ކުޅިވަރު

ކަލަންޑަރު ބަދަލުކޮށްގެން ވީ ފައިދާއެއް ނެތް: ސުޒޭން

ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ގްރީން ސްޓްރީޓްސް ކުޅުނު މެޗުގެ ތެރެއިން އެ ޓީމުގެ ކޯޗު އަލީ ސުޒޭން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގެ ފުޓްބޯޅަ ކަލަންޑަރަށް ބޮޑު ބަދަލެއް ގެނެސްގެން މި ސީޒަނުގައި މިހާތަނަށް ފެނުނު ރަނގަޅު ކަމެއް ފާހަގަކުރެވެން ނެތް ކަމަށް ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

މި އަހަރުގެ ޖޫން މަހު ފުޓްބޯޅަ ސީޒަން ފަށައިގެން ގައުމީ ފުޓްބޯޅަ ޓީމަށް ވަގުތުދޭން ވެގެން މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން ލީގު ވަނީ މެދުކަނޑާލައިފަ އެވެ. އެންމެ ފަހުން ނެގި 50 ވަރަކަށް ދުވަހުގެ ބްރޭކަށް ފަހު އަލުން ލީގު ފެށިއިރު ޓީމުގެ ހާލަތު އޮތީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. މާލީ މައްސަލަތަކުގެ ސަބަބުން މުސާރަ ނުދެވުމުގެ އިތުރުން ޕްރެކްޓިސް ނުކުރެވި ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.

ލީގުގައި މިއަދު ހަވީރު ނިލަންދޫއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުނީ ގްރީން ސްޓްރީޓްސްގެ ހާލަތަށް ވެސް އަދި ރަނގަޅު ބަދަލެއް ނާންނަ ކަމަށެވެ.

"މެނޭޖްމަންޓަށް ލިބޭ އެއްޗެއް ކުޅުންތެރިންނަށް ފޯރުކޮށްދެމުން ދަނީ. މި ވަގުތު މާލީ ގޮތުން ކަންތައްތަކެއް ކޮށްދެވެން ނެތް ކަމަށް ވަންޏާ ވާހަކަ ދައްކައިގެނެއް ނުކުރެވޭނެ. އެއީ މިހާރު ރާއްޖޭގެ ސްޓޭޓަސް އެބަ އެނގޭ އެންމެ އާދައިގެ ކުޅުންތެރިޔާ އަށް ވެސް. ކްލަބެއްގައި ހުރީ ކިހާ ތަނަވަސްކަމެއްކަމާއި ކިހާ ވަރެއްތޯ ކޮށްދެވޭނީ. ކިހާވަރެއްކަން ދިނީ. މި ހުރިހާ ތަފްސީލްތަކެއް ވެސް އެނގޭތީ ކަންތައްތައް ފުރިހަމަނުކޮށް އުނދަގޫވާނެ މި ހާލަތުން އަރައިގަންނަން،" ސުޒޭން ބުންޏެވެ.

"ފުޓްބޯޅަ މުބާރާތެއް ހިންގަން ވެސް މިއީ ފަސޭހަކަމެއް ނޫން. އެހާ ބޮޑެތި ބްރޭކްތަކެއް ލާފައި ކުރިއަށް ދިއުމަކީ. އެ ހުރިހާ ގޮތަކަށް ބަލާއިރު ޑިސެޑްވާންޓޭޖެއް ގޮތަށް މި ސީޒަން މިދިޔައީ ފުޓްބޯޅަ އަށް ބަލާއިރު. މި ގެނެވުނު ބަދަލަކުން ފުޓްބޯޅަ އަށް ވީ ރަނގަޅެއް ނުފެނޭ."

ލީގު މެދުކަނޑާލުމަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި ގްރީން ސްޓްރީޓްސް ވަނީ މާޒިޔާ އަތުން 6-1 އިން ބަލިވެފަ އެވެ. އެކަމަކު ދެ ވަނަ މެޗުން ގްރީން ސްޓްރީޓްސް އިން ވަނީ 5-0 އިން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ބަލިކޮށްފަ އެވެ. ސުޒޭން ބުނީ އެންމެ ފަހުން ކުޅުނު މެޗުގެ ނަތީޖާ އިން މާ ބޮޑު އަސަރެއް ނުކުރާނެ ކަމަށާއި އެ އަށް ވުރެން ކަންތައްތައް ގޯސްކަމަށެވެ.

