މާލޭގެ ފިހާރަައެއްގައި ވިއްކަން ބަހައްޓާފައި ހުރި ހަނޑޫތަކެއް: ސަރުކާރުން ކާޑަށް ދޭ ސަބްސިޑީ ކަނޑާލައި ހަމަ އެކަނި ފަގީރުންނަށް ދޭ އެއްޗެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައި-- ފޮޓޯ: ހުސެއިން ޝަޔާހު /މިހާރު
02 އޮކްޓޯބަރ 2016 - 16:32
ރާއްޖޭގައި ސަބްސިޑީ ދޭނެ ފަގީރުން ކަނޑައަޅަނީ، ވޯލްޑް ބޭންކުން އެކުލަވާލާފައިވާ ފަގީރުން ބަލާ މިންގަނޑާ އެއްގޮތަށް ކަމަށް އެންސްޕާ އިން ބުނެފި އެވެ.
ކާޑުގެ ބާވަތްތަކަށް ސަރުކާރުން ދެމުން އައި ސަބްސިޑީ ހަމައެކަނި ފަގީރުން ދޭން ނިންމާފައިވާއިރު ފަގީރުން ކަމަށް ބަލާ މިންގަނޑު ސަރުކާރުން އާއްމު ނުކުރާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ޝަކުވާ ކުރަމުންނެވެ.
މިކަމާ ގުޅޭގޮތުން "މިހާރު"ން ސުވާލު ކުރުމުން އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލު މިއަދު ވިދާޅުވީ ސަބްސިޑީ ދިނުމުގައި ރާއްޖޭގައި ފަގީރުން ކަމަށް ކަނޑައަޅަނީ، ދުނިޔޭގެ އެހެން ގިނަ ގައުމުތަކުގައި ވެސް އަމަލު ކުރާ ވޯލްޑް ބޭންކުގެ ޕްރޮކްސީ މީންސް ޓެސްޓް (ޕީއެމްޓީ) އާ އެއްގޮތަށް ކަމަށެވެ.
އަދި އެހީދިނުމަށް އެންސްޕާއިން އެކުލަވާލި "ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް މާލީ އެހީ ދިނުމާ ބެހޭ ގަވާއިދު" ވެސް ބިނާކޮށްފައިވަނީ އެ މިންގަނޑާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީއެމްޓީގައިވާ ގޮތުން ފަގީރެއްގެ ގޮތުގައި ކަނޑައަޅަނީ ވަކި މިންވަރަކަށް ވުރެ ދަށުން އާމްދަނީ ލިބޭ ނަމަ އެވެ.
ވޯލްޑް ބޭންކުން މިދިޔަ އަހަރު ކަނޑައަޅާފައިވާ ގޮތުން ފަގީރެއްގެ ގޮތުގައި ބަލަނީ ދުވާލަކު 1.90 ޑޮލަރު (29.4) ނުލިބޭ މީހުންނެވެ. ރާއްޖެ އަށް ކަނޑައަޅާފައިވާ ހާއްސަ ނިސްބަތުގެ ދަށުން ފަގީރެއްގެ ގޮތުގައި ބަލަނީ މީހަކަށް ދުވާލަކު 45ރ. އަށް ވުރެ މަދުން އާމްދަނީ ލިބޭ ނަމަ އެވެ.
ޕީއެމްޓީ މިންގަނޑުން އޭނާއަށް އާމްދަނީ ލިބޭ މިންވަރާއި ކެއުން ބުއިމަށް ކުރާ ހަރަދު، އަދި ގޭގެ ހާލަތު ވެސް އެނގޭނެ އެވެ.
މުޖުތަބާ ވިދާޅުވީ އެހީ ދިނުމުގައި ލިބޭ އާމްދަނީ އަށާއި ގެއެއްގައި މީހުން ތިބޭ އަދަދާއި އާއްމު ދިރިއުޅުމުގެ ހާލަތު ބަލާނެ ކަމަށެވެ. އަދި އެކަންކަން، ފަގީރުންނަށް ސަބްސިޑީ ދިނުމަށް ދޫކުރާ ފޯމުގައި ހިމަނާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މި ފޯމުގައިވާ ގޮތުން އެ ގެއެއްގައި މީހުން ބޭނުން ކުރާ ކޮޓަރީގެ އަދަދާއި ދިރިއުޅޭ އާއިލާގެ އަދަދާއި އެ މީހުންގެ އަދަދާއި 18 އަހަރުން ދަށުންނާއެކު ދިރިއުޅެނީ ކިތައް މައިންތޯ އާއި ދިރިއުޅޭ ތަނުގެ ބޮޑުމިން ހިމަނަން ޖެހެ އެވެ. އަދި ގޭގައި ބޭނުން ކުރާ ދޮންނަ މެޝިނާއި ރޭޑިއޯ އާއި އައިސްއަލަމާރި އާއި ރައިސް ކުކާ އާއި ކޮމްޕިއުޓަރު ފަދަ އިލެކްޓްރޯނިކް ސާމާނު ހުރޭތޯ ބަލަ އެވެ.
ސަރުކާރުން ކަނޑައަޅާ ފަގީރު ގޭބިސީއަކަށް މަހަކު ގިނަވަގެން ދޭން ނިންމާފައިވާ 240ރ.ގެ ސަބްސިޑީ އެކެވެ.
މުޖުތަބާ ވިދާޅުވީ އެންސްޕާއިން ދޫކުރާ އެހެން އެހީތައް ދިނުމުގައި ވެސް މި ގައިޑްލައިނަށް ބަލާނެ ކަމަށާއި އެހެންވެ، ކަރަންޓު ސަބްސިޑީ އާއި ކާޑުގެ ބާވަތްތަކުން ސަބްސިޑީ ދިނުމުގައި ދޫކުރާ ފޯމުގައި ވެސް ބަލާނީ ގާތްގަނޑަކަށް އެއް ކަންތައްތަކަށް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ކާޑުގެ ބާވަތްތަކުން ސަބްސިޑީ ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް މިދިޔަ މާޗު މަހުގެ ތެރޭގައި ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. އެކަމަކު ގިނަ ބަޔަކަށް އެކަން ނޭނގޭ ކަމަށާއި އެންމެން ވެސް އެހީ ހޯދަން އެދުނީ ސަބްސިޑީ ހުއްޓާލުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ކާޑަށް ދޭ ސަބްސިޑީ ކަނޑާލައި ހަމަ އެކަނި ފަގީރުންނަށް ދޭ އެއްޗެއްގެ ގޮތުގައި ހަމަޖެއްސުމާ އެކު ކާޑުގެ ބާވަތްތަކުން އަގުވަނީ ބޮޑުވެފަ އެވެ. އެގޮތުން ހަނޑޫ ކިލޯއެއް ދެން ގަންނަން ލިބޭނީ 7.96ރ. އަށެވެ. މިހާތަނަށް ހަނޑޫ ކިލޯއެއް ވިއްކީ 3.98ރ. އަށެވެ. ހަކުރު ކިލޯއެއް އަށް ރުފިޔާ އަށް އަދި ފުށް ކިލޯއެއްގެ އަގު 5.96 އަށް ވަނީ އަރާފަ އެވެ. ފުށް ކިލޯއެއް މިހާތަނަށް ވިއްކީ 2.96ރ. އަށެވެ. ހަކުރު ކިލޯއެއް ވިއްކީ ހަތަރު ރުފިޔާ އަށެވެ.
