ޝަރީއަތް ހިންގާ މާލަމެއް: އިސްގާޒީ ހަސަން އަދިވެސް ހުރީ ސަސްޕެންޝަންގައި-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
09 އޮކްޓޯބަރ 2016 - 11:39
ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކުރި މައްސަލައިގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އާ ދެކޮޅަށް އޭނާ ކުރި ދައުވާ އަނބުރާ ގެންގޮސްފި އެވެ.
ހަސަން ސައީދު މި އަހަރުގެ ކުރީކޮޅުން ފެށިގެން ސަސްޕެންޑްކުރީ އޭނާގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަމުންދާތީ އެ މައްސަލަ ނިމެންދެންނެވެ. އޭނާގެ ސުލޫކީ މައްސަލައެއް ބަލަން ފެށީ ހައި ކޯޓަށް އެންމެ ފަހުން އައްޔަން ކުރި ދެ ފަނޑިިޔާރުންނަކީ ކޮރަޕްޓް ބައެއް ކަމަށް އޭނާ ވިދާޅުވި ކަމަށް ބުނެ އެވެ.
ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމި ނިންމުން ބާތިލްކުރަން ގާޒީ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން ކުރި ހުކުމުގައިވަނީ އެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ބުނެ ގާޒީ ހަސަން ސިޓީ ފޮނުވާފައިިވާތީ އެ މައްސަލަ އިތުރަށް ކުރި އަށް ގެންދާނެ ތަނެއް ނެތް ކަމަށް ނިންމީ ކަމަށެވެ.
މައްސަލަ އަނބުރާ ގެންދިޔަ ނަމަވެސް އިސް ގާޒީ ހަސަންގެ ސަސްޕެންޝަން އަދިވެސް އުވައެއް ނުލަ އެވެ. އެ މައްސަލަ ނިމެންދެން ސަސްޕެންޝަނަށް އަމަލުކުރުން ފަސް ކުރަން އަމުރެއް ނެރެދޭން ހަސަންގެ ފަރާތުން ކުރިން އެދުނަސް ސިވިލް ކޯޓުން ކުރިން ނިންމާފައިވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
އިސް ގާޒީ ހަސަން ނެތުމުން މިވަގުތު ފެމިލީ ކޯޓު ހިންގަނީ އެ ކޯޓުގެ އެކި ގާޒީންނާއި ހަވާލު ކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy