އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަނީ: މެރީޑިއަމަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވޭ. ފޮޓޯ: ނިޝާން އަލީ /މިހާރު
12 އޮކްޓޯބަރ 2016 - 12:51
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ސަޕްލައިކުރާ އަދަދަށް ވުރެ އެތައް ގުނައެއް އިތުރުކޮށްގެން މެރީޑިއަމް ސާވިސަސް އިން ބިލްކޮށް، ތެޔޮ ވިއްކުމުގައި އޮޅުވާލާފައިވާ ކަމަށް އެމްޕީއެލް އިން މިއަދު ބުނެފި އެވެ.
އެމްޕީއެލްގެ ވެހިކަލްތަކަށް ބޭނުންވާ ތެޔޮ ސަޕްލައިކުރުން މެރީޑިއަމް ނޫން އެހެން ފަރާތަކާ ހަވާލުނުކުރަން އަންގައި، އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ. މެރީޑިއަމް ސާވިސަސް އަކީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދުގެ މަސްލަހަތު އޮންނަ ކުންފުންޏެކެވެ.
ސިވިލް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެމްޕީއެލް އިން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ މެރިޑިއަމުން ތެޔޮ ވިއްކަނީ މާކެޓުގެ އަގަށް ވުރެ ބޮޑުކޮށް ލިޓަރެއް 12ރ. ގެ ރޭޓުން ކަމަށެވެ. އަދި އެ ކުންފުންޏަށް މަހަކު 60،000 ލީޓަރުގެ ތެޔޮ ބޭނުންވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު މެރީޑިއަމުން މަހަކު 160،000 ލިޓަރުގެ ތެޔޮ ވިއްކާ ކަމަށް މެރީޑިއަމުން ބިލްކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއީ މިހާރު ބިލް ކުރާ ރޭޓުން ބަލާއިރު ގާތްގަނޑަކަށް ދެ މިލިއަނެއްހާ ރުފިޔާ އެވެ.
ޖުނައިދު ވިދާޅުވީ ކޯޓު އަމުރު ހައި ކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށެވެ.
"މާނައަކީ 12 ރުފިޔާގެ ރޭޓުން ބެލީމަ 1.2 މިލިއަން ރުފިޔާ މަހެއްގެ މައްޗަށް އެބަ ގެއްލުންވޭ. ދެން މިވަނީ ކިހިނެއްތޯ އަޅުގަނޑު ބެލިއިރު މިތާ ކަންތައްތަކެއް ހިނގި، ބަޔަކު ގަބޫލު ކުރިޔަސް ނުކުރިޔަސް. މިތާ ތެރެއަށް ތެޔޮ ލޮރީ ވަންނަނީ ދަންވަރު. ވަދެފަ އޭތި ނިކުމެގެން އެބަދޭ ތެޔޮ އެޅިޔަސް ނޭޅިޔަސް،" ޖުނައިދު ވިދާޅުވި އެވެ.
މާނައަކީ 12 ރުފިޔާގެ ރޭޓުން ބެލީމަ 1.2 މިލިއަން ރުފިޔާ މަހެއްގެ މައްޗަށް އެބަ ގެއްލުންވޭ. ދެން މިވަނީ ކިހިނެތްތޯ އަޅުގަނޑު ބެލިއިރު މިތާ ކަންތައްތަކެއް ހިނގި. ބަޔަކު ގަބޫލު ކުރިއަސް ނުކުރިޔަސް. މިތާ ތެރެއަށް ތެޔޮ ލޮރީ ވަންނީ ދަންވަރު. ވަދެފަ އޭތި ނިކުމެގެން އެބަދޭ ތެޔޮ އެޅިޔަސް ނޭޅިޔަސް -- ޖުނައިދު
އޭނާ ވިދާޅުވީ މެރީޑިއަމުން އެމްޕީއެލް އަށް ތެޔޮ ސަޕްލައިކުރާ ގޮތް ބެލިއިރު، އެތަނުގައި ބޭނުންކުރާ ގިނަ ވެހިކަލްތައް ހަލާކުވެ ތެޔޮ ބޭނުންކުރާ މިންވަރު މަދުވި ނަމަވެސް ސަޕްލައި މަދުނުވާ ކަމަށެވެ.
