ރިޕޯޓް / ދެވަނަ ބޮޑުހަނގުރާމަ

100 އަހަރު ކުރިން ރާއްޖެ އަށް ގެއްލުނު ދެ މީހެއްގެ ވާހަކަ

ގައި ޑަންކަން ސްމިތުގެ ވާހަކަ ނޫހެއްގައި

މީގެ ގަރުނެއް ކުރިން ރާއްޖެ އޮންނާނެ ގޮތާއި ދިވެހިންގެ އުޅުމާއި ހޭލުންތެރިކަން ހުންނާނެ ގޮތް ތަސައްވުރުކޮށްލާށެވެ. ފުރަމެންދަމެއްގައި ފަޅުރަށެއްގެ އަތިރިމަތީ، ގައިމަތީ ދިވެހި ރުކުގެ ފަން އަޅައި އުނުއޮރިޔާން ނިވާކޮށްލައިގެން ނިދާފައި ތިބި ދެ "ފަރަންޖީ" އިން ފެނުމުން އޭރު ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟ އިރުގެ އަލިކަން ވީއިރު އެ މީހުން ތިބި ދިމާލުގައި ކަނޑަށް ޖައްސާ މަތިންދާބޯޓެއް ވެސް އޮއްވައި ފެނުނީ އެވެ. ކިހާ ބިރެއް ގަންނާނެހެއްޔެވެ؟

މިއީ ޖުލައި 28، 1914 އިން ނޮވެމްބަރު 11، 1918 އަށް ކުރި ފުރަތަމަ ބޮޑު ހަނގުރާމައިގެ ތެރޭގައި އެމެރިކާ އާއި އިނގިރޭސި ވިލާތުގެ ވައިގެ ސިފައިންގެ ދެ މީހަކަށް ރާއްޖޭގައި ކުރަން ޖެހުނު ތަފާތު ތަޖުރިބާއެއް މީގެ ތެރެއިން އެކަކު ކަމަށްވާ ގައި ޑަންކަން ސްމިތު ކިޔައިދީފައިވާ ގޮތެވެ. މިއީ އިއާން ބާންސް ލިޔުނު "މެރޫންޑް އިން ދަ މޯލްޑިވްސް" ފޮތުގައި ގައި އާ ހަވާލާދީ ލިޔެފައި ހުރި ބައެއް މައުލޫމާތެވެ.

އޮކްޓޫބަރު 21، 1894 ގައި އުފަންވި ސްމިތު އޭނާގެ އާއިލާއާ އެކު އެމެރިކާ އަށް ދިރިއުޅުން ބަދަލުކޮށް އެތަނުގައި އުޅެމުން ކެނެޑިއަން ޑިޕާޓްމަންޓް އޮފް ނޭވަލް ސާވިސް (އާރްއެންއޭއެސް) ގެ ވަޒީފާއަކަށް ކުރިމަތިލި އެވެ. މިއީ އޭރު އެތަނަށް ހިޖުރަކޮށްގެން އުޅުނު އެހެން ގައުމުތަކުގެ ޒުވާނުންގެ ޝައުގުވެރިކަން ވަރަށް ބޮޑަށް އޮތް ދާއިރާއެކެވެ. މިތަނުން ވަޒީފާ ހަމަޖެހިއްޖެ ނަމަ ކެނެޑާ ނުވަތަ އެމެރިކާ އިން ފައިލެޓް ޓްރެއިނިން ހަދައި ފާސްވުމުން އަމަލީ ތަޖުރިބާ އަށް ފޮނުވަން ހަމަޖެހިފައި އޮތީ އިނގިރޭސި ވިލާތަށެވެ. ސްމިތު މި ހުރިހާ ކަމެއް ފުރިހަމަކޮށް އިންގްލެންޑުގައި އަސްކަރީ މަތިންދާބޯޓު ދުއްވަން ވެސް ދަސްކުރި އެވެ.

ހާދިސާގެ ވާހަކަ ކިޔައިދީފައިވާ ފޮތް

ތަމްރީންތައް ފުރިހަމަވުމާ އެކު ސެޕްޓެމްބަރު 18، 1915 ގައި އާރްއެންއޭއެސްގެ ސަބް ލެފްޓިނެންޓެއްގެ މަގާމު ލިބުނެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން ސްމިތަށް ފުރަން ޖެހުނީ އޭރު ޖަރުމަނާ ދެކޮޅު އިއްތިހާދުގެ ހަނގުރާމައިގެ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔަ މިސްރުގެ މުހިންމު ކަނޑު ބަނދަރެއް ކަމަށްވާ ބޫރް ސައީދު (ޕޯޓް ސައީދު) އަށެވެ. މިތަނުގައި ގާއިމުކޮށްފައިވާ ސީޕްލޭން ސްކޮޑްރަންއަށެވެ. މިތަނުގައި 1916 ވަނަ އަހަރުގެ ޖޫން މަހު މަސައްކަތް ފެށި އިރު ފްލީޓްގައި ސީޕްލޭން އުފުލާ ހަތަރު އުޅަނދެއް ވެސް އޮވެ އެވެ. އެއީ އެޗްއެމްއެސް ބެން މެކްރީ, އެޗްއެމްއެސް އެމްޕްރެސް, އެޗްއެމްއެސް އޭން އަދި އެޗްއެމްއެސް ރޭވަން 2 އެވެ. މި އުޅަނދުތަކުން އިރުމަތީ މެޑިޓެރޭނިއަން އާއި ފަލަސްތީނުގެ އައްސޭރިފަށާއި ސުއެޒް ކެނަލާއި ރަތް ކަނޑާއި އަދަން ބަލަހައްޓަމުން ދިޔަ އެވެ. ސްމިތު އަރަން ޖެހުނީ ރޭވަން އަށެވެ. ގައި ދިޔައީ ބޮން އެޅުމާއި ޖާސޫސްކުރުމުގެ މިޝަންތަކުގައި ބައިވެރިވަމުންނެވެ.

މާ ދުރުގައި އޮތް ރާއްޖެ ހަނގުރާމައިގެ ތެރެއަށް

ހަނގުރާމައިގެ މައިދާނާ ކިތަންމެ ދުރުގައި ރާއްޖެ އޮތް ކަމުގައި ވިޔަސް ނުރައްކަލުގެ ތެރެ އަށް ރާއްޖެ ދިޔައީ ހަނގުރާމަ ފެށި ޖަރުމަނުން ވިޔަފާރި އާގުބޯޓުތަކުގެ ނަމުގައި ހަނގުރާމަމަތީ އުޅަނދުތައް އިންޑިއާ ކަނޑުގައި ބުރުޖަހަން ފެށުމުންނެވެ. ވިޔަފާރި މުދާ އުފުލާ އުޅަނދުތަކުގެ ގޮތުގައި ހަތިޔާރު ބަރުކޮށްގެން, އިދިކޮޅު ގައުމުތަކުގެ އުޅަނދުތަކަށް ހަމަލާ ދެމުން ދިޔަ ޖަރުމަނުގެ މި "ރެއިޑަ ޝިޕް"ތަކުން 1917 ވަނަ އަހަރު ފެށީ ޖަރުމަނާ ދެކޮޅު އިއްތިހާދުގެ ތިން އުޅަނދަކަށް ހަމަލާދީ އެއް އުޅަނދު ފައްތާލި އެވެ.

އިނގިރޭސި ސިފައިން ރާއްޖެ ސަރަހައްދަށް އައީ ޖަރުމަނުގެ މި ބޯޓު ހޯދައި ހަމަލާދޭން

މިކަން މިހެން ހިނގާފައި ވަނިކޮށް، ޖަރުމަނުގެ އުޅަނދެއް ކަމަށްވާ އެސްއެމްއެސް ވުލްފް އިން 1917 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ކާލް އޯގަސް ނާގާގެ ކައްޕިތާނު ކަމުގައި އިންޑިއާ ކަނޑަށް މައިނު އަޅަމުންދާކަން އިނގިރޭސި ސިފައިންނަށް އެނގުނެވެ. ޖަރުމަނުގެ މި އުޅަނދާ ކުރިމަތިލާން ނުކުތީ ގައި އެ އުޅަނދެއްގައި ހުރި ރޭވަން 2 އެވެ. އޭގެ ކައްޕިތާނު ސީއާރް ސެމްސަން ޖަރުމަނުގެ އުޅަނދު ހޯދަން އިންޑިއާ ކަނޑު ބަލަން ފެށީ ކަނޑަށް ޖައްސާ ބޯޓުތައް ވެސް ބޭނުންކޮށްގެންނެވެ. ފްރާންސުގެ މަނަވަރެއް ވެސް މިކަމުގައި އެހީވާން ތައްޔާރީ ހާލަތުގައި އޮތެވެ.

