ނޭޕާލުގެ ދެ ކުޅުންތެރިން ކައިރިން ރާއްޖޭގެ ފޭދޫ އިއްބެ (ވ) ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ ހުސެއިން ވަހީދު
07 ޑިސެމްބަރ 2019 - 15:55
ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގައި މިއަދު ގޭމްސް ބާއްވާ ނޭޕާލް އަތުން 2-1 އިން ބަލިވެ ރާއްޖެ ފައިނަލަށް ނުހޮވި ކަޓައިފި އެވެ.
ރަން މެޑެއްޔަކަށް އަމާޒުކޮށްގެން އައި ރާއްޖެ މުބާރާތް ނިންމާލީ މޮޅެެއް ނުލިބި އެވެ. ލީގު ބުރުގައި ހަތަރު މެޗު ކުޅުނުއިރު ސްރީ ލަންކާ އާއި ބަންގްލަދޭޝްއާ އެއްވަރުވީ އެވެ. އަދި ބޫޓާނާއި ނޭޕާލް އަތުން ބަލިވީ އެވެ. ނޭޕާލާ ދެކޮޅަށް ލީގު ބުރުގެ ފަހު މެޗުގައި މިއަދު ނުކުތްއިރު، ފައިނަލަށް ދިއުމަށް ރާއްޖެ އަށް އޮތީ އަމިއްލަ ބާރު ގެއްލިފަ އެވެ. އެކަމަކު ބޮޑު ތަފާތަކުން މޮޅުވެގެން ހަނި ފުރުސަތެއް އޮތެވެ.
މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު މި ވަގުތު އޮތީ ފަސް ޓީމު ވާދަކުރާ މުބާރާތުގެ ތާވަލުގެ ފުލުގަ އެވެ. މާދަމާ ބޫޓާން އަތުން ސްރީ ލަންކާ ބޮޑު ތަފާތަކުން ބަލިވެއްޖެ ނަމަ ހަތަރު ވަނައިގައި ނިންމާލެވިދާނެ އެވެ. އެ ނޫނީ ފަސް ވަނައިގައި ނިންމާލަން ޖެހި މި ފަހަރު ވެގެންދާނީ ސަރަހައްދީ މުބާރާތެއްގައި ރާއްޖޭގެ ނަތީޖާ އެންމެ ދަށް އެއް މުބާރާތަށެވެ. ރާއްޖެ އަކީ ފެށުނީއްސުރެ ސާފް ޗެމްޕިއަންޝިޕުގައި ދަށްވެގެން ސެމީ ފައިނަލުގައި ކުޅޭ ޓީމެކެވެ. މި ގޭމްސްގައި ރާއްޖެ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ 1991 ވަނަ އަހަރު ރިހި މެޑަލް ލިބުމެވެ. އޭގެ ކުރިން 1984 އަދި އޭގެ ފަހުން 2010 ގައި ލޯ މެޑަލް ހޯދި އެވެ.
މިއަދުގެ މޮޅާ އެކު ނޭޕާލުން ވަނީ ފައިނަލުގެ ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފަ އެވެ. ނޭޕާލަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް ދެން ފައިނަލުގެ ޖާގައެއް ގެއްލޭނީ ފަހު މެޗުގައި ތަފާތު ބޮޑުކޮށް ބަންގްލަދޭޝް އަތުން ބަލިވެގެންނެވެ. ތާވަލުގެ ދެ ވަނައިގައި އޮތް ބޫޓާނަށް ވަނީ ތިން މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. ތާވަލުގެ ތިން ވަނައިގައި އޮތީ ހަތަރު ޕޮއިންޓާ އެކު ބަންގްލަދޭޝް އެވެ. ހަތަރު ވަނައިގައި އޮތް ލަންކާ އާއި އެންމެ ފުލުގައި އޮތް ރާއްޖެ އަށް ލިބިފައި އޮތީ ދެ ޕޮއިންޓެވެ. ރާއްޖޭގެ މެޗުތައް ނިމިފައިވާއިރު، ލަންކާގެ ފަހު މެޗުގައި މިއަދު ކުޅޭނީ ބޫޓާނާ ދެކޮޅަށެވެ.
