ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަަން ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންނަށް ޖަވާބު ދެއްވަނީ. އޭނާ ވިދާޅުވީ ޖޫނިއާ ކޮލެޖްތައް ހިންގާނީ ސަރަހައްދުގެ ބޭނުމާ އެއްގޮތަށް ކަމަށް. ފޮޓޯ:މަޖިލިސް
20 ނޮވެމްބަރ 2019 - 14:30
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖޫނިއާ ކޮލެޖްތައް ހިންގުމަށްޓަކައި ބޭނުންވާ މޮޑެލް މިހާރު ވަނީ ބައްޓަން ކޮށްފައި ކަމަށާއި އެ ތަންތަން ހިންގަން ސަރުކާރުން ގަސްދު ކުރަނީ ކޮލެޖް ހުންނަ ސަރަހައްދުގައި އޮންނަ ސިނާއަތްތަކާ ގުޅޭ ގޮތަށް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަަން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ޖޫނިއާ ކޮލެޖް އިމާރާތްކުރާ ސަރަހައްދުގައި ޚާއްސަ ސިނާއަތެއް ވާ ނަމަ އެ ސިނާއަތަކަށް ބޭނުންވާ މީހުން ބިނާކުރަން ކޮލެޖުން އިސްކަން ދޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުން މިހިރީ ރާއްޖޭގެ ސަރަހައްދުތަކުގައި ޖޫނިއާ ކޮލެޖް ހެދިގެން ދާއިރު އެ ސަރަހައްދަކަަށް ޚާއްްސަވެފައިވާ ސިނާއަތެއް ވާ ކަމުގައި ވާނަމަ، އެ ސިނާއަތަށް ބޭނުންވާ މީހުން ބިނާކުރުމުގައި ކޮލެޖުން ޚާއްސަ އިސްކަމެއް ދޭ ގޮތަށް،" އޭނާ ވިދާޅުވި އެވެ.،
ޖޫނިއާ ކޮލެޖް ހިންގަން ސަރުކާރުުން ގަސްދުކުރާ މޮޑެލާ ބެހޭ ގޮތުން، މިނިސްޓަރު ވިދާޅުވީ ޖޫނިއާ ކޮލެޖްތަކުގައި ޓެކްނިކަލް، ވޮކޭޝަަނަލް މާއްދާތަކާއި އެކަޑަަމިކް މާއްދާތައް ވެސް ކިޔަވައިދޭނެ ކަމަށެވެ. އެގޮތުން އެކޮލެޖްތަކުގައި ކިޔަވާ ދަރިވަރުންނަށް ދެ ސްޓްރީމެއްްގެ ތެރެއިން ދެ މަގަކުން ކުރިއަށް ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއް ޕާތުވޭ އަކީ އެ ޕާތުވޭ އިން ކުރިއަށް ގޮސް އޭލެވެލް ފެންވަރުގެ އިމްތިހާނު ހެދުމުގެ ފުރުސަތު ލިބިގެންދާނެ. އޭގައި ވެސް އެކަޑަމިކް މާއްދާތަކުގެ އިތުރުން ޓެކްނިކަލް އަދި ވޮކޭޝަނަލް މާއްދާތައް ހިމެނޭނެ. އަނެއް ޕާތުވޭ އަކީ އަޅުގަނޑުމެންގެ ވިސްނުން އޮތް ގޮތުން ވެއްޖިއްޔާ ސެޓެފިކެޓް ހަތަރެއް ލެވެލްގެ ސަނަދެއް ހޯދުމަށް ފުރުސަތު ފަހިވެގެން ދިއުން،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެ ދެގޮތުގައި ވެސް މަތީ ތައުލީމު ހާސިލް ކުރުމަށްޓަކައި ޔުނިވާސިޓީތަކަށް ވަނުމުގެ މަގު ފަހިވާނެ އެވެ.
ޖޫނިއާ ކޮލެޖްތައް އިމާރާތްކުރާ ސަރަހައްދުތައް ކަނޑައަޅާނީ ކަމާ ބެހޭ ހުރިހާ އިދާރާތަކާ މަޝްވަރާކޮށްގެން، ގައުމީ ތަރައްގީގެ ޕްލޭނާ އެއްގޮތަށް އެންމެ އެކަށީގެންވާ ސަރަހައްދުތައް ފާހަގަ ކޮށްގެން ކަމަށް އިބްރާހިމް ހަސަން ވިދާޅުވި އެވެ. މިހާރު ކުރަމުން އަންނަނީ އެ މަސަައްކަތްތައް ކަމަށާއި އެ ކަން ނިމޭހާ އަވަހަކަށް ޖޫނިއާ ކޮލެޖްތައް އަޅާނެ ސަރަހައްދުތައް ކަނޑައަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ޖޫނިއާ ކޮލެޖް އަޅާނެ ސަރަހައްދުތައް ކަނޑައެޅި، ހަމަ ނިމޭހާ އަަވަހަކަށް އަޅުގަނޑުމެން އެ ދާއިރާތަކުގައި އަމަލީ މަސައްކަތް ފެށްޓޭނެ ތާރީހުތައް އިއުލާނު ކުރާނަން،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒިލާ
20 November 2019
ހއ ދިއްދޫ، ނކެނދިކުޅުދޫގައި ޖޫނިއަރ ކޮލެޖް އެބައޮތް ބަޖެޓް ކޮށްފައި، ދެން ކޮން ސަރަހައްދުތަކެއް...