ރިޕޯޓް / ސިއްހަތު

މިހާރު މި އޮތް ހާސްކަމުން އަރައިގަންނާނީ ކިހިނެއް؟

މާކްސް އަޅައިގެން މީހަކު މަގުމަތީގައި: ކޮވިޑާ ގުޅިގެން މީހުންގެ ތެރޭގައި ވަނީ ބިރުވެރިކަން އުފެދިފައި-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

މުޅި ދުނިޔެއާ އެކު ރާއްޖެ ވެސް މިވަނީ ހާސްކަމެއްގެ ތެރޭގަ އެވެ. ކޮވިޑް-19 ގެ ބާރު ފެތުރުންތަކާ އެކު މުޅިންހެން އުޅެން ޖެހިފައި މިވަނީ ބިރެއްގެ ތެރޭގަ އެވެ. މިއީ އެންމެންގެ ވެސް ހާލެވެ. ނަފްސާނީ އެކި ބަލިތައް ހުންނަ މީހުންނަށް އެ ބިރުވެރިކަން އިތުރަށް ބޮޑުވެ އިތުރު މައްސަލަތަކާ ކުރިމަތިވެ އެވެ.

މިހާތަނަށް ރާއްޖެއިން 13 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އެކަމަކު އޭގެ ތެރޭގައި ދިވެއްސެއް ނުހިމެނެ އެވެ. ރާއްޖޭގައި އެ ވައިރަސް ފެތުރުނަ ނުދިނުމުގެ ފިޔަވަޅެއްގެ ގޮތުން އާންމުން ވީހާވެސް މަދުން ބޭރުގައި އުޅެން ވަނީ އަންގައިފަ އެވެ. ގިނަ ވަގުތު ބޭރުގައި އުޅުނު ބަޔަކު އެއްކޮށް ގޭގައި ތިބެން ޖެހުމަކީ ވެސް ހާސްކަން ބޮޑުވާ ކަމެކެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާދޭ މަރުކަޒުތަކުން ބުނިގޮތުގައި ކޮވިޑް-19 އާ ގުޅިގެން ހާސްކަން ބޮޑުވެ ފަރުވާ ހޯދަން އަންނަ މީހުން ދަނީ އިތުރުވަމުންނެވެ. ނަފްސާނީ ބައްޔަށް ތެރަޕީ ދޭ ތިބާ ސައިކޮލޮޖީން ބުނީ މިކަމާ ގުޅިގެން ތެރަޕީއަށް މީހުން އައުން ވެސް އިތުރު ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް އޮންލައިންކޮށް ތެރަޕީ ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

މިފަދަ ދަނޑިވަޅެއްގައި ހާސްކަން ކުޑަކުރާނީ ކިހިނެއްތޯ އެވެ؟ ނަފްސާނީ ބަލިތައް ހުންނަ މީހުންނާއި އެފަދަ ބައްޔެއް ނެތަސް މިހާރު އެފަދަ އުނދަގޫތައް ވާ ނަމަ ކަންކުރާނީ ކިހިނެއްތޯ އެވެ؟

ކޮވިޑް-19 އިން ސަލާމަތް ވުމަށް މާސްކް އަޅައިގެން ހުރި މީހަކު ކޮންޕިއުޓަރާ ކުޅެނީ: ބައްޔާ ގުޅިގެން ގިނަ ބައެއްގެ މެދުގައި ވަނީ ބިރުވެރިކަން އުފެދިފައި-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ތިބާ ސައިކޮލޮޖީގެ ފައުންޑާ އަދި ސައިކޮލިޖިސްޓެއް ކަމަށްވާ ނަދާ ޝަރީފް ވިދާޅުވީ އެންމެ މުހިންމު ކަމަކީ ތިމާގެ ކޮންޓްރޯލް ދަށުގައިވާ ކަންކަމާއި ކޮންޓްރޯލް ނެތް ކަންކަން ދެނެގަތު ކަމަށެވެ. އޭގެ ތެރެއިން އަމިއްލަ ކޮންޓްރޯލްގެ ދަށުގައިވާ ކަންކަމަށް ސަމާލުކަން ދީ އެކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރުމާ އެކު ކޮންޓްރޯލް ނެތް ކަންކަމާ މާ ބޮޑު ނުވިސްނުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

"މިފަދަ ހާލަތެއްގައި ހާސްވުމަކީ އެއީ ނޯމަލް ކަމެއް. އެންމެނަށް ވެސް ދިމާވާނެ ކަންކަން. ވިސްނަންވީ އެ ހާސްވުން ކުޑަކުރަން ކުރެވޭނެ ކަންކަމަށް،" ނަދާ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާ އާއި އެކި ނޫސްތަކުގެ އިތުރުން ޓީވީތަކަށް އަބަދު މީހުން ބަލަބަލާ ތިބެނީ ބައްޔާ ގުޅިގެން ދެން އިއުލާން ކުރާނީ ކޮން ކަމެއްކަން އެނގެން ބޭނުންވާތީ އެވެ. ދެން ޕޮޒިޓިވް ވާނީ ނުވަތަ ދެން ވާނީ ކޮން ކަމެއްކަން ނޭނގޭތީ އެވެ. އެންމެން ވެސް އުޅެނީ އެފަދަ ހާސްކަމެއްގެ ތެރޭގަ އެވެ.

ނަދާ ވިދާޅި ގޮތުގައި ހާސްކަން ކުޑަކުރަން ބަލީގެ މައުލޫމާތު ބަލާ މިންވަރު ލިމިޓް ކުރަން ޖެހެ އެވެ. އަދި ސައްހަ ނޫން މައުލޫމާތު ފަތުރާ އެއްޗެހި ބެލުން ހުއްޓާލަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ޒަރޫރީ ބޭނުމަކަށް ނޫން ގޮތަކަށް ގެއިން ބޭރަށް ނުކުތުން ރަނގަޅު ނޫން މި ދަނޑިވަޅުގައި އެއީ ވެސް ގިނަ ބައެއްގެ ބިރެކެވެ. ގޭގައި ގިނަ ވަގުތު ތިބެން ޖެހުމުން ގަންނަ ބިރާއި އެކަނިވެރިކަން އިހުސާސް ކުރެވޭލެއް ބޮޑުވާތީ އެވެ. ގޭގައި އެކަނިވާ ނަމަ ނަދާގެ ހައްލަކީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން މީހުންނާ ގުޅުން ބަދަހި ކުރުމެވެ.

"ސެލްފް އައިސޮލޭޝަންގައި އޮންނައިރު ޓެކްނޮލޮޖީ ބޭނުންކޮށްގެން މީހުންނާ ގުޅުން ބޭއްވުން މުހިންމު. އާއިލާ އާއި ރައްޓެހިންނާ ގުޅައި ގުޅުން ބޭއްވުން މުހިންމު،" ނަދާ ކިޔައިދެއްވި އެވެ.

"ގިނަ ބަޔަކާ އެކު އުޅޭ ނަމަ ގޭތެރޭގައި ކުޅެވޭނެ ކުޅިވަރުތައް. މިސާލަކަށް ކެރަމް ފަދަ ކުޅިވަރުތައް ކުޅެވިދާނެ. އެކަނި އުޅޭ ނަމަ ކުރިން ފާހަގަކުރި ގޮތަށް ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން މީހުންނާ ގުޅުން ބޭއްވިދާނެ."

ގޭގައި ކުރެވިދާނެ ބައެއް ކަންކަން

- އަމިއްލަ ބާރު ނެތް ކަންކަމާ މާ ބޮޑަށް ނުވިސްނުން

- އިތުބާރު ނުހިފޭ މައުލޫމާތުތަކާ ދުރަށް ދިއުން

- ޤުރުއާން ކިޔަވާއިރު ވެސް ލަސްލަހުން، އަދި މާނައާ އެކު ކުރިއަށް ގެންދިއުން

- ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށް، އެކި މީހުންނާ ގުޅުން ދެމެހެއްޓުން

- ގޭގައި ތިބެގެން ވެސް ކުދިކުދި ކަސްރަތުތައް ކުރުން

ހާސްކަން ކުޑަކުރަން އާއިލާ އާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކުރުމާ އެކު އިތުރު ކަންތައްތަކެއް ކުރުމަށް ވެސް އިރުޝާދު ދެ އެވެ. އެގޮތުން ބްރީތިން އެކްސަސައިޒްތަކާއި ރިލެކްސޭޒޭޝަން އެކްސަސައިޒްތައް ގަވައިދުން ހެދުން މުހިންމެވެ. އެފަދަ އެކްސަސައިޒްތަކަށް ހާއްސަ އެޕްތައް ވަރަށް ގިނައިން ހުރެ އެވެ.

ނަދާ ވިދާޅުވި ގޮތުގައި މި ދަނޑިވަޅު ކުރާ ހުރިހާ ކަމަކަށް ވެސް ވަރަށް ބޮޑަށް ގަޔާވެ، "މައިންޑްފުލް" ވުން މުހިންމެވެ. އޭގެ ސަބަބުން އެހެން ހިޔާލުތަކާ ދުރުވެ ސިކުނޑިއަށް ހަމަޖެހުން ލިބިގެންދާނެތީ އެވެ. އަދި ގޭތެރޭގައި ކުރެވުން ހުރި ކަސްރަތުތައް ވީޑިއޯތައް ބަލައިގެން ނަމަވެސް ކުރުމަކީ ނަފްސާނީ ސިއްހަތައް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ގުރުއާން ކިޔަވާއިރު ވެސް އޭގެ މާނަ އާއި އަކުރުތަކަށް ވަރަށް ވިސްނައިގެން ގަޔާވެ ހުރެ ކިޔުން މުހިންމު. އަވަހަށް އެކަމެއް ނިންމުމުގެ ބަދަލުގައި ގަޔާވެގެން އެކުރާ ކަމެއް ކުރުން މުހިންމީ،" ނަދާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެންމެ މުހިންމު ކަމަކީ ކޮންމެ ދުވަހަކު ވެސް ވަކި ރޫޓިންއެއްގެ ތެރޭގައި އުޅުމެވެ. އެއްވެސް ރޫޓިންއެއް ނެތި އެކި ދުވަހު އެކި ވަގުތުތަކުގައި އެކި ކަންކަން ކުރާ ނަމަ ހާސްކަން ބޮޑުވުމުގެ ފުރުސަތު އޮވެ އެވެ.

"ހެނދުނު ހޭލާ ގޮތަށް ޕިޖާމާގައި ހެނދުނުއްސުރެ ރޭގަނޑު ވަންދެން ހުރުމުން ހާސްކަން ބޮޑުވާނެ،" ނަދާ ވިދާޅުވި އެވެ.

އޮބްސެސިވް ކޮމްޕަލްސިވް ޑިސްއޯޑާ (އޯސީޑީ) ހުންނަ މީހުންނަށް މި ކަހަލަ ހާލަތްތަކުގައި އިތުރު އުނދަގޫތައް ކުރިމަތިވެ އެވެ. ކިތައްމެ ވަރަކަށް ގަޔާއި ތަންތަން ސާފުކުރިޔަސް އެމީހުންނަށް ހީވާނީ ރަނގަޅަށް ސާފު ނުވެވޭހެންނެވެ. ކިތަންމެ ވަރަކަށް ސާފުކުރިޔަސް ޖަރާސީމް ނުފިލާ ހެންނެވެ.

