ކުޑަރިކިލުގެ ގިރާ ސަރަހައްދު
11 ފެބުރުއަރީ 2020 - 12:18
ބ. ކުޑަރިކިލު އާދަޔާ ހިލާފަށް ގިރަމުން ދާތީ އެކަމަށް ދާއިމީ އަވަސް ހައްލެއް ބޭނުންވާ ކަމަށް ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
ބ. އަތޮޅުގައި މީހުން ދިރިއުޅޭ ގުދުރަތީ އެންމެ ރީތި އެއްރަށް، ކުޑަރިކިލު ގިރަމުންދާތާ ހަތަރު މަހެއްހާ ދުވަސްވެއްޖެ އެވެ. މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ހުއްޓުމެއް ނެތި ގިރަމުން ގޮސް، ރަށުގެ އިރުއުތުރު ފަރާތުން 700 ފޫޓުގެ ސަރަހައްދެއް މިހާރު ވަނީ ގިރާލައިފަ އެވެ. އަދި އެއްގަމުން ފަންސާހަށް ފޫޓު ގިރާލައި، އެ ސަރަހައްދުގައި ހުރި ދެ ގެއަކަށް އަސަރުކުރާ ހިސާބަށް މައްސަލަ ވަނީ ގޯސްވެފަ އެވެ.
"ނޮވެމްބަރުން ފެށިގެން ގޮސް މެދުކެނޑުމެެއް ނެތި ގިރަމުން އެބަދޭ. މިއީ މިހާ ބޮޑަށް މި ރަށް ގިރާ ފުރަތަމަ ފަހަރު،" ރަށު ކައުންސިލްްގެ ރައީސް އަބްދުލްހަންނާނު އައްބާސް ވިދާޅުވި އެވެ.
ކުޑަރިކިލުގެ ގިރާ ސަރަހައްދު
ވަށައިގެން ކައިރީގައި އަގުބޮޑު ރިސޯޓްތައް ވެސް ހުރި މި ރަށް އެހާ ބޮޑަށް ގިރާ އެއް ސަބަބެއް ކަމަށް ކައުންސިލްގެ ރައީސް ފާހަގަ ކުރެއްވީ ވެސް ރަށާ ވަރަށް ކައިރީގައި ރިސޯޓްތަކެއް ތަރައްގީވުމެވެ. އޭނާ ވިދާޅުވި ގޮތުގައި، މި މޫސުމުގައި އާންމުކޮށް ގިރިޔަސް، ކައިރީގައި އޮތް ލަނޑާގިރާވަރުގެ މޫދު ކޮޓަރިތައް އެޅި ފަހުން ރަށުގެ އިރުއުތުރު ފަރާތުން އާދަޔާހިލާފަށް ގިރަން ފެށި ކަމަށާއި، ގާތްގަނޑަކަށް ފަސް މިނެޓުން ދެވޭ އަނަންތަރާ ރިސޯޓްގެ މޫދު ކޮޓަރިތައް އަޅަން ފެށުމާ އެކު ހެން ރަށުގެ ދެކުނު ފަރާތުން ގިރަން ފެށި ކަމަށެވެ.
"މޫސުމީ ގޮތުން މީގެ ކުރިން ވެސް މި ރަށް ގިރާ. އެކަމަކު އަޅުގަނޑު މި ދެންނެވިހެން މި ދެ ރިސޯޓް ތަރައްގީ ކުރަން ފެށިފަހުން ވަރަށް ބޮޑަށް ގިރާކަން ފާހަގަ ކުރެވޭ،" އޭނާ ވިދާޅުވި އެވެ.
ކުޑަރިކިލުގެ ގިރާ ސަރަހައްދު
މިހާރު އޮތް ހާލަތަށް އިޝާރާތް ކުރައްވައި ހަންނާނު ވިދާޅުވީ މިހާރު ދުވާލަކަށް ތިން ފޫޓުގެ ގުންޑޮޅިގަނޑު ވެސް ވެއްޓެމުންދާ ކަމަށެވެ. އަދި އެއީ އަވަސް ފިޔަވަޅުތަކެއް ނާޅައިފި ނަމަ ރަށަށް ކުރިމަތިވެދާނެ ވަރަށް ބޮޑު މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ގިރާ ސަރަހައްދުގައި ހުރި ދެ ގެއަކަށް ވަރަށް އަވަހަށް އޭގެ އަސަރު ކުރާނެ. އޭގެ އިތުރުން އެ ސަރަހައްދުގައި ހުންނާނެ އެހެން ފަސް ގެއެއް ވެސް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިކަން ވަނީ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ވެސް ގެންނަވައިފަ އެވެ. އެ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ހުސެއިން އަށާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސަމާލު ކަމަށް ވެސް އެކަން ގެނެސްފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ކުޑަރިކިލުގެ ގިރާ ސަރަހައްދުގައި ވެލި ބަސްތާތަކެއް ޖަހާފައި
"ސީދާ އަޅުގަނޑު ވާނީ މިނިސްޓަރަށް ވެސް ފޮޓޯތައް ވައިބާ ކޮށްފައި. މިނިސްޓަރު ވިދާޅުވި ކޮބައިހޭ ހައްލަކީ. އަޅުގަނޑު ދެންނެވިން ހައްލަކީ ބޮޑު ހިލަ ޖެހުމޭ. ދާއިމީ ހައްލެކޭ މިކަމަށް ބޭނުންވަނީ،" އޭނާ ވިދާޅުވި އެވެ.
