"ޖަވާނި ޖާނެމަން" ގެ ޕޯސްޓަރެއް.
09 ޖެނުއަރީ 2020 - 05:57
މިއުޒިކް ޑައިރެކްޓަރު ހިމޭޝް ރޭޝަމިއާ ޑަބަލް ރޯލެއް ކުޅޭ ފިލްމު "ހެޕީ، ހާޑީ އެންޑް ހީރު" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
މި މަހުގެ އެންމެ ފަހު ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ މި ރޮމޭންޓިކް ކޮމެޑީގައި ހިމޭޝްއާ އެކު ބަތަލާގެ ރޯލުން ފެންނާނީ ސޯނިއާ މަން އެވެ.
ރާކޭޝް (ރާކާ) ތަކާރު ޑައިރެކްޓްކޮށްފައިވާ ފިލްމުގެ އެންމެ ހާއްސަ އެެއް ކަމަކަށްވާނީ މިދިޔަ އަހަރު ރޭލު ސްޓޭޝަނުގައި ކިޔައިލި ލަވައަކުން ބޮޑު މަޝްހޫރު ކަމެއް ލިބި، ހިމޭޝްގެ ފަރާތުން ލިބުނު ފުރުސަތެއްގައި ރާނޫ މޮންޑާލް ކިޔާފައިވާ ލަވަތަކެއް މި ފިލްމުގައި ހިމެނުމެވެ. ފިލްމުގެ މުޅި ޓްރެއިލާ އަށް ބަލަލާ އިރު ވެސް ރާނޫ ކިޔާފައިވާ "ތޭރީ މޭރީ" ގެ އަޑުފަށްގަނޑު ގަދަ އެވެ. މި ލަވަ އަކީ ހިމޭޝްގެ އަޑު ވެސް ހިމެނޭ ޑުއެޓެކެވެ.
#HappyHardyAndHeer trailer out now https://t.co/nk32fv0aw6
— Team Himesh (@TeamHimesh) January 7, 2020
"ހެޕީ، ހާޑީ އެންޑް ހީރު" ރިލީޒްކުރާ ދުވަހު ސައިފް އަލީ ޚާންގެ "ޖަވާނި ޖާނެމަން" ވެސް ސިނަމާތަކަށް އަންނާނެ އެވެ.
ސައިފް މީގެ ކުރިން ކުޅެފައިވާ ލައިޓް-ހާޓެޑް ފިލްމުތަކާ އެއްގޮތަށް އޭނާގެ ވަރަށް ލޯބި ކެރެކްޓާއެއް ފެންނަ ފިލްމު "ޖަވާނި ޖާނެމަން" ގެ ޓްރެއިލާ މިއަދު ދައްކައިލަން ނިންމައިފި އެވެ.
A little quirk, a little sass, and too much funk! 😉#JawaaniJaaneman trailer out on 9th January!@poojafilms #BlackKnightFilms #NorthernLightsFilms @nitinrkakkar #SaifAliKhan @AlayaF___ #Tabu @kubbrasait @vashubhagnani pic.twitter.com/UT3Ew2DMc6
— Jackky Bhagnani (@jackkybhagnani) January 7, 2020
މި ފިލްމަކީ ނިިތިން ކައްކަރު ޑައިރެކްޓްކޮށްފައިވާ ފެމިލީ ޑްރާމާއެކެވެ. "ޖަވާނި ޖާނެމަން" އަކީ ބައްޕައަކާއި ޒުވާން އަންހެން ދަރިއެއްގެ ވާހަކަ ކިޔައިދޭނެ ފިލްމެކެވެ. ސައިފް ފިލްމުގައި ފެނިގެން ދާނީ އުމުރުން ދުވަސްވީ ކަމަށް ގަބޫލުނުކުރާ ހިތް ޒުވާން ބައްޕައެއްގެ ރޯލުންނެވެ. އޭނާގެ ދަރިފުޅުގެ ރޯލުން ފެނިގެންދާނީ އަލަށް ތައާރަފުކުރާ އަލައިއާ ފަރްނީޗަރުވާލާ އެވެ.
"ޖަވާނި ޖާނެމަން" ގެ ކާސްޓުންގެ ތެރޭގައި ތައްބޫ އާއި ޗަންކީ ޕާންޑޭގެ އިތުރުން ކުބްރާ ސައިތު ހިމެނެ އެވެ.
ގިނަ ބަޔަކު އުންމީދުކުރާ ގޮތުގައި މި ފިލްމަކީ ސައިފް ކުޅުނު "ކޮކްޓެއިލް" އާއި "ހަމް ތުމް" ގެ އިތުރުން "ސަލާމް ނަމަސްތޭ" ގައި އޭނާ ކުޅުނު ކެރެކްޓާތަކާ ވައްތަރު ރޯލަކުން ފެންނާނެ ފިލްމެކެވެ.
