އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ކުރީގެ ރައީސް ޝަހީމް: އޭނާ ވިދާޅުވަނީ އަދާލަތަށް ހައްގު މިންވަރު އެމްޑީޕީން ދީފާނެ ކަމަށް ދެކުމަކީ މޮޔަ ކަމެއް ކަމަށް. --ފޮޓޯ/މިހާރު
03 މާޗް 2020 - 11:49
އަދާލަތު ޕާޓީ އަށް ވުރެ އެމްޑީޕީ އިސްކުރައްވައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިސްރާބު ގޯސް ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމުގެ ތުހުމަތު ކުރައްވައި، އަދާލަތަށް ހައްގު މިންވަރު އެމްޑީޕީން ނުދޭނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އަދި މިހާރު އިދިކޮޅު ޕީޕީއެމާ ގުޅިވަޑައިގެން ހުންނެވި ޝަހީމް ވަނީ އިމްރާން ރޭ ދެއްކެވި ވާހަކަތަކަކަށް ރައްދު ދެއްވައިފަ އެވެ. ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން އިމްރާން ކަންބޮޑުވުންފާޅުކުރެއްވި އެއް ކަމަކީ، ކޯލިޝަނަކުން އުފެދިފައިވާ މި ވެރިކަމަށް ނިސްބަތްވާ ސިޔާސީ ލީޑަރުން އެއްބަސްވެވަޑައިގަތް ގޮތަށް އަދާލަތަށް ލިބެން ޖެހޭ ހައްގު މިންވަރު އަދި ނުލިބި އޮތުމެވެ.
އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މަޝްވަރާތަކުން އެކުވާލި އެއްބަސްވުމުގައި ވަނީ މި ސަރުކާރުގައި ޕާޓީތައް ހިއްސާވާނެ ނިސްބަތް ކަނޑައަޅައިފަ އެވެ. އެ އެއްބަސްވުމުގައި ކަނޑައެޅި ޕަސެންޓަށް ބަލާއިރު، ކެބިނެޓުގައި އަދާލަތުގެ ހަތަރު ވަޒީރަކު ތިބެން ޖެހެ އެވެ. އެކަމަކު ކެބިނެޓުގައި ހިމެނިވަޑައިގަންނަވަނީ އިމްރާންގެ އިތުރުން އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރެވެ.
މިކަމަށް އިޝާރާތް ކުރައްވައި އިމްރާން ރޭ ވިދާޅުވެފައި ވަނީ އަދާލަތަށް ހައްގު މިންވަރު ލިބެން ޖެހޭ ކަމަށެވެ. އެކަމަށް ވަގުތުކޮޅެއް ނެގިއަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަންކަން ހަމަޖައްސަވާނެ ކަމަށް ޔަގީންކުރައްވާ ކަމަށް އިމްރާން ވިދާޅުވި އެވެ.
އިމްރާންގެ މި ވާހަކަތަކާ ދެކޮޅު ހައްދަވައި، ޝަހީމް ވަނީ އިމްރާނަށް ގިނަ ސުވާލުތަކެއް ކުރިމަތި ކުރައްވައި، ވެރިކަން ހިންގަނީ ހަތަރު ލީޑަރުންގެ އެއްބަސްވުމަށްތޯ އައްސަވައިފަ އެވެ.
ވެރިކަމަށް އައުމަށް ހެދި އެއްބަސްވުމުގައި ވައުދުވި ގޮތަށް ހަމަޖެއްސި އަދާލަތުގެ ހަތަރު ވަޒީރުންނާއި އަދާލަތުން ހިމެނި 33 ސިޔާސަތާއި 16 މަޖިލިސް މެމްބަރުން ކޮބައިތޯ ޝަހީމް ސުވާލު ކުރެއްވި އެވެ. އަދާލަތު ޕާޓީގެ މެމްބަރުންނަށް ހަމަޖައްސައިދޭން ބުނި ވަޒީފާތައް ނުލިބޭ ކަމުގެ ތުހުމަތު ވެސް ޝަހީމް ކުރެއްވި އެވެ.
