ރިޕޯޓް / ޖިނާއީ އަދުލުގެ ނިޒާމު

ޚާއްސަ ގާނޫނުތަކުން ގާނޫނުލް އުގޫބާތު "ޕެރަލައިޒް" ވެފައި؟!

ރާއްޖޭގެ ގާނޫނުތައް ހިމެނޭ ފޮތްތަކެއް: ޚާއްސަ ގާނޫނުތަކާ އެކު ގާނޫނުލް އުގޫބާތުގެ ދަށުން ގިނަ ދައުވާތަކެއް ނުކުރެވޭ --ފޮޓޯ/މިހާރު

މިހާރު ގާނޫނުލް އުގޫބާތަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި އެންމެ ބުރަ މަސައްކަތުން އެކުލަވާލި ގާނޫނެވެ. އެމެރިކާގެ ޕްރޮފެސަރެއް ކަމަށްވާ ޕޯލް އެޗް ރޮބިންސަން ޑްރާފްޓް ކުރެއްވި އެ ގާނޫނު ވުޖޫދަށް ގެންނަން ކުރި މަސައްކަތުގެ ނަތީޖާ ނުކުތީ 10 އަހަރު ފަހުންނެވެ. ގިނަ ދިރާސާތަކަކަށް ފަހު އެކުލަވާލި އެ ބިލް ރައްޔިތުންގެ މަޖިލީހުގެ ދެ ދައުރަކަށް ހުށަހަޅަން ޖެހުނެވެ. ފުރަތަމަ އެ ބިލް ހުށަހެޅި މަޖިލިސް އުވުނުއިރު ވެސް، ބިލް ފާސްނުކުރެވުމުން އަލުން ވައްދައިގެން ފާސްވީ 2014 ވަނަ އަހަރެވެ.

ގާނޫނުލް އުގޫބާތުގައި ހުރިހާ ބާވަތެއްގެ ޖިިނާއީ ކުށެއް ހެން ބަޔާންކުރެ އެވެ. މީހުން މެރުމުން ފެށިގެން މުޖްތަމައާ ދެކޮޅަށް ކުރެވޭ ކުށްތަކާއި ޓެރަރިޒަމާއި ދައުލަތާ ދެކޮޅަށް ކުރެވޭ ކުށްތަކާއި ޖިންސީ ކުށްތަކާއި އިސްލާމްދީނާ ދެކޮޅު އަމަލުތައް ވެސް އެ ގާނޫނުގައި ބަޔާން ކޮށްފައި އެބަ އޮތެވެ. ކުށުގެ ބާވަތަށް ނިސްބަތާ އެއްވަރުގެ އަދަބެއް ކުށްވެރިޔާއަށް ކަނޑައެޅުމާއި ކުށަކަށް ނުވާ އަމަލުތަކަށް ރައްކާތެރިކަން ދިނުން ވެސް ހިމެނެ އެވެ. އެކަމަކު އެތައް އަހަރެއްގެ މަސައްކަތުން ވުޖޫދަށް ގެނައި ގާނޫނުލް އުގޫބާތުގެ ބޭނުމެއް މިހާރު އެބަ އޮތްތޯ ބައެއް މީހުން ސުވާލުކުރެ އެވެ.

ގާނޫނުލް އުގޫބާތަށް 2016 ގައި އަމަލު ކުރަން ފެށުމާ އެކު، ޒަމާނާ ނުގުޅޭ ކުރީގެ ގާނޫނުލް އުގޫބާތު އުވުމުގެ އިތުރަށް އެހެން ގާނޫނުތަކުގެ މައްޗަށް ވެސް ގާނޫނުލް އުގޫބާތް އިސްވެ އެވެ. މާނައަކީ އެހެން ގާނޫނެއްގައި ބަޔާން ކޮށްފައިވާ ކުށެއް ކަމަށް ވިޔަސް، އެ ކުށެއް ގާނޫނުލް އުގޫބާތުގައި ބަޔާންކުރާ ނަމަ، ގާނޫނުލް އުގޫބާތުގެ ދަށުން ދައުވާކުރަން ޖެހުމެވެ.

