ކޮރޯނާވައިރަހަށް ޓެސްޓްކުރަން ސާމްޕަލް ނަގަނީ
02 އެޕްރީލް 2020 - 08:19
ވަސް ނުދުވުމާއި ކާތަކެތީގެ ރަހަ ނޭނގުމަކީ ކޮރޯނާވައިރަސް ހުރި ކަމުގެ އަލާމާތަކަށް ވެދާނެ ކަމަށް އިނގިރޭސި ވިލާތުގެ ޓީމަކުން ހެދި ދިރާސާއަކުން ހާމަވެއްޖެ އެވެ.
މިކަން އެނގުނީ ކޮރޯނާވައިރަސް އިން ޖެހޭ ކޮވިޑް-19 އަށް ޝައްކުވާ މީހުން، އެ މީހުންނަށް ދިމާވާ ކަންކަން ހިއްސާކުރެވޭ ގޮތަށް ހަދާފައިވާ އެޕްލިކޭޝަނެއް މެދުވެރިކޮށް އެއްކުރި މައުލޫމާތުގެ މައްޗަށް ކިންގްސް ކޮލެޖް ލަންޑަންގެ ޓީމަކުން ހެދި ދިރާސާއަކުންނެވެ.
ވަސް ނުދުވުމާއި ރަހަ ނުލުމަކީ ނޭވާލާ ނިޒާމަށް ޖެހޭ އެހެން ބައެއް ބަލިތަކުގެ ސަބަބުން ވެސް ދިމާވާ ކަމެކެވެ. އެގޮތުން އެންމެ އާދައިގެ އަރިދަފުސް ރޯގާއެއްގެ ސަބަބުން ވެސް އެހެން ވެދާނެ އެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކޮރޯނާވައިރަސްގެ އެންމެ އާންމު އެއް އަލާމާތަކީ ހުން އައުމާއި ގިނައިން ކެއްސުމެވެ.
އެހެންވެ، މި ދުވަސްވަރު ހުން އައިސް ކެއްސާ ނަމަ އެ މީހަކު އެހެން މީހުންނާ އެކަހެރިވެގެން އުޅުމަށް ސިއްހީ ތަޖުރިބާކާރުން ލަފާ ދެއްވަ އެވެ.
ކިންގްސް ކޮލެޖްގެ ދިރާސާ ޓީމުން ބޭނުވީ ކޮރޯނާވައިރަސް ހަށިގަނޑަށް ވަނުމުން ފެންނަ އަލާމާތްތައް ފަސޭހައިން ދެނެގަނެ ބައްޔާ ދެކޮޅަށް މަސައްކަތްކުރާ މީހުންނަށް ބަލި ދެނެގަތުމުގައި ފަސޭހަވާނެ ގޮތްތަކެއް ހޯދައިދޭށެވެ.
މި މައުލޫމާތު އެއްކުރަން ބޭނުންކުރި "ކޮވިޑް ސިމްޕްޓަމް ޓްރެކާ" އެޕަށް މީހުން ދިން މައުލޫމާތަށް ބަލާއިރު؛
- 53 ޕަސެންޓް މީހުން، ވަރުދެރަވެ ނުވަތަ ވަރުބަލިވާ ކަމަށް ބުނެފައިވެ އެވެ.
- 29 ޕަސެންޓް މީހުންނަށް ކެއްސުން ތަޖުރިބާކުރަންޖެހުނެވެ.
- 28 ޕަސެންޓް މީހުން ބުނި ގޮތުގައި ނޭވާ ކުރުވި އެވެ.
- 18 ޕަސެންޓް މީހުން ވަނީ ވަސް ނުދުވުމާއި ރަހަ ނުލުމުގެ މައްސަލަ ދިމާވި ކަމަށް ބުނެފަ އެވެ.
- 10.5 ޕަސެންޓް މީހުން ހުން އައި ކަމަށް ބުންޏެވެ.
އެޕަަށް މައުލޫމާތު ދިން 400،000 އަށް ވުރެ ގިނަ މީހުންގެ ތެރެއިން 1،702 މީހަކު ކޮވިޑް-19 އަށް ޓެސްޓްކުރި ކަމަށް އެ އެޕް މެދުވެރިކޮށް ރިޕޯޓްކޮށްފައިވެ އެވެ. މީގެ ތެރެއިން 579 މީހަކު ބައްޔަށް ޕޮޒިޓިވްވި އެވެ. 1،123 މީހުންގެ ނަތީޖާ އައީ ނެގެޓިވް ކޮށެވެ.
