08 ޖެނުއަރީ 2020 - 07:03
މީހަކު ފަލަކޮށް ހުރުމަކީ އެ މީހެއްގެ ހުނަރާ ދޭތެރޭ ސުވާލު އުފައްދަން ޖެހޭ ސަބަބެއް ނޫން ކަމަށާއި ސިފަ އަށް ފާޑުކިޔުމުން ބަލައިގަންނަން ވަރަށް އުނދަގޫ ކަމަށް ބަތަލާ ސޮނާކްސީ ސިންހާ ބުނެފި އެވެ.
ފިލްމު "ދަބަންގް" އިން 2010 ގައި ބޮލީވުޑަށް ނުކުތް ހިސާބުން ފެށިގެން ވެސް ސޮނާކްޝީގެ ވާހަކަ އެންމެ އާންމުކޮށް ދެކެވެނީ އޭނާ ހުންނަ ބައްޓަމާ ގުޅުވައިގެންނެވެ. އެގޮތުން ސޮނާކްޝީ މާ ފަލަ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ހުއްޓުމެއް ނެތެވެ. އަދި މިކަމާ ގުޅިގެން އެތައް ފަހަރަކު އެކަމަށް އޭނާ ރައްދު ވެސް ދީފައިފެ އެވެ.
ފިލްމު ކުޅެން ފެށުމުގެ ކުރިން ސޮނާކްޝީ އަކީ ވަރަށް ފަލަކޮށް ހުރި މީހެކެވެ. އޭނާ ސަލްމާން ޚާނާ އެކު 2010 ގައި "ދަބަންގް" ކުޅުނީ ވެސް ބަރުދަނުން 30 ކިލޯ ލުއިކުރުމަށް ފަހު އެވެ. އަދި އޭގެ ފަހުން ބަރުދަން ލުއިކޮށް، ހަށިގަނޑު ލޫޅާފަތިކުރަން ސޮނާކްޝީ ކުރާ މަސައްކަތްތައް އޭނާގެ އިންސްޓަގްރާމް ހާވައިލުމުން ވެސް ފެންނާނެ އެވެ.
މިކަމާ ބެހޭ ގޮތުން އޭނާ ބުނީ ބަރުދަނާއި ބައްޓަމުގެ ވާހަކަ އަކީ މިހާރު ބާވެފައިވާ ވާހަކައެއް ކަމަށެވެ.
"މީހެއްގެ ގާބިލުކަން ވަޒަންކުރާނީ އެ މީހެއްގެ ހުނަރުން. އެއީ ބަރުދަނަކާ ގުޅުމެއް އޮތް ކަމެއް ނޫން. އެކަމަކު އަހަރެން ގަބޫލު ވެސް ކުރަން އެކްޓިންއަކީ ވިޝުއަލް މީޑިއަމަކަށްވާތީ ސްކްރީނުން މީހާ ފެންނަ އިރު، ބަލާލަން ރީތިކޮށް ހުރުމަކީ މުހިއްމުކަމެއްކަން،" ކުރީގެ އެކްޓަރު ޝަތުރަގަން ސިންހާގެ ހަމައެކަނި އަންހެން ދަރިފުޅު ބުންޏެވެ. "މީގައި ސުވާލަކީ ހަގީގަތުގައި ފަލަވުމާއި ހިކުމެއް ނޫން. މުހިއްމީ ރަނގަޅު ސިއްހަތެއްގައި ހުރުން."
މިދިޔަ މަހު ރިލީޒްކުރި "ދަބަންގް 3" ގެ ބަތަލާ ބުނިގޮތުގައި ފަލައޭ ކިޔާފައި އަމާޒުވާ ފާޑުކިޔުންތަކަށް ވުރެ ބޮޑަށް އިސްކަން ދެނީ ހުނަރު ދެއްކުމަށެވެ.
"އަހަރެން އަމިއްލަ އަށް ވެސް ގަބޫލުކުރަން އަހަންނަކީ ވަރަށް ޓެލެންޓެޑް މީހެއްކަމަށް. އެކަން އިތުރަށް ތަރައްގީކޮށް ކުރިއަރުވަން އެންމެ ބޮޑަށް ބޭނުން ވަނީ. އަހަރެންގެ ބަރުދަނާ ބެހޭ ގޮތުން އެކި ގޮތްގޮތަށް ވާހަކަ ދެއްކިޔަސް، ސިއްހަތު ރަނގަޅުކޮށް ހުންނަން އަހަރެން ކުރާ މަސައްކަތްތައް ވެސް އަހަންނަށް ވަޒަންކުރެވޭ،" ސޮނާކްޝީ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިމޮކްރަސީ
09 January 2020
ޔޫ އަރ ދަ ބެސްޓް ހުރިހާގޮތަކުންވެސް
ކިއްލިބާޝާ
08 January 2020
ސައިޒް ޑަޒަންޓް މެޓަ.
ކައިލީމާލެ
08 January 2020
ސައިޒް ޑަޒް މަޓަރ، އެޕޭރެންޓްލީ. އެހެން ނޫންނަމަ އެ ދުވަހު ސޮނާކްޝީ ރޯކަށް ނުޖެހުނީސް. ސޮނާކްޝީ ހިކެންވެސް މަސައްކަތް ކުރާކަށް ނުޖެހުނީސް. ސޮނާކްޝީ މިއަދު މިހެން ބުނާކަށްވެސް ނުޖެހުނީސް. ސައިޒް ޑަޒް މަޓަރ. އެޓްލީސްޓް ފޯރ ދެމް.
ނަހޫ
08 January 2020
އަސްލު އެކްޓް ކުރާކަށް ވެސް ނޭނގެ.