އެ ގާނޫނަށް އަމަލު ކުރަން ފަށަން ގާތްވެފައި އޮއްވާ އިސްލާހު ގެނައީ ގާނޫނުލް އުގޫބާތުގެ މައްޗަށް ހަތް ގާނޫނަކަށް އިސްކަން ދޭން ޖެހޭ ގޮތަށެވެ. އެކަމަކު އަހަރެއްގެ ތެރޭގައި އެ ހަތް ގާނޫނު އުވާލުމާ މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަން ޖެހޭ ގޮތަށެވެ. އެ ޒިންމާ މަޖިލީހުން އަދާނުކޮށް އޮއްވާ އޭގެ ފަހުން ޓެރަރިޒަމްގެ ގާނޫނު ވުޖޫދަށް އައިސް، އެ ގާނޫނު ވެސް މި ލިސްޓުގެ ތެރޭގައި ހިމެނުނެވެ. އެހެންވުމުން ގާނޫނުލް އުގޫބާތުގައި ކުށް ބަޔާން ކޮށްފައި އޮތަސް، އެ ޚާއްސަ ގާނޫނުތަކުގައި ބަޔާންކުރާ ކުށްކުށަށް ދައުވާ ކުރަން ޖެހެނީ އަދި އަދަބު ކަނޑައަޅަން ޖެހެނީ ވެސް އެ ގާނޫނުތަކުގެ ދަށުންނެވެ.

ޚާއްސަ ގާނޫނުތަކަށް އިސްކަން ދޭން ޖެހުމުގެ ނަަތީޖާއަކީ ގާނޫނުލް އުގޫބާތު ދަށުން މިހާރު ދައުވާ ކުރެވެން އޮންނަނީ ވައްކަމާއި ފޭރުމާއި ހުއްދަ ނޫން ތަންތަނަށް ވަނުން ފަދަ ކުދިކުދި ކުށްތަކަށް އެކަނި ކަމަށް ވުމެވެ. މީހުން މެރުމާއި ތޫނު އަދި ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްގެން ހިންގާ މާރާމާރީ އާއި މީހުން މެރުމާއި ޖިންސީ ކުށްތަކަށް ގާނޫނުލް އުގޫބާތު މާ ބޮޑު ބޭނުމެއް ހިފޭކަށް ނެތެވެ. އެހެން ގޮތަކަށް ބުނާ ނަމަ، އެތައް އަހަރެއްގެ މަސައްކަތުން ވުޖޫދަށް ގެނައި ގާނޫނުލް އުގޫބާތު "ޕެރަލައިޒްވީ" އެވެ. އެގޮތަށް އޮންނަތާ ހަތަރު އަހަރު ވާން މިހާރު ގާތްވީ އެވެ.

ގާނޫނުލް އުގޫބާތުގައި ޒަމާނާ ގުޅޭ ގޮތަށް ކުށާއި އަދަބު ބަޔާންކުރުން އެކަންޏެއް ނޫނެވެ. މުޅި އެ ގާނޫނު ފަރުމާ ކޮށްފައި އޮތީ ޒަމާނަށް އަންނަ ބަދަލާ އެކު އިތުރު ކުށްތައް އެ ގާނޫނުގައި ހިމަނަން ޖެހުނަސް، ފަސޭހައިން އެކަން ކުރެވޭ ގޮތަށެވެ. އެއީ ގާނޫނުލް އުގޫބާތަކީ ޖިނާއީ ހުރިހާ ކުށްތަކެއް ބަޔާން ކުރާނެ ގާނޫނު ކަމަށް އޭރު ތަސައްވުރު ކުރެވިފައި އޮތުމުން އިތުރު ކުށްތައް އެ ގާނޫނުގެ ތެރެއަށް ފަހުން އަންނާނެ ކަމަށް ދެކިގެންނެވެ. އެހެން ގާނޫނުތަކާ މުޅިން ތަފާތުކޮށް، ގާނޫނުލް އުގޫބާތުގެ މާއްދާތައް ތަރުތީބު ކޮށްފައިވާ ގޮތުން ވެސް އެކަން އެނގޭނެ އެވެ.

