އެމެރިކާގެ ރައީސް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް މިދިޔަ ޖޫން މަހު ބޭއްވި ބައްދަލުވުމުގެ ތެރެއިން: އެމެރިކާއިން އޮތީ މަޝްވަރާއަށް ތައްޔާރަށް ކަމަށް އެ ގައުމުން ބުނޭ -- ފޮޓޯ/އޭއެފްޕީ
16 ޑިސެމްބަރ 2019 - 12:41
ވޮޝިންޓަން (ޑިސެމްބަރު 16) - އުތުރު ކޮރެއާގެ ނިއުކްލިއާ ހަތިޔާރު ނައްތާލުމާ ބެހޭ ގޮތުން މަޝްވަރާއަށް އައުމަށް އަނެއްކާވެސް އެމެރިކާއިން ދައުވަތު ދީފި އެވެ.
ނިއުކްލިއަ ހަތިޔާރުގެ މައްސަލާގައި އުތުރު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދެވޭނެ ގޮތަކަށް ދެ ގައުމުން އެއްބަސްވުމަކަށް އައުމަށް އުތުރު ކޮރެއާ އިން އެމެރިކާއަށް ފުރުސަތު ދިނީ މި އަހަރުގެ ނިޔަލަށެވެ. އެކަން ނުކޮށްފި ނަމަ، "ކްރިސްމަސް ހަދިޔާއެއް" އެމެރިކާއަށް ލިބިދާނެ ކަމަށް ބުނެ ނުސީދާ އިންޒާރެއް ވެސް އުތުރު ކޮރެއާއިން އޮތީ ކުރިން ދީފަ އެވެ.
އުތުރު ކޮރެއާއަށް އެމެރިކާއިން ކަނޑައެޅި ޚާއްސަ މަންދޫބު ސްޓެފަން ބިގަން ވިދާޅުވީ ނިއުކްލިއަ ހަތިޔާރުގެ މައްސަލާގައި އެމެރިކާގެ އޮތީ އަމާޒެއް ކަމަށާއި ވަކި މުއްދަތެއްގެ ތެރޭގައި ކަންކަން ނިންމަން ޖެހޭ ފަދަ މުއްދަތުތަކެއް ނޫން ކަމަށެވެ. އަދި މަޝްވަރާއަށް އެމެރިކާ ތައްޔާރަށް ކަމަށް ވިދާޅުވެ، ސެޓްފަން ގޮވާލެއްވީ މަޝްވަރާއަށް އުތުރު ކޮރެއާއިން އައުމަށެވެ.
"އަހަރުމެން މި ތިބީ އައިސް. މިކަން ނިންމަން ހިނގާ،" ސްޓެފަން ވިދާޅުވި އެވެ.
މަޝްވަރާއަށް ތައްޔާރު ކަމަށް ބުނެ ސްޓެފަން ވާހަކަ ދެއްކެވީ އުތުރު ކޮރެއާއިން އިއްޔެ އަނެއްކާވެސް މިސައިލެއް ޓެސްޓް ކޮށްފައި ވަނިކޮށެވެ.
ނިއުކްލިއަ ހަތިޔާރުގެ މައްސަލާގައި އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ދެ ފަހަރެއްގެ މަތިން ބައްދަލު ކުރައްވައި، މަޝްވަރާ ކުރެއްވިޔަސް، ދެ ގައުމުގެ ދެމެދުގައި އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ. އުތުރު ކޮރެއާއިން މިހާރު އަނެއްކާވެސް ދަނީ ކުރު ރާސްތާގެ ބެލިސްޓިކް މިސައިލް ޓެސްޓް ކުރަމުންނެވެ.
ޓްރަމްޕް ވިދާޅުވެފައިވާ ގޮތުން އުތުރު ކޮރެއާއިން ނިއުކްލިއަ ޕްރޮގްރާމް އެއްކޮށް ހުއްޓާނުލަނީސް ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ނުދެވޭނެ އެވެ. ކޮރެއާއިން ބުނާ ގޮތުން ރަނގަޅު ހުށަހެޅުންތަކެއް އެމެރިކާގެ ފަރާތުން ނާންނަ ނަމަ، އިތުރު ގޮތެއް އެ ގައުމުން ހޯދާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy