މާޒިޔާގެ އީސަ (މ) އަތުން ބޯޅަ ހޯދަމަށް ބީޖީގެ ދެ ކުޅުންތެރިން މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
30 ސެޕްޓެމްބަރ 2016 - 20:05
އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުލުގައި އޮތް ބީޖީ ސްޕޯޓްސް އިން މިއަދު ހަވީރު ޗެމްޕިއަން މާޒިޔާއާ 2-2 އިން އެއްވަރުކޮށް ރެލިގޭޝަނުން ސަލާމަތްވުމަށް ކުރަމުން އަންނަ މަސައްކަތުގައި މުހިއްމު ޕޮއިންޓެއް ހޯދައިފި އެވެ.
މި މެޗަށް ނުކުތްއިރު ވެސް މާޒިޔާ ލީގުގެ އެއް ވަނަ ކަށަވަރުކޮށްފައިވާއިރު ބީޖީ އޮތީ ރެލިގޭޓް ވުމުގެ ބިރާ ކުރިމަތިވެފަ އެވެ. މި މެޗުން ހޯދި ޕޮއިންޓާ އެކު ބީޖީ ވަނީ 13 ޕޮއިންޓް ހަމަކޮށް، ހަތް ވަނައިގައި އޮތް ވިކްޓަރީއާ ތިން ޕޮއިންޓަށް ގާތްކޮށްފަ އެވެ. ލީގު ރޭވިފައިވާ ގޮތުން އެންމެ ފުލަށްދާ ޓީމެއް ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވާނެ އެވެ.
މުހިއްމު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ނެތި މާޒިޔާ އިން މިއަދުގެ މެޗަށް ނުކުތްއިރު އެ ޓީމުގެ އެޓޭކް ބެލެހެއްޓީ އަސަދުﷲ އަބްދުﷲ އާއި އަހުމަދު ނާޝިދު (ނައްޓޭ) އެވެ. އެ ޓީމަށް 17 ވަނަ މިނެޓުގައި އަސަދުﷲ ލީޑު ނަގައިދިނީ ނައްޓޭ، ގޯލްކީޕަރު ކައިރިން ނައްޓާލުމަށް ފަހު ދިން ބޯޅައަކުންނެވެ.
އޭގެ ކުރިން ބީޖީން ލީޑު ނެގުމާ ގާތަށް ދިޔަ އެވެ. އެގޮތުން 11 ވަނަ މިނެޓުގައި ކިންގްސްލީ އެލެޗީ ދިން ބޯޅަ ހިފައިގެން އަހުމަދު އުސާމް ކުރިއަށް އަރައި ފޮނުވާލި ބާރު ބޯޅަ މަތަކުރީ މާޒިޔާގެ ގޯލްކީޕަރު އިމްރާން މުހައްމަދެވެ.
މާޒިޔާ އިން ލީޑު ފުޅާކުރީ ދެ ވަނަ ހާފު ފަށައިގެން 55 ވަނަ މިނެޓުގައި އަސަދުﷲ އެވެ. އޭނާ އަށް މި ގޯލް ޖަހަން މަގުފަހިކޮށްދިނީ އިސްމާއިލް އީސާ އެވެ. އޭގެ 12 މިނެޓު ފަހުން ބީޖީ އަށް އުއްމީދެއް ގެނެސްދިނީ ކެޕްޓަން އަދި ތަޖުރިބާކާރު ކުޅުންތެރިޔާ އިބްރާހިމް ޝިޔާމް (ދޮނާ) އެވެ.
ބީޖީ އިން އެއްވަރުކުރީ 84 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކިންގްސްލީ ޖަހައިދިން ލަނޑުންނެވެ. މިއީ މާޒިޔާގެ ބަދަލު ކުޅުންތެރިޔާ ސަމްދޫހު މުހައްމަދު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަން
01 October 2016
އެންމެ ފުލަށްދާ 2 ޓީމު ރެލިގޭޓެއް ނުވާނެ. ރެލިގޭޓް ވާނީ އެންމެ ފުލަށްދާ ޓީމު. ފުލުން 2 ވަނަ (ލީގުގެ 7 ވަނަ) ޓީމު ރެލިގޭޓް ވާނީ 2 ވަނަ ޑިވިޜަންގެ 2 ވަނަ ޓީމާއެކު ޕްލޭއޮފް މެޗެއް ކުޅެގެން ބަލިވެއްޖެނަމަ. މޮޅުވެއްޖެނަމަ ރެލިގޭޓެއް ނުވާނެ.
ނިޔާސާ
30 September 2016
ބީޖީ މަރުހަބާ.