07 މާޗް 2020 - 00:25
ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) 10 ގޯލް ޖަހައި، ރާއްޖޭގެ ރަސްމީ ފުޓްބޯޅަ މުބާރާތެއްގައި، އެއް މެޗެއްގައި ތިން ވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑާ ހަމަކުރި މެޗުން ވިލިމާލެ ޔުނައިޓެޑް 12-0 އިން ބަލިކޮށް ކްލަބް އީގަލްސް އިން އެފްއޭ ކަޕުގެ ސެމީ ފައިނަލުން މިރޭ ފުރުސަތު ހޯދައިފި އެވެ.
އެއް މެޗެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތީ 2009 ވަނަ އަހަރުގެ ވަތަނިއްޔާ ދިވެހި ލީގުގެ ފަހު ބުރުގައި ލ. ކަޅައިދޫ އަތުން 20-0 އިން ވީބީ އައްޑޫ އެފްސީ މޮޅުވި މެޗުގައި 12 ޖެހި އަލީ އަޝްފާގް (ދަގަނޑޭ) ގެ އަތުގަ އެވެ. ލިސްޓުގެ ދެ ވަނައިގައި އޮތީ 2016 ވަނަ އަހަރުގެ ތިން ވަނަ ޑިވިޝަނުގައި ވެލިއަންޓް ސްޕޯޓްސް ކްލަބް އަތުން 36-0 އިން ވީކޭ ސްޕޯޓްސް ކްލަބް މޮޅުވި މެޗުގައި 11 ލަނޑު ޖެހި އަހުމަދު ހަލީމް (އައްމަޑޭ) އަތުގަ އެވެ.
ރިޒޭ ލިސްޓުގެ ތިން ވަނަ ހިއްސާކުރަނީ 2001 ވަނަ އަހަރުގެ އެފްއޭ ކަޕުގައި އޯޝަންސް އަތުން 22-0 އިން އައިއެފްސީ މޮޅުވި މެޗުގައި 10 ލަނޑު ޖެހި އާދަމް އަބްދުއްލަތީފް (ލައްޗޭ) އާ އެވެ. ލިސްޓުގެ ހަތަރު ވަނައިގައި އޮތީ އެ މެޗުގައި ނުވަ ލަނޑު ޖެހި މުހައްމަދު ވިލްދާން އެވެ.
މިރޭ ތިން ހެޓްރިކް ހެދި ރިޒޭ އަކީ ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި ހެޓްރިކް ހެދުމުގެ ރެކޯޑް ހިއްސާ ކުރާ ކުޅުންތެރިޔާ ވެސް މެ އެވެ. ރިޒޭ 2018 ވަނަ އަހަރު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޖެހިޖެހިގެން ފަސް މެޗުގައި ހެޓްރިކް ހަދައި ރެކޯޑް ހިއްސާކުރަނީ ކްރޮއޭޝިއާގެ ސްޓޭޓް ލީގެއް ކަމަށްވާ ޑަކޯވޯ ލީގުގެ އެންކޭ ޒިރިންސްކީގެ ފޯވާޑް ސްޓެފަން ލުސިޖަނިޗްއާ އެވެ.
މިރޭގެ މެޗުގެ ހަ ވަނަ މިނެޓުގައި އީގަލްސް އަށް ފުރަތަމަ ގޯލް ޖަހައިދިނީ ޓޮޝިކީ އޮކަމޮޓޯ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރިޒޭ ދެ ލަނޑު ޖަހައި ތަފާތު ބޮޑުކޮށްދިނެވެ. އަދި ދެ ވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ހަސަން ރާއިފް ހަސަން (ހަންނަ) އީގަލްސްގެ ހަތަރު ވަނަ ލަނޑު ޖެހި އެވެ. އޭގެ ފަހުން ފުލުފުލުގައި ރިޒޭ އަށް ގޯލް ޖަހައި އީގަލްސް އަށް ތަފާތު ބޮޑު މޮޅެއް ހޯދައިދިނީ އެވެ.
އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ނޮކްއައުޓް މެޗަކަށް ވާތީ މުހިއްމީ މޮޅެއް ކަމަށާއި ގިނަ ލަނޑުތަކެއް ޖެހުމުގެ ވަކި ފައިދާއެއް ނެތް ކަމަށެވެ. އެހެންވިޔަސް ގިނަ ލަނޑުތަކެއް ޖެހުމަކީ ލިބޭނެ ހިތްހަމަޖެހުމަކަށް ވާނެ ކަމަށް އޭނާ ބުންޏެވެ.
މޯހަން ބުނީ މޮޅުވަމުން ދިއުމާ އެކު މި މެޗުގައި ބޮޑަށް ބެލީ މެޗު ފިޓްނަސް ރަނގަޅުކުރުމަށްޓަކައި ބައެއް ކުޅުންތެރިން ލައްވައި ފުރިހަމަ 90 މިނެޓު ކުޅުވުމަށާއި ވަކި ރާސްތާތަކެއް ކަވަރުކުރަން ކަމަށެވެ.
ސެމީ ފައިނަލުގައި މި މަހުގެ 16 ވަނަ ދުވަހުގެރޭ އީގަލްސް ބައްދަލުކުރާނީ އިއްޔެ ހަވީރު ކްލަބް އޭދަފުށި އަތުން 13-0 އިން މޮޅުވި ޓީސީ ސްޕޯޓްސް ކްލަބާ އެވެ. އަނެއް ސެމީގައި 16 ވަނަ ދުވަހު ހަވީރު ބައްދަލުކުރާނީ ރޭ ޕެނަލްޓީ ޖަހައިގެން 8-7 އިން ގްރީންސްޓްރީޓްސް ބަލިކުރި މާޒިޔާ އާއި މިއަދު ހަވީރު ފޯކައިދޫ އަތުން 3-0 އިން މޮޅުވި ދަ ގްރާންޑޭ އެވެ. މިއަދުގެ މެޗުގައި ދަ ގްރާންޑޭގެ ގޯލްތައް ޖަހައިދިނީ ތޮލާލް ނަސީރު އަދި ދެ ގޯލް ޖެހި އޮބައިދާ ކަދޫމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮލުން ކުޅޭ
07 March 2020
ތިކަހަލަ މެޗް ތަކުން އެގެނީ ފުޓް ބޯޅަ ރާއްޖޭގައި ވަރަށް ކުރި އަރާފި ކަމެވެ.. މުބާރާތުގެ ފޯރި ގަދަ ކަމެވެ. ވިކްޓަރީ އާއި ނިއުރޭޑިއަންޓަ، ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވާނީ އެހެން ވީމަ ތާއެވެ؟ ވިކްޓަރީ ފަދަ ފުޓް ބޯޅާގެ ރަސްކަން ކުރި ކުލަބު ތަކުގެ ޓީމު ހަމަ ނުވެ، މެޗް ކެންސަލް ވާނީ ފުޓް ބޯޅާގެ ފޯރި ކިހާ ގަދަ ވީމަ ތާއެވެ.
އޭނަ
07 March 2020
މިއަށްވުރެ ރަނގަޅު ފުޓްބޯޅަ ނުކުޅުނަސް. މި ޓީމްތައް ބައިވެރި ނުކުރުން އެދެން.