ޖަރުމަނުގެ ބޯޓު ހޯދަން "ރޭވަން" ދަތުރުކުރި ގޮތް

ރޭވަން 2 ޕޯޓް ސައީދުން ފުރައިގެން އަދަންގައި މަޑުކުރުމަށް ފަހު އިންޑިއާ ކަނޑަށް ނުކުތެވެ. އަދި މަލިކާއި ދިވެހިރާއްޖޭގެ ސަރަހައްދު ކަނޑާއި ވައިގެ މަގުން ބަލަން އޭޕްރީލް 21، 1917 ގައި، "ޝޯޓް 8018" ސީޕްލޭންގައި، ގައި އާއި އޭނާގެ އޮބްޒާވަރު ވިލިއަމް ޗާލްސް އެބޮޓް މީޑް ފޮނުވާލި އެވެ. މި ސަރަހައްދު މަތިން ބަލަމުން ދިޔަ މީހުންނަށް މިކަން ވީ ވަރަށް ތަފާތު ތަޖުރިބާއަކަށެވެ. ސާފު ޖައްވުގައި ކަނޑުގެ ސަރާސަރު ނޫކަން ފެންނަން އޮންނައިރު ސާފު މޫދުގެ އަޑި ވެސް އޮންނަނީ ފެންނާށެވެ. އެތައް ސަތޭކަ ރަށެކެވެ. ފަޅުތަކެވެ. އެކަމަކު މި ދެ މީހުން ދިޔަ ގޮތަށް އެނބުރި ރޭވަން 2 އަކަށް ނުދެ އެވެ. އެ މީހުން ގެއްލުނީ އެވެ.

ރާއްޖޭގައި ހާލުގައިޖެހުން

އޭޕްރީލް 21, 1917 ގައި، ގައި އާއި އޭނާގެ ބައިވެރިޔާ ވިލިއަމް ޗާލްސް އެބޮޓް މީޑް އެ މީހުންގެ ސީޕްލޭންގައި އަރިއަތޮޅާއި މާލެ އަތޮޅާ ދެމެދުގެ ސަރަހައްދު ބެލުމަށް ކުރި ދަތުރުގައި ގަދަ ކޮޅިގަނޑެއްގައި ޖެހުނެވެ. ދެވޭ ނުދެވޭ ތަނެއް ނޭނގި ރާއްޖޭގެ ދެކުނަށް ދުއްވި، އެންމެ ފަހުން މައި އުޅަނދާ މުއާސަލާތު ނުކުރެވޭހާ ދުރަށް ދެވުނީ އެވެ. ސީޕްލޭން ގެއްލުނު ދުވަހު އެންމެ ފުރަތަމަ އެކަން ލޮގް ކޮށްފައިވަނީ އެ ދުވަހުގެ ހަވީރު 5:53 ގަ އެވެ. އެއާ އެކު ބޯޓު ހޯދަން އެ ރޭ ސާޗް ލައިޓް ވެސް ބޭނުންކޮށްގެން ކުރި މަސައްކަތްތަކަށް ފަހު 11:10 ގައި ލޮގްކޮށްފައި ވަނީ ބޯޓު ވެއްޓި ދެ މީހުން ގެނބިގެން މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ. ދެ ދުވަސް ވަންދެން ކުރި މަސައްކަތުން ފެނުނީ ކަނޑަށް އެޅިފައި ހުރި ތެޔޮތަކަކާއި ބިސްކޯދުތަކެކެވެ. ކޮޅިގަނޑުގައި ބޯޓު ވެއްޓި އަޑިއަށް ގޮސް އުމުރުން 22 އަހަރުގެ ގައި އާއި 29 އަހަރުގެ ވިލިއަމް ގެނބިގެން މަރުވީ ކަމަށް ބެލެވޭ ކަމުގައި، ރޭވަންގެ ލޮގް ފޮތުގައި ލިޔެފައި އެބަ އޮތެވެ. އެކަމަކު ޖެހިގެން އައި ދެ ދުވަހު ވެސް ބޯޓު ހޯދަން މަސައްކަތްކޮށްފައިވެ އެވެ. އޭގެ ފަހުން އޭޕްރީލް 23 ވަނަ ދުވަހު ރާއްޖޭން ކޮލަމްބޯ އަށް މިސްރާބުޖެހި އެވެ. ރާއްޖެ ސަރަހައްދުގައި ސީޕްލޭންގައި ކުރި ދަތުރުތަކުގެ ލޮގްތައް އިނގިރޭސި ވިލާތުގެ ނޭވަލް ހިސްޓްރީ ވެބްސައިޓުން ފެންނަން އެބަ ހުއްޓެވެ. ހއ. ތުރާކުނާ ހިސާބުން ފެށިގެން ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން ސީޕްލޭންގައި ދަތުރުކޮށް ބެލި ހިސާބުތައް، ރާއްޖޭގެ ރަށްރަށުގެ ނަމާ އެކު އެބަ ހުއްޓެވެ.

