ދުނިޔެ

އެމެރިކާގެ ރައީސްގެ އިމްޕީޗްމެންޓް، މިއީ ކިހިނެއް ވާ ކަމެއް؟

ރައީސް ޓްރަމްޕްގެ އިމްޕީޗްމަންޓް ކުރިއަށް ގެންދަން އެންގެވިކަން، ހައުސްގެ ރައީސް ނެންސީ ޕިލޯސީ އިއުލާންކުރައްވަނީ

14 ޑިސެމްބަރ 2019 - 11:14

7 comments

އިމްޕީޗްކުރުމަކީ، ރާއްޖޭގައި އެންމެ އާންމުކޮށް ބޭނުންކުރާ ބަހުރުވައިން ނަމަ، އިތުބާރު ނެތްކަމުގެ ވޯޓު ނެގުމެވެ. އެމެރިކާގައި ވެސް އެންމެ ފަހު ނަތީޖާއަކަށް ވަނީ، ވެރިކަމުން ރައީސް ދުރުކުރުމެވެ. އެކަމަކު ރިޔާސީ ނިޒާމަށް ވެރިކަންކުރުމުގައި ދުނިޔޭގެ އެންމެ ނަމޫނާ ގައުމުގެ ގޮތުގައި ބެލެވޭ އެމެރިކާގައި، ރައީސެއްގެ އިމްޕީޗްމެންޓަކީ، އެހާ އާންމު އަދި އެހާ ފަސޭހައިން ވެސް ކުރެވޭ ކަމެއް ނޫނެވެ. އަދި މިހާތަނަށް އެއްވެސް ރައީސަކު އިމްޕީޗްމެންޓްގެ ތެރެއިން ވެރިކަމުން ދުރުކޮށްފައެއް ވެސް ނުވެ އެވެ.

އެމެރިކާގައި ސަރުކާރޭ ބުނަނީ ތިން ބާރުގެ މައްޗަށް ބިނާކޮށެވެ. އެއީ ވެރިކަން ކުރުމުގެ ބާރު، ގާނޫނު ހެދުމުގެ ބާރު (ކޮންގްރެސް)، އަދި ޝަރުއީ ނިޒާމެވެ.

ކޮންގްރެސް ބެހެނީ ދެ ބަޔަކަށެވެ. އެއީ، ކުރިންސުރެ ރާއްޖޭގައި ބުނެއުޅޭ ގޮތުން ނަމަ، "ތިރި ގެ"، ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އާއި "މަތި ގެ"، ސެނެޓެވެ.

ކޮންގްރެސްއަކީ ރާއްޖޭގައި ކިޔާ ގޮތުން ނަމަ، އެމެރިކާގެ ރައްޔިތުންގެ މަޖިލިހެވެ. ދިވެހި މީޑިއާގައި ސެނެޓް މަޝްހޫރުވެފައި އޮންނަނީ ހަމަ އެ ނަމުގަ އެވެ.

އެމެރިކާގެ ކޮންގްރެސްގައި މި ވަގުތު ތިބެނީ 535 މެމްބަރުންނެވެ. މިއީ ސްޓޭޓްތަކުގެ އާބާދީއަށް ނިސްބަތްކޮށް އިންތިހާބުކުރާ މެމްބަރުންނެވެ. އެކަމަކު ސެނެޓްގައި ތިބެނީ 100 އެވެ. އެއީ 50 ސްޓޭޓުން ކޮންމެ ސްޓޭޓަކަށް ދެ މެމްބަރުންނެވެ. ސްޓޭޓް ކިތައްމެ ބޮޑަސް އަދި ކުޑަޔަސް، ސެނެޓްގައި، އެ ސްޓޭޓެއް ތަމްސީލްކުރާ މެމްބަރުން ގިނައެއް ނުވާނެ އެވެ.

ފުރަތަމަ މަރުހަލާ ކޮންގްރެސްގައި

އެމެރިކާގައި އިމްޕީޗްމަންޓް ބެހިފައި ވަނީ ދެ ބަޔަކަށެވެ. އޭގެ ފުރަތަމަ ބަޔަކީ ރައީސް އިމްޕީޗްކުރުމެވެ. މި މަރުހަލާގައި ކޮންގްރެސްގެ އެކި ކޮމިޓީތަކުން ތަހުގީގުކޮށް، ރައީސް އިމްޕީޗްކުރާ ސަބަބުތައް (އާޓިކަލްސް) ލި އެވެ. ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްސަލަ ހަ ކޮމިޓީއަކުން ތަހުގީގުކުރި އެވެ. އިމްޕީޗްމެންޓް އާޓިކަލްސް ތައްޔާރުކުރީ ޖުޑިޝަރީ ކޮމިޓީންނެވެ.

