ޚަބަރު / ގެވެށި އަނިޔާ

އަނިޔާވެރިންނާ އެކު ތާށިވެފައި ނުތިބެ ހިތްވަރު ހޯދާ!

އަނިޔާއާ ދެކޮޅު ޕޯސްޓަރެއް: އަނިޔާ ރިޕޯޓްކުރުން މިދިޔަ މަހު މަދުވުމަކީ އެފަދަ މައްސަލަތައް މަދުވުން ކަމަށް ބެލެވޭކަށް ނެތް. --ފޮޓޯ/މިހާރު

ސިއްހީ ކުއްލި ނުރައްކަލުގެ މި ހާލަތުގައި ވެސް ގޭތެރޭގައި އަނިޔާގެ ޝިކާރައަކަށްވެގެން ނުތިބެ، މައްސަލަތައް ރިޕޯޓްކުރަން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ރޭ ގޮވާލައްވައިފި އެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވާން ރާއްޖޭގައި އެޅި ފިޔަވަޅުތަކުގެ ތެރޭގައި، އޮފީސްތަކާއި ސްކޫލްތައް ބަންދުކުރުމުން ގޭތެރޭގައި ތިބޭ ވަގުތު އިތުރުވެ، އެކި ގޮތްގޮތުން އަނިޔާ ލިބެމުންދިޔަ މީހުންނާއި ކުޑަކުދިންނަށް ކުރިމަތިވި އިތުރު ނުރައްކަލަކަށްވި އެވެ.

އެކަމަކު ވެސް ރަސްމީ ތަފާސްހިސާބުން ފެންނަނީ، ކުޑަކުދިންނަށް ޖިންސީގޯނާކުރުމާއި އަނިޔާދީ، އިހުމާލުވުމާއި ގެވެށި އަނިޔާގެ މައްސަލަަތައް ހުށަހެޅި އަދަދު މިދިޔަ މަހު މަދުވެފައިވާ ތަނެވެ. ޖެނުއަރީ މަހާއި ފެބުރުއަރީ މަހާ އަޅާބަލާއިރު މިދިޔަ މަހު ހުށަހެޅި މައްސަލަތަކުގެ އަދަދު ނިސްބަތުން ވަރަށް މަދެވެ. މާނައަކީ އެކަން ނުހިނގުމެއް ނޫނެވެ؛

މިކަމުން ބުނެދޭ ސީރިއަސް އެހެން ވާހަކަތަކެއް އެބަހުއްޓެވެ!

ޖެންޑަ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ ރިޕޯޓްކުރުން މަދުވުމުގެ މާނަ އަކީ އެފަދަ ކަންކަން ހަގީގަތުގައި ވެސް މަދުވުން ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އެ ވިސްނުމުގައި، ހިތްހަމަޖެހިލެވެން ނެތް ކަން އޭނާ ވިދާޅުވެ ދެއްވީ، މިފަދަ ހާލަތްތަކުގައި ކުރިން ކަން ހިނގާފައިވާ ގޮތާއި ކޮށްފައިވާ ދިރާސާތަކުން ހާމަވި ކަންކަމާ ގުޅުވަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރުގެ ހާލަތުން، ޒަރޫރީ އަދި އެހެން ވެސް މަންފާތަކަށްޓަކައި އަނިޔާ ދޭ ފަރާތާ އެކު ދިރިއުޅުން މަޖުބޫރުވެފައިވުމަކީ ވެސް އަނިޔާ ރިޕޯޓްކުރުން މަދުވި ސަބަބަކަށް ވުން އެކަށީގެންވެ އެވެ. ކިތަންމެ އަނިޔާއެއް ކުރިއަސް އެކަން އިދާރާތަކަށް ހުށަހަޅައިފި ކަން އެނގިއްޖެ ނަމަ ދެން ކުރިމަތިވެދާނެ ނުރައްކަލަކީ ރިޕޯޓް ކުރަން ފަސްޖެހޭނެ ކަމެކެވެ.

