ވެލެންސިއާގެ އަވިލޯ (ކ) ޔުނައިޓެޑް ވިކްޓަރީގެ ޑޯޑީ އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
01 އޮކްޓޯބަރ 2016 - 01:34
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ 1-0 އިން ކްލަބް ވެލެންސިއާ ބަލިކޮށް ޔުނައިޓެޑް ވިކްޓަރީ ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.
ޖެހިޖެހިގެން ހަތަރު މެޗުން ބަލިވެ ވެލެންސިއާ ލީގުގެ ފަސް ވަނަ އަށް ވެއްޓުނީ 20 ޕޮއިންޓާ އެކު އެވެ. ލީގުގެ ތިން ވަނަ ބުރުގައި އަދި އެ ޓީމު މެޗަކުން މޮޅެއްނުވެ އެވެ. މިރޭގެ މޮޅާ އެކު ޔުނައިޓެޑް ވިކްޓަރީ ހަތަރު ވަނަ އަށް ޖެހިލީ 23 ޕޮއިންޓް ހޯދައިގެންނެވެ.
މިރޭގެ މެޗުގައި ވެލެންސިއާ އިން ކުޅުނީ އެ ޓީމުގެ މުހިއްމު ތިން ކުޅުންތެރިއަކު ނުލަ އެވެ. ހަސަން އަދުހަމް (ސަޑޭ) އާއި މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި ސްޕެއިނުގެ މިޑްފީލްޑަރު އެންޖެލް މުނޯޒް މިރޭ ނުކުޅެ އެވެ. ލީގުގެ ތިން ވަނަ ބުރުގައި ވެލެންސިއާ އަށް ވަނީ ގިނަ މައްސަލަތަކެއް ދިމާވެފަ އެވެ.
މެޗު ފެށިގެން ފުރަތަމަ 10 މިނިޓް ތެރޭގައި ވެލެންސިއާ އިން ރަނގަޅު ދެ ހަމަލާއެއް ފޮނުވާލި އެވެ. އޭރިއާ ތެރެއިން ވެލެންސިއާގެ ހަންސްލޭ އަވިލޯ ފޮނުވާލި ބޯޅަ ޔުނައިޓެޑް ވިކްޓަރީ ކީޕަރު މުހައްމަދު އަލްޔޫސުފް ވަނީ މަތަކޮށްފަ އެވެ. އަދި މުހައްމަދު އާރިފް (ބަކާ) އޭރިއާ ބޭރުން ފޮނުވާލި ބޯޅަ އަލްޔޫސުފް އަތުގައި ޖެހިފައި ލިބުނީ ޗިންޒީ ކަކާ އަށެވެ. އޭރިއާ ތެރެއިން ހުސް ގޯލަކަށް ފޮނުވާލަން ލިބުނު ބޯޅަ ކަކާ ޖެހި ނަމަވެސް ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
ޔުނައިޓެޑް ވިކްޓަރީ އަށް ލީޑު ނަގައިދޭން އެ ޓީމަށް ކުޅޭ އިބްރާހިމް ނޫރައްދީން އަށް ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. ނުރައްދީން ފޮނުވާލި ފުރަތަމަ ބޯޅަ ހުރަސް ދަނޑިމަތިން ދިޔައިރު، އަނެއް ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
މެޗުގެ 24 ވަނަ މިނިޓްގައި ވެލެންސިއާގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު ޔުނައިޓެޑް ވިކްޓަރީގެ އަލީ ހައިޝަމް ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔުނައިޓެޑް ވިކްޓަރީ އަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ފަހަތަށް ކުޅޭ ވިކްޓަ ޑޯޑީ އެވެ. މެޗުގެ 44 ވަނަ މިނިޓްގައި ރަފީނިއާ ނަގައިދިން ކޯނަރަކުން ވެލެންސިއާ އޭރިއާ ތެރެއިން ފުއްމައިގެން އެރި ޑޯޑީ ގައިގައި ޖެހިފައި އަމާޒުވީ ގޯލުގެ ކަނަށެވެ.
ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ދެ ވަނަ މިނިޓްގައި ވެލެންސިއާގެ އަހުމަދު ރިލްވާން ހުރަސްކޮށްލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. މި ހާފްގައި ލަނޑު ޖަހަން ވެލެންސިއާ އިން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރަން މަސައްކަތް ކުރި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ.
މެޗުގެ އިތުރު ވަގުތުގައި ވެލެންސިއާ އިން ނަތީޖާ ހަމަހަމަކުރުމާ ގާތަށް ޖެހިލި އެވެ. އޭރިއާ ބޭރުން ބަކާ ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މިރޭގެ މެޗަށް ފަހު ލީގުގެ ކުޅުން ވަނީ، އޭޝިއަން ކަޕް ޕްލޭއޮފް ދެ ވަނަ ލެގުގައި ލާއޯސްއާ ދެކޮޅަށް އެ ގައުމުގައި ރާއްޖެ ކުޅޭ މެޗަށް މެދުކަނޑާލައިފަ އެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަތީ
01 October 2016
މޮޅުވާންބޭނުން ނަމަ ކުޑަހީނާ ކޯޗް ކަމުން ވަކިކުރަން ޖެހޭ މީނަގެ ކަމަކީ ރޭގަޑު ދަންވިހެއް ބައެއް ކުޅުން ތެރިން ނާ އެކު ކޮފީ ބޯން އިނުން އެކުޅުން ތެރިން ގެ ކުޅުން ދައްވި ޔަސް ޓީމުގެ ފުރަތަމަ 11 ޖާގަދޭނެ މިކަމާ ވެލެންސިއާ ގެ މެނޭޖުމަންޓް ވިސްނާލަންޖެހޭ.