އެމްޑަބްލިއުއެސްސީގެ އެމްޑީ (ވ) ނޫސްވެރިންނަށް މައުލޫމާަތު ދެއްވަނީ-- ފޮޓޯ: އެމްޑަބްލިއުއެސްސީ
26 ޑިސެމްބަރ 2019 - 15:18
ފެން ބިލް ނުދައްކާ ގިނަ ދުވަސްވެފައިވާ މީހުންގެ ބިލްތަކަށް ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް އެމްޑަބްލިއުއެސްސީން ހަމަޖައްސައިދީފި އެވެ.
އެ އިދާރާ އިން ބޭއްވި ނިއުސް ބްރީފިންއެއްގައި ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، ފެން ބިލަށް އަރާވަރު އެއްފަހަރާ ދެއްކުމުން އިންޓަރެސްޓަށް ނަގާ ބައި މާފު ކުރުމާއި އިންޓަރެސްޓުން ވަކި ޕަސެންޓެއް މާފު ކޮށްދިނުން އެ ލުއިތަކުގެ ތެރޭގައި ހިމެނެ އެވެ.
އަދި، އިންޓަރެސްޓް ރޭޓުން ދައްކަން ޖެހޭ ބާކީ ބައި އިންސްޓޯލްމެންޓުގެ އުސޫލުން ބައިބަޔަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ފެން ބިލް ނުދައްކާ މީހުންގެ އަދަދު 13،894 އަރާ ކަމަށެވެ. އެހެންވެ، ކުންފުނިން މި ދިން ލުއި ފުރުސަތުގެ ބޭނުން ހިފައި އެ ފަރާތްތަކުން ވީހާ ވެސް އަވަހަށް ބިލް ދެއްކުމަށް އޭނާ އެދިވަޑައިގަތެވެ.
އެމްޑަބްލިއުއެސްސީން ވަނީ އެ ކުންފުނިން އިންޓަރެސްޓު ނަގާ އުސޫލަށް ވެސް މިހާރު ބަދަލު ގެނެސްފަ އެވެ. އެގޮތުން، ކުރިން ކޮމްޕައުންޑް އިންޓަރެސްޓް ނެގުމުން ކަސްޓަމަރުން ބޮޑު އަދަދެއް ދައްކަން ޖެހުނު ނަމަވެސް ސިމްޕަލް އިންޓަރެސްޓް ނަަގަން ފެށުމުން އެ އަދަދު ދަށް ވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
"ދެން ފައިސާ ނުދައްކާ ބިލްތަކަށް އިންޓަރެސްޓް އަރަމުން އަންނާނީ ބިލުގެ އަދަދަށް އަންނަ ބެލެންސަށް އެކަނި. އިންޓަރެސްޓް މައްޗަށް އިންޓަރެސްޓެއް ނާރާނެ ދެން. މި ވެސް ރައްޔިތުންނަށް ލިބޭ ލުޔެއް." އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވި ގޮތުގައި، މި ހިދުމަތް ހޯދުމުގައި އެއްވެސްް ކަސްޓަމަރަކަށް ދަތި ނުވާނެ އެވެ. ކުރިން އެކި ކަންތައްތަކަށް ސިޓީ ލާން ޖެހުނު ނަމަވެސް މިހާރު ޓްވިޓާ އާއި އެ ކުންފުނިގެ ކޯލް ސެންޓަރު މެދުވެރިކޮށް އެ ހިދުމަތްތައް ހޯދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކަންކަމުގައި ސިޓީ ލާން ބުނުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ކަންތައްތައް ލަސްކުރުމަށް އޮންނަ އުޒުރެއް. މިހާރު ސިޓީ ލާކަށް ނުޖެހޭނެ. ހަމަ ކައުންޓަރަށް ވަޑައިގަތީމާ މިކަން ހަމަޖެހިގެން ދާނެ." އާޒިމް ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ފެން ބިލް ދެއްކުމުގައި ފަސޭހަ ކޮށްދިނުމަށް މޯބައިލް އެޕްލިކޭޝަނެއް ވެސް ތައާރަފު ކޮށްފަ އެވެ. މި އެޕްގެ ޒަރީއާ އިން ވަކި މީޓަރަކަަށް އަރާ މިންވަރު ބަލާލައި، އޮންލައިންކޮށް ފައިސާ ދެއްކޭނެ އެވެ.