އެކަމަކު، އެ ބިރުވެރިކަމުގައި ތިބުމަކީ ވެސް ހައްލެއް ނޫން ކަން މިނިސްޓަރު ހަނދާންކޮށްދެއްވި އެވެ.

އައިޝާ ވިދާޅުވީ އެފަދަ މައްސަލަތަކުގައި ރައްކާތެރިކަން ފޯރުކޮށްދީ، އިންސާފު ހޯދައިދޭން މިނިސްޓްރީ އޮތީ ތައްޔާރަށް ކަމަށެވެ. އެފަދަ މައްސަލައެއްގައި، މިހާތަނަށް ފުލުހުންނާއި ކޯޓުތައް އަދި އެހެން މުއައްސަސާއަކުން ވެސް އެއްބާރުލުން ނުލިބި ނެތް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އަނިޔާގެ މާހައުލުން ރައްކާތެރިކަން ފޯރުކޮށްދޭން ޖެހިއްޖެ ހާލަތެއްގައި ވެސް އެކަމަށް ވެސް މިނިސްޓްރީ ތައްޔާރެވެ.

"އަޅުގަނޑުމެންގެ ހޮޓްލައިނަށް ހުށަހަޅާ މައްސަލަތަކަށް ބަދަލެއް އައިސްފައި [އިތުރުވެ، މަދުވެފައެއް] ނުވޭ. ޚާއްސަ ހާލަތެއް މެދުވެރިއްޖެ ނަމަ ރިޕޯޓްކުރަން، 1412 ގެ އިތުރުން އެހެން ނަމްބަރެއް، އެބަ އެނައުންސްކުރަން. އެ މަސައްކަތް ކުރެވެމުން އެބަދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އެންއޯއީސީން ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު އައިޝާ ރޭ ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

މިނިސްޓަރު ވިދާޅުވި ގޮތުގައި، ވަކި މީހަކު ބަލާފައި އެ މީހަކީ ކުޑަކުއްޖަކާ ބެހިދާނެ ނުވަތަ ގެވެށި އަނިޔާ ކޮށްފާނެ މީހެއް ކަން މިނިސްޓްރީ އަށް ނޭނގިދާނެ އެވެ. އެފަދަ ކަމެއް ހިނގާ ނަމަ މިނިސްޓްރީ އަށް ވުރެން ކުރިން އެކަން އެނގޭނީ އެ ވެށީގައި ތިބި ބަޔަކަށް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެކަމުގައި އެ ވެއްޓެއްގައި ތިބި ބަޔަކު ވެސް ޒިންމާއަދާކުރަން މިނިސްޓަރު ގޮވާލެއްވި އެވެ.

"އެ ވެށީގައި ތިބި މީހުން ހޭލުންތެރިކުރުވުން އެއީ އަޅުގަނޑުމެން އެންމެންނަށް ކުރެވޭނެ ކަމަކީ،" މިނިސްޓަރު ވިދާޅުވި އެވެ.

އަޅުގަނޑު ފުރަތަމަ ވެސް ދޭނެ މެސެޖަކީ ރިޕޯޓް ކުރުމުގެ ހިތްވަރު ހޯދާށޭ. ދެ ވަނަ ކަމަކަށް ބުނަން ބޭނުން ވަނީ ރިޕޯޓްކުރުމުގެ ހިތްވަރު ނެތް ނަމަ ރައްޓެއްސެއް، ރަހުމަތްތެރިއެއް އާއިލާ މީހަކާ ވާހަކަ ދައްކާށޭ. --މިނިސްޓަރު