ޚާއްސަ ގާނޫނުތައް ވުޖޫދަށް އައީ ކުށާއި އަދަބު ބަޔާން ކުރުމުގެ އިތުރަށް ޚާއްސަ އިޖްރާއާތުތަކެއް ވެސް ހިމަނައިގެންނެވެ. މިސާލަކަށް ޓެރަރިޒަމްގެ ގާނޫނުގައި ކުށުގެ ނުރައްކާތެރި ކަމަށް ބަލައި، އެފަދަ ތުހުމަތު ކުރެވޭ މީހުންގެ ކިބައިން ވަކި ބާވަތެއްގެ ހައްގުތަކެއް ހިފެހެއްޓުމާ އެކު، ވަކި މިންވަރަކަށް ހެކި ލިބުމުން ކުށް ސާބިތު ކުރެވޭ ގޮތަށް ހިމަނާފައި އެބަ އޮތެވެ.

މިސާލަކަށް އެ ގާނޫނުގެ 510 ވަނަ ބާބުގައި ދައުލަތް ހިންގުމާ ދެކޮޅަށް ކުރެވޭ ކުށްތައް ބަޔާން ކުރާއިރު، އެ ބާބުގެ އެންމެ ފަހު މާއްދާއަކީ 515 ވަނަ މާއްދާ އެވެ. އޭގެ ފަހަށް 516 ވަނަ މާއްދާ އައުމެއް ނެތި 520 ވަނަ ބާބު ފެށޭތީ އެއީ އެ ގާނޫނު ލިޔުމުގެ އުނިކަމެއް ކަމަށް ބައެއް ފަހަރު ހީވެދާނެ އެވެ. އެކަމަކު އޭގެ ބޭނުމަކީ ދައުލަތް ހިންގުމާ ދެކޮޅަށް ކުރެވޭ ކުށްތަކުގެ ބާބަށް އިތުރު ކުށްތަކެއް ފަހުން ހިމަނަން ބޭނުން ވިޔަސް، މުޅި ގާނޫނުގެ ތަރުތީބަށް ބަދަލު ނުގެނެސް، އިސްލާހު ގެނައުމުގެ ފުރުސަތު ދިނުމެވެ.

ޖިނާއީ އަދުލުގެ ނިޒާމުގެ އެންމެ ބޮޑު ބޭނުމަކީ ކުށްކުރާ މީހުންނަށް އެކަށީގެންވާ އަދަބެއް ދިނުމާ އެކު، އެ މީހުން އިސްލާހުކޮށް އަނބުރާ މުޖްތަމައަށް ގެނައުން ކަމަށް ވާތީ ޖިނާއީ މައްސަލަތަކުގައި އަމަލުކުރަން ޖެހޭ މައިިގަނޑު ސިޔާސަތު ވެސް އޮތީ އެއް ކުށެއް ގިނަ ގާނޫނުތަކެއްގައި ބަޔާން ކޮށްފައިވާ ނަމަ، އޭގެ ތެރެއިން ލުއި އަދަބެއް ނުވަތަ ލުއި އިޖްރާއާތެއް އޮންނަ ގާނޫނެއްގެ ދަށުން ދައުވާ ކުރަން ޖެހޭ ގޮތަށެވެ. އެކަމަކު ޚާއްސަ ގާނޫނުތައް އޮތް ގޮތުން އަދަބު ބޮޑަސް އަދި އެ ގާނޫނުތަކަށް އިސްކަން ދޭން ޖެހޭތީ އެ ސިޔާސަތު އެންމެ ފުރިހަމައަށް ތަންފީޒެއް ނުކުރެވެ އެވެ.

ގާނޫނުލް އުގޫބާތުގެ މައްޗަށް ޚާއްސަ ގާނޫނުތަކަށް އިސްކަން ދޭން ޖެހުމުން ދާދި އެއް ބާވަތެއްގެ ކަންކަމުގައި އަންނަ އަދަބު ވެސް ވަރަށް ތަފާތެވެ. މިސާލަކަށް، ތޫނު ހަތިޔާރެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން މީހުން މަރާ މައްސަލަތަކުގައި ދައުވާ ކުރަން ޖެހެނީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގެ ދަށުން ދައުވާކުރާ މައްސަލަތަކުގައި މަރުވި މީހާގެ ވާރިސުން މަރަށް މަރު ހިފަން ބޭނުން ނުވާ ނަމަ، ގާނޫނީ އަދަބެއްގެ ގޮތުން އެ މީހަކު 25 އަހަރަށް ޖަލަށް ލާން ހުކުމް ކުރާނެ އެވެ.

