13 ޑިސެމްބަރ 2019 - 11:08
މިއުނިކް (ޑިސެމްބަރު 13) - އޭނާގެ ނަޒަރުގައި މި ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ފޭވަރިޓަކީ މެންޗެސްޓާ ސިޓީ ކަމަށް އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފި އެވެ.
މި ހަފްތާގެ މެޗުތަކަށް ފަހު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ކުޅުން ނިމިފައިވާއިރު، އަންނަ ހޯމަ ދުވަހު މުބާރާތުގެ ދެ ވަނަ ބުރުގެ ފުރުއަތުލުން ކުރިއަށްދާނެ އެވެ. މިދިޔަ ސީޒަނުގައި ޗެލްސީ ގޮވައިގެން ޔޫރޮޕާ ލީގު ކާމިޔާބުކުރީ ސާރީ މި އަހަރު ޔުވެންޓަސްއާ ހަވާލުކުރިއިރު، އޭނާ އަށް އޮތް ބޮޑު ޓާގެޓަކީ ޔުވެންޓަސް އަށް ޗެމްޕިއަންސް ލީގު ހޯދައިދިނުމެވެ. އެ މުބާރާތުގައި އޭނާ ހޯދާ ނަތީޖާއެއްގެ ގޮތުން ޔުވެންޓަސްގެ ކޯޗުކަން ގެއްލުމުގެ ބިރު ވެސް އެބައޮތެވެ.
ސާރީ ބުނީ އޭނާގެ ނަޒަރުގައި މި ފަހަރު ޗެމްޕިއަންސް ލީގުގެ ތަށި ހޯދާނެ ކަމަށް ބެލެވޭ އެއް ޓީމަކީ ސިޓީ ކަމަށެވެ.
"ގިނަ ބަޔަކަށް ފޭވަރިޓަކީ ކުރީގެ ޗެމްޕިއަން ލިވަޕޫލް. އެކަމަކު އަހަންނަށް ފޭވަރިޓަކީ ސިޓީ (މެންޗެސްޓާ ސިޓީ) ސަބަބަކީ މިދިޔަ އަހަރު އެ މީހުން އިނގިރޭސި ޕްރިމިއާ ލީގަށް ހާއްސަ ސަމާލުކަމެއް ދިނީ. މި ފަަހަރު އެ މީހުންގެ ވިސްނުމަކަށްވާނީ ޗެމްޕިއަންސް ލީގު. ސަބަބުތަށް ވެސް ގިނަ އެއީ. އެއް ކަމަކީ މިއީ ސިޓީ އަށް އަދި ހޯދިފައިވާ ތަށްޓަކަށް ނުވުން،" ސާރީ ބުންޏެވެ.
ސާރީ ބުނީ ސިޓީ އެކޭ އެއްގޮތަށް ޔުވެންޓަސް ވެސް މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ނުގުނަންވީ ސަބަބެއް ނެތް ކަމަށާއި އެކަމަކު އެ ހިސާބަށް ދާން ޔުވެންޓަސް އިން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
"މި ޓީމުގައި އެބަތިބި މި ކާމިޔާބީ ހޯދާފައި ތިބި ކުޅުންތެރިން. މި ޓީމުގައި ކާމިޔާބީ ހޯދުމުގެ ތަޖުރިބާ ވެސް އެބަހުރި. މީގެ ރަނގަޅު ކުރަންޖެހޭނީ ދަނޑުމަތީގައި ކުރާ މަސައްކަތް،" ކުރިން ނަޕޯލީ އަށް ކޯޗުކޮށްދިން ސާރީ ބުންޏެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަށް ޗެމްޕިއަންސް ލީގު އެންމެ ފަހުން ކާމިޔާބު ކުރެވުނީ 2011 ވަނަ އަހަރު ބާސެލޯނާގައި ހުރި އިރު އެވެ. އޭގެ ފަހުން އޭނާ ކޯޗުކޮށްދިން ބަޔާން މިއުނިކާއި މިހާރުގެ ޓީމު ސިޓީއާ އެކު މުބާރާތުގެ ފައިނަލަށް ވެސް ނުދެވެ އެވެ. ގާޑިއޯލާ ވަނީ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ޗެމްޕިއަންސް ލީގު ހޯދުމަކީ ސިޓީއާ އެކު އޭނާގެ އެންމެ ހާއްސަ ކާމިޔާބަށް ވާނެ ކަމަށް ބުނެފަ އެވެ.
މި ސީޒަނަށް ފަހު ގާޑިއޯލާ ސިޓީ ދޫކޮށްލަން އުޅޭކަމުގެ އަޑުތަކެއް މީޑިއާގައި ވަނީ ފެތުރިފަ އެވެ. ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު ދާދި ފަހުން ވަނީ ގާޑިއޯލާ އެނބުރި އަންނަން ބޭނުންވެއްޖެނަމަ އޭނާ އަށް އެ ފުރުސަތު ދޭނެ ކަމަށް މީޑިއާގައި ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy