މާފުށީ ޖަލު: އެ ތަނުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އެންއައިސީން ވަނީ ޖަލަށް ޒިޔާރަތްކޮށްފައި. --ފޮޓޯ: މިހާރު ފައިލް ފޮޓޯ
07 ޖެނުއަރީ 2020 - 15:33
މާފުށީ ޖަލުގައި ގައިދީން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ނޭޝެނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެމްބަރުންތަކެއް ޖަލަށް ޒިޔާރަތް ކުރައްވައި ހާލަތު ބައްލަވައިފި އެވެ.
އެ ކޮމިޝަނުން މިއަދު ބުނީ މާފުށީ ޖަލަށް މެމްބަރުންތަކެއް ޖަލަށް ވަޑައިގަތީ، އެތަނުގައި ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށް މީޑިއާގައި ފެތުރުމުންދާ ޚަބަރުތަކާ ގުޅިގެން ކަމަށެވެ. އެކަމަކު ޖަލުތަކުގެ ހާލަތާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް އެ ކޮމިޝަނުން ނުދެ އެވެ.
ޖަލުގައި މިދިޔަ ހުކުރު ދުވަހު ހިނގި ހަމަނުޖެހުންތަކުގައި ގައިދީއަކަށް އަނިޔާވެގެން ފަރުވާދީފައި ވެ އެވެ. އަދި ގައިދީއެއްގެ ގަޔަށް ޕެޕަ ސުޕްރޭ ޖެހުމަށް ފަހު، އޭނާގެ މޫނު ދޮއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ވެސް އާއްމުވެފަ އެވެ. "އަނިޔާ ކުރަނީއޭ، އަނިޔާ ކުރަނީއޭ،" ކިޔާ ހަޅޭއްލަވާ އަޑު ވެސް އެ ވީޑިއޯ އިން އިވެ އެވެ.
މާފުށީ ޖަލުގައި ހަމަނުޖެހުން އުފެދުނީ ޝަރީއަތް ނިމެންދެން ގައިދީން ބައިތިއްބާ ރިމާންޑް ޖަލުގަ އެވެ. މި ގޮޅިތަކުގައި ތިބި ގައިދީން މިދިޔަ ހުކުރު ދުވަހު ހިތްހަމަނުޖެހުން ފާޅުކުރަން ފެށީ، އެ މީހުންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ބުނެ އެވެ. ކުރި ކުށަށް ހުކުމް ކުރި ނަމަ އެ ހުކުމް ތަންފީޒުވެ ނިމި މިނިވަން ވެފައި ތިބެން ޖެހޭ މީހުން ވެސް "ވާނުވާ ބަންދުގައި" އެބަތިބި ކަމަށް ކަމާބެހޭ އިދާރާތަކުން ވެސް ވަނީ ހާމަކޮށްފަ އެވެ.
މާފުށީ ޖަލުގައި ރިމާންޑް ބަންދުގައި ތިބި މީހުން ހިތްހަމަނުޖެހިގެން އުޅޭ ސަބަބާ ބެހޭ ގޮތުން ކަރެކްޝަންސް އިން ވެސް ނެރުނު ބަޔާނުގައި ބުނީ އެމީހުންގެ ޝަކުވާ އަކީ ބަންދުގެ މުއްދަތު ދިގުދެމިގެން ދިއުމާއި ބޭސްފަރުވާގެ އިންތިޒާމް އެމީހުން އެދޭ ގޮތަށް ކުރިއަށް ނުދިއުން ކަމަށެވެ.
މި ހިތްހަމަނުޖެހުމުގައި އޮފިސަރުންނަށް އަނިޔާކުރާ މައްސަލައިގައި ކަރެކްޝަންސް އިން ވަނީ އޮފިސަރުން ވައްދައި ބައެއް ގޮޅިތައް ފާސްކޮށްފަ އެވެ. ގޮޅިތަކަށް ވަން އޮފިސަރުންނާ، ގައިދީން ކުރިމަތިލުމުން އެ މީހުން ނެރެން ޖެހުނީ ބާރުގެ ބޭނުންކޮށް ޕެޕަ ސްޕްރޭ ޖަހައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy