ނެޝަނަލް ލައިބްރެރީ: ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ނެޝަނަލް ލައިބްރަރީ އާއި ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގެ ހިދުމަތްތައް މެދުކަނޑާލަން ނިންމައިފި -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
12 މާޗް 2020 - 14:44
ރާއްޖެ އިން ވެސް ކޮވިޑް-19 ފެނި، މުޅި ދުނިޔެ ބޮޑު ބަލިމަޑުކަމަށް ދިއުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ނޭޝަނަލް ލައިބްރަރީ އާއި ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގެ ޚިދުމަތް މިއަދުން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
ޓްވިޓާ މެދުވެރިކޮށް އެތަނުން ބުނީ، މިއީ ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށެވެ. އެ ދެ ތަނުގެ ޚިދުމަތް އަލުން ފަށާނެ ދުވަހެއް ފަހުން އަންގާނެ ކަމަށް ނޭޝަނަލް ލައިބްރަރީން ބުންޏެވެ.
As a precaution, National Library and Children's Multimedia library will be closed temporarily due to Coronavirus until further notice. pic.twitter.com/EQ5dfPl1SR
— National Library MV (@librarymv) March 12, 2020
ލައިބްރެރީ އިން ކުރި ޓްވީޓެއް
ލައިބްރަރީ ބަންދުކޮށްފައި ހުންނަ މުއްދަތުގައި، އެ ތަނަށް އަނބުރާ ގެންދަން ޖެހޭ ފޮތްތައް، ލައިބްރަރީ ހުޅުވުމަށް ފަހު، ހަފްތާއެއްގެ ތެރޭގައި އަނބުރާ ގެންދަން އެތަނުން ވަނީ އެދިފަ އެވެ. އެއްވެސް ޖޫރިމަނާއަކާ ނުލާ އެ ތަކެތި ބަލައިގަންނާނެ ކަމަށް ވެސް ބުނެފައި ވެ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ އަމިއްލަ މީހާގެ ސާފުތާހިރުކަމާއި މުޖްތަމައުގެ ސާފުތާހިރުކަން ދެމެހެއްޓުމެވެ. މި ބަލި ފެތުރިޔަ ނުދިނުމަށްޓަކައި މިޑް ޓާމް ޗުއްޓީއަށް ފަހު ސްކޫލްތަައް ހުޅުވުން އެއް ހަފްތާއަށް ސަރުކާރުން ރޭ ވަނީ ނިންމައިފަ އެވެ. ސްކޫލްތައް އަލުން ހުޅުވާނީ، ރޯގާ ހާލަތު ކޮންމެ ހަފްތާއަކު ރިވިއު ކުރުމަށް ފަހު ކަމަށް ވެސް ސަރުކާރުން ބުންޏެވެ.
ކޮވިޑް-19 އަކީ މުޅި ދުނިޔެއަށް ފެތުރިފައިވާ ބަލިމަޑުކަމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ރޭ އިއުލާންކޮށްފަ އެވެ. މި ބައްޔަށް 126،510 މީހުން އެކި ގައުމުތަކުން ޕޮޒިޓިވް ވެފައި ވާ އިރު، ރާއްޖެއިން ވެސް އަށް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy