މައިކްރޮސޮފްޓް ވިންޑޯޒް 10 ބޭނުންކުރާ މީހުންގެ އަދަދު އެއް ބިލިއަން ފަހަނައަޅައިފި
22 މާޗް 2020 - 08:14
މައިކްރޮސޮފްޓް ވިންޑޯޒް 10 ބޭނުންކުރާ މީހުންގެ އަދަދު އެއް ބިލިއަން ފަހަނައަޅައިފި އެވެ. މިއީ، ކުންފުނި ކިތަންމެ ބާރުގަދަ ނަމަވެސް، ފާހަގަނުކޮށް ދޫކޮށްލެވެން ނެތް ވަރުގެ ބޮޑު އަދަދެކެވެ.
ވިންޑޯޒް 10 އަށް ލިބުނު މި ބޮޑު ކާމިޔާބަށް އިޝާރާތްކޮށް، މައިކްރޮސޮފްޓްގެ ޗީފް ޕްރޮޑަކްޓް އޮފިސަރު، ޕެނޮސް ޕެނޭ، ގިނަ ވާހަކަތަކެއް ނުދެއްކި ނަމަވެސް، އިންސްޓަގްރާމްގައި ތަތްކޮށްލި ވީޑިއޯ ކްލިޕަކުން، ވިންޑޯޒްގެ އެހާރާއި މިހާރު އަދި ކުރި އަށް ދާން އޮތް މަގަށް ވަނީ އަލިއަޅުވާލައިފަ އެވެ.
މައިކްރޮސޮފްޓް ވިންޑޯޒް ވަނީ ޒަމާންތަކެއް ކަޑައްތުކޮށްފަ އެވެ. މީހުންގެ ރުހުމާއި ނުރުހުން އަމާޒުވެފަ އެވެ. ވިންޑޯޒް ދެމެހެއްޓުމަށް އެންމެ ބޮޑު ބާރަކަށް ވެފައި ވަނީ، ބޭނުންުކުރާ މީހުންގެ ޚިޔާލާއި ބިނާކުރަނިވިި ފިކުރެވެ.
އިންސްޓަގްރާމަށް ޕެނޭ ލާފައި ހުރި ވީޑިއޯ ކްލިޕްގެ ފްރޭމްތައް ހަލުއިކަމުން، ދޭން އުޅޭ މެސެޖަކީ ކޮބައިކަން ނޭނގުނު ނަމަވެސް، ވިންޑޯޒް ފެށިގެން އައި ގޮތް ސިފަކޮށްދީފައި ވެ އެވެ. އަދި ޒަމާން ފަހަނައަޅައި ދާން އަމާޒުހިފާފައި ހުރީ ބޭނުންކުރާ މިހުން އެދޭ ދިމާ އަށެވެ.
ވިންޑޯޒް 10 އަށް، އާ "ފައިލް އެކްޕްލޯރާ"އެއް އަންނަން އުޅޭކަން ވީޑިއޯއިން އެނގެ އެވެ. ވިންޑޯޒްގެ ޓައިލް މެނޫތަކުގެ ކުލަތައް ވަނީ ވަަރަށް ބޮޑަށް ތިލަކޮށްފަ އެވެ. ސްޓާޓް މެނޫ އަދި ކަލްކިޔުލޭޓަރު އެޕްލިކޭޝަން ވަނީ އަދާހަމަކޮށްފަ އެވެ.
ވިންޑޯޒް 10ގެ ކުލަތައް ސިފަކޮށްދެނީ ފަރިތަ "ވެބް އެޕްލިކޭޝަން"ތަކެވެ. ލޮލަށް ފަސޭހަ އަދި ބޭނުންކުރަން ފަސޭހަ ކަމަށް ވީޑިއޯއިން ދައްކުވައިދެ އެވެ. ވިންޑޯޒް 10 އަކީ މައިކްރޮސޮފްޓް ވިންޑޯޒްގެ އެންމެ ހިތްގައިމު އޮޕަރޭޓިން ސިސްޓަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފީފީ
22 March 2020
ކިތައް ކޮމްޕިއުޓަރަށް، މައިކްރޯސޮފްްޓް އަށް ނޭނގި އަޅާފަ އިނާނެ ބާ؟