ވިޔަފާރި / ޓޫރިޒަމް ޕްރޮމޯޝަން

ރާއްޖޭގެ ބައިނަލްއަގުވާމީ ޓޫރިޒަމް ފެއާގައި މަޓާޓޯ އިން ބައިވެރިވެއްޖެ

ޓީޓީއެމް ފެއާގައި ބައިވެރިވުމުގެ އެއްބަސްވުމުގައި މާޓާޓޯ އާއި މޯލްޑިވްސް ގެޓަވޭސް އިން މިއަދު ސޮއިކުރުމަށް ފަހު، އެއްބަސްވުން ބަދަލުކުރަނީ.-- ފޮޓޯ: މަޓާޓޯ

11 އޮކްޓޯބަރ 2016 - 23:04

1 comments

ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ ބޮޑު ޓޫރިޒަމް ފެއާގައި މޯލްޑިވްސް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން މިއަދު ބައިވެރިވެއްޖެ އެވެ.

ދިވެހި ޕީއާރު ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ގެޓަވޭސް އިން އިންތިޒާމު ކުރާ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) އަހަރަކު އެއް ފަހަރު ބާއްވަން ވަނީ ނިންމާފަ އެވެ. ފުރަތަމަ ފެއާ ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ ޖުލައި މަހު އެވެ.

މޯލްޑިވްސް ގެޓަވޭސް އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ޓީޓީއެމްގެ އެސޯސިއޭޓް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވުމުގެ އެއްބަސްވުމުގައި މަޓާޓޯއާ އެކު މިއަދު ވަނީ ސޮއިކޮށްފަ އެވެ. ޓޫރިސްޓުން ގެންނަ ރާއްޖޭގެ އެޖެންޓުން ތަމްސީލު ކުރާ ރަސްމީ ޖަމިއްޔާ އިން މި ފެއާގައި ބައިވެރިވެފައި ވާއިރު، ޓޫރިޒަމް އިޝްތިހާރު ކުރާ ސަރުކާރުގެ ކުންފުނި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ން ވަނީ ބައިވެރިވެފަ އެވެ.

ޓީޓީއެމް ބާއްވަނީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ބޭރުގެ އެޖެންޓުންނާ ގުޅުވައި ދިނުމަށެވެ. މި ފެއާގެ ސަބަބުން 2020 ވަނަ އަހަރުގެ ނިޔަލަށް ދެ މިލިއަން ޓޫރިސްޓުން ރާއްޖެ ގެނެސް، އެ ސިނާއަތުން ލިބޭ އާމްދަނީ 3.5 ބިލިއަން ޑޮލަރަށް ގެންދަން އެހީތެރިވެދޭނެ ކަމަށް އިންތިޒާމު ކުރާ ފަރާތުން ބުނެފައިވެ އެވެ.

އަންނަ އަހަރުގެ ޓީޓީއެމް ފެއާގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ 150 ޓްރެވަލް އެޖެންޓުންނާއި 100 ރިސޯޓެއް ނުވަތަ ޓޫރިސްޓު ހޮޓަލެއްގެ އިސް ވެރިން އަދި 50 ނޫސްވެރިންނާއި ޕީއާރު ފާމްތަކުގެ މަންދޫބުން ބައިވެރިވާނެ އެވެ.

ބައިނަލްއަގުވާމީ ބޮޑު ޓޫރިޒަމް ފެއާއެއް ރާއްޖޭގައި ބާއްވަން ނިންމިއިރު، ރާއްޖޭގައި މި އަހަރު ވަނީ ފުރަތަމަ ފަހަރަށް ޓޫރިޒަމް ފެއާއެއް ބާއްވާފަ އެވެ. މިދިޔަ އޮގަސްޓު 4-6 އަށް އާޓް ގެލަރީގައި ބޭއްވި ވެކޭޝަން އެކްސްޕޯގައި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ 35 ފަރާތަކުން ބައިވެރިވި އެވެ.

މީގެ އިތުރުން، ޓީޓީއެމް އިންތިޒާމު ކުރާ މޯލްޑިވްސް ގެޓަވޭސް އިން ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގެސްޓްހައުސްތަކަށް ހާއްސަކޮށް ވެސް ކޮންފަރެންސެއް ބާއްވާފަ އެވެ. މިދިޔަ މަހު ދަރުބާރުގޭގައި ބޭއްވި ކޮންފަރެންސްގައި 160 އަށް ވުރެ ގިނަ ގެސްޓްހައުސެއްގެ ވެރިން ބައިވެރިވެވަޑައިގެން، އެ ދާއިރާ ކުރިއެރުވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.

ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން ގެންނަން އަމާޒު ހިފާފައިވިޔަސް ރާއްޖޭގެ ޓޫރިޒަމް ވަނީ ހީނަރުވެފަ އެވެ. އެ ގޮތުން، މި އަހަރު އަންނާނެ ކަމަށް ލަފާކުރި 1.5 މިލިއަން ޓޫރިސްޓުން ހަމަ ނުވާނެ ކަމަށް ނިންމައި މިދިޔަ އަހަރެކޭ އެއްވަރަށް 1.4 މިލިއަން ޓޫރިސްޓުން ގެނެވޭތޯ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގެ އިގްތިސާދުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ޓޫރިޒަމް ސިނާއަތުން ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ)ގެ 40 ޕަސެންޓް ހިއްސާ ކުރާ ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި ރާއްޖެ ވަންނަ ބޭރު ފައިސާގެ 60 ޕަސެންޓް ޓޫރިޒަމުން ލިބޭއިރު، ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ ގާތްގަނޑަކަށް 90 ޕަސެންޓަކީ ވެސް ޓޫރިޒަމް ސިނާއަތާ ގުޅުން ހުރި ބިމު ކުއްޔާއި ޓީޖީއެސްޓީ އަދި ގްރީން ޓެކްސް ފަދަ ކަންކަމުން ލިބޭ ފައިދާ އެވެ.

1 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަތޮޅޭ

12 October 2016

މޫނުމަތިން މަގުސަދު ވަރަށް ސާފުކޮއްފެންނަން ހުރީ.. ތަސްވީރު ބަލާނީ ތަސްވީރު ބުނާހެންނޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454