އެކަމަކު ގެއްލުނު ސީޕްލޭން ހާލުގައި ޖެހުނު ދުވަހުގެ އިރު އޮއްސި އަނދިރިވަންދެން ވެސް ދިޔައީ އޭގެ މައި އުޅަނދު ރޭވަން ފެނޭތޯ ބަލަން ދުއްވަމުންނެވެ.

ރާއްޖޭ ސަރަހައްދުން ބޮޑު ހަނގުރާމައިގެ ތެރޭ ހާލުގައި ޖެހުނު ކަމަށް ބުނާ ސީޕްލޭން

ގައި އާއި އޭނާގެ ބައިވެރިޔާ އަނދިރީގައި ގޮސް, ރާއްޖޭގެ ދެކުނުގެ ރަށެއްގެ ބޭރަށް ޖެއްސީ އެވެ. ދިޔަވަރު ހިކިފައި އޮތުމުން ފަޅުތެރެއަށް ނުވަދެވި, ދަންވަރު ދިޔަވަރު ބޮޑުވަންދެން އެ މީހުން ފަރު ބޭރުގައި ތިބީ އެވެ. ގަސްދުކުރީ ބޮޑު ދިޔާގައި ރަށާ ގާތްކޮށް, އެ ރަށުގައި ނިދާލާފައި, އިރު އެރުމާ އެކު އަލުން ދަތުރު ފަށާށެވެ. އޭރު ވެސް ވާރޭ ވެހޭ ކަމަށްވެ އެވެ. ކަނޑު ވެސް ގަދަ އެވެ. އެހެންވެ ސީޕްލޭން ބީއްސާލައި, ރުކެއްގައި އެއްސި އެވެ.

ހެނދުނު ހޭލި އިރު އޮތީ އަނެއްކާ ދިޔަވަރު ހިކި, ބޯޓު އެއްގަމުގަ އެވެ. ނަސީބަކުން ބޯޓަށް މާބޮޑު ގެއްލުމެއް ވެފައެއް ނެތެވެ. ދިޔަވަރު ބޮޑުވަންދެން އަނެއްކާވެސް ޖެހުނީ މަޑުކޮށްގެން ތިބޭށެވެ. ކެއީ ރުކަށް އަރައިގެންނާއި ރުކަށް ބަޑި ޖަހައިގެން އެޅި ކުރުބާ އާއި ކާށި ފަދަ އެއްޗިއްސެވެ. މެންދުރު ބޮޑު ދިޔަ އައުމާ އެކު ދަތުރުގެ މިސްރާބު ބެހެއްޓީ ރާއްޖޭގެ އުތުރަށެވެ. އަނެއްކާވެސް ރޭވަންގެ ޚަބަރެއް ވޭތޯ އެވެ. އެކަމަކު އޭރު ހުރީ ގަޑިއެއްހާއިރު ދުއްވާނެ ތެލެވެ. އަނެއްކާވެސް ޖެހުނީ ރަށެއްގައި މަޑުކުރާށެވެ. އޮއްސުނު އިރާ އެކު, ބޯޓު އަޅާފައި ފަޅުގައި އޮތް ބޮއްކުރައަކަށް އަރައި ބެލި އިރު އޭގައި ފައްޔެއް ނެތެވެ. އޭރު ތިބީ ވަރުބަލިވެ ވަރަށް ބޮޑަށް ބަނޑުހައިވެފަ އެވެ.

