08 ފެބުރުއަރީ 2020 - 09:10
ދެހާސް ތޭރަ ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "ޗެންނައި އެކްސްޕްރެސް" ގެ ދެވަނަ ބައެއް ހެދުމުގެ ވިސްނުންތަކެއް ގެންގުޅޭ ކަމަށް ޑައިރެކްޓަރު ރޯހިތު ޝެޓީ ބުނެފި އެވެ.
ބަތަލާ ނޭހާ ދޫޕިއާގެ ޗެޓް ޝޯ "ނޯ ފިލްޓާ ނޭހާ" ގެ އެޕިސޯޑެއްގައި ކާމިޔާބު ޑައިރެކްޓަރު ބުނީ ޝާހްރުކް ޚާނާއި ދީޕިކާ ޕަދްކޯން ލީޑް ރޯލް ކުޅުނު ފިލްމުގެ ދެވަނަ ބައި ހަދާ ނަމަ އޭގެ ކާސްޓަށް ނަގާނީ މި ފަހަރު ސާރާ އަލީ ޚާނާއި ކާތިކް އާރިޔަން ކަމަށެވެ.
އެ ދެ ތަރިން އެކީގައި ކުޅެފައިވާ ފުރަތަމަ ފިލްމު "ލަވް އާޖް ކަލް" މި މަހުގެ 14 ގައި ސިނަމާތަކަށް އަންނާމެ އެވެ. ސާރާ ވަނީ ރޯހިތު 2018 ގައި ގެނެސްދިން "ސިމްބާ" ގެ ބަތަލާގެ ރޯލް ވެސް ކުޅެފަ އެވެ. އެކަމަކު ކާތިކް އަދި މިހާތަނަށް ރޯހިތާ އެކު މަސައްކަތެއް ނުކުރެ އެވެ.
"ޗެންނައި އެކްސްޕްރެސް" އަކީ ރޯހިތު ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމެވެ. މި އެކްޝަން ކޮމެޑީގައި ދީޕިކާ ކުޅެފައި ވަނީ ދެކުނު އިންޑިއާ މީހެއްގެ ރޯލެވެ.
ޖުމްލަ 115 ކްރޯޑް ރުޕީސް (16 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި މި ފިލްމަކީ ބޮކްސް އޮފީހުގައި 423 ކްރޯޑް ރުޕީސް (59 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެވެ.
"ޗެންނައި އެކްސްޕްރެސް" ގެ ދެވަނަ ބައެއް ހެދުމުގެ ޝައުގުވެރިކަން ރޯހިތު ފާޅުކުރި އިރު، އޭނާގެ އަތުގައި މިހާރު ވެސް ކާމިޔާބު ފްރެންޗައިޒެއް އެބައޮތެވެ. އެއީ "ގޯލްމާލް" ސީރީޒެވެ.
ރޯހިތު މިހާރު އަންނަނީ އޭނާގެ ކޮޕް ޔުނިވާސް އަށް އިތުރުކުރާ ތިން ވަނަ ކެރެކްޓާ ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރުވަމުންނެވެ. އެއީ އަކްޝޭ ކުމާރު ޓައިޓްލް ރޯލް ކުޅޭ "ސޫރިޔާވަންޝީ" އެވެ. އަންނަ މަހުގެ 28 ގައި ރިލީޒްކުރާ މި ފިލްމުގެ ބަތަލާ އަކީ ކެޓްރީނާ ކެއިފެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑެން
08 February 2020
ހާދަ ރުޅި އެއް އައިއްސެޔޭ. ދީޕު އަދި ށާހު ނޫންނ މީހެއް ބޭނުމެއް ނޫން