އެކަމަކު މިދެންނެވި ފަދަ ހަތިިޔާރެއް ބޭނުން ކުރުމެއް ނެތި، މީހަކު މަރައިފި ނަމަ އެ އަމަލެއް ފެތޭނީ ގާނޫނުލް އުގޫބާތުގެ ތެރެއަށެވެ. ގާނޫނުލް އުގޫބާތުގެ ދަށުން މީހަކު މެރުމުގެ ކުށުން ކުށްވެރިވާ މީހެއްގެ އަސާސީ އަދަބަކީ ވާރިސުން މަރަށް މަރު ހިފަން ބޭނުން ނުވާ ނަމަ، 10 އަހަރަށް ޖަލަށްލުމެވެ. އަދަބުގެ ދަރަޖަ މަތިކުރަން ޖެހޭ ހާލަތެއް މެދުވެރިވެގެން އަދަބުގެ ދަރަޖަތަކެއް މަތި ކުރިޔަސް، އާންމު ގޮތެއްގައި 17 އަހަރުގެ ޖަލު ހުކުމެކެވެ. ދެ ކުށުން ވެސް ނުކުންނަ ނަތީޖާއަކީ ފުރާނައެއް ގެއްލުން ކަމަށް ވިޔަސް، އަދަބު އޮތީ ވަރަށް ތަފާތުކޮށެވެ.

ޚާއްސަ ގާނޫނުތައް ވުޖޫދަށް އައީ ކުށާއި އަދަބު ބަޔާން ކުރުމުގެ އިތުރަށް ޚާއްސަ އިޖްރާއާތުތަކެއް ވެސް ހިމަނައިގެންނެވެ. މިސާލަކަށް ޓެރަރިޒަމްގެ ގާނޫނުގައި ކުށުގެ ނުރައްކާތެރި ކަމަށް ބަލައި، އެފަދަ ތުހުމަތު ކުރެވޭ މީހުންގެ ކިބައިން ވަކި ބާވަތެއްގެ ހައްގުތަކެއް ހިފެހެއްޓުމާ އެކު، ވަކި މިންވަރަކަށް ހެކި ލިބުމުން ކުށް ސާބިތު ކުރެވޭ ގޮތަށް ހިމަނާފައި އެބަ އޮތެވެ.

އެހެންވެ، ގާނޫނުލް އުގޫބާތުގެ ތެރޭގައި އެ ހުރިހާ ކުށެއް ހިމަނައިފި ނަމަ، ޚާއްސަ އިޖްރާއާތުތަކަށް ވާނީ ކިހިނެއްތޯ ސުވާލު އުފެދެ އެވެ. އަދި ސީރިއަސް ކުށްތަކާ މެދު އޭރުން ގާނޫނީ ގޮތުން "ސީރިއަސް ނަޒަރަކުން" ދެކެވިދާނެތޯ އެއީ ވެސް އުފެދިދާނެ ސުވާލެކެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ދެކެވަޑައިގަންނަވާ ގޮތުގައި ގާނޫނުލް އުގޫބާތު ވުޖޫދަށް ގެނައުމުގެ މަގްސަދު ޚާއްސަ ގާނޫނުތަކާ އެކު ގެއްލިގެންދެ އެވެ. އަދި ޚާއްސަ ގާނޫނުތަކާއި ގާނޫނުލް އުގޫބާތާ ބައެއް ކަންކަމުގައި ފުށުއަރާ ހާލަތުގައި އަމަލު ކުރަން ޖެހޭ އުސޫލުތަކެއް ވެސް ޚާއްސަ ގާނޫނުތައް އޮތް ގޮތުން މުޅިން ސާފުނުވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އޭނާ ވެސް ދެކެވަޑައިގަންނަވާ ގޮތުގައި ހުރިހާ ކުށްތަކެއް ގާނޫނުލް އުގޫބާތުގެ ތެރޭގައި ހިމެނޭ ގޮތަށް ބަދަލު ގެންނަން ޖެހެ އެވެ.