ޔޫކޭގެ ނޭވަލް ހިސްޓްރީގައި ހުރި ބައެއް ލޮގްތައް

ނަސީބު ދެރަކަމުން މި މީހުންނަށް މި ދަތުރަށް އެރުނީ, ފުރަތަމަ މަޑުކުރި ރަށުގައި, އަންނައުނު ނުތެންމަންވެގެން ހުރިހާ އެއްޗެއް ބާލާފައި ބަހައްޓައިފަ އެވެ. ފާފު އަތޮޅުން ފޭބި ރަށުގައި ނިދަން އޮށޯތީ ފަނުން ހަށިގަނޑު ނިވާކޮށްގެންނެވެ. ހަމަ ޖެހުމާ އެކު ނިދިއްޖެ އެވެ. ހޭލެވުނީ ބަޔަކު ވާހަކަ ދައްކާ އަޑަށެވެ. ކައިރީގައި ތިން މީހަކު ބަލަހައްޓައިގެން ތިއްބެވެ. ގައި ކުއްލިއަކަށް ތެދުވެ އެ މީހުންނަށް ސަލާން ގޮވާލި އެވެ. އެކަމަކު އެ މީހުން ބިރުން ދުވެ ފިލީ އެވެ.

"ބެލެވޭ ގޮތުގައި އެ މީހުން އަހަރެމެންނަކީ ކޮން ބައެއްތޯ ބަލަން އައިސް ތިބީ އެވެ. އެކަމަކު އެ މީހުން އަހަރެމެން ދޫކޮށްލާފައި ރަށުގެ އަނެއް ފަރާތަށް ދިޔައީ އެވެ. އަހަރެމެން އެ މީހުން ހޯދަން ދިޔައިރު ފަލިޖަހާ ބޯޓެއްގައި ފުރައިގެން ހިނގައްޖެ އެވެ. އެއީ އެ ރަށުގައި އޮތް ހަމަ އެކަނި އުޅަނދު ވެސް މެ އެވެ. އެހީ އަށް އެދި ވެސް ގޮވީމެވެ. އެކަކުވެސް އަޅައެއްނުލި އެވެ. ރަށު ތެރެއިން ވެސް މީހަކު ނުފެނުނެވެ. އޭރު އަހަރެމެން ތިބީ ވަރަށް ވަރުބަލިވެ މުޑުދާރުކަންމަތީގަ އެވެ. އެހެންވެ ރަށުގައި ހުރި ޖިފުޓިތަކަށް ވަދެ ހާވަން ފެށީމެވެ. ބައިވަރު ކާނާ އާއި ފެން ހުއްޓެވެ. ކާއްޓާއި ކުކުޅު ވެސް ލިބުނެވެ. ދަނޑިބުރިއަކުން ޖަހައި އަހަރެން ކުކުޅެއް މަރާލައި ދަނޑިއަކަށް އަމުނާލައިގެން އެ ކައްކައިގެން ކާލީމެވެ." ގައި އޭނާގެ ފޮތުގައި ލިޔެފައިވެ އެވެ.

ޔޫކޭގެ ނޭވަލް ހިސްޓްރީގައި ހުރި "ރޭވަން" ގެ ލޮގް ފޮތުގެ ބައެއް ބައިތައް

ބައެއްގެ އެހީ ހޯދަން ކުރި މަސައްކަތް ތަފްސީލްކޮށްދޭން ގައި ލިޔެފައިވެ އެވެ.

"އަހަރެންގެ ބައިވެރިޔާ ގޮނޑުދޮށުގައި ހުރެ، ރަށް ބޭރުން ދޯނިތަކުގެ ސަމާލުކަން ހޯދަން ގޮވަމުން ދިޔަ އެވެ. އެ މީހުން ސަމާލުކަމެއް ނުދިނެވެ. އޭރު އަހަރެން ހުރީ މަތިން ޓީޝާޓެއް ލައިގެންނެވެ. އެކަަމަކު އަހަންނާ އެކު ދެން ހުރި މީހާގެ އުނުގައި އެކައްޗެއް ވެސް ނެތެވެ. ޓީޝާޓު ނަގައި ހޫރުވަން ފެށުމުން އެއް ދޯނި އަހަރެމެންނާ ދިމާލަށް ކައިރިކޮށްލި އެވެ. ފަތާފައި ގޮސް އެއަށް އެރުމާ އެކު އުނު އޮރިޔާން ނިވާކޮށްލެވޭނެ ފޭރާމަކާއި ކާނާ ދިނެވެ. ދުފަން ވެސް ދިނެވެ. އޭގައި ތިބި މީހުންނާ އެކި ގޮތްގޮތުން ވާހަކަ ދައްކައި އެތައް އިރެއް ބޭކާރުވި އެވެ. އޭރު އަހަރެމެންގެ ސީޕްލޭން ކަނޑުގައި އޮޔާދަނީ އެވެ. އެހެންވެ އަތުން އިޝާރާތްކޮށް، ސީޕްލޭން ކައިރި އަށް ގެންގޮސްދޭން އެދުނީމެވެ. އެތައް އިރެއް ވަންދެން ދެއްކި ވާހަކަތަކަށް ފަހު ދޯނިތައް އައިސް ސީޕްލޭން ކަފުޖަހައިފި އެވެ. އަދި ކައިރިގައި އޮތް މީހުން އުޅޭ ރަށަކަށް ގެންދިޔަ އެވެ."