ނޭޕާލުގެ ދަސްރާތު ރަންސާލާ ސްޓޭޑިއަމްގައި މިއަދު ގިނަ އަދަދެއްގެ ނޭޕާލް ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗަށް ރާއްޖޭން ނުކުތީ ދެ ބަދަލަކާ އެކު އެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުރިން ދެ މެޗުގައި ދެ ވަނަ ހާފުގައި އެރި މުހައްމަދު ސާމިރާއި ސްޕެއިންގެ ހަތަރު ވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ޔޫޑީ ކެނަލްސް އަށް ކުޅެމުން އަންނަ އިސްމާއިލް ޒާން އާމިރަށް މިއަދު ފުރަތަމަ އެގާރައިން ފުރުސަތު ދިނެވެ. ޒާން ކުރިން ތިން މެޗުގައި ކުޅެފައިނުވެ އެވެ. ބަންގްލަދޭޝް މެޗު ނިމުނީ ޒާން ބަދަލުކުރަން ތައްޔާރުވެފައިވަނިކޮށެވެ.
މޮޅުވުން މަޖުބޫރު މެޗަކަށްވުމުން ރާއްޖޭން މިއަދުގެ މެޗުގެ ފުރަތަމަ މިނިޓުން ފެށިގެން ވަނީ އެޓޭކްކުރަން ފަށައިފަ އެވެ. ފުރަތަމަ މިނިޓްގައި ހަމްޒާ މުހައްމަދު (ހަމްޕު) ދިން ބޯޅައެއް ހިފައިގެން ވަދެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ޖެހި ބޯޅަ ވަނީ ބްލޮކްވެފަ އެވެ. މެޗުގެ 10 ވަނަ މިނިޓްގައި ނޭޕާލުގެ ކެޕްޓަން ސޫޖަލް ޝްރެސްތާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑި އަށެވެ.
ލަނޑު ޖެހުމަށް ފަހު ސާމިރު (ކ) އާއި ފޭދޫ އިއްބެ އުފާފާޅުކުރަނީ. -- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ ހުސެއިން ވަހީދު
ރާއްޖޭން މެޗުގެ ލީޑުނެގީ 18 ވަނަ މިނިޓްގައި ފޭދޫ އިއްބެ ޖެހި ގޯލުންނެވެ. ހުސެއިން ސިފާއު (ކުރޯ) އެއްލި ބޯޅައެއް އޭރިއާތެރޭގައި ހުސްކޮށްހުރި ފޭދޫ އިއްބެ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ރާއްޖޭން ލީޑުނެގިތާ އިރުކޮޅެއްގެ ތެރޭ ނޭޕާލުގެ ރެޖިން ސުބާ ޖެހި ބޯޅައެއް ކީޕަރު ހުސެއިން ޝަރީފް ހުއްޓުވިއިރު، އަނަންތާ ތަމަންގް ޖެހި ބޯޅައެއް ގޯލުގެ ރޮނގުމަތިން ސަލާމަތްކުރީ ރާއްޖޭގެ ޑިފެންޑަރު ހައިޝަމް ހަސަން (ބިޑީ) އެވެ.
އޭގެ ފަހުން ލީޑުފުޅާކުރަން ރާއްޖޭގެ ކުޅުންތެރިންނަށް ރަނގަޅު ތިން ފުރުސަތެއް ލިބިގެންދިޔަ އެެވެ. ފޭދޫ އިއްބެ އަަތުން ދެ ފުރުސަތެއް ގެއްލުނުއިރު، ހަމްޕު ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އެ ފުރުސަތުތައް ތަނަވަސްކުރުމުގައި ރާއްޖޭގެ މެދުތެރެއިން އިބްރާހިމް އައިސަމް އާއި ޒާންގެ މަސައްކަތް ފާހަގަކުރަން ޖެހެ އެވެ.
ލީޑުފުޅާކުރަން ރާއްޖެ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފި ދިޔައިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ނޭޕާލުން ވަނީ އެއްވަރުކޮށްފަ އެވެ. މި ލަނޑު ޖެހީ އަބިޝޭކް ރިޖާލް އެވެ. ރާއްޖޭގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ބޯމަތިން އޭރިއާތެރެއަށް ވެއްޓުނު ބޯޅަ ހޯދައި އަބިޝޭކް ވަނީ ކީޕަރު ހުސެން އަތްމަތިން ދުރުކަނަށް އަމާޒުކޮށްލައިފަ އެވެ.
ފުރަތަމަ ހާފުގައި ރާއްޖޭން ދެއްކި ކުޅުމާ އެއްވަރުގެ ކުޅުމެއް ދެ ވަނަ ހާފުގައި ނުދެއްކުނެވެ. ދެ ވަނަ ހާފް ކުޅުން ފެށިގެން ހަ ވަނަ މިނިޓްގައި ނޭޕާލަށް ލީޑުނަގައިދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި އަނަންތާ އެވެ. މެޗުގެ 51 ވަނަ މިނިޓްގައި ކޯނަރަކުން ރާއްޖެ އޭރިއާތެރެއަށް ހުރަސްވި ބޯޅަ އަނަންތާ ވަނީ ހަމަޖެހިލާފައި ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އޭގެ މިނިޓެއް ފަހުން ފޭދޫ އިއްބެ ރަނގަޅު ހަމަލާއެއް ފޮނުވާލިއިރު ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
ދެ ވަނަ ހާފުގައި ރާއްޖޭން ވަނީ ހަސަން ރާއިފް (ހަންނަ) އާއި ރިހާމް އަބްދުލް ގަނީ (ބޮބީ) ކުޅެން އަރުވައިފަ އެެވެ. އެކަމަކު އެ ކުޅުންތެރިންނަށް ވެސް އެޓޭކުގައި މާ ބޮޑު ތަފާތެއް ނުދެއްކުނެވެ.
ރާއްޖޭގެ ކޯޗު ޕީޓަ ސެގާޓްގެ މިއަދުގެ ޝަކުވާ އަކީ ވެސް ގިނަ ފުރުސަތުތަކެއް ލިބި ބޭނުންނުކުރެވުމެވެ. އޭނާ ބުނީ މި މުބާރާތުގައި ތަފާތު ތަޖުރިބާތަކެއް ކުރަން ޖެހިއްޖެ ކަމަށާއި މިއީ ޔޫތު ފުޓްބޯޅަ މުބާރާތެއް ވުމުން ކުޅުންތެރިންނަށް ކަންތައްތަކެއް ދަސްވާނެ ކަމަށެވެ. އަދި ފައިނަލުގެ ފުރުސަތު ބޮޑުވެފައި އޮތް ދެ ޓީމަކީ ރާއްޖެ އަތުން މޮޅުވި ދެ ޓީމު ކަމަށް ވެސް ސެގާޓް ބުންޏެވެ.
ރާއްޖޭން އެންމެ ފަހުން ސައުތު އޭޝިއަން ގޭމްސްގައި 2016 ވަނަ އަހަރު ކުޅުނިއިރު ވެސް މުބާރާތުން ކެޓީ ސެމީގައި ނޭޕާލް އަތުންނެވެ. އެ މެޗުން ރާއްޖެ ބަލިވީ 4-3 އިންނެވެ. އެ ފަހަރުގެ ތިން ވަނަ ހޮވާ މެޗުން ރާއްޖެ ވަނީ ޕެނަލްޓީ ޖަހައިގެން ބަންގްލަދޭޝް އަތުން ކަޓައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯޅަ
08 December 2019
ރަނގަޅުު ފެންވަރެއްގެ ލީގެނެތް ދަނޑެއްނެތްު ދެންު ދެންު ކިހިނެތްު މޮޅުވާނީ.މިސަރަހައްދުގެ ފުލައް ނުދަނީސް ދިވެހި ފުޓްބޯޅަ ސަލާމަތްކުރޭު.ރާއްޖޭގެު އެކި ސަރަހައްދުގައި ދަނޑުު އަޅާު އެތަނުންު ވަރުގަދަު ކުލަބުތައް ހަދަންޖެހޭު.އެހެންނޫނީ ޒަމާނީ ފުޓްބޯޅައެއްު ނު ކުޅެވޭނެ!
ގަޓް ބްރޯ
07 December 2019
މިފަހަރުވެސް ގުރުއަތު ނަގަންޖެހުނު ނަމަ ދިވެހިން ހެއްވާލީސް. މިކޯޗުގެ ކޯޗުކަމުގަ ގުރުއަތެއްލި ފުރަތަމަ ފަހަރުވެސް މިކޯޗު އޮތީ ދިވެހިންގެ އުންމީދު ރަނަށް ހަދައިދީފަ. އެކަމުގަ ވަރަށް ކާމިޔާބު ކޯޗެއް ދިވެހިންނަށް ލިބިފަ މިހިރީ!
އާރީ
07 December 2019
ހަންފް ނުނީ ނެތް ކުޅޭމީހަކު ދެންތިބި މީހުން ބޯޅަލިބުނީމަ އެމީހަކާ އެމީހަކު. ސެގާޓްއަށް ވަރަށް ސަލާން. އަހަރަމެން އޭރުވެސް ބުނިން އަފްގާނިސްތާނު ކަންދަހާރުގަ ދަނޑް ހަންދަށް އުޅުނި މީހެކޭ ތި ހުރީ ގެނެސް. އަވަހަށް އައި ބޯޓުން ފޮނުވާލާށޭ. ބަންސާމް އިސްތިއުފާ
ނަގިއްޔާ
07 December 2019
މިމުބާރާތް މިހާ ނާކާމިޔާބުކޮށް ދިއުމުގެ ފުރިހަމަ ޒިންމާ ކޯޗު ނަގަންޖެހޭނެ. ފޯވަޑުންނަށް ލަނޑުނުޖެހުނީއޭ ކިއާ ބޯދަމައި ނުގަނެވޭ. މީނަގެ ކޯޗުކަމުގަ މިހުރިހާ ދުވަސްވީއިރު ޓީމަށް ލިބުނު ކުރިއެރުމެއްނެތް. ބަރިބަރިއަށް ގަނޑުކޮށް ލީގު މެދު ކަނޑާލައިގެން ބޭރުގައުމުތަކުގަ ކުރި ކޭންފަކުން ކުރި ފައިދާއެއްނެތް. ރާއްޖޭގެ ކުޅުންތެރިންގެ ހުނަރާ ފެންވަރަށް ބަލާ ކުޅުމުގެ ވަކި ސްޓައިލެއް ގެންގުޅެން ނޭގުނު. އަދިވެސް ބައްސާމު ބޭނުންވަނީ މީނަ ބަހައްޓަންތަ!
ކަކުނިބޯ
07 December 2019
އުންމީދުކުރަން ކޯޗް ދެން މެޗްވިއް ކަން ނުބަހައްޓާނެ ކަމަށް
އާދަމް ބާއީ
07 December 2019
ރަންރިހި، ކީއްކުރަން ދަބަރުޖެހި ދަގަނޑުބުރިއެއްވެސް ނުލާ މިއަންނަންޖެހުނީ. ދެން ކޮންމެ މީހަކަށް ލައްކައެއްދީފާ ރަށަށްފޮނުވާލާ މާލެއެރީމާ.
ކަޅުމަރިޔަނބު
07 December 2019
މިހާރު ޤައުމީ ޓީމާބެހޭގޮތުން އެންމެ އަހަން ބޭނުންވާ ޚަބަރަކީ ކޯޗް ވަކިކުރި ވާހަކަ.
ޤައުމް
07 December 2019
ސަވީދަު އާއި ބައްސާމަށް ބަލަދުއަރާފަ ހުރީ ތިކަމެއް ނުވާނެ..
ސަސި
07 December 2019
2018 ވަނަ އަހަރު ސާފް ޗެމްޕިއަންސިޕް، ބޫޓަން އަތުން މޮޅުވެގެން އުޅުނު މޮޅު ކޯޗް. މިއަދު މަގާމުން ވަކި ކުރާކަށް ނުވޭބާ
ރާބޮޑޭ
07 December 2019
މިހާރު ތިޔަހުރި ކޯޗް މިރާއްޖޭން ފޮނުވާނުލަނީސް ރާއްޖެއަކަށް ކާމިޔާބެއް ނުުލިބޭނެ ކަން ޔަޤީން !
އަފިފާ
07 December 2019
މިލިއަނުން ރައްޔިތުންގެ ޓެކެސްފައިސާ ތަޅާ ބުރުއްސާފަ ގޮސް އަޗާތަޅަނީ. ދެން ސެލްފީނަގައިގެން ޝޮޕިން ކޮއްލައިގެން އައިސް ޓީވީތަކަށް އަރާތިބެ ކިޔާ މަމެންމިއައީ ވަރަށް މޮޅަށް ބޯޅަ ކުޅެފަޔޭ. ފުޓުބޯޅަ އެއްނޫން ކުޅެންވީ ކަންނެއްޔަށް ދާންވީ