އެބަލި ތަހައްމަލް ކުރަމުން ދާ މީހުންނަށް ނަދާގެ އިރުޝާދަކީ އަތް ދޮވުން ފަދަ ކަންކަމުގައި ލިމިޓެއް ގެންގުޅުމެވެ. އަދި މިހާރު މާ ގިނައިން އަތް ދޮވެވޭ ނަމަ މަޑުމަޑުން އެ އަދަދު މަދުކުރަން ވެސް އޭނާ ލަފާ ދެއްވަ އެވެ.

"ދޮންނަން ޖެހޭ ވަރަށް ވުރެ އިތުރަށް އަތް ދޮންނަން ހިތަށްއަރާ ނަމަ ހަނދާން ކުރަންވީ އެއީ ބަލީގެ ގޮތުން ވާ ކަމެއްކަން. އެކަމަށް އެވެއާވާންވީ،" ނަދާ ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ސަބަބުން އުފެދިފައިވާ ހާސްކަމުން ދުރުވޭތޯ ކޮންމެ މީހަކު ވެސް މަސައްކަތްކުރަން ޖެހެ އެވެ. ރައްޔިތުން ސަލާމަތްކުރަން އެތައް ބަޔަކު ރެ އާއި ދުވާލު އެބަ އުޅޭކަން ގަބޫލުކޮށް، އަމިއްލަ ނަފުސަށް އިތުބާރު ބޮޑުކޮށްދޭން ވެސް ޖެހެ އެވެ. މިއީ އެންމެން ގުޅިގެން ސަލާމަތްވެވެން އޮތް ހާލަތެކެވެ.

3 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދަޕޮއިންޓް

20 March 2020

މަރުވުމަށް ނޭދެވޭތީ އަސްލު ހާސްވަނީ. މާތްﷲ އަހަރުމެން ދުނިޔެއަށް ފޮނުއްވީ ވަރަށް އަންކޮމްޕްލިކޭޓެޑްކަމެއް ކުރެއްވުމަށް. އެއީ މާތްﷲއަށް އަޅުކަންކުރުމަށް. އެކަން ރަގަޅަށް ނުކުރެވޭނަމަ ބޮޑެތި ކަންކަން ޖެހުމުން ހާސްވާނެ. އެކަމު އަޅުކަން ކުރަންވާ ގޮތަށް ރަގަޅަށް ކުރެވޭނަމަ ހާސްވާފަދަ ކަމެއް ދިމާވިއަސް މާތްﷲއެމީހާއަށް އެ ހާސްކަމާ ކުރިމަތިލާނެ ބާރާ ކަންކަން ރާވާނެ ގޮތާ ދަތިކަން ފިލުވާނެ ގޮތްތައް ދައްކަވާ. ބާރުއޮތީ އެންމެ ފަރާތެއްގަކަން ގަބޫލުކުރަންވީ

The name is already taken The name is available. Register?

ސަމްސުންނިސާ

20 March 2020

ކޮބާ ނަމާދުކޮށް ދުޢާކުރުން؟

The name is already taken The name is available. Register?

ފިލް

20 March 2020

އޯސީޑީ ހުންނަ މީހުން ވިސްނަންވާނެ ތަންކޮޅެއް. މި ވައިރަހަކީ ހަމުގެ ތެރެއިން ވަދެވޭ ވައިރަހެއް ނޫން. ހަމުގަ ހަުރުލާފަ ހުންނަ ވައިރަސް މޫނުގެ މިއުކަސް މެންބްރޭނާ ހަމައަށް ދިއުމުން ހަށިގަނޑު ތެރެއަށް ވަންނަނީ. މިއުކަސް މެންބްރޭނަށް މިދަނީ އެފަދަ ހިސާބެއް އަތް ޖެހުމުން. މާ ގިނައިން އަތް ދޮވެ ސެނިޓައިޒަރ އުނގުޅަންޏާ އަތުގެ ހަންގަނޑު ހަލާކުވެ ހަމުގެ ތެރެއިން ވައިރަސް ވަނުން ގާތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454