ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާނާއި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އަފްރާޝީމް، އަދި ބްލޮގާ ޔާމީން ރަޝީދު-- ފޮޓޯ: މިހާރު
09 ޖެނުއަރީ 2020 - 13:08
އަނިޔާވެރިކޮށް އަވަހާރަކޮށްލި ޑރ. އަފްރާޝީމް އަލީ އާއި ވަގަށް ނަގައި މަރާލި ނޫސްވެރިޔާ އަހްމަދު ރިލްވާނާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ވަރަށް އަވަހަށް އަލުން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް މަރު ކޮމިޝަނުން މިއަދު ބުނެފި އެވެ.
މި ތިން މަރާ ގުޅިގެން ކޮމިޝަނުން ދައުވާކުރަން އެދުނީ މުހައްމަދު މަޒީދާއި ސާމިތު މުހައްމަދުގެ މައްޗަށެވެ. ހަރުކަށި ފިކުރުގެ ޖަމާއަތް ހިންގައި ހަރަކާތްތައް ފުޅާކޮށް ހިންގާ ކަމަށް ތުހުމަތުކުރާ އެ ދެ މީހުންނަކީ ތިން މަރުގެ ވެސް މޭސްތިރިން ކަމަށް މަރު ކޮމިޝަންގެ ރިޕޯޓުގައި ވަނީ ތުހުމަތުކޮށްފަ އެވެ.
މަރު ކޮމިޝަނުން ދައުވާކޮށްދޭން އެދުނު މައްސަލަތަކުގެ ތަހުގީގު އިތުރަށް ފުރިހަމަކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.
ކޮމިޝަންގެ މެމްބަރު އަދި ގާނޫނީ ވަކީލް ފަރީޝާ އަބްދުﷲ "މިހާރު" އަށް ވިދާޅުވީ ޕީޖީން އެދުނު ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެކަން ނިމުމާ އެކު އަލުން ޕީޖީ އަށް ފޮނުވާނެ ކަމަށް ވިދާޅުވި އެވެ.
"ހުރިހާ މައްސަލަތަކެއްގެ ވެސް މަސައްކަތް އެބަދޭ،" ފަރީޝާ ވިދާޅުވި އެވެ.
މަޒީދާއި ސާމިތުގެ އިތުރުން ކޮމިޝަނަށް ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތުކޮށް، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްޗަށް ވެސް ދައުވާ ކޮށްދޭން ކޮމިޝަނުން އެދުނެވެ. އެކަމަކު ޕީޖީން އެދުނީ، ފުލުސް އޮފީހަށް ހުށަހަޅައިގެން ޖިނާއީ ތަހުގީގެއް ހިންގުމަށެވެ.
އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން ކޮމިޝަނުގެ ތަހުގީގު ރިޕޯޓް ރައީސް އޮފީހުން ވަނީ އާއްމުކޮށްފަ އެވެ. އެ ރިޕޯޓުގައި، ރާއްޖޭގައި ހަރުކަށި ފިކުރުގެ ޖަމާއަތްތައް ބެހިފައިވާ ގޮތާއި ނުރައްކާތެރި މިންވަރާއި ހަރަކާތްތައް ހިންގާ ގޮތް ތަފްސީލްކޮށްދީފައިވެ އެވެ.
މަރު ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ތަހުގީގުކޮށް ނިންމުމަށް ކަނޑައަޅާފައި ވަނީ ދެ އަހަރުގެ މުއްދަތެކެވެ. އެ ކޮމިޝަން އުފެއްދިތާ ކުރީކޮޅު އާއްމުކުރި ގޮތުގައި، ތަހުގީގުކުރަން ޖެހޭ މައްސަލަތަކުގެ އަދަދު އޭރު އުޅެނީ 29 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިރަކާނުލާ
09 January 2020
ކައުންސިލް އިންތިހާބު މާބޮޑަށް ކައިރިވީދޯ....މޑޕ. ން އިންތިހާބުކާމިޔާބުކުރާނެ...އެއީ ވޯޓްވަގުން..
ތިމާވެށި
09 January 2020
މަރުގެ 70 ވަރަކަށް.މައްސަލަ އެބަ އުޅެ އެވެ. އަބަދުވެސް.ވާހަކަ ދެކެވެނީ އެންމެ 3 މައްސަލަ އާ ބެހޭ ގޮތުން ނެވެ... ގޭންގް ތަކުން.މަރާފަ ވާ މީހުން ވ ގިނަ އެވެ.
ޢަފްލާ
09 January 2020
މިގައުމުގަ މަރަން ޖެހޭ އެކަކުވެސް ނެތް އެންމެންނަކީ ސާލިހު އަޅުން
އަމިއްލަ މަސްލަހަތު
09 January 2020
މިހާރު ތިޔަ ކޮމިޝަނަކީ ހުންގާނެއް ނެތި ކަނޑުމަތީގައި އޮޔާދާ ބޮއްކުރާގަނޑަކަށްވުރެވެސް ހާލުގައި އޮތްކޮމިޝަނެއް. އާންމުން ކުރި އުންމީދާ ޚިލާފަށް ސިޔާސީ ނިންމުންތަކެއް ކޮމިޝަނުން ނިންމުމުން މީހުންގެ އިތުބާރު ގެއްލިއްޖެ. ތިފަރީޝާއަކީ ރީނދޫފެނުން ފެންވަރައިގެންހުރި އެމްޑީއެންގެ ރާއްޖޭގެ ރެސިޑެންޓް ރެޕްރެސެންޓެޓިވް.
ޛުހާބެ
09 January 2020
ކީއްކުރާ ކޮމިސަނެއް