބޭނުން ނުވޭ އެ ފޮޓޯގެ ސަބަބުން. އަދި އެ ފޮޓޯ ފެންނާނީ އެހެން މީހުން ވެސް ސިނގިރޭޓް ބޯ މީހުން ކައިރީ ބުނަން ފަށައިފި އެކަން ނުކުރަން."
މިހާރު ވެސް ސިނގިރޭޓް ބުއިން ހުއްޓާލަން ބޭނުން ވެގެން ގިނަ ބަޔަކު އެދެމުން އަންނަ ކަމަށާއި އުސޫލުތައް ތަންފީޒު ކުރާތާ ދުވަސްކޮޅެއް ފަހުން އޭގެ ހެޔޮ ނަތީޖާ ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ބޯޑުގެ ވައިސް ޗެއާޕާސަން ޑރ. އާމިނަތު އަރޫނާ ވިދާޅުވިގޮތުގައި ގަވާއިދުގެ ދަށުން ހުރިހާ އުމުރުފުރައަކަށް ވެސް ތަންފީޒުވެގެންދާ އެންމެ މުހިއްމު ފިޔަވަޅަކީ ސިނގިރޭޓު ފޮށީގެ ބޭރުގައި ގްރެފިކް ހެލްތު ވޯނިން ޖެހުމެވެ. އެއީ، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާއި ނުކުރާ މީހުންނަށް ފައިދާވާ ކަމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ދުންފަތުން ކެންސަރު ޖެހެއޭ ބުންޏަސް ބައެއް މީހުން ގަބޫލެއް ނުކުރޭ. އެކަމަކު ސިނގިރެޓް ފޮށީގެ ބޭރުގައި މި މަންޒަރުތައް ޖަހައިގެން ވިއްކަން ފެށީމަ ހަގީގީ މައުލޫމާތު ލިބޭނެ، ދުންފަތުން ތިމަންނަ އަށް މި ލިބެނީ އެ ގެއްލުންތައް ކަން ވެސް އެނގޭނެ،" އަރޫނާ ވިދާޅުވި އެވެ.
އެޗްޕީއޭ އިން އާއްމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި އަހަރަކު ގާތްގަނޑަކަށް 84 ޕަސެންޓް މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގަ އެވެ. އާސަންދައިގެ ތަފާސްހިސާބުތަކަށް ބަލާއިރު ވެސް އެންމެ ގިނައިން ހަރަދުކޮށްފައިވާ ހަތް ބައްޔަކީ ދުންފަތުގެ އިސްތިއުމާލުކުރުމާ ގުޅުން ހުރި ބަލިތަކެކެވެ. އޭގެ ތެރޭގައި ފުއްޕާމޭގެ ބަލިތަކާއި ކެންސަރު ހިމެނެ އެވެ
ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެ އަށް އެވްރެޖްކޮށް އަހަރަކު 462 މިލިއަން ސިނގިރޭޓް އެތެރެކުރެ އެވެ. އަންނަ އަހަރުން ފެށިގެން ސިނގިރޭޓުން ނަގާ ޓެކްސް އަނެއްކާވެސް ބޮޑުކުރަން ސަރުކާރުން ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާސިމު
13 November 2019
ދުންފަތް ފަދަ ތަކެތި ރާއްޖެ އެތެރެ ނުކުރަންވީ
އެންޒި
13 November 2019
ކޮން ކަމަކާ އަޅާގަނެގެން އުޅޭކަށް؟؟ ގައުމު ތަރައްގީކޮއް އިސްލާހު ކުރަންޖެހޭ ކަންތައް ތަށް ރަނގަޅު ކޮއްބަލަ! މިނޫން އެހެން ކަމެއް ނުފެނުނީބާ؟؟
ޖޯޖް
13 November 2019
ބުރޯ އެގައުމެއްގަ ރައްޔިތުން ނެތި ކުރެވޭނީ ކޮން ތަރައްގީއެއް އެގައުމުގެ ރައްޔިތުން ސަލާމަތުން ތިބެގެން ދޯއެހެން ކަމެއް ކުރެވޭނީ
ށަނާ
12 November 2019
ކޮންމެ ފޮޓޮއެއް ޖެހިޔަސް މި ވިއްކަނީ ކީއްކުރަންތަ؟ ބޯގޯސް ވާހަކަ މިދައްކަނީ. ވިއްކަންޏާ ގަންނާނެ.
ވެރިން
12 November 2019
ކުޑަ ދުވަސްކޮޅަކުން ތިފޮޓޯ އަށް ހޭނިދާނެ،އިހުލާސްތެރިކަމެއް ހުރެ ރައްޔިތުން ނަށް ހެވެއް އެދިގެންއެދިގެން ކުރާކަމެއްނަމަ އެތެރެކުރުން ހުއްޓާލަން ވީނޫން.އެކަމަކު މިފަހަރުވެސް ބަޖެޓުގަ 1ރުފިޔާ ބޮޑުކޮށްފަ އެލާރިހިމަނާފަވީ.ހުއްޓުވަން މަސައްކަތްމަސައްކަތްކުރަނީ އޭކިޔާފަ ލޮލުގަ އަދުން އަޅުވަނީ
ފަހުލަވާނު
12 November 2019
ދުންފަތް ވިއްކައިގެން ލިބޭ ފައިދާގެ 50% ޓެކުސްގެ ގޮތުގަ ނަގާ އާސަންދަ ހިންގަން، ތިޔަކަހަލަ 10 ފޮޓޯ ހުއްޓަކަސް މާކަ ބޮޑު އަސަރެއް ނުކުރާނެ، ޑިއުޓީ އަދިވެސް ބޮޑުކުރޭ އިތުރު 100%، އޭރުން ކޮންމެވެސް ވަރަކަށް މަދުވެދާނެ، އަދި ދެކުނާއި އުތުރުގައިވާ ބަނދަރު ތަކުން ލިބޭ ޑިއުޓީ ފްރީ 10% ސިނގިރެޓަށް ނުލިބޭ ގޮތް ހަދާ، މިހާރުވެސް މި ގެންނަހާ ސިގިރެޓު ތައް ކްލިއާ ކުރަނީ މި 2 ބަނދަރުން ފްރީ 10% ހޯދައިގެން، މިކަން ހުއްޓުވާ،
ހޮޓްކިންގ
12 November 2019
މިހާރުވެސް ވަކި ސިނގިރޭޓް ވިއްކާ ތަންތަނުން ހުއްޓުމެއްނެތި އެބަ ވިއްކާ. އެކަން ބަލާފައި ފިޔަވަޅެއް އަޅާ މީހަކު ނެތް. ސިނގިރޭޓް ފޮށީގައި ހުރި ފޮޓޯއަށް ބަލައިގެން ހައްލުވޭތޯ ތިބީ.
އިބޫ ހުޅުމާލެ
12 November 2019
ސިގެރޭޓް ބޯމީހުން ފޮޓޯމަތީގައި ގަނޑުކޮޅެއްޖަހައިގެން އުޅެނީ
އުއްމީދު ފެނަށް
12 November 2019
ސިގިރެޓް މާކެޓިންގ ގައި ސަރުކާރުން ރަސްމީކޮށް ބައިވެރިވުން. މިކަމުގެ ސިއްރަކީ ކޮބާ؟
ނގ
12 November 2019
މަގުމަތީ ސިނގިރޭޓު ބުއިން ހުއްޓުވާދީި....މާބަނޑު މީހުންނާއި ކުޑަކުދިން އެދުމުތެެރޭ މިއުޅެންޖެހެނީ. ނޫސްވެރިންވެސް މިކަމަށް މަސައްކަތްކޮށްދީ...އާދޭސް
ޔާގޫތު
12 November 2019
މަގުމަތި ނޫން ކޮންތަނެއްތަ އޮތީ ސިނގިރެޓު ބޯން. މަގުމައްޗަށް ނިކުމެއްޖިއްޔާ މޫނަށް ވެހިކަލެއްގެ ސައިލެންސަރެއް އަމާޒުވެފަ ނުހުންނަ ވަގުތެއްވެސް މަދުވާނެ، އެކަމަކު އެކަންވެސް ކިހިނެއް ހުއްޓުވާނީ.
ކަޅުކަޅު ދޮނޭ
12 November 2019
ތި ފޮޓޯގައި މިވަގުތު އާއްމު ވެފައިވާ ވައްތަރު 90% ވިކުން މަދުވެއްޖެ.. އެކަމަކު މިފަދަ އަނިޔާވެރި މަންޒަރުތައް އާއްމުވުން، އާދައިގެ ކަމަކަށް ވަނީނަމަ މިހާރުވެސް ހަލާކު ވަމުންދާ މިޖުތަމައުން އިތުރަށް ބިރުކެނޑި އެއިގެ ސަބަބުން ނުކުމެދާނެ ނުރަނގަޅު ނަތީޖާއަކަށް ވެސް ދުރާލާ ވިސްނުން ބުއްދިވެރި..
އޮޕީނިއަން
12 November 2019
މިއީ މީހަކަށް އަނިޔާކޮށްފަވާ މަންޒަރެއް ކަމަކަށް ނުފެނޭ.. އެކަމަކު މިއަށްވުރެ މާ އަނިޔާވެރި މަންޒަރުތަށް ފިލްމްތަކުންނާ ސީރީސް ތަކުން މިދިވެހިރާއްޖޭގެ ކިތަންމެ ބަޔަކު ބަލާ.. އޭގެ ތެރޭގައި މިފަދަ މަންޒަރުތަށްފެނި އަސަރު ނުކުރާ ކިތަންމެ ބަޔަކު އުޅޭ،، އެކަމަކު އަމަލީގޮތުން އެފަދަ ކަމެއްކުރެވޭވަރުގެ ކެރުމެއް އެއިން ކޮންމެ މީހެއްގެ ނުހުރޭ.. އެފަދަ ބުރުވެރިކަން ހިތުގައި ނުހުންނަ މީހުން މިފަދަ މަންޒަރުތަށް ފެނުނަސް ނުފެނުނަސް ބިރެއް ނުހުންނާނެ...