29 ނޮވެމްބަރ 2019 - 07:09
އަންނަ މަހުގެ 27 ގައި ރިލީޒްކުރާ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމު "ގުޑް ނިއުޒް" ގެ ފުރަތަމަ ލަވަ ދައްކާލައިފި އެވެ.
"ޗަންދީގަޅް މޭ" ގެ ނަން ދީފައިވާ މި ލަވަ ލޯންޗްކޮށްފައި ވަނީ ޗަންދީގަޅް ޔުނިވަސިޓީގައި ބޭއްވި ވަރަށް ކުލަ ގަދަ އިވެންޓެއްގެ ތެރޭގައި ފިލްމުގެ ލީޑް ތަރިންނާ އެކު ބުދަ ދުވަހު އެވެ. ވަރަށް ވެސް ކުލަގަދަ އަދި ފޯރިގަދަ ނެށުންތަކެއް ވެސް ފެންނަ ލަވައިގެ މިއުޒިކް ތަނިޝްގް ބަގްޗީ ހަދާފައިވާ އިރު، ލަވަކިޔާފައި ވަނީ ބާދްޝާހް، ހާޑީ ސަންދޫ، ލީސާ މިޝްރާ އަދި އަސީސް ކޯރެވެ.
"ގުޑް ނިއުޒް" އަލަށް ޑައިރެކްޝަނަށް ނުކުތް ރާޖް މެހެތާ ލިޔެ، ޑައިރެކްޓްކޮށްފައިވާ ކޮމެޑީ ޑްރާމާއެކެވެ. މީގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރާއި ދިލްޖީތު ދޮސަންޖްގެ އިތުރުން ކިއާރާ އަދުވާނީ އެވެ.
The biggest party song with the biggest party gang...has arrived! #ChandigarhMein out NOW! #GoodNewwz https://t.co/ZVB5Wy9OEv@akshaykumar #KareenaKapoorKhan @diljitdosanjh @Advani_Kiara @apoorvamehta18 @ShashankKhaitan @raj_a_mehta @NotSoSnob @Its_Badshah @HARRDYSANDHU
— Karan Johar (@karanjohar) November 27, 2019
"ގުޑް ނިއުޒް" ގައި ކިޔައިދޭނީ އައިވީއެފް ހަދައިގެން ދަރިން ހޯދަން އުޅުމުގެ ތެރޭގައި ދަރިފަނި އޮޅިގެން ދިމާވާ ހާދިސާތަކެކެވެ.
މި ފިލްމަކީ ކަރަންގެ ދަރުމާ އިން މި އަހަރު ގެނެސްދޭ ހަތަރު ވަނަ ފިލްމެވެ.
އަންނަ އަހަރުގެ އެންމެ އުންމީދީ އެއް ފިލްމު ކަމަށްވާ ވަރުން ދަވަން އާއި ޝްރަދާ ކަޕޫރްގެ "ސްޓްރީޓް ޑާންސާ" ގެ ޓްރެއިލާ އަންނަ މަހުގެ 12 ވަނަ ދުވަހު ބެލުންތެރިންނަށް ދޫކޮށްލަން ނިންމައިފި އެވެ.
On the special occasion of @itsBhushanKumar's birthday, we are pleased to announce that the trailer of #StreetDancer3D will be out on 12th Dec. #StreetDancerTrailerOn12th@Varun_dvn @ShraddhaKapoor @norafatehi @Lizelle1238 @remodsouza @PDdancing @dthevirus31 @punitjpathak pic.twitter.com/u3BYuEWZw7
— TSeries (@TSeries) November 27, 2019
މިދިޔަ އަހަރު "ރޭސް 3" ގެނެސްދިން ރެމޯ ޑި ސޫޒާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ މިހާތަނަށް އިންޑިއާ އިން ގެނެސްދޭ އެންމެ ބޮޑު ޑާންސް ފިލްމެވެ. ފިލްމު ތްރީޑީ ފޯމެޓްގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ އިރު، "ސްޓްރީޓް ޑާންސާ" ގެ މަންޒަރުތައް ނަގާފައި ވަނީ ޕަންޖާބާއި ލަންޑަނާއި އަބޫދާބީގަ އެވެ.
ޑާންސް ގްރޫޕްތަކެއްގެ ކުރިމަތިލުންތަކެއް ދައްކާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ބޮލީވުޑްގައި މިހާރު އެންމެ ވިދާ އައިޓަމް ގާލް ނޯރާ ފަތެހީގެ އިތުރުން އިންޑިއާ އާއި އިންޓަނެޝަނަލް ގިނަ ނެށުންތެރި ފެނިގެން ދާނެ އެވެ.
