30 ޖެނުއަރީ 2020 - 12:18
މިލާން (ޖެނުއަރީ 30) – އަލަށް ގުޅުނު ޑެންމާކް މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންގެ ފުރަތަމަ މެޗުގައި ރޭ ފިއޮރެންޓީނާ 2-1 އިން ބަލިކޮށް އިންޓަ މިލާނުން އިޓާލިއަން ކަޕުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ސެމީ ފައިނަލުގައި އިންޓަ ބައްދަލުކުރާނީ، ލާޒިއޯ ބަލިކޮށް ސެމީން ޖާގަ ހޯދި ނަޕޯލީއާ އެވެ. ފުރަތަމަ ލެގު ފެބްރުއަރީ 12 ގައި މިލާނުގައި ކުޅުމަށް ފަހު ދެ ވަނަ ލެގު ކުޅޭނީ މާޗު 4 ގައި ނޭޕްލްސްގަ އެވެ. އަނެއް ސެމީ ފައިނަލުގައި ވާދަކުރާނީ ޔުވެންޓަސް އާއި އޭސީ މިލާނެވެ.
ސެން ސީރޯގައި ރޭ އިންޓަ އާއި ފިއޮރެންޓީނާ ކުޅުނު މެޗުގައި ލީޑު ނެގީ އިންޓަ އިންނެވެ. މި ގޯލް ފުރަރަމަ ހާފުގެ ފަހު މިނެޓުގައި ޖެހީ އެންޓޯނިއޯ ކަންޑްރޭވާ އެވެ. އޭގެ ފަހުން 60 ވަނަ މާޓިން ސަސެރެސްގެ ގޯލުން ފިއޮރެންޓީނާ އިން އެއްވަރުކުރި އެވެ. އިންޓަ މޮޅުވި ލަނޑު އޭގެ ހަތް މިނެޓު ފަހުން ޖެހީ ނިކޯލޯ ބަރެއްޔާ އެވެ.
ޓޮޓެންހަމުން އިންޓައާ ގުޅުނު އެރިކްސަން ކުޅެން އެރީ 66 ވަނަ މިނެޓުގަ އެވެ. އިންޓަގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ އެރިކްސަން އެހާ އަވަހަށް ބޭނުންކުރަން ނުވިސްނާ ކަމަށާއި އޭނާ ތަމްރީންތައް ފެށީ ވެސް އިހަށް ދުވަހު ކަމަށެވެ. އެކަމަކު މިޑްފީލްޑަރުންގެ ދަތިކަން އޮތުމުން މި މެޗުގެ ދެ ވަނަ ހާފުގައި އޭނާ ބޭނުންކުރީ ކަމަށް ކޮންޓޭ ބުންޏެވެ.
"އެރިކްސެން މި ސްކޮޑުގެ ފެންވަރު މަތިކޮށްދޭ،" އިންޓަ އިން 22 މިލިއަން ޔޫރޯ އަށް ގެނައި ކުޅުންތެރިޔާއާ ބެހޭގޮތުން ކޮންޓޭ ބުންޏެވެ.
ޗެލްސީގެ ލޯނެއްގެ ދަށުން އިންޓައާ މި މަހު ގުޅުނު ވިކްޓަ މޮސެސް އާއި މެންޗެސްޓާ ޔުނައިޓެޑުން ގެނައި އޭޝްލީ ޔަންގް ވެސް ރޭގެ މެޗުގައި ކުޅުނެވެ. ޔަންގް ވަނީ އިޓާލިއަން ލީގުގައި މި ހަފުތާގައި އިންޓައާ ކަލިއާރީ 1-1 އެއްވަރުވި މެޗުގައި ކުޅެ ލަނޑެއް ޖަހަން މަގުފަހިކޮށްދީފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy