17 ނޮވެމްބަރ 2019 - 09:30
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތީ، އިގްތިސާދީ މުހިންމު ވައުދުތަކަކާ އެކުގަ އެވެ. އެމްޑީޕީގެ "ނޫ އިގްތިސާދު" ގެ ދަށުން ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ދަރަނި ހަމަ މަގަށް އެޅުވުމަކީ މި ސަރުކާރުގެ އެއް އަސާސް ކަމަށް އޭރު ވިދާޅުވެފައިވެ އެވެ.
ގައުމުގެ މުއްސަދިކަން އިންސާފުވެރިކަމާ އެކު ބެހިގެންދާނެ ގޮތްތައް ފަހިކުރުމާއި މާލީ ނިޒާމަށް އިތުބާރު އުފެއްދުމަކީ ވެސް މި ސަރުކާރުގެ ވައުދެކެވެ. މިއަދު ސަރުކާރަށް އަހަރެއް ފުރުނު އިރު މި ވައުދު އޮތީ ކިހާ ހިސާބެއްގައި ހެއްޔެވެ؟
ދަރަނި ހަމަ މަގަށް ގެންނަން ސަރުކާރުން މަސައްކަތްކުރާ ކަމަށް ބުނި ނަމަވެސް މިއަހަރު ނިމޭ އިރު ދައުލަތުގެ ދަރަނި މިދިޔަ އަހަރަށް ވުރެ ގާތްގަނޑަކަށް ހަ ބިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ. މި އަހަރު ނިމޭ އިރު ދައުލަތުގެ ދަރަނި 52 ބިލިއަނަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. އަދި ދައުލަތުން ނަގާފައިވާ ލޯނާއި ގެރެންޓީއާ އެކު އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރީ 75 ޕަސެންޓުގަ އެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ މިންގަނޑާއި ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގައިވާ ގޮތުން ރާއްޖޭގެ ދަރަނީގެ ނިސްބަތް ހުންނަންޖެހޭނީ އުފެއްދުންތެރިކަމުގެ ނިސްބަތުން 60 ޕަސެންޓަށް ވުރެ ދަށުގަ އެވެ. ނަމަވެސް މިހާރު އެ ނިސްބަތް މިވަނީ ފަހަނައަޅައި ގޮސްފަ އެވެ.
ދަރަނި ބޮޑުވުމުގެ މައިގަނޑު އެއް ސަބަބަކީ އެތެރޭގެ ދަރަނި ތިން ބިލިއަން އިތުރުވެ، ބޭރުގެ ދަރަނި ވެސް ތިން ބިލިއަން ރުފިޔާ އިތުރުވުމެވެ. މީގެ ތެރެއިން ބޭރުގެ ދަރަނި އެހާ ބޮޑުވެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަށް ނަގާފައިވާ ލޯނުތަކުގެ ސަބަބުންނާއި، މިއަހަރު ތެރޭ ބާރު މިނެއްގައި ހިންގުމަށް ހަމަޖެހިފައިވާ ބިން ހިއްކުމުގެ މަޝްރޫތަކަށް ނެގުމަށް ހަމަޖެހިފައިވާ ލޯނުގެ ސަބަބުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
މިއަހަރު ނިމުނު އިރު، ދަރަނި އަނބުރާ ދެއްކުމަށް ތިން ބިލިއަން ރުފިޔާ ހަރަދުވާ އިރު މިއީ ދައުލަތުގެ އާމްދަނީގެ 14 ޕަސެންޓެވެ. ބަޖެޓް ކޮމިޓީގައި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވި ގޮތުގައި އަހަރުން އަހަރަށް ދައުލަތުގެ ދަރަނި އުފުލެނީ ދައުލަތަށް ލިބޭ އާމްދަނީ އަށް ވުރެ އިތުރަށް ރާއްޖެ އަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ހަރަދު ކުރަން ޖެހުމުގެ ސަބަބުންނެވެ. މީގެ އިތުރުން ބަޖެޓުގައި ހުށަހަޅާ އާމްދަނީ އަހަރު ނިމޭ އިރު ނުލިބުމާއި ކޭޝްފްލޯ ޕްލޭނާއި އެއްގޮތަށް ބަޖެޓުގައި ލިބޭނެ ކަމަށް ލަފާ ކުރާ ފައިސާ ނުލިބުން ކަމަށް އޭނާ ވިދާޅުވި އެވެ.
ދަރަނި އިތުރުވުމުގެ ސަބަބުން ދައުލަތަށް ބޮޑެތި އުނދަގޫތަކަށް ކުރިމަތިވެ އެވެ. އެގޮތުން ރީފައިނޭންސިން ރިސްކު ބޮޑުވެ އެވެ. ރީފައިނޭންސިން ރިސްކަކީ ދަރަނި ރޯލްއޯވާ ކުރަންޖެހޭ އިރު އާދަޔާ ހިލާފަށް އަގުބޮޑުކޮށް ރޯލްއޯވާ ކުރަންޖެހުމުގެ ބިރު އުފެދުމެވެ. މިކަން ކުރިމަތިވުމުން ދައުލަތުގެ ބަޖެޓުން ބޮޑު އަދަދެއް ދަރަނި ހަލާސްކުރުމަށް ދައްކަން ޖެހެ އެވެ. މިހެން ވުމުގެ ސަބަބުން ބަޖެޓުގެ ތެރެއިން ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގުމަށް ހުންނަ ފައިސާ މަދުވެ އެވެ.
އޮޑިޓް އޮފީހުން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ތިން އަހަރު ދައުލަތުން ދަރަންޏަށް 19 ބިލިއަން ރުފިޔާ އަނބުރާ ދައްކަން ޖެހެ އެވެ. މީގެ އިތުރުން ކުރިއަށް އޮތްތަނުގައި ބޭރުގެ ދަރަނި އިތުރުވާ ނަމަ އެކްސްޗޭންޖު ރޭޓް ރިސްކު ބޮޑުވުން ވެސް އެކަށީގެންވެ އެވެ. އެކްސްޗޭންޖް ރޭޓް ރިސްކަކީ އެކްސްޗޭންޖު ރޭޓަށް އަންނަ ބަދަލެއްގެ ސަބަބުން ދަރަނީގެ ހަރަދު އިތުރުވެގެން ހިނގައިދާނެ ކަމުގެ ރިސްކެވެ. މިކަން މިހެން ވުމުން ދަރަންޏަށް ދައްކަން ޖެހޭ ފައިސާ އިތުރަށް ބޮޑުވެފަ އެވެ.
މިދިޔަ އަހަރުގެ ބަޖެޓުގައި ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ 6.8 ޕަސެންޓަށެވެ. ނަމަވެސް މިއަހަރު ނިމޭ އިރު އެ އަދަދު ހުންނާނެ ކަމަށް ބަޖެޓުގައި ކަނޑައަޅާފައިވަނީ 5.7 ޕަސެންޓުގަ އެވެ. މިދިޔަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ހުރީ 6.9 ޕަސެންޓުގަ އެވެ.
އިގްތިސާދީ ދުވެލި އެހާ ބޮޑަށް ދަށްވެފައިވަނީ ސަރުކާރުން ކުރިއަށް ގެންދިޔަ ބޮޑެތި ގިނަ މަޝްރޫއުތަކެއް މިދިޔަ އަހަރު ނިމި، މިއަހަރުގައި އިމާރާތް ކުރުމުގެ ދާއިރާއަށް ބޮޑު ހީނަރުކަމެއް ކުރިމަތިވުމުންނެވެ. މިދިޔަ އަހަރު އިމާރާތް ކުރުމުގެ ދާއިރާ ވަނީ 12 ޕަސެންޓް ކުރިއަރާފަ އެވެ. ނަމަވެސް، އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނު ކަމުގައިވާ ލަކުޑި އާއި ދަގަނޑާއި ސިމެންތި އާއި ހިލަ ފަދަ ތަކެތި އިމްޕޯޓުކުރި މިންވަރު މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް، މިދިޔަ އަހަރަށް ވުރެ 20 ޕަސެންޓް ވަނީ ދަށްވެފަ އެވެ.
އިމާރާތް ކުރުމުގެ ދާއިރާ ވަރަށް ބޮޑަށް ވެއްޓުނު ނަމަވެސް ޓޫރިޒަމް ދާއިރާ މިދިޔަ އަހަރަށް ވުރެ 16 ޕަސެންޓު ވަނީ ކުރިއަރައިފަ އެވެ. މި އަހަރު ރާއްޖެ އަށް 1.5 މިލިއަން ޓޫރިސްޓުން ގެންނަ އަމާޒު ހިފާފައި ވާއިރު މި މަހު ފަހު ހަފުތާގައި އެކަން ފުރިހަމަވާނެ ކަމަށް ބެލެވެ އެވެ.