"އެކަމާ ގުޅިގެން އެކަމުގެ ހައްލެއްގެ ގޮތުން މިތަނުގައި މިހާރު ހުންނާނެ ޓޭންކެއް ހަދައި ބޭރުން އަންނަ ލޮރީން އެ ޓޭންކަށް ތެޔޮ އަޅާގޮތަށް. އޭގެ އިތުރުން މިތަނަށް މިހާރު ބައުޒަރެއް ވެސް ގަނެފައިވާނެ. އެ ބައުޒަރުން މިތާ ތެރޭގައި ވެހިކަލްތަކަށް ތެޔޮ އަޅާނީ،" ޖުނައިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތެޔޮ ސަޕްލައިކުރުން ހަރުދަނާކުރުމުން މަހަކު 1.2 މިލިއަން ރުފިޔާ ކުންފުންޏަށް ސަލާމަތްކުރެވިފައިވާ ކަމަށެވެ.
އެމްޕީއެލްގެ ސީއީއޯ ޖުނައިދު (މ) ގައި މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. ފޮޓޯ: ނިޝާން އަލީ/މިހާރު
"އެގޮތަށް އަހަރަކު ވިއްސަކަށް މިލިއަން ރުފިޔާ ކީއްވެގެންތޯ މިތަނުން މިދަނީ އަޅުގަނޑާ ސުވާލުކުރެވޭނެ. އެއީ އަޅުގަނޑު ސީއީއޯގެ މަގާމުގައި ހުރީމަ. އެހެންވީމަ އަޅުގަނޑުމެން ކޯޓު އަމުރު މިއަދު އިސްތިއުނާފުކުރާނަން،" ޖުނައިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ އިސްތިއުނާފު ކުރުމުން އެ ކުންފުންޏަށް ކާމިޔާބުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
"މެރީޑިއަމުން އަޅުގަނޑުމެންނަށް މި ވިއްކަނީ 12ރ. އަށް ލިޓަރެއް. އަޅުގަނޑުމެން ކުރި އިއުލާނަކާ ގުޅިގެން މިއަދު އަގުތައް ލިބުނުއިރު ހުރީ ލިޓަރެއް 6.90ރ. އަށް އެންމެ ކުޑަކޮށް. [މެރީޑިއަމުން ތެޔޮ ގަތީމަ] ސަރުކާރަށް، ދައުލަތަށް ވަރަށް ބޮޑު ގެއްލުންތަކެއް އެވަނީ،" ޖުނައިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މެރީޑިއަމުން ތެޔޮ ގަތުން ހުއްޓާލުމުން މަގާމު ގެއްލި، ގެއަށް ވަޑައިގަންނަވަން ޖެހުނަސް އެކަމަށް ހުންނެވީ ތައްޔާރަށް ކަމަށާއި އެކަމަކު އެ މަގާމުގައި ދެމިހުންނެވިހާ ދުވަހަކު އެކަން އެގޮތަށް ވިޔަ ނުދެއްވާނެ ކަމަށެވެ.
"އަޅުގަނޑަކަށް ހިއެއްނުވޭ މިއަދުގެ ސަރުކާރުން ވެސް މިކަހަލަ ކަންތައްތަކަށް ތާއީދުކުރާނެ ހެނެއް. އަޅުގަނޑަށް ޔަގީން މިއަދުގެ ސަރުކާރުން، ރައީސުލްޖުމްހޫރިއްޔާ އެއްގޮތަކަށް ވެސް ބޭނުންފުޅެއް ނުވާނެ ދައުލަތުން މިވަރުގެ ބޮޑު ގެއްލުމެއްވާން ދޫކޮށްލަން،" ޖުނައިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭޕްރިލް 2015ގައި މެރީޑިއަމްއާ ހެދި އެއް އަހަރު ދުވަހުގެ އެއްބަސްވުމުގެ މުއްދަތު ހަމަވެ، އެ ކުންފުންޏާ އެކު މިދިޔަ އޭޕްރިލް މަހު ދެވަނަ ފަހަރަށް އެއްބަސްވުން އާކޮށްފައިވާ ކަމަށެވެ. އަދި އެ އެއްބަސްވުން އޮތް ނަމަވެސް ތިން ވަނަ ފަރާތަކުން ތެޔޮ ނުގަނެވޭނެ ކަމަށް ނެތް ކަމަށް ވެސް ސީއީއޯ ވިދާޅުވި އެވެ.