އަނިޔާ ލިބޭ މާހައުލުން ކުއްޖަކު ބަދަލު ކުރަން ވެއްޖެ ނަމަ މިނިސްޓްރީން އަމަލުކުރަމުން އަންނަ ގޮތަކީ، އާއިލާ ތެރެއިން އެ ކުއްޖާގެ ހިމާޔަތްކޮށް، ރައްކާތެރިކޮށްދެވޭނެ ބަޔަކު ތިބިތޯ ބެލުމެވެ. ދައުލަތުގެ މަރުކަޒުތަކަކީ، ކުދިންގެ ދުޅަހެޔޮކަމާއި ހިތްހަމަޖެހުމަށް އެންމެ ރައްކާތެރި މާހައުލަށް ނުވާތީ، އާއިލާ ތެރޭގައި ބެހެއްޓޭނެ އެއްވެސް ގޮތެއް އޮތްތޯ މިނިސްޓްރީން ބަލަ އެވެ. ދައުލަތަށް ނަގަނީ އެފަދަ އެއްވެސް ރައްކާތެރިކަމެއް އެ ކުއްޖަކަށް ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތުމުން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ހާލަތާ ގުޅުވައި ހިއުމަން ރިސޯސަސް ޕްލޭނެއް ވެސް އަންނަނީ ހަދަމުން ކަމަށެވެ. ވަގުތުން މުވައްޒަފުން އިތުރުކުރުމަކީ މިވަގުތު މިނިސްޓްރީ އަށް ކުރެވޭނެ އަދި ބަޖެޓަށް ވެސް ތަންދޭނެ ކަމަކަށް ނުވާތީ ވިސްނުމަކީ އެހެން ޖަމިއްޔާތަކައި ވޮލަންޓިއަރުންނާ އެކު މަސައްކަތް ކުރުން ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ދެއްވި ޔަގީން ކަމަކީ އަނިޔާގެ އެންމެ ކޭހެއް ވެސް ލުއިކޮށް ނުނަގާނެ ކަމެވެ. އެދިވަޑައިގަތީ ސިއްރުނުކޮށް، ރިޕޯޓް ކުރުމަށެވެ.

4 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 13%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މ..މަރޭ

06 April 2020

ކުޑަކުދިންގެ ހައްގުހޯދައިދިނުމަށް މުއައްސަސާތައް ވަނީ މުޅިން ފޭލިވެފައި އެގޮތުން ޖެންޑާމިނިސްަޓްރީއާއި ފެމެލީކޯޓާއި،ރައީސްއޮފީހާއި، އެޕްސިފީޑީއާއި ހިޔުމަންރައިޓް ކޮމެަޗަނާއި އެޓާނިޖެނެރަލްއާއި، މެންބަރުންނާއި،ނޫސްވެރިންވެސް ދޯހަޅިވެފައިވާ ފުރިހަމަ ދަލީލީ ކިތާބީހެކި އެބަހުރި

The name is already taken The name is available. Register?

ގަމާރުމިސް

06 April 2020

ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ބޮޑުން އަންހެނުންނަށް ނިސްބަތް ކޮށް ޕްރައިވެޓް ކޮށް ދައްކަމުންދާ ބޭއަދަބީ ބަސްތަށް ބަދަލު ނުވެ ތިޔަ ކަމެއް ބަދަލު ނުވާނެ! ދައުލަތުގެ ވެރިންގެ ވިސްނުން ބަދަލު ވާންޖެހޭ! ސޯޝަލް މީޑިޔާގައި ބުލީކުރުން ހުއްޓުވެން ޖެހޭ! އަދަބުވެރި ކޮށް ހިޔާލު ތަފާތުވާ ތަންތާގައިވެސް އެކަކު އަނެކުންނާ ވާހަކަ ދެކެވެން ޖެހޭ! ސިޔާސީ އެކްޓިވިސްޓުން ގެ އަހްލާގް ބަދަލުވާންޖެހޭ!

The name is already taken The name is available. Register?

މަސްވެރިޔާ

06 April 2020

އަމުދުން އެންމެންގެ ލޯމަތީގައި ހިގާފައިވާ މިފަދަ ދަށުދަރަޖައިގެ ޢަމަލުތައް.

The name is already taken The name is available. Register?

ޢަފް

06 April 2020

މިނިސްޓްރީން ކާންދީ ބަލަހައްޓާދޭނަ މަތާ ރިޕޯޓް ކުރެވޭނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454