ޕޮޒިޓިވްވި މީހުންގެ ތެރެއިން، ފަސް ބައިކުޅަ ތިން ބައި ނުވަތަ 59 ޕަސެންޓް މީހުން އެ މީހުންގެ ކިބައިން ފެނުނު އަލާމާތްތައް ކިޔައިދިން އިރު އޭގެ ތެރޭގައި ވަސް ނުދުވުމާއި ރަހަ ނުލުން ހިމެނެ އެވެ.
ތަޖުރިބާކާރުން ބުނަނީ ވަސް ނުދުވުމާއި ރަހަ ނުލުމަކީ ކޮރޯނާވައިރަސް ހުރި ކަމުގެ އަލާމާތެއްގެ ގޮތުގައި ބަލައިގަންނަންޖެހޭ ވަރުގެ ހެއްކެއް އަދި ނެތް ކަމަށެވެ.
ޕަބްލިކް ހެލްތު އިންގްލެންޑް އަދި ޑަބްލިޔުއެޗްއޯ އިން ވެސް މިކަން އަދި، ބަލީގެ އަލާމާތެއްގެ ގޮތުގައި ބަލައިގެންފައެއް ނުވެ އެވެ.
އީއެންޓީ ޔޫކޭގެ ޑޮކްޓަރުން ވިދާޅުވީ ވަސް ނުދުވުމާއި ރަހަ ނުލުމުގެ މައްސަލަ، ކޮރޯނާވައިރަސް ހުންނަ މީހުންނަށް ދިމާވުން އެއީ އާދަޔާ ހިލާފް ކަމެއް ނޫން ކަމަށެވެ. އަދި މިއީ ސީދާ ކޮވިޑް-19 ގެ ސަބަބުން ދިމާވާ ކަމެއް ނޫން ކަމަށް ވެސް ބުންޏެވެ. އެހެންވެ އެތަނުން ބުނީ ވަސް ނުދުވުމާއި ރަހަ ނުލުމުގެ މައްސަލަ ދިމާވެއްޖެ ނަމަ އެއީ ވެސް ބަލީގެ އަލާމާތަކަށް ބަލައިގެން ވީހާވެސް އަވަހަކަށް ޓެސްޓްކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ބުއްދިވެރި ކަމަށް ބުންޏެވެ.
ދިރާސާގައި އިސްކޮށް ހުންނެވި ޕްރޮފެސަ ޓިމް ސްޕެކްޓާ ވިދާޅުވީ ކޮވިޑް-19 ޖެހުމުން ފެންނަ އަލާމާތްތަކަށް ބަލާއިރު ވަސް ނުދުވުމާއި ރަހަ ނުލުމުގެ މައްސަލަ ދިމާވުމުގެ ފުރުސަތު ތިން ގުނަ އިތުރު ކަމަށެވެ. -- ބީބީސީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބާ
02 April 2020
ކީމޯ ނެގީމަ ވާގޮތް
ތެދުތެދު
02 April 2020
ނޭގުނު. ނުވިސްނުނު.
ދެކޮޅު
02 April 2020
ދިވެހިން ލިޔެފައި ހުންނަ އެއްޗެހި ގިނަ ދިވެހިންނަކަށް ނުވިސްނޭ. ޢެއީ ގިނަ ދިވެހިންގެ ދިވެހި ބަހުގެ ފެންވަރު ދަށްކަމުން. ސުކޫލުގައި އުޅޭއިރު އުޅެނީ މޮޅު އިނގިރޭސިއަކަށް ވާން. ޢެހެނަސް ނަތީޖާއަކީ އެ ގަހު ކޭލަކަށް ނުވެ މި ގަހު ކޭލަކަށް ނުވެ ދިޔުން.
ރިސް
02 April 2020
ނިމުނު ތަނުގައި ބީބީސ ޖަހައިފައި އޮތުމުން އުފާކުރަން. ރިފަރެންސް ފުރިހަމަ އަށް އެގެން ހުންނަންޖެހޭ. ވިސްނަން ރަގަޅު އަލާމާތެެއް