ކުޅިވަރު

ސާއިދުގެ ބޮޑު އުފަލަކީ ގައުމަށް ކާމިޔާބީ ހޯދައިދެވުން

ސާއިދު ރާއްޖޭގެ ދިދަ ހިފައިގެން.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އަބްދުﷲ އަބީދު

ކަތުމަންޑޫ އިން،  އައްޒާމް އަލިފުޅު، މިހާރު

05 ޑިސެމްބަރ 2019 - 09:59

މި ފަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް އަދި 200 މީޓަރު ދުވުމުން ލޯ މެޑަލް ހޯދައި ދިވެހި ކުޅިވަރު ތާރީހުގައި އެންމެ ކާމިޔާބު އެތުލީޓަކަށްވުމަށް ވުރެ ބޮޑު ހިތްހަމަ ޖެހުމަކީ ގައުމަށް ކާމިޔާބީ އާއި ރީތި ނަން ހޯދައިދެވުން ކަމަށް ދެކުނު އޭޝިއާގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ބުނެފި އެވެ.

"އަސްލު ވަރަށް ބޮޑަށް ފަހުރުވެރިވޭ އަމިއްލަ ނަފްސަށް ވުރެން ބޮޑަށް ގައުމަށް މި ކާމިޔާބީ ހޯދައިދެވުނީމަ،" އިއްޔެ 200 މީޓަރު ދުވުމުން ލޯ މެޑަލް ހޯދުމަށް ފަހު ގައިގައި ރާއްޖޭގެ ދިދަ އޮޅާލައިގެން ހުރެ ސާއިދު ބުންޏެވެ.

"މި ފަހަރު މެއިން ފޯކަސް އެއް މިކުރީ އެއް އިވެންޓަށް. ކޯޗާ ވާހަކަ ދައްކާފައި 100 އަށް ވިސްނީ. އޭރު 200 ބޭންދީ. އެކަމަކު 100 ޓްރެއިނިން ހަނދަންޏާ އެނގޭ ރަނގަޅު ފައިޓެއް ދެވޭނެކަން. ވަރަށް ކައިރިން މިދިޔައީ ގޯލްޑް އާއި ސިލްވާއާ. ވަރަށް އުފާވޭ ފައިޓެއް ދެވުނީމަ،"

އިއްޔެގެ ލޯ މެޑެއްޔާ އެކު ސައުތު އޭޝިއަން ގޭމްސްގައި ސާއިދު ރާއްޖެ އަށް ހޯދައިދިން މެޑަލުގެ އަދަދު ފަހަކަށް އެރީ އެވެ. އެއީ އިއްޔެ 100 މީޓަރު ދުވުމުން ހޯދި ރަން މެޑެއްޔާއި 2016 ވަނަ އަހަރުގެ ގޭމްސްގައި 100 މީޓަރު ދުވުމުން އަދި 200 މީޓަރު ދުވުމުން ހޯދި ރިހި މެޑެއްޔާ އެކު އެވެ. ސާއިދު ހިމެނިގެން ހަތަރެއް ގުނަ 100 މީޓަރު ދުވުމުން ރާއްޖޭގެ ރިލޭ ޓީމު ވަނީ 2010 ވަނަ އަހަރުގެ ގޭމްސްގައި ލޯ މެޑެއްޔެ ހޯދައިދީފަ އެވެ.

މި ކާމިޔާބީ އަށް ފަހު، ކ. ގާފަރަށް އުފަން ސާއިދު ހުރީ ފަހަތަށް ޖެހޭ ގޮތަކަށް ނޫނެވެ. އޭނާގެ ކުރިމަތީގައި އޮތީ ބޮޑު އަހަރެކެވެ. ސާއިދު ހުރީ އަންނަ އަހަރުގައި ވެސް ބޮޑެތި ކާމިޔާބީތަކާ ދިމާލަށް އަމާޒުހިފައިފަ އެވެ.

