މިއަދުގެ ކޮންފަރެންސްގައި ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (ވ) އާއި ޗަމްޕާ ހުސެން އަފީފް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
28 ސެޕްޓެމްބަރ 2016 - 12:44
ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް ގެންގުޅޭ އުސޫލު ބަދަލުކޮށް، ޑޭޓާ އަށް ބަރޯސާވެގެން އިޝްތިހާރު ކުރާނެ ގޮތްތައް ހޯދުމަށް ދާއިރާގެ އިސްވެރިން މިއަދު ފުރަތަމަ ފަހަރަށް ބައްދަލުކުރައްވަން ފައްޓަވައިފި އެވެ.
އިއްޔެ ފާހަގަކުރި ދުނިޔޭގެ ޓޫރިޒަމް ދުވަހާ ގުޅުވައިގެން ބާއްވާ "ޑެސްޓިނޭޝަން މާކެޓިން އެންޑް ޕްރޮމޯޝަން ކޮންފަރެންސް" ގައި ބައިވެރި ވަނީ ޓޫރިޒަމް އިޝްތިހާރު ކުރުމުގައި އުޅޭ ފަރާތްތަކާއި ރިސޯޓުތަކުގެ އިސްވެރިންނެވެ. މި ދާއިރާ އިން މިހާތަނަށް ބާއްވާ އެންމެ ބޮޑު ކޮންފަރެންސްގައި، ތަފާސްހިސާބުގެ މައްޗަށް ބިނާކޮށް ދިރާސާކޮށްގެން ޓޫރިޒަމް އިޝްތިހާރު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ވަނީ ހަމަޖައްސައިފަ އެވެ.
ދަރުބާރުގޭގައި ކުރިއަށް ގެންދާ ކޮންފަރެންސްގައި ބޭރުގެ ތަޖުރިބާކާރުން ވެސް ޕްރެޒެންޓޭޝަން ދެއްވަ އެވެ. އެ ގޮތުން، ޑޭޓާ އަށް ބިނާކޮށް ޓޫރިޒަމް އިޝްތިހާރު ކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން އެމެރިކާގެ ޑޭޓާ އެނޭލިސިސް ކުންފުންޏެއް ކަމަށް ވާ ލެކްސިސްނެކްސިސްގެ ތޯމަސް ސްޓޮއިކަލް ވާހަކަ ދައްކަވާއިރު، ވައިގެ ދަތުރުފަތުރާ ގުޅޭ ޑޭޓާ އެއްކޮށް އެ އަށް ބަލައިގެން ޓޫރިޒަމް އިޝްތިހާރު ކުރުމާ ގުޅޭ ގޮތުން އޭވިއޭޝަން ދާއިރާގެ ޚަބަރުތައް ގެނެސްދޭ އެންމެ މަގުބޫލް ވެބްސައިޓު ކަމަށް ވާ ފްލައިޓު ގްލޯބަލްގެ ފަރާތުން މެޓް ކުލާކާއި ރިންޓާ މުއްކަމް ޕްރެޒެންޓޭޝަނެއް ދެއްވާނެ އެވެ. މީގެ އިތުރުން، ޓޫރިޒަމް ފެއާތަކުގައި ބައިވެރިވުމާ ގުޅޭ ގޮތުން ރީޑް ޓްރެވަލް އެގްޒިބިޝަންގެ ސައިމަން ޕްރެސް މައުލޫމާތު ދެއްވާނެ އެވެ.
މިއަދުގެ ކޮންފަރެންސްގައި ލެކްސިސްނެކްސިސްގެ ތޯމަސް ސްޓޮއިކަލް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މި ކޮންފަރެންސް ފެށުމުގެ ގޮތުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި އެންމެ މަތީ ފަންތީގެ މަންޒިލެއްގެ ގޮތުގައި ދަމަހައްޓަން ރާއްޖެ އިޝްތިހާރު ކުރުމަށް މިހާރު ގެންގުޅޭ އުސޫލުތައް ބަދަލުކުރަން ޖެހެ އެވެ. ރާއްޖެ އަށް ޓޫރިޒަމް ތައާރަފް ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅުން ތިއްބަވާ ލަފާ ދޭ ކޮމިޓީން ވެސް އެންމެ ބޮޑަށް ފާހަގޮށްފައި ވަނީ، އޭނާ ވިދާޅުވި ގޮތުގައި، އިޝްތިހާރު ކުރާ އުސޫލުތަކަށް ބަދަލު ގެނައުމެވެ.
އެހެންވެ، ޑޭޓާ އާއި ތަފާސްހިސާބުތަކުގެ މައްޗަށް ބިނާކޮށް ޓޫރިޒަމް އިޝްތިހާރު ކުރުމަށް ނިންމާފައިވާކަން މިނިސްޓަރު ޒަމީރު ހާމަކުރެއްވި އެވެ. އޭނާ ވިދާޅުވީ އަންނަ އަހަރު ޓޫރިޒަމް އިޝްތިހާރު ކުރާނީ އެ ގޮތަށް ކަމަށެވެ.
