ކުޅިވަރު / މެންޗެސްޓާ ސިޓީ

ބޮޑު މެޗުގެ ކުރިން ދެ ކޯޗުންގެ ތައުރީފު އެކަކު އަނެކަކަށް

ޕްރީ ސީޒަން އެކުވެރިކަމުގެ މެޗެއްގެ ތެރެއިން ޒިދާން (ކ) އާއި ގާޑިއޯލާ ސަލާމްކުރަނީ.-- ފޮޓޯ: އޭއެފްޕީ

26 ފެބުރުއަރީ 2020 - 10:36

މެޑްރިޑް (ފެބްރުއަރީ 26) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި މިރޭ ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ ބޮޑު މެޗަކަށް ނުކުންނައިރު، މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ރެއާލްގެ ކޯޗު ޒިނެދިން ޒިދާން އެކަކު އަނެކަކަށް ތައުރީފުކޮށް ވާހަކަ ދައްކައިފި އެވެ.

ރެއާލާއި ސިޓީ މިރޭ ކުޅޭ މެޗު ވެގެންދާނީ ކޯޗިން ކެރިއަރުގައި ޒިދާނާއި ގާޑިއޯލާގެ ރަސްމީ ފުރަތަމަ ކުރިމަތިލުމަށެވެ. ގާޑިއޯލާ އެންމެ ފަހުން ޗެމްޕިއަންސް ލީގު ތަށި އުފުލާލީ 2011 ވަނަ އަހަރު އެވެ. އެ ފަހުން ޒިދާން ވަނީ 2016، 2017 އަދި 2018 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދައި ތާރީހުން ޖާގަ ހޯދައިފަ އެވެ. ގާޑިއޯލާ ބުނީ ރެއާލުގައި ޒިދާން އެ ހޯދި ކާމިޔާބީ ތަކުރާރުނުކުރެވޭނެ ކަމަށެވެ.

"ޔޫރަޕްގައި އޭނަ އެ ކުރި ކަންތައް (އެ ހޯދި ކާމިޔާބީ) ތަކުރާރުކުރުމަކީ ނުވާނެ ކަމެއް. ޖެހިޖެހިގެން ތިން ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުން މި ކްލަބްގެ ބޮޑުކަން ވެސް ފެނިގެންދޭ. ރެއާލުގައި އެއް ޖީލުން އަނެއް ޖީލަށް ވެސް މި ދަނީ ކާމިޔާބީ ތަކުރާރުވަމުން،" މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިން ބައްދަލުވުމުގައި ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ވަނީ ސިޓީއާ އެކު އޭނާ އަށް ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވިއްޖެނަމަ އެއީ ފެއިލްވުން ކަމުގައި ގިނަ ބަޔަކު ސިފަކުރާނެ ކަމަށް ބުނެފަ އެވެ. އަނެއްކޮޅުން ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)އާ ހިލާފުވެފައިވާތީ ސިޓީ ކުރިއަށް އޮތް ދެ ސީޒަނަށް ޔޫރަޕްގެ މުބާރާތްތަކުގައި ނުކުޅެވޭގޮތަށް ސަސްޕެންޑްކޮށްފައިވާއިރު، މިއީ ސިޓީގައި ގާޑިއޯލާގެ ފަހު ސީޒަން ކަމަށް ގިނަ މީޑިއާތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ.

މިރޭގެ މެޗުގެ ކުރިން ޒިދާން ވެސް ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާ އަށް ތައުރީފުކޮށްފަ އެވެ. ޒިދާން ބުނީ ތަފާތު ގައުމުތަކުގައި ގާޑިއޯލާ ހޯދާފައިވާ ކާމިޔާބީ އަށް ބަލާއިރު އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު ކޯޗުކަމަށާއި 2015 ވަނަ އަހަރު ބަޔާން މިއުނިކްގައި ގާޑިއޯލާ މަސައްކަތްކުރާ ގޮތް ބަލާލަން ދިޔަ ކަމަށެވެ.

"ގާޑިއޯލާ ކުރާ ރަނގަޅު މަސައްކަތްތަކުން އަހަރެމެން ވެސް ހިތްވަރު ހޯދަން. ގާޑިއޯލާއާ ބައްދަލުކޮށް ފުޓްބޯޅައިގެ ވާހަކަތަކެއް ދައްކާލަން ލިބުމަކީ ވެސް އޭރު ނަސީބެއް. ވަރަށް ބޮޑަށް ހަގީގަތަށް ބުރަވެ ވާހަކަ ދައްކާ ކޯޗެއް ގާޑިއޯލާ އަކީ،" ޒިދާން ބުންޏެވެ.

ޗެމްޕިއަންސް ލީގުގައި މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން ސިޓީ އާއި ރެއާލް ވަނީ ބައްދަލުކޮށްފަ އެވެ. ރެއާލް ދަނޑުގައި އެ ޓީމު ދެ މެޗުން ވެސް މޮޅުވިއިރު، ސިޓީ ދަނޑުގައި ކުޅުނު ދެ މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ. އިނގިރޭސި ޓީމުތަކާ ދެކޮޅަށް އެންމެ ފަހުން ނުކުތް ފަސް ފަހަރު ވެސް ރެއާލް ވަނީ ކުރިހޯދައިފަ އެވެ.

މިއީ ޗެމްޕިއަންސް ލީގުގެ ނޮކައުޓު ބުރުގައި ރެއާލާ ދެކޮޅަށް ގާޑިއޯލާ ނުކުންނަ ތިން ވަނަ ފަހަރެވެ. ބާސެލޯނާ ގޮވައިގެން ރެއާލް ބަލިކުރި ނަމަވެސް ބަޔާންއާ އެކު ރެއާލާ ކުޅުނު ދެ ފަހަރު ވެސް ވަނީ ބަލިވެފަ އެވެ. ރެއާލާއި ސިޓީ ކުޅޭ މެޗު ފަށާނީ މިރޭ 1 ޖަހާއިރު އެވެ.

0 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 73%
icon sad icon sad 13%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454