މި މީހުން ދިޔަ ރަށަކީ ފ. ފީއަލި ކަމަށް، މިކަމާ ލިޔުންތަކުން އެނގެ އެވެ. ގައި ބުނެފައިވާ ގޮތުގައި އެ ރަށުގައި ފަންސާހަކަށް މީހުންނާ އެކު އެތައް ދުވަހެއް ވަންދެން އުޅުނެވެ. ރަށު ރައްޔިތުންނާ އެކު ބެރު ޖަހައި ލަވަކިޔައި މޫދަށް ގޮސް އުޅުނެވެ. އިނގިރޭސި ބައެއް ބަސްތަކާއި ލަވަތައް ވެސް އެ ރަށު މީހުންނަށް ދަސްކޮށްދިން ކަމަށް ލިޔެފައިވެ އެވެ. ވަރަށް ހެޔޮކޮށް ހިތައި، ބޭނުންވި ހުރިހާ ކަމެއް ކޮށްދިންކަން ތަކުރާރުކޮށް ފާހަގަކޮށްފައިވެ އެވެ. މިހެން އުޅެނިކޮށް މާލޭން ދޯންޏެއް ގޮސް ގައި އާއި އޭނާގެ ބައިވެރިޔާ ގެންދިޔައީ އެވެ.

މާލޭން ކޮލަމްބޯ އަށް

މާލެ އަށް ގެންގޮސް ރަދުންގެ އަރިހަށް ހާޒިރުކުރި އެވެ. ރަސްކަމުގައި ހުންނެވީ ސުލްތާން މުހައްމަދު ޝަމްސުއްދީން އިސްކަންދަރު (3) އެވެ. ހާުލުގައި ޖެހުނު ބިދޭސީ ދެ މީހުންނާ މެދު ރަސްގެފާނު ވަރަށް ގާތްކޮށް, އޯގާތެރިކޮށް ހިއްތެވި ކަމަށް ބުނެފައިވެ އެވެ. އެ ދެ މީހުންނަށް ގެންގުޅުއްވީ ގަނޑުވަރުގަ އެވެ.

ރާއްޖޭން 1887 ގައި އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި ތިބެން އޮތީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެހެންވެ ލަންކާގައި ތިބޭ އިނގިރޭސި ސަރުކާރުގެ މަންދޫބުންނާއި ރަސްގެފާނާ ދެމެދު ގާތް ގުޅުމެއް އޮވެ އެވެ. ރާއްޖޭގެ އުޅަނދެއްގައި މި ދެ މީހުން ލަންކާ އަށް ފޮނުވާލި އެވެ. އެކަމަކު ސީޕްލޭން މާލޭގައި ބާއްވައިފަ އެވެ. އަދި މެއި 6 ގައި މި ދެ ސިފައިން އަލުން އެ މީހުންގެ އުޅަނދު ރޭވަން 2 އާ ގުޅުނެވެ. އެކަމަކު އުޅަނދުގައި ތިބި އެކުވެރިން ތިބީ މި ދެ މީހުން ދެން ދުވަހަކު ވެސް ނުފެންނާނެ ކަމަށް ނިންމައިގެންނެވެ. ރޭވަން 2 ރާއްޖެ އަށް އައިސް ސީޕްލޭން ގެންދިޔަ އެވެ. އެ ސީޕްލޭން އޮތީ ރަސްގެފާނުގެ އަމުރަން އެޅި ހާއްސަ ހަރުގެއެއްގައި ރައްކާތެރިކަމާ އެކު ބާއްވައިފަ އެވެ.

ގައި ޑަންކަން ސްމިތު

މި ހުރިހާ ކަމެއް ހިނގައި ދިޔައިރު, ހޯދަން އުޅުނު ޖަރުމަނު ބޯޓު, ވާދަވެރިންގެ ލޯތަކަށް ނުފެނި އިރު ދެކުނުން މާދުރަށް އޮތީ ދަތުރުކޮށްފަ އެވެ. އަދި ޖެހިގެން އައި އަހަރުގެ ފެބުރުއަރީ މަސް ތެރޭގައި ސަލާމަތުން ޖަރުމަނަށް ދިޔަ އެވެ. މި ދަތުރުގައި ޖަރުމަނުގެ ބޯޓުން ހަމަލާދީ 12 އުޅަނދެއް ފައްތާލި ކަމަށްވެ އެވެ.

ރާއްޖޭގައި ހާލުގައި ޖެހުނު ދެ މީހުންނަށް ފަހުން ވަނީ ސިފައިން ހާއްސަ ދަރަޖަތަކާ އެކު މަތީ މަގާމުތައް ދީފަ އެވެ. އަދި މި ދެ މީހުންގެ ވާހަކަތައް އިނގިރޭސި ނޫސްތަކުގައި އެ ދުވަސްވަރު ވަރަށް ގިނައިން ލިޔެފައި އެބަހުއްޓެވެ.

24 ކޮމެންޓް, 40 ރިއެކްޝަންސް

icon happy icon happy 73%
icon sad icon sad 18%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަށުމީހާ

12 February 2020

މީން ވާއެއް ނުވާއެއް ނޭގުނު

The name is already taken The name is available. Register?

ހަސަނުއާ

12 February 2020

މިކަހަަލަ ވާހަކައަކަށް ފިލްމެއް ހަދާބަލަ. އަބަދުވެސް ލޯބީގެ ޑްރާމާގަނޑެއް.

The name is already taken The name is available. Register?

ކަތްދައްތަ

12 February 2020

މިހާރު ނަމަ، ދެގޮތުން ކުރެ ގޮތެއް އޮންނާނީ. ޕާޓޭން ތަކަކާޖެހި ފޭރިގަނެ އެމީހުންގެ ދުވަސް ދުއްވާލުން. ނޫނީ ﷲ އަކުބަރު ކިޔާފަ ބޯ ކަނޑާލުން. ޤައުމު އޮތީ މިހާލަތުގަ!. ދެކޮޅުންވެސް އެކްސްޓްރީމިޒަމްގަ.

The name is already taken The name is available. Register?

ދެރަކަމެއް

12 February 2020

ކުޅުދުއްފުއްޓަކީ ހިތްހެޔޮމީހުން ގިނަ ރަށެއް.. ކ އަތޮ މީހުނަކީ މީހުނާ ގުޅުން ކުޑަބައެއް. ކ. އަތޮޅުގަ މިއަދާހަމައަށް 4 އަހަރުގެ ތަޖުރިބާ..... މަސައްކަތުގެ ގޮތުން ޓުއަރިސްތުންނާ އަދި ރައްރަށު މީހުނާ ވާހަކަދައްކަން ފުރުސަތު ލިބޭ.. މި އެއްމެން މިރަށު މީހުންގެ ގުޅުން ކުޑަކަން ފާހަގަ ކުރޭ.. ޓޫރިސްޓުން އާއްމުކޮށް ބުނޭ :ކަލެއާ މިރަށުމީހުން ހާދަ ތަފާތޭ.. އެއްދުހު ގެސްޓެއް ކާރީ އަހާލިން އަދި އަންނާނެތޯ.. ބުނީ ؛ ނޯ.... ވައި؟ ..ޕީޕަލް އާރ ވ އަންފްރެންޑްލީ...

The name is already taken The name is available. Register?

އަނާތު

11 February 2020

ޑިމޮކްރަސީ ޒަމާނަށް ވުރެއް ރަސްކަމުގެ ޒަމާނުގަ ދިވެހިން މާ ހިތްހެޔޮވެފަ އޯގާތެރިކަމަށް ފާހަގަ ކުރެވެ

The name is already taken The name is available. Register?

އީސާ މަސީހު

11 February 2020

ހަބޭސް

The name is already taken The name is available. Register?