"އަޅުގަނޑު ބިރެއް ވެސް ނުގަނޭ ޖެހިލުމެއް ނުވޭ މިކަމާ ގުޅިގެން. ރައްޔިތުންގެ ފައިސާ ރައްޔިތުންގެ ހައްގުގައި އެހެން ދިމާލަކަށް ދަންޏާ އެ ފައިސާ އަނބުރާ މިތަނަށް ގެނެވޭނެ ގޮތެއް ހަދާނަން،" ޖުނައިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މެރީޑިއަމާ އެކު ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން ތެލުގެ އަގު ހެޔޮ ވެއްޖެ ނަމަ އަގު ހެޔޮކުރަން ޖެހޭ ކަމަށެވެ. ނަމަވެސް ދުވަހެއް ދުވަހަކަށް މެރީޑިއަމުން އަގު ބޮޑުކުރަމުން އަންނަ ކަމަށް ވެސް ޖުނައިދު ވިދާޅުވި އެވެ.
ތެލުގެ ވިޔަފާރީގައި މެރީޑިއަމް އާއި އެމްޕީއެލްއާ ދެމެދު މައްސަލަ ޖެހިފައި ވާއިރު މީގެ ކުރިން އެސްޓީއޯ އިން ކްރެޑިޓަށް ގަތް ތެލަށް މެރީޑިއަމުން 19.3 މިލިއަން ރުފިޔާ ހޯދަން ކުރި ދައުވާއެއް ވަނީ ސާބިތު ނުވެފަ އެވެ. މާޗް، 2010 އިން ފެށިގެން އެ އަހަރުގެ ނިޔަލަށް އެކިފަހަރު މަތިން މެރީޑިއަމަށް ދޫކުރި ތެލަށް ލިބެންޖެހޭ ފައިސާ އާއި އެ ފައިސާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި 19.3 މިލިއަން ރުފިޔާ ހޯދަން ކުރި ދައުވާ ސިވިލް ކޯޓުން ޖޫން މަހު ނިންމީ އެ ދައުވާގައި ބުނާ ތެޔޮ މެރީޑިއަމް އަށް ދޫކުރިކަން ވެސް ސާބިތު ނުވާ ކަމަށް ކަނޑައަޅައިފަ އެވެ. އެސްޓީއޯ އިން މިހާރު ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޓުންގާ
13 October 2016
"މާނައަކީ 12 ރުފިޔާގެ ރޭޓުން ބެލީމަ 1.2 މިލިއަން ރުފިޔާ މަހެއްގެ މައްޗަށް އެބަ ގެއްލުންވޭ." މިއީ ހުސް ދިވެހި ރައްޔިތުންގެ ފައިސާ. އެންމެ ނިކަމެތި ދިވަހި މީހާއަތުން ނަގާ ޓެކްސް ވެސް މީގަ ހިމެނޭނެ. މިއީބާ އެމީހުން އޭރު ބުނި އިސްލާމް ދީން ހިމާޔަތް ކުރުމަކީ؟ ޝުކުރިއްޔާ ޖުނައިދު. ތިއީ މިގައުމަށް ބޭނުން ވާކަހަލަ މީހުންނަކީ.
އަބޫ
13 October 2016
ސަރުކާރު އެމް ޕީއެލްއާއި ވަގުތުން ވަކިވޭ!
އަލްޖިބްރާ
13 October 2016
މިފަހަރު ކޮންމެވެސް އެކަކު ހަމަބިމަށް ތިރިވާނެ !
ޖޯޖް
13 October 2016
ދަރިންނޭގެ ވާހަކައަށް ކޮންމެވެސް ވަރަކަށް ތާއީދުކުރެވޭ. އެއީ ޖުނައިދު ތިތާ އުޅުއްވާތާ ކިހާ ދުވަހެއް ވެއްޖެބާ. ތިތަނަކީ ކޮރަޕްޝަން ފުލްކޮށް ހިނގާ ތަނެއްކަމަށް އެތެރޭގެ ޚަބަރުތަކުން ދޭހަވޭ. އެކަމަކު ދުވަހަކުވެސް ޖުނައިދު، ރައްޔިތުންނަށް ލިބޭ ގެއްލުމާހެދި އަވަހާރަފުޅު ނުލެއްޕެވިގެން އުޅުއްވާ ތަނެއް ނުފެނޭ. ކުއްލިއަކަށް 'ރައްޔިތުން' ވެގެން މިއުޅެގަތީ ކީއްވެބާ.