"އެ ނިޒާމު އުފެއްދުމުގެ މަގްސަދު އެބަ ގެއްލޭ އެކި ގާނޫނުތަކަށް އެކި އެއްޗެހި ލީމަ. މިހާރު ވެސް 10 ވަރަކަށް ގާނޫނު އެބަ އުޅޭ އެއިން ބޭރުގައި. އެކި އެކި ރެޖީމްތައް އެއިން ބޭރުގައި،" ދާދި ފަހުން ޝަމީމް ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވާ ގޮތުގައި ޚާއްސަ ގާނޫނުތައް އުވާލުމުން ސީރިއަސް ކުށްތައް ޚާއްސަ އުސޫލެއްގެ ތެރެއިން ސާބިތު ކުރެވޭ މިންގަނޑުތައް އުވިގެން ދިއުމުގެ ބިރެއް ނޯންނާނެ އެވެ. ގާނޫނުލް އުގޫބާތުގައި މިހާރު ވެސް ބައެއް ކަންކަމުގައި ކުށް ސާބިތު ކުރުމުގެ ވަކި އުސޫލުތަކެއް އެބަ އޮތް ކަމަށް އޭނާ ވިދާޅުވެ އެވެ.

"ސާބިތު ކުރުމުގެ އުސޫލެއް ވިއްޔާ ޕީނަލް ކޯޑްގެ ތެރެއަށް ލެވެން އެބަ އޮތް. މިސާލަކަށް ޒިނޭގެ ކަންތަކުގައި ސާބިތު ކުރުމުގެ ވަކި އުސޫލެއް ކަނޑައަޅާފައި އޮތީމަ އެ ވާހަކަ އެބަ އޮތް ޕީނަލް ކޯޑްގެ ތެރޭގައި ވެސް. ގާނޫނުގެ ތެެރެއިން ހައްލު ހޯދެން އެބަހުރި،" އޭނާ ވިދާޅުވެފައިވެ އެވެ.

އެތައް އަހަރެއްގެ ބުރަ މަސައްކަތުން އެކުލަވާލި ގާނޫނުލް އުގޫބާތުގެ މަގްސަދު ޚާއްސަ ގާނޫނުތަކެއްގެ ސަބަބުން ގެއްލިފައި އޮތް ގޮތުން ނިމުމަކަށް އަންނަން ޖެހެ އެވެ. އެކަމަކު އެ ބަދަލު ވެސް އަންނަން ޖެހޭނީ ސީރިއަސް ކުށްތަކުގެ މައްޗަށް ޚާއްސަ ގާނޫނުތަކެއް ވުޖޫދަށް ގެންނަން ޖެހުނު ސަބަބު އެއްކޮށް ނުގެއްލޭނެހެންނެވެ. ބޮޑެތި އަދި ނުރައްކާތެރި ކުށްތަކަށް ޚާއްސަ އުސޫލުތަކެއް އޮތުން މުހިންމެވެ.

6 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައްލާބެ

04 March 2020

މިގައުމުގައި ގާނޫނު އަސާސީ ލިޔެވިފައި ވަނީ ހަމައެކަނި ފޮތެއްގަ ތަންފީޡް ކުރެވެނީ އެންމެ ދެގާނޫނު ބަރަބަރައް އެއީ ސައިކަލްގަ އިސްތިކާ ހިއްޕާ ގާނޫނާއި މީރާގެ ގާނޫނު ދެން ޕޯޑިއަމް ތަކުގައި ކިޔަނީ ގާނޫމުއަސާސީ މިވެނި މާއްދާއޭ އެވެނި މާއްދާއޭ ވާކަމެއް ހަރާން ކޮންގާނޫނަކުންތޯ ހުއްދަ އޮންނަނީ ބޭރުމީހުންނައް ވޯކް ޕާރމިޓް ނުހައްދާ ވިސާނެތި އުޅެވޭނޭ ދެން ކިޔަންވީ ފަރުދީ ޒިންމާޔޭ މިކަމުގަ ފަރުދަކައް ކުރެވޭނެ ކަމެއްނެތް ސަރުކާރުން ބަލަން ނޫޅެނީ ބަލާނަމ ނދވނ

The name is already taken The name is available. Register?

ރަައްޔިތުން

04 March 2020

ދިވެހި ރާއްޖޭގެ ރަައްޔިތުންނަށް ހުރިހާ ޙިދު މަތެއްވެސް ވެސް ލިބެނީ ވަރަށް އަގުބޮޑު ކޮށް. ސަރުކާރު އޮފީހަކުން ހޯދަންދާ ޙިދްމަތްތަަކަށް ވެސް ކަންކަން ކުރެވޭނެ ގޮތެއް ފަހިކޮށް ދިނުމަށްވުރެ ނުކުރެވޭނެޔޭ ބުނުން އާންމު.ނެތީތޯ ދިވެހި ގަައުމުގެ ހިންގުމާ ހަވާލުވާނެ ޢިލްމީ ދަރީން؟

The name is already taken The name is available. Register?

ބަސް

04 March 2020

ރާއްޖޭގައި ގާނޫނުތަކަކީ ވެރިން ހިތުހުރި ގޮތަކަށް ރައްޔިތުންނާ މެދު ކަންތައްކުރަން މަގުފަހިކުރާ އެއްޗަކަށް. އެހެންކަމުން ވެރިން ބަދަލުވާއިރަށް ގާނޫނުތައް ބަދަލުވޭ. ގާނޫނު އަސާސީވެސް ބަދަލުކުރަނީ. ގާނޫނު އަސާސީގެ އަސްލު ބޭނުމަކީ ވެރިން ސައިޒަށް ތިރިކުރުން. ވެރިން ހިތަށްއެރިހާ ގޮތަކަށް ގާނޫނުތައް ބައްޓަންވިޔަ ނުދިނުން. އެހެންކަމުން އެންމެ ބޮޑަށް ޕެރެލައިޒް ވެފަވަނީ ގާނޫނު އަސާސީ.

The name is already taken The name is available. Register?

ބަސް

04 March 2020

ހުރިހާ ކަމެއްގެ އަސްލަކީ ވެރިން. ގާނޫނެއް އެމީހުންގެ އެދުންތަކަށް ނުފެތޭނަމަ ބަދަލު ގެންނަނީ. ވާންޖެހޭގޮތަކީ ވެރިންގެ އެދުންތައް ގާނޫނަށް ފެތެންވީ. އެކަމަކު އެއީ މާމަތިން އައިބަޔަކަށްވެގެން މިހުރިހާ ގޯހެއް މިހިނގަނީ. މަޖިލީހުން ކޮންމެ ގާނޫނެއް ފާސްކުރިއަސް އެގާނޫނުގެ މައިގަޑު ހަމަތަކާ އުސޫލުތައް ކަނޑައަޅާނީ އެ ގާނޫނުގެ ޚާއްސަ އިލްމުވެރިންކަމަށް ވާންޖެހޭ.

The name is already taken The name is available. Register?

ޢައްޓަމަސް

04 March 2020

މުޅގައުމު މިވަނީ ޕެރަލައިޒުވެފަ ސަރުކާރުމިވަނީ ޕެރަލައިޒުވެފަ ގައުމުގެ ތިންބާރުއެކުވެގެން މިވަނީ ޖައްބާރަކައްވެފަ ދެންވާ ގޮތެއްފެނަނާނީ އަދި އަހަރެއް ދެއަހަރެއް ފަހުން އިންތިޒާރުކޮއްލައްވާ ހުރިހާނޫނަކާ އެގާނުނު ހަދަންތިބި މީހުން މިވަނީ ހެދިފަހުރި ގާނޫނުތަކުން އިސްތިސްނާވެފަ ގާނޫނުގެ ދިގުއަތް މިވަނީ ކޮންޑުހުޅުން ބުރިކޮއްލާފަ

The name is already taken The name is available. Register?

776767

04 March 2020

ބުރޯ. އޭތި ޕެރެލައިޒް ވާނެތާ. ޑްރަގް ލޯޑުންގެ ރަސްކަމެއް އެބަ ހިނގައޭ މިތާ. އެއީ އަސްލު އަޑީ ދައުލަތް. ދެން ހެއްކާ ބެހޭ ޤާނޫނުގެ 2 ފޮޅުވަތް ހިފައިގެން އެތިބޭ 60 އަހަރުގައި ފާސްކުރި އެއްޗެއް ފަތު އަޑު ކިޔާފައި ގާނޫނު ފާސްކުރާއިރު އޭތި ފާސްނުކޮށް އެއުޅެނީ ކީއްވެތޭ؟ ލޯޑުން ބެދިދާނެތީ ބުރޯ. މަޖިލިސް ގަ އަހާ. ޒަމާނީ އުގޫބާތަށް 100 އަހަރުވީ ހެއްކާ ބެހޭ 2 ގަނޑު ދީގެން އުޅެނީ ކީއްވެތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454