މިއީ ހަމައެކަނި މާލޭގައި ކާޑު ވިއްކާ އަގެވެ. ރަށްރަށުގައި މި އަގު އަދި މިއަށް ވުރެ ބޮޑު ވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތާރިޒާ
03 October 2016
ވޯރލްޑް ބޭންކުން ކަންޑަ އަަޅާ މިންގަޑުން، މިރާއްޖޭގައި އުޅޭ މަދުމީސް ކޮޅަށް ސަރުކާރުން ހަމަ އެކަނި ޓޫރިޒަމް އިން ލިބޭ ސާފު ފައިދާ އިން، (ގާތް ގަޑަކަށް 15 ރިސޯޓުން)..ޙަނޑޫ، ހަކުރާ، ފުށް އަދި ސާފު ބޯފެނާއި ކަރަންޓު ހިލޭ ފޯރު ކޮށް ދެވޭނޭ.
މުހަންމަދު
03 October 2016
ގޮތްހުސްވުމަކީ، ލަދުހަޔާތް ކެނޑޭކަމެއްކަން ނުދަންނަމީހަކަށް އެކަން އިހުސާސެއްނުވާނެއެވެ. މިވަނީ އެހެންކަންވެސް އެންސްޕާ ހިންގާފަރާތްތަކަށް ނުވިސްނޭކަން ޔަޤީނެވެ. ދިވެހިރާއްޖޭގެ މާލީކަންތައްތައް ހިންގަނީ، ވޯލްޑު ބޭންކުންކަމެއް ކުރިއަކު ނުދެނަހުރީމެވެ. އަދި މިދައުލަތަކީ، މިނިވަން މުސްތަޤިއްލު ދައުލަތަކަށްވެ، ދައުލަތާއި ސަރުކާރު ހިންގާގޮތްތަކަށް ބޭރުގެއެއްވެސް ފަރާތަކަށް ނުފޫޒު ފޯރުވަން ޖާގަނުދޭހައި ގަޓުހުރެގެން އެކަން އިޢުލާނުކޮށް ތަންފީޒުކުރާކުރުމަކީ، މިސަރުކާރު ދައުލަތް ހިންގަން ޙަވާލުވީއްސުރެ ހަރުއަޑުން ގޮވަމުން އައިކަން ކުއްލިއަކަށް ހަނދާންނެތި، ކުޑަކަކޫމައްޗަށްތިރިވެ، ވޯލްޑު ބޭންކުންބުނާގޮތަށް އެހެންކަންކަންނުކޮށް، ކަރަންޓުކޮޅާއި ކާޑުކޮޅަށްދޭ ސަބުސިޑީއެކަނި ކަނޑާލުމަކީ އެކަމުގެ ހެކިކަމުގައި ޤަބޫލުކުރަންމިއޮތީ ޖެހިފައެވެ. އަލިފާނަށްލެވިދާނެއެވެ. އަދި ބަނޑަށްވެސް ޖެއްސިދާނެއެވެ. އެކަމަކު ކަމުގެ ޙަޤީޤަތް އޮންނާނީ ޙަޤީޤަތަށެވެ. ވޯލްޑު ބޭންކުން ބުނާގޮތަށް ކަންކުރަން މިއެނގެނީ އެމީހުންކުރިމަތީގައި ކުޑަކަކޫޖަހައި ލޯނަށްއެދެންވީމައެވެ. ބަލަންތިބޭށެވެ! މިފަހަރު ރީތިލަގާއެއްދޭނެއެވެ! މިދާމިންވަރުން ވޭސްޓް މެނޭޖްމަންޓުން ބަޔާންނެރެ، އިޤްތިޞާދުހިނގާގޮތް ކިޔައިދޭނެއެވެ! މަމިހުރީ ހަމަކޮސްވެފައެވެ! އަހަރުމެން ދިރިދިރިތިއްބައި މިހިރަ އަލިފާނަށްލަނީއެވެ! އަލިފާނޯތް ގޮވަންމިއޮތީ ޖެހިފައެވެ! އަލިފާނޯނޯނޯނޯނޯތް!
އަހުމަދު
03 October 2016
ސޯމާލިޔާގަ ސަބްސިޑީ ދޭގޮތައް ރާއްޖޭގައި ސަބްސިޑީ ދިނީމަ ކަމު ދޭ ހެއްޔެވެ؟ ރާއްޖޭގައި ފަގީރުންގެ މިންގަނޑު ބަލަން ޖެހޭނީ ވޯލްޑް ބޭންކުން ބަލާ ގޮތަކަށް ނޫނެވެ.