ރިކުއެސްޓެއް

11 February 2020

ނިއުމަތުﷲގެ ރިޕޯޓްތައް ގިނަކޮށްލަން ފެނޭ. މި ނޫހުން އެހެން ނޫނީ ފެންނާނީ ކޮންމެވެސް ކޫސަނި އާންމު މައުލޫއަކަށް ހަމަ ތަކުރާރުކޮށް ލިޔެފަ ހުންނަ އެކައްޗެއް

The name is already taken The name is available. Register?

އަހުމަދު

11 February 2020

މި މީހުންނާ ދިމާވި މީހަކާ 1990 ވަނަ އަހަރު ފ. ފީއަލީ އިން ބައްދަލުވި. އޭރު އޭނާގެ ޢުމުރު 99 އަހަރުވެއްޖެ. އޭނާ އަކީ ފ.ފީއަލީ ބަހާރުގޭ ދޮންމޫސާބޭ. އޭނާ ކިޔައިދިނީ ފިލިތެޔޮ ކައިރީގަ ބޯޓު އޮއްވާ ފެނުނު ހިސާބުން. މީގަނެތް އިތުރު ވާހަކައަކަށް އޭނާ ބުނީ އެމީހުންނަށް ކާންދިނީ އެދުވަސްވަރު އެމީހުންވެސް ކައި އުޅޭ ބަނބުކެޔޮ ކަމަށާއި, ބަނބުކެޔޮ ދިނީމަ ކައިގެން ބަނޑުގަ ރިއްސާތީ ހަމަ ތެޅި ފޮޅުނީ ކަމުގައެވެ.

The name is already taken The name is available. Register?

ކްއިކްގަން މުރުގަން

11 February 2020

ފިލްމެއް ހަދަން ވަރަށް ފައްކާ ރިޕޯޓެއް މީ. ކުޑަކޮށް ފޮނިތޮށި ކޮޅެއްއަޅާއިގެން.

The name is already taken The name is available. Register?

ފުއްލާދުލި

11 February 2020

މިމީހުންގެ ނަސީބު ނ. މަނަދޫ، ހދ. ކުޅުދުއްފުށި، ލާމު އަތޮޅު، ކ. ހިންމަފުށި ކަހަލަ ތަނަކަށް ނުލެއްގިކަން. އޭރުވެސް މިހާރުވެސް އެންމެ އެހީތެރިކަން ދައް، ބީރައްޓެހިން ފެނުމުން މޫނު އަނބުރާލާ މީހުން އުޅޭ ކަމަށް މަޝްހޫރު ރަށްރަށް.

The name is already taken The name is available. Register?

މީލޭ

11 February 2020

ކުޅުދުއްފުއްޓަކީ ތީޔަބުނާކަހަލަ ރަށެއްނޫން. ތަޖުރިބާ ކޮއްފަ މިބުނީ

The name is already taken The name is available. Register?

ޙަބީބު

11 February 2020

ތިޔަބޭފުޅާ ޔައް ތިޔަބުނާ ރައްރަށުން ބިޓުން ކާމިޔާބުނުވުމަކީ ރައްރަށުގެ އެން މެން ގޯސްވުމ މެއްނޫން

The name is already taken The name is available. Register?

ކުމާރުު

12 February 2020

ކުޅުދުފުއްޓަކީ އެއްވެސް އިރެއްގަ ހިތްހެޔޮކަމާއެކު ބީރައްޓެހިންނަށް މަރުހަބާ ކިޔާބައެއް ނޫން، އަދި އެއްވެސް އިރެއްގަ އެހާރަނގަޅު ބައެއް އުޅޭތަނެއްވެސް ނޫން، ސްކޫލުގަ އުޅުނުއިރު އިންޓަރ ސްކޫލް އޮލިމްކްސް އަށް އެރަށަށް ދިޔައީމަ އެރަށުން ލިބުނު މެހެމާންދާރީއާއި ކަންތައް ކުރި އިހާނެތިގޮތް ދުވަހަކުވެސް ހަނދާން ނުނެތޭނެ. އޭގެ ފަހުންވެސް ކުޅުދުއްފުށި މީހުންގެ ފަރާތުން ބޮޑާކަމާ ކިބިރުވެރިކަން ނޫން ކަމެއް ފާހަގަ ނުވޭ، ތަޖުރިބާ ކޮށްފަ މިބުނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454