"މީގެ ވިސްނަން ޖެހޭ ކަމަކީ މި ހިސާބަށް ދިޔައިރު އެއްވެސް ޓީމެއް ސަލާމަތްވެފައި ނެތުން. މާޒިޔާ އެކަނި މި އޮތީ. އެހެން އެއްވެސް ޓީމެއް ނެތުން އެއީ މީގައި ވިސްނާލަންޖެހޭ ކަމެއް. ކުރިއަށް ތަނުގައި އެކަންކަމަށް ބަލާފައި ސީޒަން ޝެޑިއުލް ކުރަންވީ،" ސުޒޭން ބުންޏެވެ.

އޭނާ ބުނީ ގްރީން ސްޓްރީޓްސްގެ ބައެއް ބޭރު ކުޅުންތެރިންގެ ނިންމަން ނުޖެހޭ ކަންތައްތައް ނުނިމި އޮތީމަ އެ ކުޅުންތެރިންނަށް ޕްރެކްޓިހުގައި ބައިވެރިނުވެވުމުގެ މައްސަލަތަކެއް ވެސް ހުރި ކަމަށެވެ.

ނިލަންދޫގެ ކޯޗު ފެސްކޯ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވާހަކަ ދައްކަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ލީގުގައި މި ވަގުތު ހަތަރު ބިދޭސީ ކުޅުންތެރިން ލައިގެން ކުޅެމުން އަންނަ ހަމައެކަނި ޓީމަކީ ނިލަންދޫ އެވެ. ނިލަންދޫގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ހަތަރު ބިދޭސީ ކުޅުންތެރިން ލައިގެން ކުޅުނަސް އެ ޓީމަށް ވެސް ފުޓްބޯޅައިގެ ހާލަތު އޮތްގޮތުން ހާސިލްކުރެވޭނެ ކަމެއް ނެތް ކަމަށެވެ.

"ރަނގަޅު ސްޓޭޓެއްގައި ފުޓްބޯޅަ އޮތްނަމަ އަޅުގަނޑުމެންނަކީ ވެސް ވާދަކުރާނެ ބައެއް. އެކަމަކު ކަންތައްތައް މި އޮތްގޮތުން ހަމައެކަނި ހަތަރު ބިދޭސީ ކުޅުންތެރިން ތިބުމަކުން ވާދައެއް ނުކުރެވޭނެ. އެ އާ އެކު ދިވެހި ކުޅުންތެރިން ލައިގެން 11 ހަމަކުރެވޭނީ. އަޅުގަނޑު ކޮންމެ މެޗެއްގައި ވެސް މަސައްކަތްކުރާނީ މޮޅުވާން،" ފެސްކޯ ބުންޏެވެ.

"ތަނެއްގައި އަޅާފައި އިން ފާރުގަނޑެއް ވެސް ބޭސް ނުކުރާ ކަމަށް ވަންޏާ ދާނީ ދުވަހެއް ދުވަހަކަށް ގޯސްވަމުން. މުޅި ފުޓްބޯޅައިގައި މި އޮތީ ފާރުއަޅާފައި އެހެންވީމަ އެ އަށް އެކަށީގެންވާ ބޭސް ނުކުރެވެންޏާ އެ ހަމަ ރަނގަޅެއް ނުކުރެވޭނެ. އެ ހަމަ މަޑުމަޑުން ގޯސް ވަމުންދާނީ."

ފުރަތަމަ ޑިވިޝަނުގައި ގިނަ ޓީމުތަކުގައި މަސައްކަތްކުރި ފެސްކޯ ބުނީ މި ވަގުތު ފުޓްބޯޅަ އޮތް ހާލަތުން ރާއްޖޭގައި ކުޅޭ ބިދޭސީ ކުޅުންތެރިންނަށް ވެސް އެ ދެވެނީ ނުރަނގަޅު މެސެޖެއް ކަމަށެވެ. އަދި އެ ކުޅުންތެރިންގެ ހާލަތު އެހެން ގޮސް ރާއްޖޭގެ ފުޓްބޯޅައިގެ ދަށް ހާލަތުގެ ވާހަކަ އެކި ފަރާތްތަކަށް ފޯރައި އޭގެ ގެއްލުން ވަމުން އަންނަ ކަމަށް ބުންޏެވެ.

"މިއީ ވަރަށް ބޮޑު ޑިޒާސްޓާއެކޭ އަޅުގަނޑު ދަންނަވާނީ. އަޅުގަނޑުމެންނަށް މީގެ ސަބަބުން ވަރަށް ގިނަ ފުރުސަތުތައް ގެއްލިގެން ވެސް އެބަދޭ. މި ތަނަށް އަންނަ ބިދޭސީ ކުޅުންތެރިން މި އަންނަނީ ބީޗަށް މޫދަށް އެރިލާކަށް ނޫން، މަސައްކަތެއް ކުރަން. ފުޓްބޯޅަ ކުޅެން އައިސްފައި އެކަން ކޮށްގެން ރިވާޑެއް (މުސާރަ) ނުލިބި ހާލަތު މިދާ ގޮތުން މި ކަހަލަ ގޯސް ވާހަކަ އެބަ އެނބުރޭ. އެހެންވެ ރަނގަޅު ކުޅުންތެރިން ވެސް ރާއްޖެ އަށް ނޫނެކޭ އެބަބުނޭ،" ފެސްކޯ ބުންޏެވެ.

ލީގުގެ ދެ ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އިން އެ މަގާމުގައި ލީޑެއް ނަގަން މިއަދުގެ ތިން ޕޮއިންޓް މުހިއްމެވެ. ލީގުގެ އަށް ވަނައިގައި އޮތް ނިލަންދޫ މިއަދުގެ މެޗުން މޮޅުވެއްޖެނަމަ ހަތް ވަނަ އަށް އަރާނެ އެވެ. މިއަދުގެ މެޗު ފަށާނީ ހަވީރު 3:50 ގަ އެވެ.

8 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 25%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުލޭ

25 December 2019

ކޮބާތަ ބައްސާމު. އޭނަ ރާއްޖޭގެ ފުޓުބޯޅަ ހަލާކު ކޮށްފި. ބައްސާމުގެ ފޭވަރިޓު ޓީސީ އާއި މާޒިޔާ ލީގު ކުޅެންބާއްވާފަ ދެންހުރި ކްލަބްތައް ސަސްޕެންޑް ކޮށްލާ. އޭރުން ފުޓުބޯޅަ އެހެން ހަރުފަތަކަށް ދާނީ. ދޯ ބައްސާމު.

The name is already taken The name is available. Register?

ދެޓްވޭ

25 December 2019

ގައުމީޓީމެއް ވަރުގަދަވާނީ ރަގަޅު ލީގެއް އޮވެގެން. ރަގަޅުލީގަކަށް ބެލެވޭނީ ދަޑަށްމީހުން ވަދެގެން. މީހުުން ވަންނަންފެށީމާ އެހެންވިޔަފާރިތަކަށް ބައިވެރިވެވޭނީ. މިހާރު އިޝްތިހާރު ކުރަންމިޖެހެނީ ހުސްދަޑެއްގާ. ރާއްޖެފިޔަވާ ކޮންގައުމެއްގައިބާ ގައުމީ ޓީމު ތައްޔާރުުކުރަން މަސްދެމަސް ވަންދެން މެޗްތައް މެދުކަނޑަނީ؟ މިކަން ހުއްޓުވަން އެބަޖެހޭ. ލީގްހިންގަން އެހެންބަޔަކު ހަވާލުވާންވީ.

The name is already taken The name is available. Register?

ހާހުންގާނު

25 December 2019

މެނޭޖްމަންޓަށް "ލިބޭ" އެއްޗަކުން ނުވާނެކަން ނޭގެނީތަ އަދިވެސް؟ ލިބޭއެއްޗެއްގެ ބަދަލުގައި "ހޯދަން" ސަލާންނުޖަހާ އިތުރު މަސައްކަތްކުރުން ކިހިނެއްވާނެބާ؟

The name is already taken The name is available. Register?

ގެޓަގުލް

25 December 2019

އަަސްލު މައްސަލަތަކަށް ފަރުވާދެވޭދުވަހަކުން ކަންތައް ރަގަޅުވާނީ. ދަޑަށް ކުޅިބަލަން ވަންނަމީހުންގެ އަދަދު ގިނަނުކުރެވޭހާ ދުވަހަކު އެއްވެސް ކަމެއް ރަގަޅެއްނުކުރެވޭނެ. ފުޓްބޯޅައަކީ ވިޔަފާރިއެއް. ކުޅިބަލަންވަންނަ "ކަސްޓަމަރުން" ނެތިއްޔާ ވާނެފައިދާއެއް ނޯންނާނެ. ދިވެހިން މިހާރު ފުޓްބޯޅައަކަށް ތަރުހީބެއްނެތް. ސަޕޯޓްކުރާކްލަބް ކުޅޭއިރު އިންނާނީ ބިޒީވެފާ ކޮފީއެއްގަ.