އެ އާޓިކަލްސްއަށް ކޮންގްރެސްގައި ވޯޓު ނަގަ އެވެ. އިމްޕީޗްމެންޓް ކާމިޔާބުކުރަން ބޭނުންވަނީ ސިމްޕަލް މެޖޯރިޓީއެކެވެ. މިހާރު ކޮންގްރެސް ކޮންޓްރޯލްކުރަނީ ޑިމޮކްރެޓިކް ޕާޓީ (233 މެމްބަރުން) ކަމަށް ވަތީ، ޓްރަމްޕް އިމްޕީޗްކުރުން ވަރަށް ގާތެވެ.

ދެ ވަނަ މަރުހަލާ ސެނެޓްގައި

އިމްޕީޗްކުރުމަށް ފަހު، އެ މައްސަލަ ދެން ފޮނުވަނީ ސެނެޓަށެވެ. ސެނެޓުން ދެން ކުރިއަށް އެ ގެންދަނީ ރައީސްގެ ޝަރީއަތެވެ. އެކަމުގައި އިތުރު ހެކިން ހާޒިރުކޮށް ސުވާލުކޮށް، އިމްޕީޗްމެންޓް އާޓިކަލްސްގައި ހުރި ކަންކަން ރަނގަޅުތޯ، ނުރަނގަޅުތޯ ބެލުން ފަދަ ކަންކަން ސެނެޓަށް ކުރެވޭނެ އެވެ.

ސެނެޓްގައި ރައީސްގެ ޝަރީއަތް ކުރިއަށް ދާނީ، އޭރަކު ހުންނަވާ އެމެރިކާގެ އުއްތަމަފަނޑިޔާރު، ރިޔާސަތުގައި އިންނަވައިގެންނެވެ. މިހާރު އެމެރިކާގެ އުއްތަމަފަނޑިޔާރަކީ ޖޯން ރޮބަޓްސް އެވެ.

ރައީސްގެ މަގާމުން ޓްރަމްޕް ދުރުކުރުމަކީ، އޭނާ ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ މެޖޯރިޓީ (53 މެމްބަރުން) ކޮންޓްރޯލްކުރާ ސެނެޓު ތެރެއިން ވުން ދުރު ކަމެކެވެ. ސެނެޓްގައި ނަގާ ވޯޓުން ރައީސް ޓްރަމްޕް މަގާމުން ދުރުކުރެވޭނީ ތިން ބައި ކުޅަ ދެ ބައި ވޯޓު (67 ވޯޓު) ލިބިގެންނެވެ. ސެނެޓްގައި ޑިމޮކްޓެރިކް ޕާޓީއަށް ނިސްބަތްވަނީ 45 މެމްބަރުންނެވެ. މިނިވަން ދެ މެމްބަރުން ތިއްބަވަ އެވެ.

މިހާތަނަށް އެންމެ ދެ ފަހަރު

އެމެރިކާގެ ރައީސުން އިމްޕީޗްކޮށް، މަގާމުން ވަކިކުރުމުގެ ފުރުސަތު ގާނޫނުއަސާސީން ލިބިދީފައި އޮތަސް، މިހާތަނަށް އެކަން ހިނގާފައި ވަނީ އެންމެ ދެ ފަހަރު އެވެ. އެހެންކަމުން މިއީ އެމެރިކާާގެ ކޮންގްރެސް އިން ވަރަށް މަދު ހާލަތެއްގައި ނޫނީ ކުރި ކަމެއް ނޫނެވެ.

މިހާތަނަށް އިމްޕީޗްކުރި ދެ ރައީސުން ކަމަށް ވާ އެންޑްރޫ ޖޯންސަން، (1868) އާއި ބިލް ކްލިންޓަން (1998)، ސެނެޓްގެ ޝަރީއަތުން ސަލާމަތްވި އެވެ.

ޖޯންސަންއަށް ކުރިމަތިވި މައްސަލަ

އެމެރިކާގެ ތާރީޚުގައި ވެސް ރައީސަކު މަގާމުން ދުރުކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ ފެބްރުއަރީ 24، 1868 ގަ އެވެ. ރައީސް އަބްރަހަމް ލިންކޮން އެޕްރީލް 15، 1865 ގައި އަވަހާރަކޮށްލުމާ ގުޅިގެން ރައީސްކަމަށް ވަޑައިގެންނެވި އޭރުގެ ނައިބް ރައީސް، ޑިމޮކްރެޓިކް ޕާޓީގެ އެންޑްރޫ ޖޯންސަން އިމްޕީޗްކުރަން ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ނިންމީ "ބޮޑެތި ކުށްތަކެއް" ކުރެއްވިކަމުގެ ތުހުމަތުގަ އެވެ. އެންމެ ބޮޑު ތުހުމަތަކީ ސެނެޓުގެ ރުހުން ނެތި ބައެއް މަގާމުންތަކުން ރައީސަށް މީހުން ދުރުނުކުރެވޭ ގޮތަށް ކޮންގްރެސް އިން މާޗް 1867 ގައި ފާސްކުރި "ޓެނިއާ އޮފް އޮފީސް އެކްޓް" އާ ޚިލާފުވެވަޑައިގަތުމެވެ. ޖޯންސަންގެ ކުށަކީ އެ ގާނޫނުގެ ދަށުން ހިމާޔަތް ލިބިވަޑައިގެންވާ އޭރުގެ ވޯ ސެކްރެޓަރީ އެޑްވިން އެމް. ސްޓެންޓަން ސެނެޓުގެ ރުހުން ނެތި މަގާމުން ދުރުކުރެއްވުމެވެ. އަދި އެ މަގާމަށް މޭޖާ ޖެނެރަލް ލޮރެންޒޯ ތޯމަސް ހަމަޖައްސަން އުޅުއްވުމެވެ.

ޖޯންސަން އިމްޕީޗްކުރީ މާޗް 2-3، 1868 ގައި 126-47 ވޯޓުންނެވެ. އޭގެ ފަހުން ސެނެޓަށް މައްސަލަ ދިޔަ އެވެ. ސެނެޓްގައި އޮތް ޝަރީއަތަށް ފަހު ނެގި ވޯޓުން އޭނާ ސަލާމަތްވެވަޑައިގަތެވެ. އޭނާއާ އެއްކޮޅަށް ރިޕަބްލިކަން ޕާޓީގެ 10 މެމްބަރަކު، ޕާޓީ ލައިނާ ހިލާފަށް، ވޯޓު ދެއްވި އެވެ.

ޖޯންސަންގެ ދައުރު 4 މާޗް، 1869 ގައި ނިމެންދެން މަގާމުގައި ހުންނެވި އެވެ.

ކްލިންޓަންގެ މައްސަލަ

ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ރައީސް ބިލް ކްލިންޓަންގެ އިމްޕީޗްމަންޓް ބިނާކުރީ ވައިޓް ހައުސްގައި ފުރަތަމަ ވަގުތީ މުވައްޒަފެއްގެ ގޮތުން މަަސައްކަތްކުރި މޮނިކާ ލެވިންސްކީއާ އެކު ނަހަމަ ގުޅުން ބޭއްވުމުގެ ތުހުމަތުގަ އެވެ. އަދި ކްލިންޓަނާ ދެކޮޅަށް އެހެން އަންހެނެއް ކަމަށް ވާ ޕައުލާ ޖޯންސް ހުށައެޅި މަދަނީ މައްސަލައެއްގައި، އިތުރުފުޅު ހެއްދިކަމުގެ ކުށް ވެސް، އިމްޕީޗްމަންޓްގެ ސަބަބުތަކުގެ ތެރޭގައި ހިމެނެ އެވެ.

ޕައުލާ ހުށައެޅީ ޖިންސީ ގޮތުން އޭނާއަށް ގޯނާކުރުމުގެ ތުހުމަތެވެ. އެ މައްސަލައިގެ ތެރެއަށް މޮނިކާ އާއި ކްލިންޓަނާ ދެމެދު އޮތް ސިއްރު ގުޅުމުގެ ތުހުމަތު ވަނެވެ. އެކަމަކު ކްލިންޓަން ކޯޓަށް ދެއްވި ބަޔާނުގައި، މޮނިކާ އާއި އޭނާއާ ދެމެދު ޖިންސީ އެއްވެސް ކަހަލަ ގުޅުމެއް ހިނގާފައިނުވާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު އެއީ، ހުވާކުރައްވައިގެން ހެއްދެވި އިތުރުފުޅެކެވެ. ވައިޓް ހައުސްގެ ތެރޭގައި، ނުވަ ފަހަރު ކްލިންޓަނާ އެކު އޭނާ ޖިންސީ ގުޅުން ބޭއްވިކަމަށް ރައްޓެއްސަކަށް މޮނިކާ ކިޔައިދިނެވެ. އެ ވާހަކަތައް ރެކޯޑްކޮށްފައި އޮތުމުން، ކްލިންޓަނާ ދެކޮޅަށް އެ ވާހަކަތައް ބޭނުންކުރި އެވެ. އަދި އެންމެ ފަހުން ކްލިންޓަން އެކަމަށް އެއްބަސްވެވަޑައިގަތެވެ.