"އެތުލެޓިކްސްގައި މީހެއްގެ ނިމުމެއް ނާންނާނެ. އަބަދުވެސް މުބާރާތްތައް ކުރިއަށް މި އޮންނަނީ މި އަހަރަށް ދެން މި ނިމުނީ. ފެބްރުއަރީގައި އޭޝިއަން އިންޑޯ އިންނާނީ. ދެން މާޗްގައި ވޯލްޑް އިންޑޯ. ދެން އަންނަ އަހަރަކީ ބޮޑު އަހަރެއް. އެއީ އޮލިމްޕިކް އަހަރެއްވީމަ. އޮލިމްޕިކްސް އަށް ވަރަށް މަސައްކަތްކުރަން ޖެހޭ،" ސާއިދު ބުންޏެވެ.

ކޯޗު ފާއިލް (ކ) އާއި ސާއިދު އިއްޔެގެ އިވެންޓަށް ފަހު. -- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އަބްދުﷲ އަބީދު

ސާއިދުގެ ނަން އެންމެ ފުރަތަމަ ރަން އަކުރުން ފަވާލެވުނީ 2015 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ 100 މީޓަރުން ރަން މެޑަލް ހޯދައި ދިވެހި ރާއްޖޭގެ ތާރީހުގައި ގޭމްސް އެއްގައި ފުރަތަމަ ރަން މެޑަލް ގެނެސްދިނުމުންނެވެ. އެ ތާރީހީ ކާމިޔާބީ އަށް ސާއިދު ވަނީ އެ ގޭމްސްގައި އިތުރު ބޮޅެއް ފުރިހަމަކޮށްފަ އެވެ. އެއީ އެ ގޭމްސްގެ 200 މީޓަރު އިވެންޓުން ރިހި މެޑަލް ގެނައުމަށް ފަހު އެވެ. މި އަހަރު ޖުލައި މަހު އޮތް އައިއޯއައިޖީގައި ސާއިދަށް ލިބުނީ ހަަމައެކަނި 200 މީޓަރު ދުވުމުން ލޯ މެޑަލެވެ.

ސާއިދު ބުނީ އެއްވެސް އެތުލީޓަކު އަބަދު އެއް ލެވެލެއްގައި ނުހުންނާނެ ކަމަށާއި މަސައްކަތްކުރާއިރު އެކި ހާލަތްތައް ކުރިމަތިވާނެ ކަމަށެވެ.

"އެއްވެސް އެތުލީޓަކު ކިތަންމެ މޮޅު އެތުލީޓަކަށް ވިޔަސް ނުހުންނާނެ އެއް ލެވެލަކު. އޭތި ޖެހޭނެ އެންމެންވެސް ގަބޫލުކުރަން. އެތުލީޓަކު އެއް ލެވެލެއްގައި ހުރިއްޔާ އެއީ މައްސަލައެއް. ނުހުންނާނެ. މިސާލަކަށް ބޯލްޓް ވޯލްޑް ރެކޯޑް ހެދީ 2006 ނޫނީ 2008 ގައި ކަންނޭނގެ އޭގެ ފަހުން އެއާ ގާތަށް ވެސް ނުދެވޭ. އެހެންވީމަ އޭގަ އަންނާނެ އަޕްސް އެންޑް ޑައުންސް،" މި ފަހަރުގެ ގޭމްސްގެ ރަން މެޑަލާއި ލޯ މެޑަލް ކަރުގައި އަޅައިގެން ހުރެ ސާއިދު ބުންޏެވެ.

ސާއިދުގެ ކުރީގެ ކާމިޔާބީތަކަށް ބަލާއިރު އޭނާ 200 މީޓަރު ދުވުމުން އޭޝިއާގެ 10 ވަނަ ވެސް ހޯދައިފަ އެވެ. އަދި 2016 ވަނަ އަހަރުގެ އޮލިމްޕިކްސްގައި 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ހީޓުގެ އެއް ވަނަ ވަނަ ބޮޑު ތަފާތަކާ އެކު ހޯދައި، އޮލިމްޕިކްސްގެ ބުރެއް ކާމިޔާބުކުރި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފް ވެސް ހޯދި އެވެ. އިސްލާމީ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު މުބާރާތް، އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ 100 މީޓަރު ދުވުމުން ހަތަރު ވަނަ މަގާމް ވެސް ހޯދައިފައިވެ އެވެ. އަދި 2016 ވަނަ އަހަރުގެ އިންޑިއަން ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމުގެ ރޭހުން ރަން މެޑަލް ހޯދާފައިވެ އެވެ.

0 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 63%
icon sad icon sad 0%
icon angry icon angry 38%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454