"އާ ވިސްނުންތައް ގެންގުޅެން އެބަޖެހޭ. ބަދަލުތައް ގެންނަން އެބަޖެހޭ. އެކަން ކުރެވޭނެ،" ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ ބާނީން ކަމަށް ވާ ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އާއި ޗަމްޕާ ހުސެން އަފީފް ފަދަ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނާ ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވި އެވެ.
މިއަދުގެ ކޮންފަރެންސްގައި ޓޫރިޒަމް މިނިސްޓަރު ޒަމީރު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޓޫރިޒަމް އިޝްތިހާރު ކުރުމަށް މިހާރު އާއްމުކޮށް ކުރާ ކަމަކީ އެކި ގައުމުތަކުގައި ބާއްވާ ފެއާތަކުގައި ބައިވެރިވުމާއި ރޯޑްޝޯތައް ބޭއްވުމެވެ. އަދި ބައެއް ޓީވީތަކުގައި އިޝްތިހާރު ދެއްކުން ފަދަ ކަންކަން ވެސް ކުރެ އެވެ. އެކަމަކު، ޑޭޓާ އާއި ތަފާސްހިސާބުތަކަށް ބަލައިގެން ޓޫރިޒަމް އިޝްތިހާރު ކުރަން އެންމެ އެދެވޭ މަސައްކަތްތަކެއް އަދި ކޮށްފައެއް ނުވެ އެވެ.
ޓޫރިޒަމް އިޝްތިހާރު ކުރުމާ ބެހޭ ފޯރަމެއް ބާއްވާއިރު، އިއްޔެ ވަނީ ޓޫރިޒަމް ތަރައްގީ ކުރުމާ ބެހޭ ކޮންފަރެންސެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. "ހައި ލެވެލް ޓޫރިޒަމް އިންޑަސްޓްރީ ފޯރަމް" ގެ ނަމުގައި ބޭއްވި އެ ބައްދަލުވުމުގައި ސަރުކާރުގެ ކަމާއި ބެހޭ އިސް ފަރާތްތަކާއި ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެން، ޓޫރިޒަމް ސިނާއަތް އިތުރަށް ތަރައްގީކޮށް، ކުރިއަރުވަން ބޭނުންވާ ސިޔާސަތުތައް އެކުލަވައިލުމުގައި ހިޔާލު ހޯދާފައިވެ އެވެ.
ރާއްޖޭގެ ޓޫރިޒަމް އަޑިއަޅާލާފައި އޮތުމަށް ފަހު މިހާރު އަނެއްކާ ވެސް ވަނީ ރަނގަޅުވާން ފަށައިފަ އެވެ. އެކަމަކު، ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗަައިނާ ފަދަ މުހިއްމު މާކެޓުތައް ދަށަށް ދިއުމުގެ ބިރު އެބައޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
GAN Island
28 September 2016
ދިވެހި ދައުލަތުގެ ޤާނޫނު އަސާސީ އާއި ހިލާފަށް މިދައުލަތް ހިންގަމުން ގެންދާތީ މިދައުލަތް ބައިވެރިވެފައި އޮތް Commonwealth އިން އެދަނީ ފިޔަވަޅު އެޅުމަށް ތައްޔާރު ވަމުން. އެކަންކަން އިސްލާޙް ނުކޮަށް ''ކޮށާ ކުދިކޮށްލި'' ދައުލަތުގެ ޤާނޫނު އަސާސީ ރަގަޅު ކުރާން ފުރުސަތު ނުދީ އަދިވެސް ތިއުޅެނީ އެހެން ކައްތައް ތަކެއްކޮށް ޤައުމު އަތްދަށުގައި ބޭއްވޭނެ ގޮތެއް ހޯދަން ވެގެން. ދެނެއް ތިކަންކަން ތިޔަހަރަ މަގަކުން ނުހިންގޭނެ. އަމިއްލަ ވިޔަފާރި އިސްތިހާރު ކުރުމަށް ''ދައުލަތުން ހޭދަ ކުރާއިރު'' ވިޔަފާރީގެ ފައިދާ އިން ދައުލަތަށް އިންކަމް ޓެކްސް ދެއްކުމަށް ތިޔަ ރިސޯޓް އޯނަރުން ވަނީ ދެކޮޅު ހަދާފައި. ކުރިޔަށް އޮތީ މިކަންކަން ބަދަލުކޮށް ''ޓެކްސް ނިޒާމް ފުރިހަމަކޮށް'' ޓްއަރިޒަމް ގެ ނަފާ ރައްޔިތުންނަށް ފުރިހަމައަށް ލިބޭނެ މަގު ހުޅުވާލުން.
ރަންފުޅު
28 September 2016
މަ މިއޮއްހާ ދުވަހު ހީކޮށްގެން މިހުރީ މާރކެޓިއަރސް އެކަން ކުރަނީ ތަފާސްހިސާބާއި ތިބުނާ ޑޭޓާއަށް ބަލާފަ ކަމަށް.
އުދުހޭ
24 November 2016
2008 ވަނައަރަހުންފެށިގެން ބަލަންމުން އައީ ލިބޭ ކަޓަށް ކަމަށް ބެލެވޭ!
މޯލްޑިވްސް ރިސޯޓްސް
28 September 2016
އަދި ކިރިޔާ ތިޔަ ރަނގަޅުވަނީ. މަރުހަބާ