ހޯމް މިނިސްޓަރު އިމްރާން ވާހަދައްކަވަނީ: އޭނާ ވިދާޅުވީ އަދާލަތަށް ހައްގު މިންވަރު މި ސަރުކާރުގައި ލިބެންޖެހޭ ކަމަށް. - ފޮޓޯ: ހޯމް މިނިސްޓްރީ
ޝަހީމް ވިދާޅުވީ އަދާލަތު ޕާޓީގެ ނަމުގައި ވަޒީފާ ހަމަޖައްސައިދީފައިވާ ބައެއް މީހުންނަކީ "އަސްލު އެމްޑީޕީ"ގެ މީހުން ކަމަށެވެ. އެ މީހުން އެ ސްލޮޓްތަކަށް ލައި ވަޒީފާ ހަމަޖެއްސީ ވެސް އަދާލަތު ޕާޓީގެ ރައުޔެއް ނެތި ކަމަށް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަދާލަތު ޕާޓީން ވާދަކުރި ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ނެގީ، އެއްބަސްވުމެއް އޮވެގެން ކަމަށް ޝަހީމް ވިދާޅުވި އެވެ. އެއީ، އެ ގޮނޑިތައް އެމްޑީޕީ އަށް ކަށަވަރުކޮށްދީ، ސަރުކާރުން އެ މީހުންނަށް ވަޒީފާ ހަމަޖެހުން ކަަމަށް ވިޔަސް އެ އެއްބަސްވުމާ އެއްގޮތަށް ވެސް އަމަލުނުކުރާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"ކީއްވެ އެ މީހުން ހާލުގައި ޖެހެން ދޫކޮށްލެއްވީ؟ އަދިވެސް ވަޒީފާ ނެތިފައި އެ ތިބީ އެ ކުދިން،" ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވި ޝިދާތާ ޝަރީފް މަގާމުން އިސްތިއުފާ ދެއްވަން މަޖުބޫރުވެވަޑައިގަތް އިރު އިމްރާން ހަނު ހުންނެވުމަކީ މައްސަލައެކެވެ. އަދާލަތު ޕާޓީގެ އިސް މަގާމެއްގައި ހުންނެވި ޝިދާތާ އަކީ މި ވެރިކަން ގެނައުމަށް ވެސް ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަން ޝަހީމް ފާހަގަކުރައްވާފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުންނާއި ސަރުކާރުގެ ތެރެއިން ޝިދާތާ އަށް ފިއްތުންތައް ކުރިމަތިކުރުވައި އިސްތިއުފާ ދެއްވުމާ ހަމައަށް އެއްޗެއް ވިދާޅު ނުވެ ހުންނަވައި، މަގާމުން އޭނާ ވަކިވެވަޑައިގަތުމުން އިމްރާން އެއްޗެއް ވިދާޅުވުން ޝަހީމް ސިފަކުރެއްވީ "މައްޔިތާ އަށް ރަހުމަތް ލެއްވުން އެދި ދުއާކުރުން" ކަމަށެވެ.
"އަޅުގަނޑު މި ވާހަކަތައް ބުނީމާ މަނިކުފާނު ކޯފާނުވާނެ ކަމަށް އުއްމީދުކުރަން. އެމްޑީޕީން އަދާލަތު ޕާޓީ އަށް ހައްގު މިންވަރު ދީފާނެ ކަމަށް ދުށުމަކީ މޮޔަ ކަމެއް،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ އިމްރާން ވަނީ އަދާލަތު ޕާޓީ އަށް ނުބައްލަވައި، އެމްޑީޕީ އިސްކުރައްވައި އެ ޕާޓީ އަށް މަޖިލީހުގެ މެޖޯރިޓީ ހޯއްދަވައި ދެއްވަން މަސައްކަތް ކުރައްވާފައި ކަމަށެވެ. އެކަމުގައި އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ނިންމުމެއް ނެތް ކަމަށް ޝަހީމް ވިދާޅުވި އެވެ.
"އެކަމުގެ ސަބަބުން މުޅި ގައުމުގެ ނިޒާމަށާއި އިސްލާމީ އުއްމަތަށް ކުރަމުން އެ ދަނީ ފޫބައްދަން ދަތި ކަންކަމެވެ،" ޝަހީމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހްމޫދް
06 March 2020
ތި ބުނާ އަދާލަތު ޕާރޓީ މިހާރުރައްޔިތުން ގަބޫލް އެއްނުކުރޭ.
ޢީސާފުޅު
05 March 2020
އިމްރާނު ކޮންމެ ފިޔަވަޅެއް އެޅިއްޔާ ޝަހީމަށް ކޮންބެހޭ ކަމެއް، އިމްރާނަކީ ޝަހީމާއި ވަރަށްދުރުގައިހުރި ޢަދާލަތު އެޕާޓީގެ ރައީސް.. ޝަހީމަކީ ޢިމްރާނަށް މަގުދައްކަން ކާކު؟ ރާއްޖޭން ބޭރުގަ ހުރެގެން ރާއްޖޭގެ ދާހިލީ / ޚަރިޖީ ކަންކަމާ ނުބެހިބަލަ.، ޝަހީމަކީ އަމިއްލައަށް މަބޮޑާބެގެން އުޅުނަސް ދިވެހިން ބަލައިނުގަތް ޢަބުރުގެއްލިފަހުރި ޖޯކަރެއް.. ރާއްޖޭގެ ރައްޔިތުން ނަކަށް ތީ މާބޮޑު އަދި ސިޔާސީ ބަރުދަނެއްވެސް ހުރި މީހެހްނޫން، 9
ވުސްއަޅާ
04 March 2020
ރާއްޖޭގައި ކޯލިހަސަނު ހަދާއިރު ބޯކިބާފަޅަން އެއްބަސްވާ އެއްބަސްވުން ވޯޓުލުމުގެ ކުރިން ރައްޔިތުދެރަމީހާޔަށް ފެންނާނެ ދުވަހެއް އަންނާނެބާ؟
ރަނިންމޭޓް
04 March 2020
އިމްރާން އަދިވެސް ހުރީ އަދާލަތު ޕާޓީގަ.. ސަހީމް ހުރީ ޕީ.ޕީ.އެމް ގަ..މިޖެހުނީ ކޮންތާކު..ކާކުބާ އަދާލަތާއި ދުރުވީ. އަމިއްލަ އެދުން ބޮޮޑީ ކާކުތޯ.. ބޮޑު މަަގާމްގެ ދަަހިވެތިކަމުގެ އަދާލަތު ދޫކޮއްލީ ކާކުބާ؟ ސަހީމަކީ ކިޔަވައިގެން ހުުއްޓަސް ބޯހަމަޖެހޭ ވާހަކަ ދަައްކަވާ ބޭފުޅެއްނޫން.
ޖާބެ
04 March 2020
މީނަ ޕީޕީ އެމްގަ އެޅި ފިޔަވަޅުތައް މިހާރު ހަނދާން ނެތީ.
އަޙުމަދު.
04 March 2020
އިމްރާނު ކޮންމެ ފިޔަވަޅެއް އެޅިއްޔާ ޝަހީމާ ކޮންބެހޭ ކަމެއް، ޝަހިމަކީ އިމްރާނަށް މަގުދައްކަން ހުރި މީހެއްނޫން، ބޭރުގަ ހުރެގެން ރާއްޖޭގެ ދާހިލީ / ޚަރިޖީ ކަންކަމާ ނުބެހި ވޭތޯ ބަލާބަލަ.، ޝަހީމަކީ އަމިއްލައަށް މަބޮޑުހެދިގެން އުޅޭމީހެއް، ތިހުރި ތަނެއްގަ އެގޮތަކަށް އުޅެވޭތޯ ބަލާބަލަ. ރާއްޖޭގެ ރައްޔިތުން ނަކަށް ތީ މާބޮޑު އަދި ސިޔާސީ ބަރުދަނެއްވެސް ހުރި މީހެހްނޫން،
ކޮރަލް
04 March 2020
ޝޭހުން އެކަކު އަނެކަކަށް ޓްވީޓް ކޮށް ބަލާށެވެ. ދެން.މައްސަލަ ހައްލު ކުރަން މަސައްކަތް ކުރާނީ އެވެ.
މާލެ މީހާ
04 March 2020
ޝަހީމް އެކިޔާދިނީ ރަނގަޅު ވާހަކަ ތަކެށް ވިސްނާ ފިކުރު ކުރާ މީހުނަށް އެކަން އެނގޭނީ!
ނައިބު
04 March 2020
ސިޔާސީ ހުރައްޕެއް ނެތް ބޭފުޅެއް އެންމެ ފަހުންވެސް ފުއްމާލީ ނައިބު ރައީސް ކަން ބޭނުންވެގެން
ފަ ހަރި
04 March 2020
އޭނަގެ ވާހަކަ ނުދައްކަވާ އެއީ މަނިކުފާނު އޭނަގެ ވާހަކަ ދައްކަވާ ވަރަށްވުރެ އަގުދަށް މީހެއް.