މިދިޔަ އަހަރު މާލީ މާބޮޑު ކުރިއެރުމެއް ނެތް ނަމަވެސް، މި ސަރުކާރުގެ ފުރަތަމަ އަހަރުގައި މި ވޭދިޔަ އަހަރުތަކަށް ވުރެ ބޮޑަށް މާލީ މައުލޫމާތުތައް ހާމަކަން ބޮޑުގޮތެއްގައި އަންނަނީ ހިއްސާކުރަމުންނެވެ. ކޮންމެ ހަފުތާއަކު ހާމަކުރާ މާލީ މައުލޫމާތުތަކާއި ކޮންމެ މަހެއްގެ އިތުރުން ކޮންމެ ތިން މަހަކުން ވެސް މާލީ ގިނަ މައުލޫމާތުތަކެއް އަންނަނީ ހާމަކުރަމުންނެވެ. މިއާ އެކު އާންމުންނަށް ދައުލަތުގެ މާލީ ހާލަތު ވަޒަން ކޮށް، އެކަންކަމާ މެދު ހިޔާލު ފާޅު ކުރުމަށް ފުރުސަތު ބޮޑުވެގެންދިޔަ އެވެ.
މިއަހަރު އިންކަމް ޓެކްސްގެ ބިލް މަޖިލީހަށް ފޮނުވާފައިވާ އިރު މިނިމަމް ވޭޖުގެ މަސައްކަތް ވެސް އަންނަނީ މަޖިލީހުގެ ތެރެއިން ކުރަމުންނެވެ. މިކަންކަން ކުރުމުން އާމްދަނީގެ ފަރަގުތައް ކުޑަކުރެވި، އިގްތިސާދަށް ރަނގަޅު މަންފާތަޖެއް ކުރާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް ދަރަނި ކުޑަކޮށް، އެންމެ ފުރިހަމައަށް ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅަން ވަނީ ޖެހިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަސީމު
18 November 2019
އެހެންވިއްޔާ ސަތޭކަޔަކުން ސަތޭކަފަންސާސް ސަރުކާރަށްދީ ވާވާ ރައްޔިތުން އަތާ ފައިވެސް ޖަހަންވީނު....
މުރާސިލް
17 November 2019
ތިޔަ ދަރަނި ދުވަހަކުވެސް މިސަރުކާރުގަ ހަމައަކަށް ނޭޅުވޭނެއެވެ. ޕާޓީގެ އެކްޓީވިސްޓުންނަށް ބޮޑު މުސާރަދޭން ކުންފުނިތަކާއި ވަޒީފާތައް އުފައްދާ ޚަރަދު އިންތިޚާއަށް އިތުރުކުރަމުންދާ އިރު ، އާމްދަނީ އިތުރުުރެވޭނެ އެއްވެސް މަގެއް ނުހޯދާ އުޅޭ އިރު ދެން ދަރަނި ހަމަ އަކަށް އެޅޭނެ ގޮތެއް ނޯންނާނެއެވެ. މި މިސްރާބުގައި ގޮސްގެން ޤަޢުމުވާނީ ބޭންކްރޮޕްޓެވެ. ފިނޭންސް މިނިސްޓަކު ހަމަ ޖެހޭ ވާހަކަ ދައްކަވާށެވެ.
ސަންޕަދަރި
17 November 2019
ދަރަންޏެއް އެބަ އޮތްތަ? ކޮންތާކު އޮތީ ތިޔައެތިވަރު. އޮތިއްޔާ ތިޔައީ ނުބައެއް. މިސަރުކާރަކުން ލޯނެއް ނުނަގާނެ, މިސަރުކާރަކުން ކޮންކްރިޓް އިމާރާތެއް އަދި ބުރިޖެއްވެސް އެހެން ކަމަކަކަށްވެސް ކޮންކްރިޓް ބޭނުން ނުކުރާނެ. މިސަރުކާރުން އަތެއްނުބާނާނެ. މިސަރުކާރުން އާސަންދަވެސް ގެއަށް ވަޑައި ގަންނަވާނީ އާދޭސް ކުރަން ބޭނުންކޮށް ހުސްކުރާށޭ ކިޔަން.
ހޮޓްކިންގ
17 November 2019
މަގެއްގައި ރޮނގެއް ދެމުން. ތަނެއްގެ ނަންބޯޑް ބަދަލު ކުރުން އަހަރެމެން ނުކިޔަން އެއީ ތަރައްގިއޭ. ގައުމެއް ތަރައްގީވެ ކުރިއަރާނީ އިގްތިޞާދު ވަރުގަދަވެގެން. ހަމަ އެކަނި މިއަހަރަށް ބެލިއަސް އެބައިނގޭ މިދަނީ ފަހަތަށްކަން. ދެން ވިސްނާ މިދާނޭޓުން ދާނަމަ 5 އަހަރުން 30 ބިލިއަން ރުފިޔާ ދަރަނި އިތުރުވާނެ. އަދި އެއްވެސް ކޮޅެއް ނުފެނޭ ދަރަނި ކުޑަވާނެ. ގައުމުގެ ރިޒާވްވެސް ދަނީ ދަށަށް.
ދޮންރީތި
17 November 2019
ވެރިމީހާއަށް އިގްތިސާދީ ފިކުރުނެތް އިލްމެއްނެތްމީހަކަށް އިގްތިސާދީ ރިސާޗުތަކާ ރިޕޯރޓުތަށް މިނެކިރާލާ ދިރާސާކޮށްލެވޭނެ ވަރެއްވެސް ނޭގެންޔާ ދެންތިބި މީހުން ހަމަ މަގަށް އަޅުވާކަށްނޭނގޭ ނޫންތޯ ވިސްނާ ފިކުރުކުރޭ މިއީ ހިތާމަވެރިކަމެއް
ގަޓް ބްރޯ
17 November 2019
އަހަރު ކީއްކުރަން 5 އަހަރުވިޔަސް ދަރަނި ހަމަޔަކަށް އެޅޭނީ ކިހިނެއް؟ ކުރީގެ ސަރުކާރުން ކެއީ ހަމައެއް ލަމައެއް ބަލައިގެނެއްނޫން. "ފައިސާމީނު" ދުވާލަކު ދިހަ ބާރަ މިލިއަން ދިޔައީ އަމިއްލަ އެކައުންޓަށް ކަހަމުން. މާލޭން ރަނުގެ އަގުގަ ބޮޑު ބިމެއްގަނެ 17 ބުރީގެ ގެއެއް ހިއްލާލައިފި. މިހާރުވާ އެބަ ވާނުވާ އެނގޭތާ!
އެންދެރި
17 November 2019
ދަރަނި އަދާކުރުމަށް ކުރެވޭ އެއް ކަމަކީ ދުވާލަކު ސަތޭކަ ވަރަކަށް ސައިކަލުގަ ސްޓިކާ ޖަހާ އަދި އުޅަނދު ޓޯ ކުރުމެވެ. ބޮޑު ފައިދާ އެއް ލިބެއެވެ. ޕްރައިވެޓްކާރުގަ އަދި ބޮޑެތި ވެހިކަލްގަ ސްޓިކާ ޖަހާ ތަނެއް ނުފެނެއެވެ.
ގާސިމު
17 November 2019
ކެންދޫދާއިރާގެ މެމްބަރު އަލީ ހުސޭނު އިސްތިއުފާ
ގާސިމު
17 November 2019
ބޮލާފޮށާ ނޭޅެނީސް އަވަހައް ފައިބާ
މިއަދު
17 November 2019
މިއަހަރު ތެރޭ ބާރު މިނެއްގައި ހިންގުމަށް ހަމަޖެހިފައިވާ ބިން ހިއްކުމުގެ މަޝްރޫތަކަށް ނެގުމަށް ހަމަޖެހިފައިވާ ލޯނުގެ ސަބަބުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. މިއީ ކޮންތަނެއްގައި ކުރާކަމެއްބާ ކާކަށް ފެންނަނީ ދަރަނިބޮޑުވަނީ ބައިކުދިންނަށް ދޭމިންވަރު ގިނަވާތީ
ކޮރަލް
17 November 2019
އެއްހާސް މީހުން އުޅޭ ރަށްރަށް ހިއްކުމުގެ ބޭނުމެއް ނެތެވެ.