މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ތެޔޮ ގަތުމާ ގުޅޭގޮތުން މެރީޑިއަމް ސާވިސްއާ އެކު ހެދި އެއްބަސްވުމަށް އަމަލުކުރަން ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ އެއްބަސްވުން ބާތިލްކުރަން އެމްޕީއެލް އިން ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ރިޔާޒް ރަޝީދުގެ މެރީޑިއަމް ކުންފުނިން އެމްޕީއެލް އަށް ތެޔޮ ގަތުމަށް އެއްބަސްވުން ހަދާފައި ވަނިކޮށް، ކުރިން އެމްޕީއެލް އިން ވަނީ އެ އެއްބަސްވުން ބާތިލްކޮށްފަ އެވެ. އެކަމަކު އެ މައްސަލާގައި މެރީޑިއަމުން ކޯޓަށް ދިއުމުން ސިވިލް ކޯޓުން މިދިޔަ މަހު އަމުރުކުރީ އެއްބަސްވުމަށް އަމަލު ކުރުމަށެވެ.
އެމްޕީއެލް އިން މި މަހުގެ 15 ވަނަ ދުވަހު ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި ވަނީ، އެ ކުންފުނިން ކުރިން އެއްބަސްވުން ބާތިލް ކުރުމުން އެ މައްސަލާގައި މެރީޑިއަމުން ކޯޓަށް ދިޔައީ އެމްޕީއެލްއާ މަޝްވަރާ ކުރުމެއް ނެތި އެއްބަސްވުމުގެ ރޫހާ ޚިލާފަށް ކަމަށެވެ. އެހެންވެ އެއްބަސްވުން ބާތިލްކުރަން އެ ދައުވާގައި އެމްޕީއެލް އިން އެދިފައިވެ އެވެ.
މި މައްސަލަ މިހާރު އޮތީ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަންގަ އެވެ. މި މައްސަލަ ޝަރީއަތަށް ދާނީ އެ މަރުހަލާގައި ދެފަރާތުން އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އެވެ.
އެއްބަސްވުން ބާތިލްކުރަން އެމްޕީއެލް އިން ދައުވާ ކުރިއިރު، އެއްބަސްވުން ދަމަހައްޓަން ކޯޓުން ކުރިން ކުރި ހުކުމް އިސްތިއުނާފް ކުރަން އެމްޕީއެލް އިން މިހާރު ވަނީ ނިންމައިފަަ އެވެ.