އިސްމާލު
13 October 2016
އާޓިކަލް ފުރިހަމަ ހެނެއް ހިއެއް ނުވޭ 15 މަސް ފަހުން މިހާރު އިޢުލާން ކުރުމުން މިވެނި ވަރަކަށް މިހާރު ލިބޭކަމަށް އޮތުމުން އެކަން އެހާ ސާފެއް ނޫނެވެ. އަޅުގަނޑުމެން ސައިކަލަށް -/16 ގެ ރޭޓުންވެސް ޕެޓްރޯލް އެޅީމު އެކަމަކު މިހާރު މިއަޅަނީ -/9 ރުފިޔާއަށް، އަނެއްކަމަކީ އެގްރީމެންޓް ކުރީ ބިޑް ނުކޮށް ތޯ އާއި މެރިޑިއަމަށް ކޮންޓްރެކްޓް ހެދީ ޤަވާޢިދާ ޚިލާފަށްތޯ ބެލުން. ވަރަށް ސުވާލު ގިނަ.
ބޭޒުބާން
13 October 2016
މެރީޑިއަމް އިން ކަންތައްކުރަމުންގެންދިއަގޮތް ހާމަކުރެއްވުމުގެކުރިން އެމައްސަލަ ޝަރީޢަތުގައި ސާބިތުކުރުމަށް ހުރި ހެކިތަކާއެކު ޝަރީޢަތަށް ހުށައަޅައިގެން މައްސަލަ ކުރިއަށް ގެންދަވާކަމަށް ވިދާޅުވިނަމަ އަޅުގަނޑުވެސް ޖުނައިދަށް ސާބަސް ދިނީމުހެވެ.
ޜިޔާޒޫ
13 October 2016
ދެން ރިޔާޒު ބުނާނެ އަވަހަށް އެމްޕީއެލް އުވާލާށޭ.. މަ ހީ ހީ...
މޫސާއަންވަރު
12 October 2016
ވީ އާ ވިތް ރިޔާޒް ރަޝީދު ނޯ މެޓަރ ވަޓް
ދަރިންނޭ
12 October 2016
ޖުނައިދަކީ ކާކުކަން ގިނަ މީހުންނަށް ނޭނގޭތީ އޭނާއަށް ސާބަސް ތި ދެނީ. ޖުނައިދަކީ ޔާމީނުގެ ވަރަށް ގާަތް މީހެއް. ޔާމީންގެ އެންގުމަކާ ނުލައި ޖުނައިދު މިވަރު އެއްޗެއް ނުބުނާނެ. މީގަ ކޮންމެވެސް އެހެން ނުބައެއް އެބައުޅޭ. ރައްޔިތުންގެ ލޯތައް އެހެން ދިމާލަކަށް އަނބުރާފަ ބޮޑު ޖަރީމާއެއް ހިންގަން އުޅެނީބާ؟ ރިޔާޒު ގުރުބާން ކުރަނީބާ؟ މިއީ ކޮންމެވެސް ފިލްމެއް ހަމަ. ނޮޓް ވަޓް އިޓް ސީމްސް. ހެޔޮހިތުން މިކަހަލަ ވާހަކައެއް ދައްކާނެ މީހެއްނޫން ޖުނައިދަކީ.
މޮހޮނު
12 October 2016
ވަރަށް އުފާވެއްޖެ ހޯދަން ނިކުމެގެން އުޅުނު ތެޔޮވަޅުތައް ފެނުނީމަ. އެސް.ޓީ.އޯ، ފެނަކަ އަދި އެންމެފަހުން އެމް.ޕީ.އެލް ތެރޭން މި ފެނުނީ. ގްރޭޓް މޯލްޑިވްސް ޑިސްކަވަރ އޮއިލް އިން ގަވަރމެންޓް ކޮމްޕެނީޒް.
ޢަބްދުﷲނާފިޒު
12 October 2016
ފަރަންޖީން މި ޤައުމާ އަޅައިގަނެގެން އެވަރަކުން އެއުޅެނީ މި ރާއްޖޭގަ ތެޔޮވަޅުތައް ގިނަވެގެން ކަންނޭގެ.