ފިލްމު ސިނަމާތަކަށް އަންނާނީ މި މަހުގެ 31 ގަ އެވެ.
ހިންދީ ފިލްމެއް ޑައިރެކްޓްކޮށް ބެލުންތެރިންނަށް ނުގެނެސްދޭތާ 13 އަހަރު ފަހުން ޑައިރެކްޓަރު ވިދޫ ވިނޯދު ޗޯޕްޅާ ގެނެސްދޭ ފުރަތަމަ ފިލްމު "ޝިކާރާ: ދި އަންޓޯލްޑް ސްޓޯރީ އޮފް ކަޝްމީރީ ޕަންޑިތުސް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
More than 4,00,000 Kashmiri Pandits lost their homes and became refugees in their own country. Three decades later, watch their story unfold. #Shikara trailer out nowhttps://t.co/cQtN7uhtqB#Shikara #VidhuVinodChopra #ShikaraTrailer@arrahman @foxstarhindi
— Vidhu Vinod Chopra Films (@VVCFilms) January 7, 2020
"މިޝަން ކަޝްމީރު" އާއި "1942 އަ ލަވްސްޓޯރީ" ފަދަ ކާމިޔާބު އެތައް ފިލްމުތައް ގެނެސްދިން ޑައިރެކްޓަރުގެ އާ ފިލްމުގައި ކިޔައި ދެނީ ކަޝްމީރުގައި ހިންގާ ހަމަނުޖެހުންތަކަކާ ގުޅިގެން ވަޒަނުގައި ރެފިއުޖީންގެ ގޮތުގައި އުޅެން ޖެހިފައިވާ ބައެއްގެ ހިތްދަތި އަދި އަސަރުން ފުރިގެންވާ ވާހަކައެކެވެ.
އަންނަ މަހުގެ 7 ގައި ރިލީޒްކުރާ "ޝިކާރާ" އިން އާ ދެ އެކްޓަރަކު ތައާރަފުކުރާނެ އެވެ. އެއީ އާދިލް ޚާނާއި ސާދިއާ އެވެ.
ވިދޫ އެންމެ ފަހުން ގެނެސްދިން ހިންދީ ފިލްމަކީ 2007 ގެ "އެކްލަވިއާ: ދަ ރޯޔަލް ގާޑް" އެވެ.
މި މަހުގެ 24 ގައި ރިލީޒްކުރާ ކަންގަނާ ރަނާވަތުގެ ފިލްމު "ޕަންގާ" ގެ ޓައިޓްލް ލަވަ ދައްކާލައިފިފި އެވެ.
Le Le #Panga @foxstarhindi @saregamaglobal @ShankarEhsanLoy #PangaTitleTrack #Pangastorieshttps://t.co/CImBIfjGwB
— Ashwiny Iyer Tiwari (@Ashwinyiyer) January 8, 2020
ލަވައިގެ މިއުޒިކް ހަދާފައި ވަނީ ޝަންކަރު-އެހްސާން-ލޯއި އެވެ. ލަވަކިޔާފައި ވަނީ ހަޝްދީޕް ކޯރް އާއި ދިވްޔާ ކުމާރުގެ އިތުރުން ޝަންކަރުގެ ދަރިފުޅު ސިދާތު މަހާދޭވަން އެވެ.
"ޕަންގާ" އަކީ މި ފިލްމުގެ ޑައިރެކްޓަރު އަޝްވިނީ އައްޔާރީގެ ފިރިމީހާ އަދި ޑައިރެކްޓަރު ނިތޭޝް ތިވާރީގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ އާއިލީ ޑްރާމާއެކެވެ. ފިލްމުގެ މައިގަނޑު ޕްލޮޓަކީ ގައުމީ ފެންވަރުގެ ކަބައްޑީ ކުޅުންތެރިޔަކަށްވާ މައެއްގެ ވާހަކަ އެވެ. "ޕަންގާ' ގައި ކަންގަނާ ފެނިގެން ދާނީ ފިރިމީހާ އާއި އާއިލާގެ އެހީތެރިކަމާއި އެއްބާރުލުމާ އެކު ހުވަފެންތައް ހަގީތަތަކަށް ހަދަން މަސައްކަތްކުރާ ހިތްވަރު ގަދަ އަންހެނެއްގެ ރޯލުންނެވެ.
މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޖައްސީ ގިލް، ނީނާ ގުޕްތާ އަދި ރިޗާ ޗައްޑާ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy