ހެޕީ މާކެޓްގެ ޖެނެރަލް މެނޭޖަރު އަލީ އިހްސާނު--ފޮޓޯ:ފޭސްބުކް
18 މާޗް 2020 - 11:49
ވިޔަފާރިވެރިންނަށް ވިޔަފާރި ކުރެވިއްޖެ ކަމަށާއި މިއީ ގައުމު އިސްކޮށް އެހީވާންވީ ވަގުތު ކަމަށް ހެޕީ މާކެޓްގެ ސީއީއޯ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ރާއްޖެ އަށް ގިނަ އަދަދެއްގެ ކާބޯތަކެތި އެތެރެ ކުރާ ހެޕީ މާކެޓްގެ ޖެނެރަލް މެނޭޖަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވިޔަފާރިތަކާއި ކުންފުނިތަކަށް މިދަނޑިވަޅުގައި ވިސްނަންވީ ކަންކަން ފާހަގަކުރައްވައިފަ އެވެ.
އިހްސާން ވިދާޅުވީ، މިއީ ގައުމު އެންމެ ބޮޑަށް ވިޔަފާރިވެރިންގެ އެހީ އަށް އެދޭ ވަގުތު ކަމަށާއި ފާއިތުވެދިޔަ އަހަރުތަކުގައި ވިޔަފާރިވެރިންނަށް ވިޔަފާރި ކުރެވި، ކާމިޔާބީތައް ވެސް ލިބުނު ކަމަށެވެ. އަދި މި ހާލަތުން އަރައިގަތުމުން އަނެއްކާ ވެސް ވިޔަފާރިތަކަށް ފައިދާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ އިހްސާންގެ ފޭސްބުކް ޕޯސްޓް
"މި ދަނޑިވަޅަކީ ވިޔަފާރި ކުރުމަށް ވުރެ އަޅުގަނޑުމެންގެ ގައުމީ ލޯތްބާއި ވަތަނީ ރޫހު އަދި ދިވެހިވަންތަކަން ކުރިއަށް ނެރި އެހެން ދިވެހިންނަށްޓަކައި ހިދުމަތް ދޭންވީ ވަގުތު،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ތަކެތީގެ އަގު ބޮޑު ކުރަން ވިޔަފާރިވެރިންނަށް ދެއްކޭނެ އެތައް އުޒުރެއް އޮތް ނަމަވެސް މިހާލަތަށް ބަލައި އަގުތައް ހިފެހެއްޓުން މުހިއްމު ކަމަށެވެ. އަދި އެ ކުންފުނިން އަގުތައް ވީހާ ވެސް ކުޑަކުރަން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެހެން ވިޔަފާރިތަކުން ވެސް މި ދަނޑިވަޅުގައި އެގޮތަށް ކަންކަން ކުރަން އޭނާ އެދިވަޑައިގަތެވެ.
ރާއްޖެ އަށް ކާބޯތަކެތި އެތެރެ ކުރާ އިމްޕޯޓަރުންނާ އެކު އިކޮނޮމިކް މިނިސްޓްރީން ބޭއްވި ޕްރެސްގައި ވެސް އިހުސާން ވަނީ ރީޓެއިލް ކުރާ މީހުން ވެސް، ކޮވިޑް-19 އާ ގުޅިގެން، އަގުތައް އިންތިހާ އަށް މަތި ނުކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި ހެޕީ މާކެޓުން ސަޕްލައި ކުރާ ބަޔަކު އަގުތައް ބޮޑު ކޮށްގެން ނާޖައިޒް ފައިދާ ހޯދާ ނަމަ، އެފަދަ ފަރާތްތަކަށް ތަކެތި ޑިސްޓްރިބިއުޓް ނުކުރާނެ ކަމަށް އިހްސާނު ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން ދުނިޔެ އާއި ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައި ދަތި ހާލަތުގައި ވެސް ކާބޯތަކެތި ހޯދުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް އިހްސާން ވިދާޅުވެ އެވެ. އެގޮތުން ރޯދަ މަހަށް ހާއްސަކޮށް ދީފައި އޯޑަރުތައް ވެސް އޮންނަ އުސޫލުގެ ތެރެއިން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން 13 މީހަކު ޕޮޒިޓިވްވެފައިވާ އިރު އަމިއްލަ ވިޔަފާރިތަކަށް ވެސް ބޮޑެތި އުނދަގޫތަކާ ދަނީ ކުރިމަތިވަމުންނެވެ. މިހާލަތުގައި ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ހަރަދު ކުރުމުގެ ގިނަ ފިޔަވަޅުތަކެއް ވެސް ކުންފުނިތަކުން އަންނަނީ އަޅަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު ސަރީފް ސެންކޯ
19 March 2020
އިހްސާނަށް މާތް ކަލާންގެ ހެޔޮރަހްމަތް ލައްވާށިި ދެރަވަނީ ގިނަމީހުންނަށްް މިކަހަލަ ކަންތައް ނުވިސްނޭތީ
ކޮރަލް
19 March 2020
ރިސޯޓް ތަކުގަ އާ އެހެން ދާއިރާ ތަކުން ދިވެހި އެތައް ބައެއްގެ ވަޒީފާ ތައް ދަނީ ގެއްލެމުންނެވެ. ދިވެހިރާއްޖޭގެ ގާނޫނާ ގަވާއިދާ ހިލާފައް ހޮޓާ ފިހާރަ ރެސްޓޯރަން ލޯކަލް މާރުކޭޓް ފަދަ ތަންތަނުގަ ކޭޝިއަރުންނަށް ހުރި ބޭރު މީހުން ތައް އެތަން ތަނުން ނެރެ ބަލާށެވެ. ދިވެހީންގެ ވަޒީފާ ދިވެހީންނަށް ދިބަލާށެވެ. މިއީ އަމަލު ކުރަން ވީ ވަގުތެވެ.
ހޮޅިހޮއްލުން
19 March 2020
ކުންފުނީގެ އެކި ގޮފިތަކުގައި އިސްކޮށް ތިބިމީހުން ބޭރުކުރަން ތަފާތު ތުހުމަތާއި ބަދުނާމު އަޅުވައި އުކާލާފަ، ޕާރޓްނަރުންނަށް އުޅުނު މީހުން އަތުން އެމީހުންގެ ހިއްސާ ޖަހައިގަނެގެން ވިޔަފާރި ކުރަން އުޅޭ މީހަކު އެހެން ވިޔަފާރިވެރިންނަށް ދޭންޖެހޭ ނަސޭހަތެއް އޮންނާނެ ކަމަކަށް ނުފެނޭ.
ވޯލް
19 March 2020
ރާއްޖޭގެ މުޅި މުއްސަންދުކަން އޮތީ 6 ކަށް މީހުން އަތުގަ، އެމީހުން މުއްސަންދިވީ ހަމަ ޤޢުމުގެ ގުދުރަތީ ވަަސީލަތްތައް ބޭނުން ކޮށްގެން. ވީމާ މިއީ އެމީހުންގެ ފަރާތުން ޤައުމަށް ކަންކަން ބޭނުންވާ ވަގުތު އަދި ހާއްސަކޮށް މާލީ އެހީތެރިކަން. އެމީހުންގެ މުށް ބާރުކުރަން ފަށާފިއްޔާ މުޅި ޤައުމުގައި ދައުރުވާ ފައިސާ މަދުވެ ގިނަ ބަޔަކު ހާލުގައި ޖެހޭނެ. މުއްސަންދިން ކަންކިރާގިތަށް ބަލާ މިކަމުން އަރާގަނެވުނީމަ ވިޔަފާރި ޓެކްސް %30 ގުނަ ބޮޑު ކުރަންޖެހޭނެ.
މުހަންމާ
19 March 2020
އިހްސާނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އެކަމަކު އެންމެ ފުންނާބު އުސް މަހުޖަން ޤާސިމް އިބްރާހީމް މެންގެ ފަރާތުން ފެންނަނީ އޭގެ އަނެއްކޮޅު. މި ދަނޑިވަޅުގައި މުވައްޒަފުން ހާލުގަ ޖެއްސި މަހުޖަނު. އަދިވެސް މިވަރުން ސިޔާސީ ކަންތައްކޮށް ރައްޔިތުންގެ ވޯޓް ހޯދން ނިކުމޭ. ދުވަހަކުވެސް މިގައުމުގެ ވެރިޔަކަށް ޤާސިމަކަށް ނާދެވޭނެ.
ހިތާމަހުރި
18 March 2020
ދިވެހިރާއްޖޭގެ ރަށްތަކާއި ފަޅުތަކާއި ފަރުތަކާއި ގިރިތައް އިންޑިޔާ އާއި ލަންކާއާއި ޔޫރަޕާއި ދެންވެސް ފަރަންޖީ ކުންފުނިތަކަށްދީ އެއުރެންގެ ފަރަންޖީ އައުވާނުން ތަކަށް އެތަންތަނު ވަޒީފާތައް ދީ، ދިވެހިރައްޔިތުން ވަނީ ކަރުނަ އަޅަންޖެހިފައި. ގައުމުގައި އޮތް ސިޔާސީ ހަރާންކޯރުކަން އެއް ކިބާކޮށް، މިގައުމުގެ ރިސޯސްތައް ހެޔޮގޮތުގައި ބޭނުން ކޮށްފިނަމަ، ދިވެހިން އަށްވުރެ ތަނަވަސްކޮށް އުޅޭނެ ބައެއް ދުނިޔޭގައި އެބަތިބި ތޯ؟ ގައުމާ މެދު ވިސްނާލައްވާށެވެ!
އަހަންމަދުބެގާރީ
18 March 2020
ހަމަކަށަވަރުން ﷲއީ އިޙްސާންތެރިކަމުގައި ދެވަނައެއްނުވާ ރަސްކަނލާނގެއެވެ. އެކަނލާނގެއަށް އީމާންވާ މީހުންގެ ތެރެއިން ފެންނަ އިޙްސާންތެރިކަން ހެޕީމާކެޓް އިޙްސާންގެ ފަރާތުން ފެނުމަކީ އެކުންފުނީގައި އިސްލާމީ ރިވެތިކަން ހުރިކަމުގެ ހެއްކެއް.
މުޞްލިޙު
18 March 2020
ތިޔަ ވިޔަފާރީގައި ބަރަކާތް އިތުރުކުރައްވާއި ފައިދާ އެތަނަ ގުނައެއް ގުނަކުރައްވާށިއެވެ.
ހިބަރު
19 March 2020
ބަހާ އަމަލާ ދިމާވޭތޯ ބެލުންވެސް މުހިއްމު!
ކައްކާ
18 March 2020
ދިވެހި ރައްޔިތުންގެ ފަޅުރަށްރަށާ ކަނޑުފަޅު ސަތޭކަ އަހަރަށް ހިބަކޮށްގެން ރިސޯޓުހަދައިގެން މަހަކު އެތައް މިލިއަން ޑޮލަރުގެ ފައިދާނަގަނީ ހުރިހާ ރަނގަޅު ވަޒީފާތައް އިންޑިއާ ލަންކާމީހުނަށްދީގެން، މިކަހަލަކަމެއް ދިމާވާއިރަށްވެސް އެންމެ ފިރަތަމަވެސް ކުނިކަހަން ހުންނަ ދިވެހިމީހާ ވަޒީފާއިން ކަނޑާފަ ފޮނުވާލަނީ.
ޙަރީށް
18 March 2020
މީނަ މީ މަސްހޫރު ނުވެގެން އުޅޭ މީހެއް. ޢަމަލުން ދައްކާ މާގިނަ ވާހަކަ ދައްކާ ކުންފުނި އިތުރައް މާކެޓުކުރަން އުޅޭ ފާޑު ޖަހަނީ
ބޯހަލާކު.
19 March 2020
ފެށުނިއްސުރެ އަރާ މޮޅެތި ވާހަކަ ދައްކަނީ. ހަރާން ވީ ކަމެއް. ގެންނަންބުނި ސްޓޮކްތައް ވީދުނިޔެ އެއްވެސް ނޭނގެ އަދިވެސް.
ހުތާ
18 March 2020
އުފަލުން ރޮވިއްޖެ، މިފަދަ މީހުން މިރާއްޖެއަށް ބޭނުންވަނީ، ތިމާނޫން އެހެން މިހުނާ ދޭތެރޭ ވިސްނާ އެހީވާމީހުން. ތިޔަކުރައްވާ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވާށި. އާމީން