އެކަމަކު ރަށުގެ ރައްޔިތުން ވަނީ ވަގުތީ ހައްލެއް ލިބޭތޯ މަސައްކަތް ފަށައިފަ އެވެ. އެގޮތުން، އެ ސަރަހައްދުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް އިއްޔެ ވަނީ ފަށައިފަ އެވެ.
"އޭރުން ގިރުމުގެ މަސައްކަތަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެން9
11 February 2020
ދުނިޔޭގެ ގަނޑުފެންތައްވެސް އެބަ އާދައާ ޚިލާފު ބާރުމިނެއްގައި ވިރޭ.
ޚާންކުމާރް
11 February 2020
ރަށްތައް ގިރި ރާއްޖެ އަޑިއަށް ދާނެ ކަމަށް ވަނީ 2050 ގެ ކުރިން. ކްލައިމެޓް ޗޭންޖް، ސީ ލެެވެލް ރައިޒް ނޭނގޭ ކުދިން ގޫގްލް ކޮށްލާ
ހަންނާނު
11 February 2020
ރަށްތައް ގިރިވަރަކައް ޖަޒީރާވައްތަރު ޖަހަނީ
ނަމެއް
11 February 2020
ހައްލަކީ ބޮޑު ރަށަކަށް މީހުން ބަދަލުކޮށް ތިތަން ރިސޯޓަކަށް ހަދާލުން. 300 މީހުންނަށް ހޮސްޕިޓަލާ ސްކޫލާ ޔުނިވާސިޓީއާ އިންޖީނުގެއާ ޕޮލިސް ސްޓޭޝަނާ ރަށުގެ ރީތިކަން ގެއްލޭގޮތަށް ތޮށްޓާ ބަނދަރާ މިހުރިހާ ކަމެއް ކުރަންޏާ މީގެ ދެތިން ގަރުނު ފަހުންވެސް ތިތަންތަން މީހުން ބޭނުންވާވަރަށް ތަރައްގީއެއް ނުވާނެ.
ރަނާއު
11 February 2020
މިވަރަށް ރަށްގިރަންޏާ މިސަރުކާރަށް ކޮށްދެވޭނެކަމެއް ނޯންނާނެ -މަޖިލިސް ބަލަހައްޓާ މީހާ
ކަރަންޓޭ
11 February 2020
ބ ކުޑަރިކިލި އާބާދީ އަކީ ރަށުގަ ގައި މުވެފަތިބި 300 ވަރަކައް މީހުން ވީ މާ ބ އޭދަފުށީގަ 25 ބުރީގެ ޓަވަރެއް އަޅާފަ މާރީއްޗައްވެސް ވަޒަންވެރި ކުރެވިދާނެ ބައެއް މީ ކޮން މެރަށެއްގަ ބަނދަރާ ފެނާ ކަރަންޓާ ހޮސްޕިޓަލާ ނުހެދޭނެ ވީމ މާ މިފަދަ ކުދި އާބާދީ އެއްފަސް ކުރުން ބުއްދިވެރި
ފައިނު ބާކުލި
11 February 2020
މީހުން އުޅޭ ރަށްތަކުގެ ދެމިއޮތުމަށް ނުރައްކާވާ ވަރަށް ރަށްތައް ގިރަމުން މިދާ ސަބަބު ހޯދާ، އަވަސް ހައްލެއް ހޯދަން މަސައްކަތް ކުރަން ޖެހޭ. މިކަމުގަ ގިރާ ރަށްރަށާ ގާތުގައި ރިސޯޓު ތަކުންވެސް އެހީވާން ރަނގަޅު.
ލޫކަސް
11 February 2020
ވަށައިގެން ބޮން ހަރުކުރަން ވީނުން
ކޮލެޖު ޑޮކްޓަރު
11 February 2020
ޓޫރިޒަމް ފުޅާކުރަން އެންމެ ބޮޑަށް ހަލާކުރި އެއް ހިސާބު ބ. އަތޮޅަކީ. ދެން މިހާރު އެ އޮތީ އެންމެ ބޮޑަށް ގިރާ އަތޮޅަށް ވެފައެވެ. މީގެ ގުޅުން އެބަ ފެނޭތަ؟ ފިލާވަޅެއް ދަސްވެއްޖެތަ؟ ލާރި ހޯދަން ވެސް ގުދުރަތަކާއި ނުކުޅެވޭނެ.
ރުހާނީ ލީޑަރ
11 February 2020
ތިކަން ހައްލު ކުރުމަށް ކުރެވޭނެ ކަމެއް ނެތް.