07 ޑިސެމްބަރ 2019 - 10:41
މެންޗެސްޓާ (ޑިސެމްބަރު 7) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭގެ މެޗަށް ނުކުންނައިރު މެންޗެސްޓާ ސިޓީ އަށް ވުރެން އަދިވެސް މެންޗެސްޓާ ޔުނައިޓެޑް ބޮޑުވާނެ ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.
ޔުނައިޓެޑަކީ ލީގުގައި އެންމެ ކާމިޔާބު ޓީމެވެ. އެ ޓީމުން 20 ފަހަރު ލީގު ޗެމްޕިއަންކަން ހޯދާފައިވާއިރު، އެންމެ ފަހުން އެކަން ހާސިލްކުރީ 2013 ވަނަ އަހަރު އެވެ. ސިޓީން އޭގެ ފަހުން ތިން ފަހަރު ލީގު ޗެމްޕިއަންކަން ހޯދާފައިވާއިރު، މި ސީޒަނުގައި ޔުނައިޓެޑަށް ވުރެން މަތިން ސިޓީ ނިންމައިފިނަމަ މިއީ އެ ޓީމުން ޖެހިޖެހިގެން އެކަން ހާސިލްކުރާނެ ހަތް ވަނަ ފަަހަރެވެ. އެންމެ ފަހުން އެ ކަން ކުރެވުނީ 1930 ގެ އަހަރުތަކުގެ ތެރޭގަ އެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސޯލްޝެއާ ބުނީ ޔުނައިޓެޑަކީ އަދިވެސް އެ ސަރަހައްދުގެ ރަސްގެފާނު ކަމަށެވެ.
"ތަށީގެ ނިސްބަތަށް ބަލާއިރު ވެސް ކްލަބްގެ ހައިބަތަށް ބަލާއިރު ވެސް އަދިވެސް ގިނަ ބަޔަކު ގަބޫލުކުރަން ޖެހޭނީ ބޮޑު ކްލަބަކީ މެންޗެސްޓާ ޔުނައިޓެޑް ކަމަށް. މި ވަގުތު އެ ޓީމު ކުރީގައި އޮތީ. އެކަމަކު މި ހިސާބުން ނިމުނީއެއް ނޫން އެ މީހުން އަތުލެވޭނެ ފެންވަރު އަހަރެމެންގެ އެބަހުރި. އެކަން ކުރެވޭނެ ވަސީލަތް ހުއްޓައި އަހަރެމެން މަސައްކަތް ހުއްޓާލައިގެން ނުތިބޭނަން،" ސޯލްޝެއާ ބުންޏެވެ.
ސޯލްޝެއާ ވަނީ މަލާމާތުގެ ގޮތަކަށް ސިޓީއާ މެދު ވާހަކަ ދައްކައިފަ އެވެ. ސޯލްޝެއާ ޔުނައިޓެޑުގެ ކުޅުންތެރިއެއްގެ ގޮތުގައި 1996 ވަނަ އަހަރު އެ ޓީމަށް ސޮއިކުރިިއިރު، ސިޓީ އޮތީ ދެ ވަނަ ޑިވިޝަނުގަ އެވެ. ސޯލްޝެއާ ޔުނައިޓެޑްގައި ހުއްޓައި ސިޓީ އާއި ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗަކީ 2001 ވަނަ އަހަރު ދެ ޓީމު އެއްވަރުވި މެޗުގަ އެވެ.
"މިހާރު ކޮންމެ އަކަސް ކޮންމެ އަހަރަކު މި ދެ ޓީމު އެބަކުޅޭ. އަހަންނާ ޖެހުނު ކޮންމެވެސް ވަރެއްގެ އިންތިޒާރެއް ކުރަން މި މެޗު ކުޅެން. އެއީ ވެސް ބަދަލުވެފައި އޮތް ކަމެއް،" ސޯލްޝެއާ ބުންޏެވެ.
ލީގުގެ އެންމެ ބޮޑު ހަ ކްލަބްގެ ކުރިމަތިލުންތަކުގައި އަދި މިހާތަނަށް ޔުނައިޓެޑް މި ސީޒަނުގައި ބަލިވެފައިނުވެ އެވެ. މެޗުގެ ކުރިން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަނީ އެކަން ފާހަގަކޮށްފަ އެވެ. ދެ ޓީމުގެ ތާރީހު އަޅާކިޔާއިރު އަދިވެސް ޔުނައިޓެޑް ކުރީގައި އޮތްކަން ފާހަގަކުރަމުން ގާޑިއޯލާ ބުނީ އެ ޓީމުން އަންނަނީ އަމިއްލަ ތާރީހެއް ލިޔަމުން ކަމަށާއި ޔުނައިޓެޑްގައި އޮތީ ކުރިން ވެފައި އޮތް ކަމެއްގެ ތާރީހު ކަަމަށެވެ.
"ތަށި ހަރުގަނޑުގައި ހުރި އަދަދު ޔުނައިޓެޑްގެ އިތުރުވާނެ. އެކަމަކު ޔަގީނުންވެސް ސިޓީން އޮތީ ފަހަތަށް ޖެހޭގޮތަކަށް ނޫން. މި ޓީމުގެ ސަޕޯޓަރުން ވެސް ތިބީ އެ ގޮތުގައި،" ގާޑިއޯލާ ބުންޏެވެ.
ސިޓީ އާއި ޔުނައިޓެޑް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަނޑިން 22:30 ގަ އެވެ. ޔުނައިޓެޑުން ބުދަ ދުވަހު ކުޅުނު މެޗުގައި 2-1 އިން ޓޮޓެންހަމް ބަލިކުރިއިރު، މިއީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ. ސިޓީން ވަނީ އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ރަށުން ބޭރުގައި ބާންލީ އަތުން 4-1 އިން މޮޅުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެފްރީ
08 December 2019
މެންޗެސްޓަރ ޔުނައިޓެޑަކީ ދުނިޔޭގައި އޮތް އެންމެ ބޮޑުޓީމް އެކަން ހަޖަމް ކުރަން ވާނެ ހުރިހާ ކުދިން ވެސް
ހަނުހުންނަ މީހާ1
07 December 2019
މެންޗެސްޓާރ ބޮޑުކަމުން ޓީވީ ރައިޓްސްވެސް ގަންނާނެ ފަރާތެއްނުވޭ