ރައީސް ޓްރަމްޕް، ކުރީގެ ރައީސް ބިލް ކްލިންޓަންއާ ސަލާންކުރައްވަނީ

ކްލިންޓަން އަކީ، ޝަރީއަތުގައި ދޮގުނުހަދަން ހުވާކުރައްވައިގެން ހުންނަވާ ކަނޑައެޅިގެން އިތުރުފުޅު ހެއްދެވި އެމެރިކާގެ ހަމައެކަނި ރައީސްގެ ގޮތުގަ އެވެ.

ރިޕަބްލިކަން ޕާޓީގެ އަގުލަބިއްޔަތު އޮތް ކޮންގްރެސް އިން، 221 ވޯޓު ލިބިގެން، ކްލިންޓަން އިމްޕީޗްކުރި އެވެ. އިމްޕީޗްމެންޓާ ދެކޮޅަށް ވޯޓު ދިނީ 212 މެމްބަރުންނެވެ.

ދެން ރައީސްކަމުގެ މަގާމުން ކްލިންޓަން ދުރުކުރުމުގެ ގޮތުން ސެނެޓްގައި ޝަރީއަތް ފެށި އެވެ. އެކަމަކު މަގާމުން ދުރުކުރަން ބޭނުންވާ 67 ވޯޓު ނުލިބި، ކްލިންޓަން ސަލާމަތްވެވަޑައިގަތެވެ. ވޯޓުގެ ނަތީޖާއަކަށް ވީ ކޮންމެ ކޮޅަކަށް 50 ވޯޓު ލިބުމެވެ. އޭގެ ތެރޭގައި ރިޕަބްލިކަން ޕާޓީގެ ފަސް މެމްބަރަކު، ކްލިންޓަންއާ އެއްކޮޅަށް ދެއްވި ވޯޓު ހިމެނެ އެވެ.

ނިކްސަން، އިމްޕީޗްކުރުމުގެ ކުރިން އިސްތިއުފާ

ރިޕަބްލިކަން ޕާޓީގެ ރިޗަޑް ނިސްކަން އަކީ އެމެރިކާގެ ތާރީޚުގައި ވެސް އިސްތިއުފާ ދެއްވި ފުރަތަމަ ރައީސެވެ. އެ ނިންމެވުމާ ހަމައަށް ވަޑައިގަންނަވަން މަޖުބޫރުވީ ވޯޓާގޭޓް މައްސަލަގަނޑެވެ. އެއީ ޑިމޮކްރެޓިކް ޕާޓީގެ ބޮޑު ބައްދަލުވުން 1971 ގައި ކުރިއަށް ދިޔަ ވޯޓާ ގޭޓް ހޮޓަލުގައި، ސިއްރުން އަޑުއަހާ އާލާތްތައް ހަރުކޮށް، އިދިކޮޅު ޕާޓީގެ ހަރަކާތްތަކަށް ޖާސޫސްކުރުމުގެ މައްސަލަ އެވެ. އެ ހަރަކާތުގެ އެއްވެސް ކަމެއް އެނގިވަޑައިނުގަންވާ ކަމަށް، ނިކްސަން ވިދާޅުވަމުން ގެންދެވި އެވެ.

ނިކްސަންއަށް އެނގިވަޑައިގެން އަދި 1972 ގައި އޮތް ރިޔާސީ އިންތިހާބުގައި ދެ ވަނަ ދައުރަކަށް އޭނާ ހޮވަން މަގުފަހިކުރަން ހިންގި އެ ޖާސޫސްކުރުމުގައި، އެމެރިކާގެ ޖާސޫސީ އިދާރާ، ސީއައިއޭ އާއި، ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ މުވައްޒަފުން ވެސް ބައިވެރިވި އެވެ.

ރިޗަޑް ނިކްސަން، އޯވަލް އޮފީހުގައި: ވޯޓާގޭޓް މައްސަލާގައި އިސްތިއުފާ ދެއްވި

ނިކްސަން ދެ ވަނަ ދައުރަކަށް 1972 ގައި ހޮވިވަޑައިގަތެވެ. އެކަމަކު 1973 ގައި، ކޮންގްރެސް އިން ވޯޓާގޭޓް މައްސަލަ ތަހުގީގުކުރަން ފެށި އެވެ. ވައިޓް ހައުސްގައި ހުރި ނިކްސަންގެ ފޯން ކޯލްތަކުގެ ރެކޯޑިން ހޯދަން ތަހުގީގު ޓީމުން އެދުމުން ފުރަތަމަ ހަވާލުކުރީ އެޑިޓްކޮށްފައި ހުރި ބައެކެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުމުން އެމެރިކާގެ އެންމެ މަތީ ކޯޓުން އަމުރުކުރީ، ކޮންގްރެސްގެ ތަހުގީގަށް އެ ރެކޯޑިންތައް ދޭން ޖެހޭނެ ކަމަށެވެ.

އެ އަމުރާ އެކު ބައެއް ޓޭޕްތައް ދިނެވެ. އެއިން ހާމަވީ ވޯޓާގޭޓް މައްސަލަ ސިއްރުކުރައްވަން ނިކްސަން އުޅުއްވި ކަމާއި އެމެރިކާގެ ރަސްމީ އިދާރާތައް މެދުވެރިކޮށް، ތަހުގީގު އަނބުރާލަން ވެސް މަސައްކަތްކުރެއްވި ކަމެވެ.

މި ހަގީގަތް ހާމަވުމާ އެކު، ނިކްސަަންއާ ދެކޮޅަށް އިމްޕީޗްކުރާނެ ކުށްތައް ކަނޑައެޅި އެވެ. އޭގެ ތެރޭގައި އިންސާފު ހޯދަން ހުރަސް އެޅުމާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމާއި ކޮންގްރެސްގެ މަސައްކަތަށް ހުރަސްއެޅުން ހިމެނެ އެވެ.

ނިކްސަންއަށް އެންމެ ބޮޑަށް ސަޕޯޓްކުރި ރިޕަބްލިކަން ޕާޓީގެ ކޮންގްރެސް މެމްބަރުން ވެސް، ޓޭޕްތައް ހާމަވުމާ އެކު، އޭނާއާ ފެޔަށް ޖެހުނެވެ. އެހެންކަމުން އިމްޕީޗްކުރަން ފާސްވާނެކަމާއި އަދި މަގާމުން ވަކިކުރަން ސެނެޓްގެ ޝަރީއަތުގައި ބޭނުންވާ ވަރަށް ވޯޓު ލިބޭނެކަން ޔަގީންވެވަޑައިގަތުމުން، އޮގަސްޓް 9، 1974 ގައި ނިކްސަން އިސްތިއުފާ ދެއްވި އެވެ.

7 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 7%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނޭމް

19 December 2019

ވަރަށް ރަނގަޅު ލިޔުންކޮޅެއް.. ޝުކުރިއްޔާ މޫސާ ލަޠީފް...

The name is already taken The name is available. Register?

ވަހީދު

15 December 2019

ދެތިން ދުވަސް ވެއްޖެ ޚަބަރުތަކުގައި އިންޕީޗޭކިޔައިގެން ލިޔެފައި ހުންނަތަން ފެންނަތާ. މަހީކޮށްގެން މިހުރީ ޢަރަބިން އެކިޔާ މިޝްމިޝްގެ ވާހަކަ ކަމަށް.

The name is already taken The name is available. Register?

އައިސް

15 December 2019

އަދުރޭ މެން ހެޑުލައިނަށް ލުމަށް ވުރެ މިކަހަލަ ހަރުދަނާ ލިޔުން ބޭނުމީ.

The name is already taken The name is available. Register?

ޢަބްދު ކަލޯ

15 December 2019

ޢެމެރި ކާގެ މުޅިގާނޫނުހަދާމަޖިލިހަށް ކިޔަނީ ކޮންގްރެސް. ތިރިގެއަ ކީ ހައުސްއޮފް ރެޕްރެޒެންޓޭޓިވްސް ނުވަތަ ހައުސް. މަތިގެއަ ކީ ސެނެޓް

The name is already taken The name is available. Register?

ލިއުން

14 December 2019

މިވަގުތު ކޮންމެހެންވެސް ނޫހުން ފެންނަންވާ ކަހަލަ ލިއުމެއް. ނޫހަށް ޝުކުރިއްޔާ.

The name is already taken The name is available. Register?

ވަހީދު

14 December 2019

ވަރަށް ރަގަޅު އިންފޮ ކޮޅެއް. ޓޭންކްސް

The name is already taken The name is available. Register?

ކޮމަންމޭން

14 December 2019

ކުރިން ނޭނގޭ ވަރަށް ގިނަ މަޢުލޫމާތުތަކެއް ލިބިއްޖެ. ވަރަށް ފުރިހަމަ އާޓިކަލްއެއް. މޫސާ ލަޠީފްގެ އާޓިކަލް ކިޔާލަން ލިބުމަކީ "މިހާރު" ނޫހުގެ އެންމެ ޚާއްޞަ އެއް ކަންތައް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454