ބިލްގެ މުއްދަތު ހަމަވުމުން އެކަން އަންގައިދޭ މެސެޖެއް ވެސް މި އެޕުން ފޮނުވާނެ އެވެ. އަދި ބިލް ނުދައްކާ 10 ދުވަސް ވުމުން ހަނދާން ކޮށްދޭ މެސެޖެއް ވެސް ފޮނުވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
28 December 2019
މީރާ އިން އަދިވެސް ކުދި ވިޔަފާރި ތަކުގެ ޖޫރިމަނާ މައާފް ކޮށްދޭކަށް ނޫޅެއެވެ. ކުރިން އެކަން ބައެއް ފަހަރު ކޮށްދީފަ ވެއެވެ. ޖޫރިމަނާ ތަކުގެ ސަބަބުން ކުދި ވިޔަފާރިތައް ނެތި ދަނީ އެވެ.
ކޮތަރު
27 December 2019
ފެންބިލް ނުދައްކަންޏާ ފެން ކަނޑާލާ އޭރުން ދައްކާނެ.
ރާވެރިބެ
27 December 2019
ބިލްތައް ގަވާއިދުން ދައްކާ މީހުނަށް އޮތީ ހުސް ބުރަގޮތް
ޝަހުރާބު
27 December 2019
ފެން ބިލް ނުދައްކާ ވާހަކަ ދައްކާ އަރު ޑީ އެމްޑީގެ ކޯޓް ދަރަނި ނުދައްކަނީކީއްވެގެން ތޯއެވެ.
ޕީޓާ
27 December 2019
މަދެން ފެންބިލް ނުދައްކާނަން
ވާޑޭ
26 December 2019
ޤަވާއިދުން ދައްކާމީހުނަށް ބޮޑު ޑިސްކައުންޓެއް ދީބަލަ .. ރައްޔިތުމީހާ މާ އުފާވާނެ
ނީރާ
26 December 2019
ފެނަކީ އަސާސީ ޚިދުމަތެއް. ހެޔޮނުވާނެ. ރައްޔިތުންަނަށްހެޔޮ އެދޭނަމަ ފެންބިލްގެ އަގު ކުޑަކޮށްލަބަލަ. ހެޔޮނުވާނެ.
ތަކުރުފާން
26 December 2019
ޤަވައިދުން ބިލްދައްކާފަރާތައް އެއްޗެއްނެތް، ޤަވައިދާޙިލާފުވުމުން ހުރިހާލުޔެއް.
ރަބަރު
26 December 2019
މިއީ މިގައުމުގެ ހަލާކު. ހައްޖަށް ފައިސާނަގާފަ ކާލީމަ އިނާމް. ފްލެޓް އަޅަންބުނެ މީހުން ލޫޓުވީމަ އިނާމު. ފުލެޓުކުލި ނުދެއްކީމަ އިނާމު. ކޮންމާފެއް ކޮން ލުއިގޮތެއް؟ ފިޑިވެރިން މިކަހަލަ ކަންތައް ކުރާނެކަން އެނގޭތީ ކުލިނުދައްކަނީ ބިލަށްފައިސާ ނުދައްކަނީ. ޚިޔާނާތްތެރިވަނީ. ހާލުގައިއުޅޭމީހުން ބިލުވެސް ދައްކާ ކުލިވެސް ދައްކާ. ޚިޔާނާތްތެރިއެއްވެސް ނުވޭ. ސިކުޑިއަށްވެސް ކޮރަޕްޝަން ބަލިޖެހިފަ.
ވައިސޫރި
26 December 2019
ގަވާއިދުން ބިލްދައްކާ ފަރާތްތަކައް އިނާޔަތެއް ދީފާ ނުދައްކާ ފަރާތްތައް ވަކި މުއްދަތެއް ދީފާ މައްސަލަ ސަރީއަތައް ފޮނުވުން ރަނގަޅު