ކަށިމަ
03 October 2016
ސަބްސީޑި ދޭނެ އުޞޫލެއް މިރާއްޖޭގައި ކަނޑައަޅާ އެއާ އެއްގޮތަށް ފައިސާ ދޫކުރެވެން ޖެހޭނެ ވޯލްޑްބޭންކް ގެ އެއްވެސް މީހަކު ހޮވަން މަމެން ވޯޓެއް ނުލަން މަމެންގެ ވޯޓުން ހޮވާފަ ތިބި މީހުން މަމެންނަށް ގަވާޢިދު ހަދާނީ ތެޅި ފޮޅިގަނެގެން ގަވާޢިދެއްވެސް ނުހެދި ތިބެންޖެހި ކާޑުގެ ބާވަތްތައް އަގު ބޮޑުކޮށްފަ ވޯލްޑް ބޭންކަކަާ ނޭޅުވޭނެ
އަލްޖިބްރާ
03 October 2016
ބަލަ ! އިހަކަށް ދުވަހަކު ނޫންތަ ރިޔާޒް ރަޝީދު ގޮވީ މިރާއްޖެ ކުރިއަރާތީ ވާރލްޑްބޭންކުން ހިތްދަތި ވަނީއޭ ! ޖޭވަނީއޭ ! ދެން އެވަރުކުރިއަރާފައިވާ ބަޔަކު ވަރލްޑްބެންކުން އަންގާގޮތަކަށް ކަންތައް ކުރާކަށް ނުޖެހޭނެ ! ނިކަން ރިޔާޒު ރަޝީދު ގާތުން އަހާލަބަލަ ؟
އަލްޖިބްރާ
03 October 2016
ޤައުމުގެ ބައިތުލްމާލު ދަވާލީވެސް ވަރލްޑްބޭންކުން ކަޑައަޅާފައޮތް ގޮތައް ދޯ ؟
ޓްރަމްޕު
03 October 2016
ފަލަކީ އިލްމުން އިންސާނާގެ ސިއްހީމައްސަލައެއް ނޭގޭނެެއެވެ. ވޯލްޑު ބޭންކަކަށް ދިވެހިންގެ މަޖުބޫރީ ހާލަތާއި ފަގީރުވަރެއް ނޭގޭނެއެވެ. މީތި ކަޑައެވެ. މިވެރިކަން ނިމިގެންދާނީ ބަނޑުހައި ހޫނުކަންމަތީ މަގުމައްޗައްް ނިކުންނަ ރައްޔިތުންގެ އަތްމަތިންކަމުގައި ވުން... ނުވުމަށް ވުރެ ކައިރިއެވެ.
އުދުހޭ
02 October 2016
މަހަކު 882ރ އިން މަތި ލިބެންޏާ އެއީ ފަގީރުންނެއްނޫން. އެހެންވީމާ މިގައުމުގަ ފަގީރުން ނެތީތާ! ވާވާވާ.. ޔާމީނު ވެރިކަމަށް އަރާ މީހާރު މިގައުމު މިއޮތީ ފަގީރުން ނެތް ގައުމަކަށް ހަދާފަ. ލޮލް ލޮލް ލޮލް. ދެން އެކަމަކު ތިޔަ ފޯމު ފުރާލައިގެން ޓެކްސީއެއްގަ ގޮސް ސްޕާއަށް ފޯމުލާންވީތާ..!!
ނިރު
02 October 2016
ވޯލްޑްބޭނކް އޮލާލާފަ ............
ނިރު
02 October 2016
އަހަރުމެން ވޯޓްދީގެން މިހޮވުނީ ވޯލްޑްބޭންކް ގެ ފަރާތުން ފޮނުވި މަންދޫބަކަށްބާ ؟؟؟؟