The name is already taken The name is available. Register?

ވަކުންޖު

25 December 2019

ކަލަންޑަރު ބަދަލުކޮށްގެން ވީ ފައިދާއެއް ނެތް ތެދެއް. ބައްސާމު ބަދަލުކޮށްގެން ތިކަންވާނީ! ރާއްޖޭގަ މިކަހަލަ މަގާމަކަށް އަންނަ މީހަކު ހީކުރަނީ މުޅިއުމުރު ތިމަންނަ ހުންނަން ޖެހޭނީ މިތަނުގަ ކަމަށް. ނަތީޖާއެއް ނުފެންނައިރުވެސް ތަން ދޯދިޔާވެގެން އަމިއްލަމީހާގެ ނާގާބިލު ކަމުން ކަންތަށް ޗޮކުހުންދާއިރުވެސް އިސްތިއުފާދީފަ ދުރުވާކަށްވެސް ނޫޅޭނެ. ލަދެއްވެސް ނެތީ ކަންނޭގޭ. އެތާތެރެއަށް ވަދެވުނީމަ ތަނުގަ ވަކިއަޅައިގެން އޮންނަންބޭނުންވަނީ.

The name is already taken The name is available. Register?

ވިގޫތާކިހާ

25 December 2019

ހުރިހާ ލެވެލްގަ މިސްމެނޭޖްމަންޓް. ކުލަބުތަކުންވެސް. އެ ކަނަނެތް އެފްއޭއެމްވެސް. ކުލަބްތަކުން އުޅުނީ ނެތް ފައިސާއަކަށް ކުޅުންތެރިން ގެންނަން އެފްއޭއެމް އުޅުނީ ސެލްބްރޭޓަރީ މޫޑެއްގަ ތަން އެދެވޭ ގޮތެއްގަ ހިންގަން ކުޅިވަރުގެ ފޯރިގެއްލެމުން ދިޔައިރު އެކަން ހަމައަކަށް އަޅުވަން ކުރިކަމެއްނެތް. ނިދާފައޮތް މާކެޓިން ޑިޕާޓްމަންޓެެއް އޮތީ. ހީކުރީ ޓާފް ދަނޑު އަޅައިދިނީމަ ނީމުނީކަމަށް. މިހާވަރު ގެއްލުން ބޮޑު 5 އަހަރެއް ފުޓްބޯޅައިގެ ހަޔާތުގަ ދުވަހަކުވެސް ނާދޭ!

The name is already taken The name is available. Register?

ސޮބުރީ

25 December 2019

އެއްކަމެއްވެސް ރަނގަޅުއެބަވޭތޭ

The name is already taken The name is available. Register?

ނަގިއްޔާ

25 December 2019

ސުޒޭނުމެންނަށް އަދިވެސް ނޭގޭތަ ތީ ބައްސާމާ އެފްއޭއެމްގެ ކަންނެތްކަމުން ދިވެހި ދެކުލަބަށް އޭއެފްސީކަޕްގެ ފުރުސަތުގެއްލި އެކަމުގެ އަޑުގަދަކަން ބޮޑުވުމުން ވާހަކަ އޮޅުވާލަން ހެދި ޑަމީއެއް، އެމީހުންނަށް އެނގޭ އޭރުވެސް މިކަންވެސް ފެއިލްވާނެކަން. ތި އެފްއޭއެމް އަކުނެތް ފުޓްބޯޅައަށް ހެޔޮއެދިގެން ކުޅިވަރު ވާދަވެރި ގޮތުގަ ދަމަހައްޓަން މަސައްކަތްކުރާ އެކަކުވެސް. އެންމެން ބަލަނީ ބޭރުގައުމަކަށް ގޮސް ސެލްފީއެއް ނަގާލެވޭތޯ ޓްވިޓާ މޮޅުގޮތަކަށް އަޕްޑޭޓްވޭވޭތޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454