ރެމޯގެ "އޭބީސީޑީ 2" އަށް ފަހު ވަރުން އާއި ޝްރަދާގެ ޖޯޑު އަލުން ސްކްރީނަށް އަންނަ "ސްޓްރީޓް ޑާންސާ" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 24 ގަ އެވެ. ޓީ ސީރީޒުން ޕްރޮޑިއުސްކުރި މި ފިލްމު ކުރިން ރިލީޒްކުރަން ނިންމީ މި މަހުގެ 8 ގަ އެވެ.
ޑައިރެެކްޓަރު ޕްރިޔާދަރުޝަން ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު ގެނެސްދޭން ނިންމާފައިވާ ފުރަތަމަ ހިންދީ ފިލްމު "ހަންގާމާ 2" ގެ ބަތަލާގެ ރޯލަށް އިންޑިއާގެ ސައުތު ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ޕްރަނީތާ ސުބާޝް ސޮއިކޮށްފި އެވެ.
Happy #SinglesDay to all you lovely people who’re single (that includes me). Wishing you all a lot of love, particularly self love 💕 pic.twitter.com/kb9BpIbKxb
— Pranitha Subhash (@pranitasubhash) November 11, 2019
އެކަން ޑައިރެކްޓަރު ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ. ޕްރަނީތާ، 27، ވަނީ ތަމަޅަ، ތެލެގޫ އަދި ކަންނާޑާ ބަހުން ހަދާފައިވާ ކާމިޔާބު ފިލްމުތަކެއް ކުޅެފަ އެވެ.
އޭނާއާ އެކު "ހަންގާމާ 2" އިން ބަތަލުގެ ރޯލުން ފެނިގެން ދާނީ މި އަހަރު ރިލީޒްކުރި "މަލާލް" އިން ބޮލީވުޑަށް ތައާރަފުވި އެކްޓަރު މީޒާން ޖެފްރީ އެވެ. މި ފިލްމަށް ޕްރަނީތާ ސޮއިކުރި އިރު އޭނާ ވަނީ އަޖޭ ދޭވްގަން "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އަށް ވެސް ސޮއިކޮށްފަ އެވެ. ބޮޑު ކާސްޓެއް ހިމެނޭ އެ ފިލްމަކީ އަންނަ އަހަރުގެ އޮގަސްޓް 14 ގައި ރިލީޒްކުރާ ފިލްމެކެވެ.
އެހެންވެ ޕްރަނީތާގެ އަލަތު ބޮލީވުޑް ފިލްމަކަށްވާނީ "ބޫޖް" ކަމަށް ބެލެވެ އެވެ.
"ހަންގާމާ 2" ގެ ތައްޔާރީތައް ވަމުން އަންނަ އިރު، މި ފިލްމު ރިލީޒްކުރާނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ. މިއީ 2003 ގައި ޕްރިޔާދަރުޝަން ގެނެސްދިން "ހަންގާމާ" ގެ ދެވަނަ ބައެވެެ.
ޕަރިނީތީ ޗޯޕްރާ މިހާރު ކުޅެމުން އަންނަ ފިލްމު "ސައިނާ" ގެ ޝޫޓިންތެރޭގައި ބެޑްމިންޓަން ކުޅެނިކޮށް ކަނދުރާ އަށް ލިބުނު އަނިޔާތަކަކާ ގުޅިގެން ފިލްމުގެ ޝޫޓިން މެދުކަނޑާފައި އޮތުމަށް ފަހު އަލުން ޝޫޓިން ފަށައިފި އެވެ.
އަނިޔާއާ ގުޅިގެން ޕަރިނީތީ ވަނީ މަސައްކަތްތަކާ އެއްކޮށް ދުރުވެ، އެއްކޮށް ފަސޭހަވަންދެން ފިޒިއޮތެރަޕީ ހަދައިފަ އެވެ.
"ސައިނާ" އަކީ އިންޑިއާގެ ކުޅަދާނަ ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ ނެހްވާލްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ. މީގެ ޓައިޓްލް ރޯލް ޕަރިނީތީ ކުޅޭ އިރު، ފިލްމުގެ ޑައިރެކްޓަރަކީ "ތާރޭ ޒަމީން ޕަރު" ފަދަ ފިލްމުތަކުގެ ސްކްރީން ރައިޓަރު އަމޯލް ގުޕްތޭ އެވެ.
ފިލްމުތަކުގައި އެކްޓް ވެސް ކުރާ އަމޯލް އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2017 ގެ "ސްނިފް" އެވެ. އޭނާ ޑައިރެކްޓްކޮށްފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި ސްޓޭންލީ ކާ ޑައްބާ (2011) އަދި ހަވާ ހަވާއީ (2014) ހިމެނެ އެވެ.
ޓީ ސީރީޒުން ޕްރޮޑިއުސްކުރާ "ސައިނާ" ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy