މާރުކޭޓުން، މީހަކު ވިޔަފާރިކުރަނީ: ދަނޑުވެރިންގެ ދުވަސް ފާހަގަކުރަން ނިންމާފައިވަނީ އޮކްޓޯބަރު 15 ވަނަ ދުވަހު.-- ފޮޓޯ: ނިޝާން އަލީީ/ މިހާރު
11 ފެބުރުއަރީ 2020 - 19:39
ދަނޑުވެރިންގެ ދުވަސް، ކޮންމެ އަހަރެއްގެ އޮކްޓޯބަރު 15 ވަނަ ދުވަހު ފާހަގަކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.
އެމަނިކުފާނު އެގޮތަށް ނިންމެވީ، ވަޒީރުންގެ މަޖިލީހުން މިއަދު ބޭއްވި ބައްދަލުވުމުގައި، ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިން ހުށަހެޅި ކަރުދާހާ މެދު މަޝްވަރަކުރުމަށް ފަހުގަ އެވެ.
ކޮންމެ އަހަރެއްގެ އޮގަސްޓް 10 ވަނަ ދުވަހު، ދަނޑުވެރިންގެ ދުވަސް ފާހަގަކުރަން 2009 ވަނަ އަހަރު ހަމަޖެއްސި ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެކި ސަބަބުތަކާ ހުރެ ދަނޑުވެރިންގެ ދުވަސް ފާހަގަކޮށްފައިވަނީ އަހަރުގެ ކޮންމެ ވެސް އެހެން ދުވަހެއްގަ އެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ކަމަށްވާ އޮކްޓޯބަރު 16 ވަނަ ދުވަހާ ގުޅުވައިގެން ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ އެއް ބޭނުމަކީ، ރައީސް އޮފީހުން ބުނިގޮތުގައި، ދަނޑުވެރިންނާއި އެމީހުން އުފައްދާ ތަކެއްޗާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ތަފާތު ހަރަކާތްތައް ހިންގަން މަގުފަހިކޮށްދިނުމެވެ.
ދަނޑުވެރިންނަށް ހާއްސަ ދުވަހެއް ފާހަގަކުރަން ނިންމި މަގްސަދުތަކުގެ ތެރޭގައި، ރާއްޖޭގެ ކާނާގެ ޔަގީންކަން ކަށަވަރުކުރަން ދަނޑުވެރިން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމާއި ދަނޑުވެރިކަމުގެ މަސައްކަތް، ރާއްޖޭގެ އިގުތިސޯދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަށްޓަކައި ޒުވާނުންނާއި މަސައްކަތްކުރާ އުމުރުގެ މީހުން ދަނޑުވެރިކަމަށް ޝައުގުވެރިކުރުވުން ހިމެނެ އެވެ.
މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނޑުވެރިކަމުގެ އެކި މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، އެ ފަރާތްތަކަށް ދިމާވާ ހުރަސްތަކާއި ދަތި ކަންކަން ފާހަގަކޮށް އެކަންކަން ހައްލުކުރަން ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރުމުގެ ފުރުސަތު ހޯދައިދިނުމާއި ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދަން އެކަމަށް އެންމެ އެކަށޭނެ އާ ފަންނުތައް ދަނޑުވެރިންނަށް ތައާރަފުކުރުން ވެސް ހިމެނެ އެވެ.
ވަޒީރުން ވަނީ، ކޮންމެ އަހަރަކު ވެސް ވަކި ދުވަހެއްގައި ދަނޑުވެރިންގެ ދުވަސް ފާހަގަކުރާނަމަ ދިވެހި ދަނޑުވެރިކަމުގެ ތަރައްގީގެ ސިޔާސަތުތަކާއި މަޝްރޫއުތައް، އެހެނިހެން ސިނާއަތާއި އެއް މިސްރާބެއްގައި ތަރައްގީކުރަން ފުރުސަތު ފަހިވެގެންދާނެކަން ފާހަގަކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުންމާރި23
12 February 2020
ދަޑުވެރިކަން މިއީ މިރާއްޖޭގައި ފުޅާ ކުރެވިދާނެ ދާއިރާއެއް، ޓޫރިޒަމަށް ބަރޯސާވުން ކުޑަކޮއް އަލްޓްނޭޓިވް އެއް ހޯދަން ޖެހޭ.
2020
12 February 2020
ހަވޭލި ބުންޏަސް ތިޔޭބުނީ ރަގަޅަށް މީމާލޭ ސަރުކާރު ?
ހަވޭލި
11 February 2020
ދަނޑުވެރި ކަން ވެސް މަސްވެރި ކަން ފަތުރުވެރި ވެސް އޮތީ މާލެ އާއި މާލެ ވަށާގެންވާ ރަށް ރަށުގައެވެ. ދުރު އަތޮޅު ތަކުގައި ފަތުރު ވެރިކަމާއި ދަނޑުވެރި ކަމާއި މަސް ވެރިކަންކުރާ މީހުން ޖެހެނީ ގަޑަތެޅޭ ށެވެ.ސަބަބު ތަށް ގިނަކަމުން ލިޔަން އުދަގުލެވެ.